السّلام عليكم ورحمـة اللّـه.


އާދެ، މިރޭ އަޅުގަނޑު ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާ މި ބައްދަލުކޮށްލަނީ، ސަރުކާރުގެ ކަންތައްތަކާބެހޭގޮތުން ބައެއްވާހަކަ ދަންނަވައިލަން ބޭނުންވާތީ. މީގެކުރިން ސަރުކާރުގެ މުވައްޒަފުންނާ އަޅުގަނޑު އެއްފަހަރު ބައްދަލުކުރިން. އެރޭ ސަރުކާރުގެ ދާއިރާގައި ހިނގާ ބައެއް ކަންތައްތަކާއި، އަދި މުވައްޒަފުން މަސައްކަތް ކުރަންވީގޮތާއި، އަދި އޮފީސް އޮފީހުގައި ކަންތައްތައް ހުންނަންވާ އުސޫލާއި، މިކަހަލަ ބައެއް ކަންތަކާ ދޭތެރޭގައި ވާހަކަ ދައްކާލީން. އެހެންނަމަވެސް، މީގެކުރިން އޮފީސް އޮފީހުގެ ވެރިންނާ މިގޮތަށް ބައްދަލުކުރެވިފައެއް ނެތް. އެހެންވުމާއެކު، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ސަރުކާރުގެ ކަންތައްތަކާ ދޭތެރޭގައި، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތާއި، އަދި ތަޖުރިބާގެ މައްޗަށް ބަލައިފައި ބައެއް ކަހަލަ ކަންތައްތަކާ ދޭތެރޭގައި ސީދާ އޮފީސް އޮފީހުގެ ވެރިންނަށް ބައެއް ވާހަކަތައް ދަންނަވަން ޖެހޭނެކަމަށް އަޅުގަނޑަށް ފެނިގެން މިރޭ މި ބައްދަލުކޮއްލުން މި ބޭއްވީ.


އަޅުގަނޑު ދަންނަވާ ވާހަކަތައް، ބައެއް ވާހަކަތައް ޚާއްޞަކޮށް ވަރަށް ސާފުކޮށް ދަންނަވަން ޖެހޭނެކަންނޭނގެ. ތަންކޮޅެއް ޞަރީޙަ އިބާރާތްވެސް ބޭނުންކުރަން ޖެހިދާނެ. ފަހަރެއްގައިވެސް އެއީ ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިން ހިތްޕުޅު ހަމަނުޖެހޭގޮތަކަށް ގަސްދުގައި ދައްކާ ވާހަކައެއް ނޫން. އެކަމަކު މިކަހަލަ ބައްދަލުވުމަކުން ފައިދާކުރާނީ އަޅުގަނޑު ހިތުން ވީހާ ސާފުކޮށް ކަންތައްތައް ދެންނެވިއްޔާކަމަށް އަޅުގަނޑަށް ފެންނާތީ، އެގޮތަށް ގަސްދުކުރަނީ. އަދި އަޅުގަނޑު މިއަދާކުރާ މަޤާމުގެގޮތުން ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނަށާއި، އަދި ހުރިހާ މުވައްޒަފުންނަށް ނަޞޭޙަތްތެރިވެ އިރުޝާދު ދިނުމަކީ، އަޅުގަނޑުގެ މަސްއޫލިއްޔަތަކަށް ވާނެކަމަށް ފެންނާތީ، އެގޮތުންވެސްމެ. އެހެންވީމާ، އަޅުގަނޑު ޔަގީންކުރަނީ އަޅުގަނޑުދައްކާ ވާހަކަތައް ހުރިހާ ބޭފުޅުންވެސް ވަރަށް ރަނގަޅަށް އައްސަވައި، އެއީ އިޚުލާޞްތެރިކަމާއެކު ދައްކާ ވާހަކަތަކެއްކަން ގަބޫލުކުރައްވާނެކަމަށް.


އާދެ، އެންމެފުރަތަމަ އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ސަރުކާރުގެ އެކި ފެންވަރުގެ ވެރިންނަކީ، ސަރުކާރުން ވަރަށް ޚާއްޞަ އިތުބާރެއް ދީފައިވާ ބޭފުޅުންނޭ. އާދެ، އެ އިތުބާރު ދީފައިވާ ކަމުގެ ހެއްކެއް، އޮފީހެއްގެ ވެރިކަން އެބޭފުޅަކާ ހަވާލުކުރެވިފައިވާކަން އެއީ. އެހެންވީމާ، ކޮންމެ ބޭފުޅަކުވެސް އެ އިތުބާރަށް ރައްކާތެރިވެވަޑައިގަތުމަކީ، އެބޭފުޅެއްގެ ވާޖިބެއް ކަމަށް އަޅުގަނޑު ދެކެމޭ. އަދި އަޅުގަނޑުހިތުން ތިޔައިން ކޮންމެ ބޭފުޅަކުވެސް އެއީ، އެބޭފުޅެއްގެ ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާނެއޭ. ކޮންމެ އޮފީހެއްވެސް އުފެދިފައިވަނީ ވަރަށް ޚާއްޞަ ބޭނުމަކު. ބޭނުމެއްނެތް އެއްވެސް އޮފީހެއް އުފެދިފައެއް ނުހުންނާނެ. އެހެންވީމާ، އެ އޮފީހަކާ ހަވާލުވެފައި އެވާ މަސައްކަތް ވީހާ ރަނގަޅަކަށް، ވީހާ ފުރިހަމަކޮށް، އަދި ވީހާ ހަލުވިކަމަކާއެކު ކުރިޔަށް ގެންދެވުމަކީ، އަޅުގަނޑުހިތުން އެ އޮފީހެއްގެ ވާޖިބެއް. އަދި ވަރަށް ޚާއްޞަ ގޮތެއްގައި އެ އޮފީހަކާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅެއްގެ މަސްއޫލިއްޔަތެއް. އެހެންވީމާ، ކޮންމެ އޮފީހެއްގެވެސް މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބައްލަވައި، އަދި އެ މަސައްކަތް ނިމޭވަރުވެސް އޮފީހުގެ ވެރިޔަކަށް ހުންނަވާ ބޭފުޅަކު އަބަދުވެސް ބައްލަވަމުން ގެންދަވަން ވާނެކަމަށް އަޅުގަނޑު ދެކެން. އަދި މަސައްކަތްތައް ހަލުވިކުރައްވައި، އޮފީހުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް، އޮފީހުގެ މަސައްކަތްތައް އެކަށީގެންވާގޮތަކަށް އިންތިޒާމުކުރައްވައި، ރާއްވަވަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ.


އޮފީހުގެ ކަންތައްތައް ނުހިނގާ ލަސްވެހުރުމުގެ އެއްސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ، މަސައްކަތް ގަވާއިދުން ބެއްސެވިފައި ނުހުންނަކަން. އަޅުގަނޑު ހިތުން ސަރުކާރުގެ އުސޫލެއް، ކޮންމެ އޮފީހެއްގެވެސް ހުންނަ އެ އޮފީހެއްގެ މަސައްކަތްތައް ބައްސަވައި، ހަވާލު ކުރައްވައިފައި އޮތުން. އެގޮތަށް މަސައްކަތްތައް އޮފީހުގެ މުވައްޒަފުންގެ މައްޗަށް ބައްސަވައި، ލިޔުމުން ހަވާލުކުރެވިފައި ނެތިއްޔާ އެއީ، އަޅުގަނޑު ހިތުން އެ މަސައްކަތް ހުއްޓުމަށް ނުވަތަ އެކިއެކި ހުރަސް އެޅުމަށް ތަންދޭނެ ކަމެއް. ހަމައެފަދައިން، އޮފީހުގައި ކަންތައްތައް ކުރަމުން ގެންދަންވީ ގަވާއިދު ލިޔެވިފައި ފެންނަންއޮތުން އެއީވެސް ވަރަށް ބޭނުންތެރި ކަމެއް. އެއީ، ސަރުކާރުގެ ގަވާއިދު ކުރިންވެސް ހަމަޖެހިފައިވާގޮތް. އޮފީހުގެ ކަންތައްތައް ހިނގަން ހަމަޖެހިފައިހުންނަ އުސޫލު އޮންނަންވާނީ ލިޔެވިފައި. ހުރިހާ މުވައްޒަފުންނަށް އެއުސޫލު ރަނގަޅަށް އެނގެންވާނެ. އެ ގަވާއިދުތައް ރަނގަޅަށް ފެންނަން ހުންނަންވާނެ، ލިޔެވިފައި. ހަމައެފަދައިން، އާންމުންނާބެހޭ ކަންތައްތައްވެސް ކޮންމެ އޮފީހެއްގައިވެސް ލިޔެވިފައި އާންމުންނަށް ފެންނަ ގޮތަކަށް ބެހެއްޓިފައިވެސް ހުންނަންވާނެ. އެހެންވީމާ، އެކަންކަން އެހެން ނުހުންނަ ވަރަށް ގިނަ އޮފީސްތައް އަދިވެސް އެބަހުރޭ. އެއީވެސް އަޅުގަނޑު ދެކޭގޮތުގައި އެ މުވައްޒަފުން އެކަންތައްތައް ކުރަންވީގޮތް އެ މީހުންނަށް އޮޅުންނުފިލާ އޮތުމަށް ބާރުދޭނެ ކަމެއް. ނުވަތަ އެމީހުން އެކަންތައްތައް އެކަށީގެންވާ ހަލުވިކަމަކާއެކު ކުރިޔަށް ނުގެންދިޔުމަށް، ނުވަތަ ކުރިޔަށް ގެންދިޔުމަށް ހުރަސްއަޅާ ކަމަކަށް ވެދާނެ. ހަމައެފަދައިން، އާންމުންނާ ދޭތެރޭ ކަންތައްކުރާ އިރުވެސް އެ އާންމުންނާބެހޭ ގަވާއިދުތައް ލިޔެފައި ނުހުންނަ ކަމަށްވަންޏާ ހަމަޖެހޭ ރީތިގޮތަކަށް ނުހިނގާ ވަރަށް ގިނަ މައްސަލަތައް ނުކުންނަމުންދާނެ.


