ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، މޯލްޑިވިއަން އައިޑަލް ސީޒަން 2 ޕްރިމިއަރ ކުރުމަށްޓަކައި މިރޭ ޝްވެކް ސިނާމާގައި ބޭއްވުނު ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެ ޝޯ އިފްތިތާޙުކޮށްދެއްވައިފިއެވެ.
މޯލްޑިވިއަން އައިޑަލްގެ ސީޒަން 1 ބޭއްވިގެން ދިޔައީ 2016 ވަނަ އަހަރުއެވެ. މޯލްޑިވިއަން އައިޑަލްއަކީ ޕަބްލިކް ސާރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ފަރާތުން އިސްނަންގަވައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މި ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށްދޭ އަހަންމިއްޔަތުކަމުގެދަށުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ގިނަ ދިވެހި ޒުވާނުންތަކެއް ބިނާކޮށް، ޒުވާނުންގެ ލަވަ ކިޔުމުގެ ހުނަރު ކުރިއަރުވާ، މޮޅު ފަންނުވެރިން އުފައްދާ އަދި ވިޔަފާރިވެރިންނަށް އެބޭފުޅުންގެ ވިޔަފާރި އިޝްތިހާރުކޮށް ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވާލުމުގެ ގޮތުން ކުރިއަށްގެންދާ މި ޝޯއަކީ އިންޓަރނޭޝަނަލް ފްރެންޗައިސްއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކުރިއަށްގެންދާ ފުރަތަމަ ޝޯއެވެ. މި މުބާރާތުގެ ބައިވެރިން ހޮވާފައިވަނީ ރާއްޖޭގެ އެކި ޞަރަޙައްދުންނެވެ.
ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިރޭގެ ޙަފްލާގައި، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޙަލީލްއާ ޕީ.އެސް.އެމްގެ އިސް ވެރިންނާއި ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.