ނުކުޅެދުންތެރިކަން ހުންނަ 157 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަޒީފާގެ ފުރުޞަތު ހަމަޖައްސަވާދެއްވައިފިއެވެ. އެކަމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރުކާރުގެ "އެންމެންނަށް ހަމަހަމަ ފުރުޞަތު" ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށާ އެ ފަރާތްތައް ބާރުވެރި ކުރުމުށާ އެފަދަ ބޭފުޅުންނަކީ މުޖުތަމަޢަށް ބޭނުންހިފޭ، ޒިންމާދާރު ވަޒީފާއެއް އަދާކުރާ، ހަރުދަނާ މީހުންނަށް ހެދުމުގެ މަޤްޞަދުގައި ހިންގޭ ޚާއްޞަ ޕްރޮގްރާމްގެ ދަށުން މިއަދުވަނީ ސަރުކާރު ޙިއްޞާވާ 18 ކުންފުންޏަކުން ވަޒީފާގެ ފުރުޞަތު ހަމަޖެހިފައެވެ.

މިއަދު ވަޒީފާ ހަމަޖެހިގެންދިޔަ ފަރާތްތަކުގެ ތެރެއިން ބައެއް ބޭފުޅުން، ކުންފުނިތަކުން ރާއްޖޭގެ އެކި ޞަރަޙައްދުގައި ޤާއިމުކޮށްފައިވާ ބައެއް މަރުކަޒުތަކުގައި ވަޒީފާ އަދާކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

އުނގެނުމުގައިވެސް އެއްވެސް ކުއްޖެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ތަޢުލީމު ހާޞިލް ކުރެވޭނެ ފުރުޞަތުވަނީ މި ސަރުކާރުން ފަހިކޮށްދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.