އާދެ، އަދިވެސް ފާހަގަކޮށްލަންޖެހޭ ބައެއް ނުކުތާ އެގޮތުން އެބަހުރި. އޭގެތެރެއިން އެއްކަމަކީ، ޤާނޫނުތައް ހަމަޖެހިފައި އޮންނަގޮތުން ނުވަތަ އޮފިޝަލް ކަންތައް ހަމަޖެހިފައި އޮންނަގޮތުން، ރައީސް އޮފީހުގެ މަޝްވަރާ ހޯދަންޖެހޭ ބައެއް ކަންތައް އެބަހުރި. އެއްވެސް ކަމެއް އަލަށް ކުރައްވާ ކަމަށްވަންޏާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުއްވައި، ލިޔުމުން ހުއްދަ ހޯއްދަވަން އޮވޭ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ހިސާބަކަށް އެކަހަލަ ކަންތައްތައް ކުރެއްވެމުން އެބަދޭ. އޭގެ ނަތީޖާއަކަށްވަނީ ރައީސްއޮފީހަށް ނޭނގި، ބައެއް ކަހަލަ ކަންތައް ހިނގަމުންދާކަން. ފަހުން އެނގިގެން އެކަން ބަލާއިރު އޮންނާނީ ގަވާއިދާ ޚިލާފަށް ނުވަތަ ސަރުކާރުން ހަމަޖައްސައިފައި އޮންނަ އުސޫލާ ޚިލާފަށް ހިނގައިފައި. އެ ނުކުތާއަށްވެސް އަޅުގަނޑުހިތުން ހުރިހާ ބޭފުޅުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ ޤާނޫނުގައި ކަނޑައެޅިފައި އޮންނަކަމެއް. އެހެންވީމާ، އެކަހަލަ ކަންތައްތައް ގަވާއިދުން ރައީސް އޮފީހަށް ލިޔުއްވައިގެން ހުއްދަ ހޯއްދަވައިގެން ނޫނީ، ލިޔުއްވުމަކީ، އެއްގޮތަކަށްވެސް ޤާނޫނު ތަންދޭ ކަމެއްވެސް ނޫން. އަދި ސަރުކާރުގެ އުސޫލުތައް ހަމަޖެހިފައިވާގޮތާ ޚިލާފުވެސް ކަމެއް.


ހަމައެފަދައިން، ސަރުކާރުގެ އޮފީސްތަކުން ރައީސްއޮފީހަށް ފޮނުއްވާ ސިޓީތަކުގައި، އެކިއެކި މައްސަލައާ ގުޅިގެން، އެތަނަކަށް ފެނިވަޑައިގަންނަވާ ލަފާ ނުލިޔުއްވައިވެސް އެބަހުރޭ، ވަރަށް ގިނައިން. އެހެންވީމާ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އޮފިޝަލް ކަންތަކުގައި އެބައިވެސް އޮންނާނެ. ކޮންމެ އޮފީހަކުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއްވެސް މައްސަލައަކާބެހިގެން ސިޓީއެއް ފޮނުވާކަމަށްވަންޏާ، އެ އޮފީހަކަށް ފެންނަ ލަފައެއް އޭގައި އޮންނަން ވާނެކަމަށް. އެއީ ވަރަށް ބޮޑު ބޭނުމަކަށްޓަކައި، އޮންނަ ކަމެއްކަމަށް އަޅުގަނޑަށް ފެނޭ. އެއީ، އެ މަސައްކަތެއް ހިންގަވާ ފަރާތަށް ޢަމަލީގޮތުން ކުރިމަތިވާ ދަތިތަކާއި، އަދި އެ ދަތިތައް ޙައްލު ކުރެއްވޭނެ އެންމެފަސޭހަގޮތަކާ، އެ ހުރިހާގޮތެއް ރަނގަޅަށް އިހުސާސް ކުރެއްވޭނެ. ރައީސްއޮފީހަކީ، ހުރިހާ ފަރާތަކުން މައްސަލަތައް އަންނަ އޮފީހެއް އެއީ. ވަކިކަމަކަށް ޚާއްޞަ ކުރެވިފައި ހުންނަ އޮފީހެއް. އެހެންވީމާ، އެކަމަކަށް، ވަކިކަމަކަށް، ނުވަތަ ވަކި މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ޚާއްޞަކުރެވިފައި ހުންނަ އޮފީހެއްގައި ތިބޭ މީހުންނަށް އެކަމުގެ ފުރިހަމަ މަޢުލޫމާތާއި، ތަޖުރިބާ އަބަދު އޮންނާނީ ލިބިލިބި. އެހެންވީމާ، އެމީހުންނަށް މާފަސޭހަވާނެ މިކަން ކުރިޔަށް ގެންދަން. އެންމެ ރަނގަޅު ހަމަޖެހޭ ގޮތަކީ މިއީއޭ، އެގޮތަށް ހުށަހަޅަން. އެހެންވީމާ، އެ ލަފާ ނުލިޔުއްވައި ފޮނުވީމާ ރައީސް އޮފީހުންވެސް މައްސަލަ ލަސްވާގޮތް ދިމާވާނެ. އަދި ރައީސް އޮފީހަށް އެމައްސަލަ ވަކިގޮތަކަށް ނިންމަން ދަތިވެސްވާނެ. އެހެންވީމާ، އެނުކުތާއަށްވެސް ހުރިހާ އޮފީސް އޮފީހުގެ ވެރިން ސަމާލުކަން ދެއްވުން އަޅުގަނޑު އެދެން.


އާދެ، ދެން އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އަނެއް ނުކުތާއަކީ، އޮފީސްތަކުގެ މެދުގައި އޮންނަގުޅުން އަދިވެސް ތަންކޮޅެއް ކުޑައޭ. ބައެއް ކަހަލަ މަސައްކަތްތަކަކީ، މިހާރު ވަރަށް ގިނަ އޮފީސްތަކެއްގެ އެހީތެރިކަމާއި، އެއްބާރުލެއްވުން އޮވެގެން ކުރިޔަށް ގެންދެވޭ ކަހަލަ ކަންތައްތައް. އެހެންވީމާ، އެކަހަލަ ކަންތައްތަކުގައި އަބަދުވެސް އެކަމަކާ ގުޅިފައި އެހުންނަ އޮފީސްތަކާ މަޝްވަރާ ކުރައްވައި، އެ ކޮންމެ އޮފީހަކުންވެސް އަނެއް އޮފީހަކަށް ވެދެވެންހުރި އެހީތަކެއް ވެދެއްވަންޖެހޭނެ. މިސާލަކަށް ދަންނަވަންޏާ، ބައެއްކަހަލަ ކަންތަކުގައި އެއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ހެލްތާއި، ޕްރޮވިންޝަލް އެފެއާޒާ، އަދި އެނޫން ތަންތަންވެސް ގުޅިފައި އޮވެދާނެ. އެހެންވީމާ، ކޮންމެ ފަރާތަކުންވެސް އަނެއްފަރާތަކަށް ދެއްވަންޖެހޭ އެހީތެރިކަން އެކަމުގައި ނުދެއްވި ކަމަށްވަންޏާ އެ މަސައްކަތެއް، ނުވަތަ އެ ކަމެއް އޮންނާނީ ލަސްވެފައި. އެކަމަށް ހުއްޓުން އަރައިފައި. ބައެއް ފަހަރަށް ދިމާވާގޮތުން އޮފީސް އޮފީހުގެ މެދުގައި ކޮންމެސް އެއްކަމަކާ ދޭތެރޭގައި ޚިޔާލު ތަފާތުވުންވެސް އެކަށީގެންވޭ. މިވެނި މަސައްކަތެއް އެއީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއްހޭ! ނުވަތަ ނޫންހޭ! އެކަމަކާ ގުޅޭ ބައެއް އޮފީސްތަކުގެ މެދުގައި ޚިޔާލު ތަފާތުވެދާނެ. އެކަމަކު ޚިޔާލު ތަފާތުވުން އެއީ، ފަހަރެއްގައިވެސް އެމަސައްކަތަށް ހުއްޓުމެއް އައުމަށް އޮންނަ ސަބަބަކަށް ވެގެންނުވާނެ. އެކަހަލަކަމެއް ދިމާވެއްޖެއްޔާ އަޅުގަނޑުހިތުން އެކަމުގައި ފެންނަގޮތެއް، ސަރުކާރުން ކަންގެންދަން އިޚުތިޔާރުކުރާގޮތެއް ނިންމާނީ ރައީސް އޮފީހުން. އެހެންވީމާ، އެ މައްސަލައެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުއްވީމާ، ރައީސް އޮފީހުން އެކަންތަކެއް ނިންމާގޮތް އެއީ ސަރުކާރުން ކަނޑައަޅާގޮތް ކަމުގައި ބައްލަވަންވާނެ. ބައްލަވައިގެން ދެން ހުރިހާ އޮފީސްތަކުންވެސް އެ މައްސަލައިގައި ވީހާ ބޮޑަށް އެކުވެރިވެގެން ގުޅިގެން އެކަންތައް ކުރިޔަށް ގެންދެވޭތޯ ބައްލަވަންވާނެ.


ރައީސް އޮފީހުން މައްސަލަތައް ނިންމަނީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނައި ހަދާފައި. ބަލައިފައި. ފައިސާއެއް ހަރަދު ކުރަންޖެހޭ ކަމަކަށް ވަންޏާ އެ ހަރަދު އެއީ ކުރެވިދާނެ ހަރަދެއްތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ. އެއީ، މުވައްޒަފުންގެ މުސާރައާބެހޭ ކަމަކަށް ވަންޏާ އެ މުސާރަ އިތުރުކުރީމާ އެހެން އޮފީސްތަކުގައި ތިބޭ އެ ފެންވަރުގެ މުވައްޒަފުންގެ މުސާރަ އިތުރުކޮށްދެން ޖެހޭނެކަމަށްވެސް ސަރުކާރުން ވިސްނަންޖެހޭ. ޤާނޫނީގޮތުން އެކަމަކީ ސަރުކާރަށް ކުރެވިދާނެ ކަމެއްތޯ، ނުވަތަ ނޫންތޯވެސް ބަލަންޖެހޭ. އެކަމެއް ކުރީމާ އޭގެ ސަބަބުން ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ބަޔަކަށް ދައްޗެއް ނުވަތަ އުނދަގުލެއް ކުރިމަތިވެދާނެތޯ ބަލަންޖެހޭ. އަދި މިނޫންވެސް ކިތަންމެ ކަންތައްތަކެއް ރައީސް އޮފީހުން ބަލަންޖެހޭ، އެއްވެސްކަމެއް ވަކިގޮތަކަށް ނިންމުމުގައި. އެހެން ނިންމާއިރު މިހާރު ހަމަޖެހިފައި އޮންނަ އުސޫލުން ކަމާބެހޭ ހުރިހާ ފަރާތްތަކަކާ ރައީސް އޮފީހުން މަޝްވަރާކުރޭ. މަޝްވަރާނުކޮށް މިހާރުހަމަ ނުނިންމައޭވެސް ދެންނެވިދާނެ. އެހެންވީމާ، މަޝްވަރާކޮށްގެން ނިންމާ ނިންމުމުގައި ވަރަށް ބޮޑު ބެލުންތަކެއް އޮންނާނީ ބެލިފައި. އޭގެފަހުން ރައީސް އޮފީހުން އެކަމެއް ނިންމާގޮތް އަޅުގަނޑުހިތުން އެއީ ހަމަ ސަރުކާރުގެ ހުރިހާ އޮފީސްތަކަކުންވެސް ގަބޫލުކުރައްވަން ޖެހޭނެގޮތެއް. އެގޮތުން އެކަންތައް ގެންދިއުމަށް ހުރިހާ އޮފީސްތަކަކުންވެސް އެއްބާރު ލައްވަންވެސް ޖެހޭނެ. އެހެންވީމާ، ގިނަ އޮފީސްތައް ގުޅިގެން ހިނގާ ކަންތައްތަކުގައި މިދެންނެވި އުސޫލުތަކުގެމަތިން ވީހާބޮޑަކަށް މަޝްވަރާ ކުރައްވައިގެން ގެންދެވުމާއި އަދި ރައީސް އޮފީހުން ވަކިގޮތަކަށް މައްސަލަ ނިންމައިފިއްޔާ ދެން އެކަމުގައި އެއްވެސް އިތުރު މައްސަލައެއް ނުޖެހި ހަލުވިކަމާއެކު ކުރިޔަށްދާނެ ގޮތަކަށް ހުރިހާ އޮފީސް ތަކަކުންވެސް މަސައްކަތް ކުރައްވަންވާނެ.


