މާލޭގައި ދިރިއުޅުއްވާ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގެ ރައްޔިތުންނާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިރޭ އަޙްމަދިއްޔާ ސްކޫލްގައެވެ.

މިބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގެ ތަރައްޤީއަށްޓަކައި މިހާރު އެރަށުގައި ސަރުކާރުން ހިންގަވަމުންގެންދަވާ މަޝްރޫޢުތަކުގެ މައްޗައް އަލިއަޅުއްވާލައްވާ ވަހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިންމަނިކާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޡުހޫރާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު މުޢައްވިޒު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.