ރާއްޖޭގައި މަހުގެ އެކި ބާވަތްތައް އުފައްދާ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް 5 ޓަނުގެ އޯގެނިކް ގަސްކާނާ ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ ހުޅުމާލޭގައި ހުންނަ އެންސިސްގެ ފެކްޓްރީގައެވެ.
އެންސިސް ފިޝަރީޒްގެ ފަރާތުން ހަދިޔާކުރި ގަސްކާނާއާ ހަވާލުވެވަޑާއިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މިއީ އެންސިސް އިން އުފައްދާ ބާވަތްތައް އުފެއްދުމުގައި ބާކީވާ ބައިތައް ބޭނުންކޮށްގެން، %100 ތިމާވެއްޓާ ރައްޓެހި ގޮތަކަށް ތައްޔާރުކުރާ ގަސްކާނާއެކެވެ.
އެންސިސް ފިޝަރީޒްގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު ވަސީމް އިސްމާޢީލް މަޢުލޫމާތު ދެއްވި ގޮތުގައި އެންސިސް އިން މި އުފައްދާ ގަސްކާނާގެ ސަބަބުން ރާއްޖެއިން ބޭރުން އެތެރެކުރާ ގަސްކާނާގެ %30 ސަލާމަތްވާނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ޡުހޫރު ބައިވެރިވެވަޑައިގެންނެވިއެވެ.