އާދެ، އޮފީސްތަކުގެ ވާހަކަ، އޮފީސްތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ބޮޑުވި ވަރަކަށް ތަރައްޤީގެ ރޮނގުގައި ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބު ވަމުންދާނީ. އެހެންވީމާ، އެ ނުކުތާއަށްވެސް ވަރަށްބޮޑަށް ވިސްނަވަންޖެހޭނެ. އޮފީސްތަކުގެމެދުގައި އޮންނަ ގުޅުމާދޭތެރޭގައި ވާހަކަ ދައްކާއިރު އެހެން މައްސަލައަކަށްވެސް ކުޑަކޮށް ބަލައިލަންޖެހޭ. އެއީ، މުވައްޒަފުންގެ މައްސަލަ. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު މުވައްޒަފުން ލިބުމަކީ ވަރަށް ދަތިކަމެއް. ކާތިބުންވެސް ނުލިބޭ، ޓައިޕިސްޓުން ނުލިބޭ، އެކައުންޓެންޓުންނެއް ނުލިބޭ، ސެކްރެޓެރީންނެއް ނުލިބޭ. އެހެންގޮސް މިހާރު ޕިޔޯނުންވެސް ނުލިބޭ، މަސައްކަތު މީހުންވެސް ނުލިބޭ. އެހެންވީމާ، އެއީ، މުޅި ސަރުކާރަށް މިވަގުތު ކުރިމަތިވެފައިވާ އާންމު މައްސަލައެއްކަން ހުރިހާ އޮފީސްތަކުގެ ވެރިންވެސް އިހުސާސް ކުރެއްވުމަކީ ވަރަށް ބޭނުންތެރިކަމެއް.


އެހެން މިދަންނަވަނީ، އެތަނެއްގެ މުވައްޒަފުން ހިފެހެއްޓެވުމަށްޓަކައި ނުވަތަ އެތަނަކަށް މުވައްޒަފުން ހޯއްދެވުމަށްޓަކައި ބައެއް އޮފީސްތަކުގެ ފަރާތުން ޢަމަލުކުރައްވާ ގޮތުން އެހެން އޮފީސްތަކަށް އޭގެ ގެއްލުން، އޭގެ އަސަރު ފޯރާތީ. އެއީ، މީހުން ހިފެހެއްޓެވުމަށްޓަކައި، އެމީހުންގެ މުސާރަ ބޮޑުކޮށްދެއްވަން ބޭނުންފުޅުވެދާނެ. މުސާރަ ބޮޑުކޮށްދެއްވަން އެކިގޮތްގޮތުން ރައީސް އޮފީހަށް ހުށަހަޅުއްވައިގެން، އެ މުސާރަ ބޮޑުކޮށްދެއްވީމާ، ދެންވާގޮތަކީ، އެފެންވަރުގައި އެހެން އޮފީސްތަކުގައި ތިބޭ މީހުންވެސް މިއޮފީހަށްދާން ބޭނުންވަނީ. އަޅުގަނޑު ދަންނަވާނީ، ހަމަ ފަސްރުފިޔާ ބޮޑުވިޔަސް އާންމު އުސޫލަކީ، ހަމަ އެތަނަކަށް ދާން ބޭނުންވެއޭ. އެހެންވީމާ، ވާގޮތަކީ، އެއްތަނަކަށް މުވައްޒަފުން ޖަމާވާގޮތްވަނީ. އެހެން ތަންތަނުން މުވައްޒަފުން ވަކިވެގެން މިދިމާއަށް އަންނަނީ. އައިމާ އެހެންތަންތާނގެ މަސައްކަތް ހުއްޓެނީ.


ހުރިހާ ބޭފުޅުންވެސް ވިސްނަންވީ އެއްޗަކީ، ހުރިހާ، ސަރުކާރުގެ އޮފީސްތަކަކީ ހަމަ އެއްތަނެއްކަމަށް. އެއީ، ސަރުކާރު. އެހެންވީމާ، ސަރުކާރުގެ އެއްގޮތްޕަކަށް ލިބޭ އުނިކަމަކީ، މުޅި ސަރުކާރަށް ލިބޭ ގެއްލުމެއް. އެއްފަރާތަކަށް މުވައްޒަފުން އިތުރަށް ލިބިވަޑައިގަތުމުން އޭގެ ސަބަބުން އެހެން ފަރާތްތަކުގެ މުވައްޒަފުން ވަކިވެގެންދާނެ ކަމުގައިވަންޏާ އެއީ، އެއްގޮތަކަށްވެސް ސަރުކާރަށް ލިބުނު ފައިދާއެއް ކަމަކަށް ނުވާނެ. އެހެންވީމާ، މުވައްޒަފުން ހިފެހެއްޓެވުމަށް ނުވަތަ މުވައްޒަފުން ހޯއްދެވުމަށް އެގޮތުން މަސައްކަތް ކުރެއްވުމަކީ، އެއްގޮތަކަށްވެސް ރަނގަޅުގޮތެއްނޫން. އެއީ، ކޮންމެ އޮފީހަކަށްވެސް އިހުސާސް ކުރެއްވޭނީ، އެ އޮފީހަކަށް ލިބިވަޑައިގަންނަވާ ދަތިކަން. އެހެންވީމާ، އެގޮތަށް މަސައްކަތް ކުރެއްވެނީކަމަށް އަޅުގަނޑަށް ފެނޭ. އެހެންނަމަވެސް، ރައީސްއޮފީހުން އެ ހުރިހާ އޮފީހުގެ ކަންތައްތައް ބަލަހައްޓަންޖެހޭތީ، އެ މައްސަލަ މާބޮޑަށް އަޅުގަނޑަށް އިހުސާސް ކުރެވޭގޮތް ދިމާވޭ. އެއީ ހަމަ މިދެންނެވިހެން، މުސާރަ ބޮޑުކުރުމުގެ މައްސަލަ ނިކުތީމާ އެހެންތަންތަނުން އެ މައްސަލަތައް އަންނަގޮތް އަޅުގަނޑަށް ވަރަށް ރަނގަޅަށް މިހާރު ފެންނަމުން އެބަދޭ. އެއީ، ހަމަޖެހޭ އުސޫލެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ.


މުސާރަ ބޮޑުކުރެއްވުމުގެ ބަދަލުގައި މިހާރު ބައެއްތަންތަނުން ހައްދަވާގޮތަކީ މަޤާމުގެ ނަމަށް ބަދަލެއް ގެންނަވަނީ. އެއީ، މިހާރު ސެކްރެޓަރީ އެހެންކީމާ، އެ ވަކި އުސޫލެއްގެ މަތިން ސަރުކާރުން ވަކި ފެންވަރަކަށް މުސާރަ ކަނޑައެޅިފައި އޮންނަނީ. އެހެންވީމާ، އޭނަޔަށް މުސާރަ -/25 ނަމަވެސް، -/50 ރުފިޔާ އިތުރު ކުރައްވައިގެންނަމަވެސް، ބަހައްޓަވަން ބޭނުންފުޅުވާތީ، ސެކްރެޓެރީގެ ނަން، އެޑްމިނިސްޓްރޭޓިވް އޮފިސަރަކަށް ނުވަތަ އޮފީސް އެސިސްޓެންޓަކަށް ނުވަތަ އެހެން ނަމަކަށް ބަދަލު ކުރައްވަފާނެ. ބަދަލު ކުރައްވައިގެންވެސް ބޭނުމަކީ، އެއްކަލަ -/25 ރުފިޔާ ނުވަތަ -/50 ރުފިޔާ އެމީހާއަށް އިތުރު ކޮށްދެއްވުން. އޭރުން އޭނާ އެތާނގައި ހުންނަގޮތަކަށް ހަމަޖެއްސެވުމަށްޓަކައި. އެއީވެސް، އަޅުގަނޑުހިތުން އެކަން އޮންނަންވީ ގޮތެއްނޫން. އެ މީހެއްގެ މަޤާމުގެ ނަމާއި، އެކުރާ މަސައްކަތަކާ އޮންނަންޖެހޭނީ ވަރަށް ބޮޑަށް ގުޅިފައި. ސެކްރެޓެރީއޭ ކިޔަންވާނީ ސެކްރެޓެރީގެ މަސައްކަތް ކުރާ މީހުންނަށް. އެހެންވީމާ، އެ މަސައްކަތްތައް ކޮށްކޮށްހުރި މީހަކަށް، އެހެން މަޤާމެއްގެ ނަން ދެއްވުމަކީވެސް ހަމަޖެހޭ ކަމެއްނޫން. ދެން، ބައެއް އޮފީސްތަކުން އެކުރައްވާ މަސައްކަތްތައް ލަސްވުމުގެ ސަބަބުން، ރައީސްއޮފީހަށްވެސް ވަރަށް ބޮޑަށް ދަތިވަމުންދޭ.


އާދެ، ހަމަ ކަނޑައެޅިގެން ރައީސްއޮފީހުންވެސް ދަންނަވާ ބައެއްކަންތައް ބައެއް އޮފީސްތަކުންވެސް ނުކުރެއްވި، ވަރަށް ބޮޑުތަން ލަސްވެފައި ހުންނަ ކަންތައްތައްވެސް އެބަހުރި. އޭގެ ކޮންމެވެސް ސަބަބުތަކެއްވެސް އޮންނާނެކަންނޭނގެ. އެހެންނަމަވެސް، އެހާބޮޑުތަން ލަސްވެގެން ދިއުމަކީ، އަޅުގަނޑުހިތުން އެއްގޮތަކަށްވެސް އެކަން ވާންވީގޮތެއްނޫން. ކޮންމެ އޮފީހަކުންވެސް ވީހާވެސް އަވަހަކަށް މައްސަލަ ނިންމެވޭތޯ ބައްލަވަންޖެހޭނެ. ރައީސްއޮފީހުން، މިސާލެއްގެގޮތުން ދަންނަވަންޏާ މުވައްޒަފުންގެ ޖޮބް ޑިސްކްރިޕްޝަން ފޮނުއްވަން އޮފީސްތަކަށް ދެންނެވުނުތާ މިހާރު އަހަރެއްހާ ދުވަސްވެދާނެ. އަދިވެސް އެބަހުރި ބައެއް އޮފީސްތަކުން އެ ނުލިބި. އެހެންވީމާ، އަޅުގަނޑުހިތުން އެކަށީގެންވާ މުއްދަތެއް ހިނގައްޖެ. އޭރު ފުރަތަމަ އެ ދެންނެވިއިރުވެސް ވަކިމުއްދަތެއް ކަނޑައަޅައިފައި އޮންނާނެ، މިވެނި މުއްދަތެއްގެތެރޭގައި އަނބުރާ ފޮނުއްވައިދެއްވާށޭ. ދެން ދިމާވި އެއްވެސް ސަބަބަކާ ހުރެ އެ މުއްދަތުގެ ތެރޭގައި ނުފޮނުއްވުނު ކަމަށްވަންޏާ އިތުރަށް މުއްދަތަށް އެދިވަޑައިގަތީމާ، މުއްދަތު އިތުރު ކޮށްދެވިފައިވެސް އެބަހުރި. އެހެންގޮސް އަހަރުދުވަސް ވާއިރުވެސް ބައެއް ތަންތަނުން ނައިސް ހުރުމަކީ، އަޅުގަނޑުހިތުން އެކަން އެއްގޮތަކަށްވެސް ވާންވީގޮތެއް ނޫން. އަޅުގަނޑަށް ދެންނެވޭނީ، އެކަންތަކުގައި ހިސާބަކަށް އެ ބަހައްޓަވަންވީ ފަރުވާ ނުބެހެއްޓެވުނިއްޔޭ. އެހެންވީމާ، އެކަހަލަ ކަންތަކަށްވެސް މީގެފަހުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން ރައީސްއޮފީހުން ޚާއްޞަކޮށް ފޮނުއްވާ މައްސަލަތައް ވީއެންމެ އަވަހަކަށް އަނބުރާ ފޮނުއްވޭތޯ ބައްލަވަންވާނެ ކަމަށް އަޅުގަނޑަށް ފެނޭ.


އާދެ، މީގެކުރިން އަޅުގަނޑު މުވައްޒަފުންނާ ބައްދަލުކުރި ރޭވެސް އާންމުންނާ ދޭތެރޭ ކަންތައް ސަރުކާރުގެ ފަރާތުން ބަހައްޓަންވީގޮތާ ދޭތެރޭގައި ވަރަށް ތަފުސީލުކޮށް، ދިގުކޮށް، އަޅުގަނޑަށް ވާހަކަ ދެއްކުނު. އެއީ، އާންމުންނާ ދޭތެރޭގައި ވީހާވެސް ހަމަޖެހޭ ރަނގަޅު އުސޫލެއްގެމަތިން ސަރުކާރުގެ އޮފީސްތަކުގެ ކަންތައްތައް ބެހެއްޓެވުމުގެ ބޭނުންތެރިކަން ބޮޑުކަމުން. ސަރުކާރު އަސްލުގައި އުފެދިފައިވަނީވެސް އަޅުގަނޑުހިތުން ރައްޔިތުންގެ ފައިދާއަށް، މުޅި ޤައުމުގެ ފައިދާއަށް. އެހެންވީމާ، އެކަން އަޅުގަނޑުމެން އަބަދުވެސް އިހުސާސްކުރަންވާނެ. އޮފީސް އޮފީހުގައި ތިބޭމީހުންނަކީ، މާވަރުގަދަ ބާރުތަކެއް ލިބިފައިތިބި، މާމަތީ މަޤާމުތަކެއްގައި ތިބި ބައެއްކަން އެމީހުންގެ އަމިއްލަ ނަފުސަށް ނުވަތަ އަމިއްލަ ހިތްތަކަށް ފެނިގެން، އެހެން މީހުންނާ ދޭތެރޭގައި އެކަށީގެންނުވާ ގޮތަކަށް ޢަމަލުކުރުމަކީ، އަޅުގަނޑުހިތުން އެއްގޮތަކަށްވެސް ހަމަޖެހޭގޮތެއް ނޫން. ސަރުކާރުގެ މުވައްޒަފުން އާންމު އުސޫލެއްގެގޮތުން ގިނަ ފަރާތްތަކުގެ ޝަކުވާތައް ބުނާގޮތުގައި ވަރަށްގިނަ ފަހަރަށް އާންމުންނާ ދޭތެރޭގައި ކަންތައް ކޮށްފައި ހުންނަނީ އެކަށީގެންނުވާ ގޮތްގޮތަށް. އެމީހުން ވަރަށް ގިނައިރު ސަރުކާރުގެ އޮފީހަކަށް، އާންމުންގެ މީހަކުގޮސް އިނދެދާނެ، އެމީހާ އައީ ކީއްކުރަންތޯވެސް އެއްވެސް މީހަކު އަހައިވެސްނުލައި. އެމީހަކު އިނދެދާނެ ވަރަށް ގިނައިރު ވަންދެން އިނުމަށްފަހު އެއައިކަމެއް އޮޅުންފިލުވައިފައި ދެން، އަޅުގަނޑު ހިތުން އޮޅުންފިލުވާއިރު، ރަސްމީގަޑި ނިމެން ކައިރި ވެފައިވުމާއެކު، ދެން މާދަމާ އަންނާށޭ، އެކަހަލަ އެއްޗެއްވެސް ބުނެފާނެ. ދެން އަނެއް ދުވަހު އައީމާވެސް ހަމަ އެކަހަލަ ގޮތެއް ދިމާވެދާނެ. އެހެންވީމާ، އެގޮތް އެހެން ދިމާވުން އެއީ، އެއްގޮތަކަށްވެސް ރަނގަޅުގޮތެއް ނޫން. ކުރީރޭވެސް އަޅުގަނޑު ދެންނެވިހެން، އެކަހަލަ ކަންތައް ވީވަރަކުންވާނެ ރަނގަޅުކުރައްވަން. އަދި އާންމުންނާ މުޚާޠިބު ކުރައްވާއިރުވެސް، އެކަށީގެންވާ ރީތި ގޮތަކަށް މުޚާޠިބު ކުރެއްވުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން ބޭނުންކަމެއް.


އެއްގޮތަކަށްވެސް ސަރުކާރު އެއީ އެމީހުންގެ މައްޗަށް މާގަދަ ބާރުތަކެއް ހިންގަން އޮތް ފަރާތެއްކަމުގައި ދެކިވަޑައިނުގެން، އެމީހުންނަށްވެސް ލުއިފަސޭހަގޮތް ހޯއްދަވައިދެއްވައި، އެމީހުން އެ އެދޭ ކަމަކީ ގަވާއިދުން ކުރެވެން އޮތްކަމެއްވިއްޔާ ވީހާ ހަލުވިކަމަކާއި ފަސޭހަކަމަކާއެކު އެމީހަކަށް އެކަންތައް ކޮށްދެއްވުމަކީ، އަޅުގަނޑުހިތުން ސަރުކާރުގެ ހުރިހާ މުވައްޒަފުންވެސް ކުރައްވަންޖެހޭނެ ކަމެއް. އެހެންވީމާ، ވެރިންވެސް އެކަމަށް ވަރަށްބޮޑު ސަމާލުކަން ދެއްވުމަކީ، އަޅުގަނޑު އެދޭކަމެއް. އަޅުގަނޑު މިހެން ދެންނެވުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް އާންމުން އެދޭ ހުރިހާ ކަމެއް ކޮށްދެއްވުމެއްނޫން. ގަވާއިދާ ޚިލާފަށް އެއްވެސްކަމެއް ކޮށްދެއްވިގެން ނުވާނެ. ކޮށްދެއްވައިގެންވެސް ނުވާނެ. ޤާނޫނުތަކާއި ގަވާއިދުތަކާ ހެދިފައި ހުންނަނީ ވަރަށް ޚާއްޞަ ބޭނުންތަކަކަށްޓަކައި. އެހެންވީމާ، ހުރިހާ ޤާނޫނުތަކަށްވެސް އެންމެން ޙުރުމަތްތެރިކޮށް ހިތަންވާނެ. ހުރިހާ ގަވާއިދުތަކަކަށްވެސް އެންމެން ޙުރުމަތްތެރިކޮށް ހިތަންވާނެ. އެއްވެސްކަމެއް ގަވާއިދާ ޚިލާފަށް ނުވަތަ ޤާނޫނާ ޚިލާފަކަށް ގެންދެވިގެނެއް ނުވާނެ.


އާދެ، ދެން އަޅުގަނޑު ދަންނަވައިލަން އޮތް ވާހަކައަކީ، ފައިސާއާބެހޭ ބައެއް މައްސަލައިގެ ވާހަކަ. އެއީ، ވަރަށް އުނދަގޫ މައްސަލައެއް. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ފައިސާގެ މައްސަލައަކީ، ވަރަށް އެހެންކަހަލަ މައްސަލައެއްކަން. އެހެންނަމަވެސް، ސަރުކާރުގެ އޮފީސްތަކުން އަދިވެސް ފައިސާގެ ކަންތައްތަކަށް އެކަށީގެންވާ ފަރުވާތެރިކަމެއް ނުބެހެއްޓެވޭތީ ވަރަށްގިނަ މައްސަލަތައް ދިމާވަމުންދޭ. ވަރަށްގިނަ ތަންތާނގައި އެކިއެކި ކަހަލަ ކަންތައް ގަވާއިދާ ޚިލާފަށް ކުރެވި، ސަރުކާރަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ގެއްލި އެކަހަލަ ކަންތައް ވަމުންދޭ. ކުރިންވެސް ވަމުންދޭ. އަދި މިހާރުވެސް އެކަންތައްތައް ހިނގަމުންދޭ. އެހެންވީމާ، އެކަމަށް އޮފީސް އޮފީހުގެ ވެރިން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، އަޅުގަނޑު ވަރަށް އެދޭކަމެއް. އެހެން މިދެންނެވީ، ކޮންމެ އޮފީހެއްގައިވެސް ފައިސާ ބަލަހައްޓާ ކާތިބެއް، ނުވަތަ ފައިސާއާ ބެހޭ ސެކްރެޓެރީ އެއް، އެކައުންޓެންޓެއްވެސް ހުންނާނެ. ބައެއް ތަންތާނގައި ކޭޝިޔަރުން ތިބޭ. އަދި އެނޫންވެސް ފައިސާއާބެހޭ މުވައްޒަފުން ތިބޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، ފައިސާއާބެހޭ ކަންތައްތައް ނިންމުމަކީ ހަމައެކަނި މުވައްޒަފުންގެ މަސްއޫލިއްޔަތެއް ނޫނޭ. އެމީހުން ޢަމަލީގޮތުން އެކަންތައްތައް ނިންމި ކަމުގައިވިޔަސް އެ ވާންޖެހޭނީ އޮފީހެއްގެ ކަމާބެހޭ ވެރިއެއްގެ ބެއްލެވުމުގެ ދަށުން ކުރެވޭ ކަމަކަށޭ. އެހެންވީމާ، އޮފީހުގައި ހުންނަވާ ކަމާބެހޭ ވެރިޔަކު ފައިސާގެ ކަންތައްތަކަށް ވަރަށްޚާއްޞަ ސަމާލުކަމެއް ދެއްވައި، ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް ފައިސާގެ ކަންތައްތައް އޮފީހުގެ މުވައްޒަފުން ކުރޭތޯ ބައްލަވަންވާނެ. މައްސަލައެއް ޖެހުނީމާ، [އެއީ، ސެކްރެޓަރީއަށް އަންގާފައޭ އޮންނާނީ، ގަވާއިދުން އެކަންތައް ގެންދަން، އޭނާ އެހެން ނުގެންދިޔައްޔޭ] އެހެން ވިދާޅުވޭވޭތަން އައުމަކީ، އަޅުގަނޑުހިތުން ހަމަޖެހޭ ކަމެއްނޫން. އެއީ ގަވާއިދުން ދުވަހުން ދުވަހަށް ފައިސާއާބެހޭ ކަންތައްތައް ކަމާބެހޭ ވެރިން ބަލަހައްޓަވަމުން ގެންދަވާ ކަމަށްވަންޏާ އެކަހަލަ މައްސަލައެއް ނުޖެހޭނެ އެއްގޮތަކަށްވެސް.


އާދެ، މިދޭތެރެއިން ދިމާވެފައިހުރި ކަންތައްތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ކޮންމެސް މުވައްޒަފަކު ވަތްގަނޑުގައި ވަރަށްގިނަ އަދަދަކުން ފައިސާ ބަހައްޓައިފައި ހުރެގެން، ވަތްގަނޑު ފަޅައިލައިގެން ފައިސާތައް ގެއްލުނު މައްސަލައެއްވެސް ހިނގައްޖެ. ބާރަހާސް އެތައް ސަތޭކަ ރުފިޔާއެއް. އަދި ތިޖޫރީން ފައިސާތަކެއް ގެއްލުނު މައްސަލައެއްވެސް އެބައޮވޭ. ފަނަރަހާސް ރުފިޔާ އެބައޮވޭ. އެއީ، އެނގިވަޑައިގަންނަވާނެ، އޯޑިޓް އޮފީހުގެ ގަވާއިދުތަކާއި އަދި ރައީސް ހަދައިފައިވާ ގަވާއިދުތަކާ ޚިލާފު ކަންތައްތައްކަން. ވަތްގަނޑުގައި ފައިސާ ބެހެއްޓުމަކީ އަދި ތިޖޫރީގައިވެސް ފައިސާ ހުންނަންވާނީ ވަކި ހާލަތެއްގައި. އެއީ، ކޮންމެ ދުވަހަކުވެސް ލިބިވަޑައިގަންނަވާ ފައިސާ އޮންނާނީ އެ ދުވަހަކު ޖަމާކުރައްވާގޮތަށް. ތިޖޫރީގައި ބަހައްޓަންވާ އުސޫލެއްވެސް އޮވޭ. އަނެއްކާ ތިޖޫރީގެ ހިސާބު ބަލަހައްޓަވާ ފޮތެއްވެސް އޮންނަންޖެހޭ. ގަވާއިދުން އެފޮތްވެސް ބެލެހެއްޓެވެންވާނެ. އެހުރިހާ ގަވާއިދުތައް ކަނޑައެޅިފައި އޮންނަނީ. އޯޑިޓް އޮފީހުންވެސް ދޭތެރެ ދޭތެރެއިން އޮފީސްތަކަށް އަންގަވާ. އަދި ކުރިންވެސް އެ އޯޑިޓް އޮފީހުގެ ގަވާއިދުގައިވެސް އެ ހުރިހާ ކަމެއް ހުންނާނެ. އަދި ފަހުން ކޮންމެ މައްސަލައެއް ދިމާވީމާ ރައީސްއޮފީހުންވެސް އެ މައްސަލައެއް ދެވަނަފަހަރަށް، ތިންވަނަ ފަހަރަށް އޮފީސްތަކަށް އެބަ ހަނދާން ކޮށްދޭ.


އެހެންވީމާ، އެމައްސަލަތައް އެއީ، ވަރަށްބޮޑަށް އެއަށް ޢަމަލު ކުރެވެންޖެހޭނެ ގަވާއިދުތަކެއް. އެއަށް ޢަމަލު ނުކުރެވުމުގެ ސަބަބުން ނުވަތަ އަޅުގަނޑު ދަންނަވާނީ، އެ މުވައްޒަފުން އެކަމުގައި ފަރުވާކުޑަކުރާތީއާ އަދި ކޮންމެ އޮފީހެއްގެވެސް އެކަން ބަލަހައްޓަވަން ހުންނަ ވެރިޔަކަށްވެސް އެކަން ނުބެލެހެއްޓެވޭތީ، ވަރަށްގިނަ އަދަދަކަށް ފައިސާ ޚިޔާނާތުގެ ގޮތުގައި ގެއްލި ވައްކަމުގެ ގޮތުގައި ގެއްލިގެންދާގޮތް އެބަ ދިމާވޭ. އެއް އެކައުންޓަކުން އަނެއް އެކައުންޓަކަށް ފައިސާ ބަދަލުކުރުން އެއީވެސް ވަރަށް ގިނައިން މިބާވަތުގެ ނުބައި ނުކުންނަ ކަމެއް. އެއީ، ނަގުދު ފައިސާއިން އެފައިސާ ނަންގަވައިފައި އަނެއް އެކައުންޓަކަށް ޖަމާކުރައްވަން ޖެހިއްޖެއްޔާ އެކަހަލަ މައްސަލައެއް ނުކުމެދާނެ. ކޮންމެވެސް އޮފީހަކުން ވަރަށްބޮޑު އަދަދަކަށް ފައިސާ މިދޭތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ގެއްލިފައިވޭ، އެކަން ކުރެއްވުމުގެ ސަބަބުން. އެހެންވީމާ، މިހާރު އަންގައިފައި އޮންނާނީ އެގޮތަށް އެއް އެކައުންޓުން އަނެއް އެކައުންޓަކަށް ގެންދަވަންޏާ ޗެކު ބޭނުން ކުރައްވަން. އަބަދުވެސް ސަރުކާރުން ބާރުއަޅަނީ އެގޮތަށް. ގިނަ އަދަދަކަށް ފައިސާ ނަގުދު ނުނަންގަވައި ޗެކުން، އެއްއޮފީހަކުން އަނެއް އޮފީހަކަށް ދައްކަވަންޖެހޭ ފައިސާވެސް ދައްކަވައި، އަދި އެއް އެކައުންޓަކުން އަނެއް އެކައުންޓަކަށް ބަދަލުކުރައްވަންޖެހޭ ފައިސާވެސް އެގޮތަށް ބަދަލުކުރައްވައި އެގޮތަށް ގެންދެވުމަށް. އެއީ، ފައިސާ ނަގުދު މީހުންގެ އަތުންއަތަށް އަރައިފިއްޔާ އެކަހަލަ ޚިޔާނާތާ، އެނޫންވެސް ކަންތައްތަކަށް އެ ފުރުޞަތު ލިބޭތީ.


ފައިސާއާ އަދި ތަކެތީގެ ވާހަކަ ދައްކާއިރު ބައެއް އެހެންކަހަލަ މައްސަލަތައްވެސް އެބަދިމާވޭ ބައެއް ތަންތަނަށް. އެއީ، ބައެއް ތަންތާނގެ މުވައްޒަފުން ޚިޔާނާތުގެ ގޮތުން އެތަނެއްގެ އެއްޗެތި ނަގައިގެންގޮސް އަނެއްކާ ދެވަނަ ފަހަރަށް އެތަނަށް ވިއްކައިލަނީ. ވިއްކައިލަނީވެސް އަގު ބޮޑުކޮށް. އެހެންވީމާ، އެއީ، ވަރަށްބޮޑު ޚިޔާނާތެއް އެކުރެވެނީ. އެކަން އެކުރެވެނީވެސް ތަނުގައި ހުންނަ ތަކެތީގެ އިންވެންޓްރީވެސް، ގަވާއިދުން ނެގިފައިނެތީމާ. އަނެއްކާ ސްޓޮކް ހިސާބުވެސް ނުބެލެހެއްޓޭތީ. ނުބެލެހެއްޓޭތީ ވާގޮތަކީ، އެތަނުން އެއްޗެއް މަދުވިޔަސް، އެއްވެސް މީހަކަށް ނޭގޭނެ. ބޭނުންވާ އެއްޗެއް، ތަނުގެ އެއްޗެއް ގެންގޮއްސާ އެތަނަށް އެ އެއްޗެއް ބޭނުންވީމާ އެމީހާ ވިއްކައިލަނީ. އަދި ވިއްކައިލާއިރު ވަރަށް އަގުބޮޑުކޮށްވެސް ވިއްކައިލަފާނެ. މިކަހަލަ ކަންތައްތައްވެސް ދިމާވެފައި އެބަހުރޭ. އެހެންވީމާ، އެއީވެސް ގަވާއިދުތައް ބެލެހެއްޓުން ކުޑަވެގެން ދިމާވާ ކަމެއްކަމަށް އަޅުގަނޑަށް ފެންނަނީ.


މީގެއިތުރުން އޮފީހަށް ކޮންމެހެން ހޯދަން ބޭނުންވާ އެއްޗެއްވެސް އެ ހޯއްދެވުމުގައި ކޮންމެވެސް އަމިއްލަ ފަރާތަކާ ގުޅިގެން ނުވަތަ އޮފީހުގެ މުވައްޒަފަކު އަމިއްލަ ފަރާތަކާ ގުޅިގެން މާ އަގުބޮޑުކޮށް އޮފީހަށް ހޯދައިފައި އޮވެދާނެ، އެ އެއްޗެއް ޙަޤީޤަތުގައި ހުންނަ އަގަށްވުރެވެސް. ކޮންމެވެސް އެއްތަނަކަށް ހޯއްދެވި އެއްޗެއް، އަޅުގަނޑު މިނޯޓުކޮށްފައި އެބައޮތް. އެއްހާސް ރުފިޔާއަށް ލިބެންހުރި އެއްޗެއް އެ އޮފީހަށް ބައްލަވައިގެންފައި އޮތީ ތިންހާސް ރުފިޔާއަށް. އެހެންވީމާ، ކަނޑައެޅިގެން ސަރުކާރަށް ދެހާސްރުފިޔާގެ ގެއްލުމެއް ވެފައި އެއޮތީ. އެ ވީގޮތަކީ، އެތާނގެ މުވައްޒަފަކު އެއެއްޗެއް ހޯދައިގެން އޮފީހަށް ވިއްކީ. އެއީ، އަސްލު އޮފީހުގެ އެއްޗެއް ނޫން. އެހެންނަމަވެސް، އޮފީހަށް ބޭނުންވާ އެއްޗެއް. ބޭރުން ލިބެންހުރި އެއްޗެއް، މުވައްޒަފަކު އެ އޮފީހަށް ވިއްކީމާ، އެލިބެންހުރި އެއްހާސް ރުފިޔާގެ ބަދަލުގައި ތިންހާސް ރުފިޔާ ސަރުކާރުން ހަރަދުވެ އަނެއް ދެހާސްރުފިޔާ އެމީހާގެ ޖީބަށް އެދިޔައީ. އެކަހަލަ ބޮޑެތި ޚިޔާނާތްތައް ވަނީވެސް ފައިސާގެ ގަވާއިދުތައް ބަލަހައްޓަންވީވަރަށް ނުބެލެހެއްޓެވޭތީ. އެކަމުގައި އަޅުގަނޑު ދަންނަވާނީ އޮފީސް އޮފީހުގެ ވެރިންނަށްވެސް އެކަށީގެންވާ ފަރުވާތެރިކަމެއް ނުބެހެއްޓެވެނީއޭ.


ބައެއް އޮފީސްތަކަށް ބޭނުންފުޅުވާ އެއްޗެތި ބައްލަވައިގަންނަވަން ބަޖެޓުގައި ފައިސާ ނެތިސް، ކޮންމެވެސް އަމިއްލަ ފަރާތަކުން އެ އެއްޗެއް ބައްލަވައިގެންފާނެ. ބައްލަވައިގެންފައި ދެން ރައީސްއޮފީހަށް ލިޔުއްވަނީ. ލިޔުނީމާ ވާގޮތަކީ، ފުރަތަމަ ފައިސާގެ މައްސަލަ ހަމަނުޖެހި އެއްޗެއް ބައްލަވައިގެންނެވޭގޮތް ދިމާވީމާ، ފަހަރެއްގައި ރައީސްއޮފީހުން އެ ފައިސާ އިތުރުކޮށްނުދީ ހިނގައިދާނެ. އެހެން ދިމާވެއްޖެއްޔާ އެއީ، ވަރަށްބޮޑު މައްސަލައަކަށް އެވީ. އެ އެއްޗެއް އޮންނާނީ، އޮފީހަށް ގެންދަވައިފައި. އެމީހާއަތުން ބައްލަވައިގެންފައި. އެމީހާ އެފައިސާއަށް އެދި ކޮންމެ ދުވަހަކު އޮފީހަށް ދާނެ. ނުލިބިއްޖެއްޔާ ރައީސްއޮފީހަށްވެސް ލިޔާނެ. މިހެން ލިޔާއިރު ދިމާވަނީ ވަރަށް ނުބައި މައްސަލައެއް. އެހެންވީމާ، އެކަހަލަ ކަންތަކަށްވެސް ރައްކާތެރިވެވަޑައިގަންނަވަންވެސް ވާނެ. ބަޖެޓުގައި ނެތް އެއްވެސް ހަރަދެއް ގަވާއިދު ހަމަޖެހިފައި އޮންނަގޮތުން ކުރައްވަންވާނީ، ރައީސް އޮފީހަށް ލިޔުއްވައިގެން، އެކަމަކަށް ރައީސް އޮފީހުން ހުއްދަ ލިބިގެން. މިވާހަކަ ދަންނަވާއިރު ބަޖެޓުގައި ކަނޑައެޅިފައި އޮންނަ ވަރަށްވުރެ އިތުރަށް ހަރަދު ނުކުރެއްވުމަށް ވަރަށް ބޮޑަށް އަޅުގަނޑު ބާރުއަޅަންޖެހޭ.


އެއީ، ވާގޮތަކީ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރައްވާނެ. ފާސްކުރައްވައިގެން އެ ބަޖެޓުގައި އޮންނަ ގޮތެއްގެމަތިން ޢަމަލުކުރަމުން ދާއިރު ބަޖެޓުގެ އައިޓަމްތަކުން ފައިސާ ހުސްވެގެން ރައީސްއޮފީހަށް، ފައިސާގެ މައްސަލަ ވަރަށް ގިނަ ފަރާތްތަކުން ލިޔުއްވާ. އެހެން ލިޔުއްވަމުންގޮސް އެ އައިޓަމަކަށް އަސްލުގައި ކަނޑައެޅިފައި އޮންނަވަރުގެ ދެގުނަ ތިންގުނަ، އަހަރު ނިމޭއިރަށް ހަރަދުވެފައި އެބަހުރޭ. އެހެންވީމާ، އަޅުގަނޑު ހިތަށް ބައެއްފަހަރު އަރާ، ބަޖެޓެއް އޮތުމުގެ ބޭނުމަކީ، ކޮބައިބާވައޭ! ވަކި އަދަދަކަށް ކޮންމެ އޮފީހަކަށް ފައިސާ ކަނޑައެޅިފައި އޮތުމުގެ ބޭނުމަކީ، ކޮބައިބާވައޭ! އެވަރަކަށް ނުހިފެހެއްޓޭ ކަމަށްވަންޏާ. އޭގެ ޑަބަލް، ދެގުނަ ނުވަތަ ތިންގުނައަށް ފައިސާ ހަރަދުވާގޮތް ދިމާވާކަމަށްވަންޏާ. އެހެންވީމާ، އެކަހަލަ ކަންތަކަށްވެސް ބަޖެޓުގައި ނުހިމެނޭފައިސާއެއް ހަރަދުކުރައްވަން ޖެހިވަޑައިގެންފާނެ. އަޅުގަނޑުވެސް ގަބޫލުކުރަން، ދިމާވާ ބައެއް ސަބަބުތަކާހުރެ ހަމަކޮންމެހެން އެހަރަދެއް ކުރަން ޖެހިދާނެ، އެހަރަދެއް ބަޖެޓުގައި ކަނޑައެޅިފައި ނެތް ހަރަދެއް. އެހެންވެއްޖެއްޔާ އެކަމެއް ރައީސްއޮފީހަށް ލިޔުއްވައިގެން ގަވާއިދުން ހުއްދަ ހޯއްދަވައިގެން އެހަރަދެއް ކުރައްވަންވާނީ. އަދި އެގޮތަށް ރައީސްއޮފީހަށް ހުށަހަޅުއްވާއިރުވެސް އެއީ، ހަމަ ކޮންމެހެން ނުކޮށް ފަރުނުޖެހޭ ކަހަލަ ހަރަދެއް ކަމަށް ވަންޏާ، ރައީސްއޮފީހަށް ލިޔުއްވަން ވާނީވެސް. އެނޫން ގޮތެއްގައި ލިޔުއްވުމަކީ، އަޅުގަނޑު ހިތުން ބަޖެޓު ހަމަޖެހިފައި އޮންނަ އުސޫލަށް ޙުރުމަތްތެރިކޮށް ނުހިތޭކަމުގެ ދަލީލެއް. ފައިސާ ހަރަދުކުރެއްވުމުގައި، ހަރަދު ކުޑަގޮތް ހޯއްދެވުމުގެ ބޭނުންތެރިކަން ބޮޑުކަމުގެ މައްޗަށް އަޅުގަނޑު ހިތުން، އަޅުގަނޑު މާގިނަ ވާހަކަތަކެއް ނުދެއްކިޔަސް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އޭގެ ބޭނުންތެރިކަން އެނގިވަޑައިގަންނަވާނެ.


ސަރުކާރުގެ ހަރަދުތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށް. ކޮންމެ އޮފީހެއްގެ ހަރަދަށް ބައްލަވައިލެއްވިޔަސް އެނގިވަޑައިގަންނަވާނެ، ކޮންމެ އަހަރަކުވެސް އޭގެ ކުރީ އަހަރަށްވުރެ މާ ބޮޑުތަން ހަރަދުތައް އިތުރުވެފައިވާކަން. އެއީ، ހަމަ ވަމުންދާގޮތް. ވީމާ، ހަރަދުތައް ކުޑަކުރުމުގެ މައްޗަށް ސަރުކާރުން ވަރަށްބޮޑަށް ބާރުއަޅަންޖެހޭ. ސަރުކާރަށް ލިބޭ އާމްދަނީ އިތުރު ނުވަނީސް ކުރެވޭ ހަރަދުތައް އިތުރު ކުރެވޭކަށް ނޯންނާނެ. ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވަމުންދާ މިންވަރާއި، ހަރަދު އިތުރުވަމުންދާ މިންވަރާ، ވަރަށް ތަފާތު. އާމްދަނީ އިތުރުވާ ވަރަށްވުރެ މާބޮޑަށް ހަރަދުތައް އިތުރުވަމުންދަނީ. އެހެންވީމާ، ހަރަދު ކުޑަ ކުރެއްވުމުގެ މައްޗަށް ހުރިހާ ފަރާތްތަކަކުން ވިސްނަންވާނެ. އެހެން ވިސްނާއިރު، ބައެއްކަހަލަ މަސައްކަތް ކުރައްވާއިރު، ބައެއް ކަހަލަ މަސައްކަތްތަކަކީ، އެސްޓިމޭޓް ހޯއްދަވައިގެން ކުރައްވަންޖެހޭ ކަންތައްތައް. އެހެން ކުރައްވާއިރުވެސް ރަނގަޅަށް ނުބެއްލެވޭ ކަމަށްފެންނަ ކިތަންމެ މައްސަލަތަކެއް އަޅުގަނޑުމެންނާ ހަމައަށް އާދޭ. އެއީ، ކޮންމެވެސް ތަނެއް ހައްދަވަން، ޢިމާރާތް ކުރައްވަން ހަމަޖެހިގެން، އިޢުލާނު ކުރައްވައިގެން، އެސްޓިމޭޓްތައް ހުށަހަޅާއިރު ހުރެދާނެ، ހުށަހަޅައިފައި ހުންނައިރު އެތަނަކަށް ބޭނުންވާ ސިމެންތިއާއި ވެއްޔާއި ގަލާއި މިބާވަތުގެ އެއްޗެހި ޖަހާފައި ހުންނަ އަދަދުތައް، އެ އަދަދުތައް ރަނގަޅުތޯ ހަމަ ގިނަފަރާތްތަކުން އޮންނަނީ ނުބެއްލެވިފައި. އަގަށް ބައްލަވަނީ. ސިމެންތިކޮތަޅެއް ޖަހާފައި އޮންނަނީ، އެސް.ޓީ.އޯ. އިން އެ ސިމެންތި ހުންނަ އަގަށް ކަމަށްވަންޏާ ނުވަތަ ބާޒާރުން އެންމެ އަގުހެޔޮކޮށް ލިބެންހުންނަ އަގު ކަމަށްވަންޏާ، އެއީ، އެންމެ ރަނގަޅުކަމަށް ބައްލަވައިފައި. އެ ބޭނުންވާ އަދަދަށް ބޭނުންވޭތޯ ނުބައްލަވާ، ވަރަށް ގިނަ ތަންތަން ހުންނާނެ. ސަތޭކަ ކޮތަޅު ސިމެންތި ބޭނުންވާ ކަމަކަށް އަތުވެދާނެ އެސްޓިމޭޓުގައި، ހަތަރުސަތޭކަ ކޮތަޅު، ނޫނީ ތިންސަތޭކަ ކޮތަޅު. ހަމަ އެހެން ވެލިވެސް، ގައުވެސް، އެހެން އެއްޗެތިވެސް ހުރޭ، ވަރަށްގިނަ އަދަދަކަށް. އެހެންވީމާ، އެސްޓިމޭޓެއް ލިބިވަޑައިގަތަކަސް އެންމެކުޑަ، އަދި އެސްޓިމޭޓަކަށް މަސައްކަތް ހަވާލުކުރުމުގެ ކުރީގައި، އެސްޓިމޭޓު އައިސްފައިއޮތީ ރަނގަޅަށްތޯވެސް ބައްލަވަންވާނެ. އޭގައިހުރި އަދަދުތައް ރަނގަޅުތޯވެސް ބައްލަވަންވާނެ. އަގު ރަނގަޅުތޯވެސް، އެއީ، ކޮންމެހެން ހޯދަންޖެހޭނެ އެއްޗެހިތޯވެސް. މިގޮތްގޮތުން ނުބެލެހެއްޓެވޭ ކަމަށްވަންޏާ ވާގޮތަކީ، މާބޮޑު ފަރުވާތެރިކަމެއް ނުބަހައްޓަވައި، އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް މަސައްކަތް ހަވާލުކުރެއްވީމާ، ދެންވާގޮތަކީ، އެއީ އެ މަސައްކަތަށް އަގުހުށަހެޅި، އެންމެ ކުޑައަގެއް ހުށަހެޅިފަރާތް ކަމުގައިވިޔަސް އެ އަގު އެއީވެސް، ސަރުކާރުންދޭންޖެހޭ އަގަށްވުރެ މާބޮޑު އަގެއްކަމަށް އޮންނަނީވެފައި. އެހެންވީމާ، ހަރަދު ކުޑަކުރައްވަން ބައްލަވާއިރު އެއީވެސް ވަރަށް ބޮޑަށް ވިސްނަވަންޖެހޭ ނުކުތާއެއް.


ފައިސާ ހަރަދު ކުރައްވާއިރު މިދެންނެވި ނުކުތާތަކަށް ވިސްނެވުމަކީ، ފައިސާއާބެހޭ މައްސަލަތަކުގެ އެއްބައި. އޭގެ އަނެއްބަޔަކީ، ސަރުކާރަށް ލިބެންހުންނަ ފައިސާތައް ހޯއްދަވަން ކުރައްވާ މަސައްކަތް. ވަރަށްގިނަ ތަންތަނުން ކަންތައްވެފައި އޮންނަގޮތަކީ ބިލް ހައްދަވައިފައި، އެއޮފީހަކުން އެކުރައްވާ މަސައްކަތަށް ބިލް ހައްދަވައިފައި ހުރެދާނެ. ބިލް ހަވާލު ނުކުރެވި ވަރަށް ގިނަދުވަސް ވެފައި ހުރެދާނެ. އަނެއްބައި ތަންތަނުން މަސައްކަތަށް ގަވާއިދުން ބިލް ނުހެދިވެސް ހުރެދާނެ. އަދި ބިލް ހަވާލު ކުރުމަށްފަހުގައި އެ ފައިސާ ލިބޭތޯ، ނުލިބޭތޯ ނުބައްލަވާވެސް ހުރޭ ވަރަށްގިނަ ތަންތަނުން. ބައެއް ތަންތަނުން ހުރޭ އަހަރުދުވަސް ވެފައި، ބިލް ހަވާލު ކުރިފަހުން އަހަރުވެފައި. އެހެންނަމަވެސް، އެއަށް ފައިސާ ނުލިބި، އަދި ފައިސާ ހޯއްދަވަން މަސައްކަތްވެސް ނުކުރައްވާ. އެހެންވީމާ، އެއީ ސަރުކާރަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. ޚާއްޞަކޮށް ވިޔަފާރި. ސަރުކާރުގެ ވިޔަފާރިއާބެހޭ ތަންތަނުން އެކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވަން ޖެހޭނެކަމަށް އަޅުގަނޑަށްފެނޭ. އެއީ، އެތަންތަނުން ހައްދަވާ ބިލްތައް، ގަވާއިދުން ބިލް ހެއްދެވުމާއި، ގަވާއިދުން ބިލް ހަވާލު ކުރެއްވުމާއި، ބިލަށް ކަނޑައެޅިފައި އޮންނަ މުއްދަތުގައި ފައިސާ ލިބޭތޯ ބެއްލެވުމާއި، ނުލިބޭ ކަމަށްވަންޏާ، ގަވާއިދުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާ، މިހުރިހާކަމެއް ކުރައްވަންޖެހޭނެ. އެހެންނަމަވެސް މިދެންނެވިހެން ވާގޮތަކީ، އެބައި އޮންނަނީ ގިނަ ތަންތަނުން އެއްގޮތަކަށްވެސް ނުބެލި. އެހެންވުމުގެ ސަބަބުން ސަރުކާރަށް ލިބެން އޮންނަ އެއްޗެއް އޮންނަނީ ނުލިބި. އަނެއްކޮޅުން ސަރުކާރުގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ މަގު، ގަވާއިދުތައް ނުބެލެހެއްޓޭތީ އޮންނަނީ ހުޅުވިފައި. އެހެންވީމާ، ސަރުކާރަށް ވަމުންދާ ގެއްލުންތައް އެއްދުވަހުން އަނެއްދުވަހަށް ގިނަވެފައި، ލިބެން އޮންނަ ފައިސާ ދަނީ އެއްދުވަހުން އަނެއްދުވަހަށް މަދުވަމުން. އެހެންވީމާ، އެކަންކަމަށް ފައިސާއާބެހޭ ކަންތައްތައް ބަލަހައްޓަވާ ވެރިން ވަރަށްބޮޑަށް ވިސްނަވައި އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އަޅުއްވަންވާނެ. އެ ހުރިހާ ކަމެއްވެސް އެކަށީގެންވާ ރަނގަޅު ގޮތަކަށް އިޞްލާޙު ކުރައްވަންވެސްވާނެ.


އާދެ، މުވައްޒަފުންނާ ބެހޭގޮތުންވެސް ދެތިން ވާހަކައެއް އަޅުގަނޑު ދަންނަވައިލަން ބޭނުންވޭ. އެއީ، ކުރިންވެސް ދެންނެވިހެން އޮފީހުގެ މަސައްކަތް ރަނގަޅަށް ބައްސަވައި، ކޮންމެ މުވައްޒަފަކުވެސް އެމީހަކު ކުރަންޖެހޭ ކަންތައް އެމީހަކަށް ރަނގަޅަށް އަންގަވައި، އެމީހަކާ ހަވާލު ކުރެވިފައި އޮންނަންވާނެ. ހަމައެފަދައިން އެމީހަކު އެމީހެއްގެ މަސައްކަތް ކުރޭތޯވެސް ބައްލަވަންވާނެ. ސަރުކާރުގެ ރަސްމީގަޑި މިއޮންނަނީ، ހަގަޑިއިރު. ހަތްގަޑި ބައިން އެއްގަޑި ބަޔަށް. ވަރަށްގިނަ ތަންތަނުން މެންދުރުފަހުގެ ވަގުތުތަކުގައިވެސް އޮފީސް ހުޅުވަންޖެހޭ. އަދި ރޭގަނޑުވެސް ހުޅުވަންޖެހޭ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ ކޮންމެ މުވައްޒަފަކުވެސް ރަސްމީގަޑީގައި، އެދެވޭގޮތަށް މަސައްކަތްކުރާ ކަމުގައިވަންޏާ މެންދުރުފަހުން ނުވަތަ ރޭގަނޑު އޮފީސް ހުޅުވަންޖެހޭނީ ވަރަށް މަދުންކަމަށް. އެއީ، އަޅުގަނޑަށް ހީވާގޮތް. އެއީ، އަޅުގަނޑުހިތުން ހަމަ ހަޤީޤަތްވެސްމެ. ގިނަ ތަންތާނގައި ވާގޮތަކީ، މުވައްޒަފުން އައިސް ސޮއިކޮށްފައި، ބޭރަށް ހިނގައިދާނެ. ސައިބޯން ހިނގައިދާނެ. ނުވަތަ އެހެން ކަމެއްގައި ހިނގައިދާނެ. ނުވަތަ އޮފީހުގައި އިންނަ ވަގުތުވެސް ކޮންމެވެސް އެހެން ކަމެއްގައި ވަރަށްގިނަ ވަގުތުތައް ހޭދަކުރަމުން ހިނގައިދާނެ. އެކަންކަން އޮފީސްތަކުގެ ވެރިންނަށް ނުބެލެހެއްޓެވޭތީ އެމީހުންގެ ފަރާތުން ސަރުކާރަށް ލިބެންވާ ހަގަޑިއިރުގެ ޚިދުމަތް އޮންނަނީ ނުލިބި، ގިނަ ތަންތާނގައި. އެހެންވީމާ، މެންދުރުފަހުން އޮފީސް ހުޅުވަންޖެހެނީ. ރޭގަނޑުވެސް އޮފީސް ހުޅުވަން ޖެހެނީ. ގަވާއިދުން އެ ހަގަޑިއިރުގެ މަސައްކަތް ބަރާބަރަށް ލިބޭ ކަމުގައިވަންޏާ އަޅުގަނޑު ހިތުން ވަރަށް މަދު ތަނެއްގައި މަސައްކަތް ހުންނާނީ، އެއްދުވަހުން އަނެއްދުވަހަށް ނުނިމި. އެހެންވީމާ، އަޅުގަނޑަށްހީވަނީ މިކަމުގައިވެސް އެންމެބޮޑު މަސްއޫލިއްޔަތެއް އެޅޭ ފަރަތަކީ، އޮފީސް ހިންގަވާ ފަރާތްހެން. އެއީ، މުވައްޒަފުން ތިބޭނީ އެމީހުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންތައް ގެންދެވޭތޯ ބަލަބަލައި ތިބޭނީ. އެމީހުން ލައްވާ މަސައްކަތް ކުރުވަން ތިބޭ ފަރާތުން، އެމީހުން ލައްވާ މަސައްކަތް ނުކުރުވާ ކަމަށްވަންޏާ، ނުވަތަ މަސައްކަތް ކުރުވުމުގައި މާ ދޫގޮތެއް ގެންގުޅޭކަމަށް ވަންޏާ ވާނެގޮތަކީ، މިދެންނެވިހެން އޮފީހުގަޑީގައި އޮފީހުގެ މަސައްކަތް ނުކޮށް ދާގޮތް ދިމާވާނެ.


އާދެ، އޮފީސް އޮފީހުގެ ވެރިންވެސް އެބޭފުޅުންގެ އަމިއްލަ މަސައްކަތްޕުޅަށްވެސް މިކަހަލަ ސަމާލުކަމެއް ދެއްވަންޖެހޭނެކަމަށް އަޅުގަނޑަށްފެނޭ. އާދެ، އަޅުގަނޑުވެސް އެއްބަސް، ސަރުކާރުގެ މަސައްކަތުގައި ސައުވީސް ގަޑިއިރު ހޭދަކުރައްވާ ބޭފުޅުން އެބަތިއްބެވި. ވަރަށްގިނަ މަސައްކަތްތަކާ ހަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުން، ވަރަށް ތެދުވެރި ކަމާއެކު، އެމަސައްކަތްތައް ކުރައްވަމުން ގެންދަވާ ބޭފުޅުން އެބަތިއްބެވި. ސަރުކާރުގެ އޮފީހު ގަޑީގައި، އޮފީހު މަސައްކަތުގައި، ނުރަސްމީ ގަޑީގައިވެސް، ހަމަ ސަރުކާރު މަސައްކަތުގައި ނުވަތަ އެކިއެކި ކޮމެޓީތަކުގެ މަސައްކަތުގައި، ނޫނީ އެނޫންވެސް ގޮތަކުން އެބޭފުޅުންނާބެހިގެން ސަރުކާރުން ހިންގާ ކަމެއް ބެއްލެވުމުގައި. މިގޮތުން ހަމަ ރެޔާދުވާލުގެ ގިނަވަގުތުތައް ސަރުކާރުގެ ޚިދުމަތުގައި ހޭދަކުރައްވާ، ވަރަށްގިނަބޭފުޅުން އެބަތިއްބެވި. އެއާ ޚިލާފަށް ރަސްމީ ގަޑީގައިވެސް އެކަށީގެންވާ ދަރަޖައަށް އޮފީހުގައި ނޫޅުއްވޭ، އަދި އެބޭފުޅުންގެ ވަގުތު ރަސްމީ މަސައްކަތަށް ދޫނުކުރެއްވޭ، ހަމަ އޮފީސް އޮފީހުގެ ވެރިންވެސް އެބަތިއްބެވި. އެހެންވީމާ، އެބޭފުޅުން އެކަން ރަނގަޅު ކުރައްވަން ޖެހޭނެކަމަށް އަޅުގަނޑަށް ފެނޭ.


އޮފީހަށް ވަޑައިގަތުންވެސް، މިދޭތެރެއިން އަޅުގަނޑުހިތުން އޮންނާނީ ނޯޓެއްވެސް އޮފީސް އޮފީހުގެ ވެރިންނަށްވެސް ފޮނުވިފައި. އެއީ، ބައެއް ބޭފުޅުން އޮފީހަށް ވަޑައިގެންނެވޭ ވަގުތު މާލަސްކަމަށް ފެންނާތީ. ހަތްގަޑިބައިގައި އޮފީސް ހުޅުވޭ. ހަތްގަޑިބައިގައި ވަޑައިނުގެންނެވިޔަސް، ލަސްވެގެން އަށްގަޑިބައި، ނުވަތަ ނުވައެއްޖަހާއިރު އޮފީހަށް ވަޑައިގެންނެވެންވާނެކަމަށް އަޅުގަނޑަށް ފެނޭ. ހަމައެފަދައިން، އޮފީހުގެ މަސައްކަތުގައި ރަސްމީގަޑި ނިމެންދެން ހަމަ އުޅުއްވެންވާނެ. އަދި ނޫޅެއްވުނު ކަމުގައިވިޔަސް އޭގެފަހުންވެސް އޮފީހުގެ މަސައްކަތަށް އެކަށީގެންވާ އަހަންމިއްޔަތެއް ދެއްވަންޖެހޭނެ. ބައެއް ބޭފުޅުންނަކީ، އަމިއްލަ މަސައްކަތްޕުޅުވެސް ކުރައްވާ ބޭފުޅުން. އެއީ، އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖެހިފައި އޮންނަގޮތުން މަނާކަމެއް ނޫން. އެހެންނަމަވެސް އޮފީހުގަޑީގައި އަމިއްލަ މަސައްކަތެއް ކުރެވިގެންނުވާނެ. ބޭރު މަސައްކަތެއްގައި އަމިއްލަފުޅު މަސައްކަތެއްގައި އުޅުއްވާ، އޮފީހެއްގެ ވެރިޔަކުވެސް، ސަރުކާރުގެ ރަސްމީގަޑީގައި، އެ އަމިއްލަފުޅު މަސައްކަތް އެއްގޮތަކަށްވެސް ކުރައްވައިގެނެއް ނުވާނެ. ކުރެއްވުމަކީ، ގަވާއިދާ ޚިލާފަށް ކުރެއްވޭ ކަމެކޭ، އަޅުގަނޑު ދަންނަވާނީ. އެހެންވީމާ، އެބޭފުޅުންވެސް އެކަމަށް ވިސްނާވަޑައިގަންނަވައިގެން އޮފީހުގަޑީގައި ހަމަ އެއޮފީހެއްގެ މަސައްކަތުގައި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ. އަމިއްލަފުޅަށް ލިބިވަޑައިގަންނަވާ، މެންދުރުފަހުގެ ނުވަތަ ރޭގަނޑުގެ ވަގުތުގައި އެބޭފުޅަކު އެކުރައްވާކަމެއް ކުރެއްވުމާ ދޭތެރޭގައި ސަރުކާރުގެ އެއްވެސް އިއުތިރާޒެއް ނޯންނާނެ. އެއްވެސް މައްސަލައެއް ނެތް، އެހެން އެކަން އޮތަސް އޮފީހު ގަޑީގައި، ހަމަ އޮފީހުގެ ކަންތަކަށް ހަމަ ހުރިހާ ވަގުތެއްވެސް ހޭދަކުރައްވަން ޖެހޭނީ. އެހެންކަމަށްވަންޏާ އަޅުގަނޑު ހިތުން އޮފީސްތަކުގެ މަސައްކަތްތައްވެސް ލަސްނުވެ ކުރިޔަށްދާނެ.


އާދެ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ބަލަންޖެހޭނީ ސަރުކާރުގެ ޚިދުމަތަކީ، މުޅި ޤައުމަށް ކުރެވޭ ޚިދުމަތެއް ކަމުގައި. ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ސަރުކާރާ ޤައުމާ މުޅިން ތަފާތު ދެއެއްޗޭ. ދެން ސަރުކާރަށް ތިން އަހަރުދުވަސް ޚިދުމަތް ކުރަން ޖެހުމަކީވެސް ވަރަށް ބޮޑުކަމަކަށް އޮންނަނީވެފައި. ފަސް އަހަރުދުވަސް ސަރުކާރަށް ޚިދުމަތްކުރަން ޖެހުމަކީ، އަދި އެއަށްވުރެ ބޮޑުކަމަކަށް އޮންނަނީ ވެފައި. އެކަމަކު ހަޤީޤަތުގައި ސަރުކާރަކީ، ޤައުމަށްޓަކައި އުފެދިފައި އޮންނަ ތަނެއް، ނުވަތަ މެޝިނަރީއެއް. ސަރުކާރަށް އެކުރާ ޚިދުމަތަކީ، ޤައުމަށް ކުރެވޭ ޚިދުމަތެއް. އެއީ، އަޅުގަނޑުމެން އިހުސާސް ކުރަންވީ އެއްޗަކީ. އަޅުގަނޑުމެންގެ މުވައްޒަފުންވެސް ސަރުކާރުގެ ޚިދުމަތަށް ލޯބި ކުރެވޭތޯ އަޅުގަނޑު ހިތުން އޮފީސް އޮފީހުގެ ވެރިންނަށް ކުރެއްވޭނެ މަސައްކަތްތަކެއް ހުންނާނެ. ކޮންމެ މުވައްޒަފަކުވެސް އެމީހަކު އެކުރާ މަސައްކަތަށް އެމީހާގެ ހިތުގައި ޝައުޤުވެރިކަން އުފެއްދޭތޯ، އަދި އެރޮނގުން ކުރިޔަށް އެމީހަކަށް ދެވޭނެ މަގު ތަނަވަސް ކޮށްދެއްވޭތޯ ބައްލަވައިގެން މަސައްކަތް ކުރެއްވިދާނެ. އެހެން، މަސައްކަތް ކުރެއްވިއްޖެއްޔާ އެއް އޮފީހަކުން އަނެއްއޮފީހަކަށް މުވައްޒަފުން ބަދަލުވުންވެސް މަދުވާނެކަމަށް އަޅުގަނޑަށް ދެންނެވިދާނެ. މިހާރު އެ ބަދަލުވާންޖެހޭ ސަބަބަކީ، އެ މުވައްޒަފަކު އެކުރާ މަސައްކަތަކަށް އޭނާގެ ހިތުގައި އެއްވެސް ޝައުޤުވެރިކަމެއް ނޯންނަކަން. އެހެނެއްނޫން، އެކުރާ މަސައްކަތް އެއީ، އެމީހަކު ކުރާހިތްވާ އަދި އެ މަސައްކަތުގައި ކުރިޔަށްދާން އެދޭ މަސައްކަތަކަށްވަންޏާ، އަދި އެހެން ތަނެއްގެ މުސާރަ ދިހަރުފިޔާ ނުވަތަ ފަންސަވީސްރުފިޔާ ބޮޑުވިޔަކަސް އެތަނަކަށް ދާހިތެއްނުވާނެ.


އެހެންވީމާ، މުވައްޒަފުން ހިފެހެއްޓެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އަޅުގަނޑު ހިތުން އެކުރާ މަސައްކަތަކަށް މުވައްޒަފުންގެ ހިތުގައި ޝައުޤުވެރިކަން އުފެއްދެވޭތޯ ބެއްލެވުން އެއީ، ވަރަށް ބޭނުންތެރި ކަމެއް. އަދި އެ މަސައްކަތުގައި މުވައްޒަފުންނަށް ކުރިޔަށް ދެވޭނޭ މަގުތައް ހޯއްދަވައިދެއްވުންވެސް އެއީ، އިތުރު ތަމްރީނު އެމީހުންނަށް ލިބޭނެ ފުރުޞަތުތައް ހޯއްދަވައި ދެއްވުމާއި، އަދި ކުރިޔަށްދެވޭނެ އެހެން މަގުތައްވެސް ހޯއްދަވައި ދެއްވުމާ، އެރޮނގު އެއީ، އެ މުވައްޒަފަކު ޚާއްޞަ ވާންވީ ރޮނގެއްކަން އޭނާއަށް އިހުސާސް ކުރެވޭގޮތަށް ކަންތައް ގެންދެވުމާއި، މިގޮތްގޮތުން މުވައްޒަފުން ހިފެހެއްޓެވުން އެއީ، މާ ބޭނުންތެރިކަން ބޮޑުކަމެއް، މުސާރަ ބޮޑުކުރައްވައިގެން ހިފެހެއްޓެވުމަށްވުރެ. މުސާރަ ބޮޑުކުރައްވައިފިއްޔާ އެހެން ތަނަކުން އަނެއް ދުވަހަކު މުސާރަ ބޮޑުކުރައްވައިފިއްޔާ އަނެއް ތަނަކަށް އަނެއްކާ ދާނެ. އެކަމަކު އެމީހާގެ ހިތުގައި ކަމަކަށް ޚާއްޞަ ލޯތްބެއް ނުވަތަ ޝައުޤުވެރިކަމެއް އޮންނަންޏާ އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އަދި މުސާރަ ތަންކޮޅެއް ކުޑަވިކަމުގައިވިޔަސް އެތަނެއްގައި އެމީހަކު ހުރުމަކީ ވަރަށް ކައިރީގައި އޮންނާނޭ ކަމެއް.


އާދެ، އަޅުގަނޑު މިރޭ ދައްކަން ގަސްދުކުރި ވާހަކަތަކަކީ އެއީ. ސަރުކާރުގެ ވެރިން، ސަރުކާރުގެ އޮފީސްތަކުގެވެރިން ސަރުކާރުގެ ކަންތައްތަކަށް މިހާރަށްވުރެވެސް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެންނޫނީ ސަރުކާރުގެ ކަންތައްތައް ކުރިޔަކަށް ނުދާނެކަން ޔަގީން. މިހާރުވެސް ވަރަށް ގިނަ ކަންތައްތައް ލަސްވަމުންދޭ. ކަނޑައެޅިފައި އޮންނަ ތާރީޚަށް ގިނަ ކަންތައްތަކެއް ނުނިމޭ. އެހެން ނުނިމުމުގެ ސަބަބުތަކެއްވެސް ހުންނާނެ. އަޅުގަނޑަށްވެސް އެނގޭ. ފައިސާއާބެހޭ ސަބަބުތަކެއްވެސް ހުރޭ. މުވައްޒަފުންގެ މައްސަލަތައްވެސް ހުރޭ. މުވައްޒަފުން މަދުކަމާއި، މަސައްކަތް ބުރަކަމާއި، މިކަހަލަ ކިތަންމެ ސަބަބުތަކެއްވެސް ހުރޭ. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ އެންމެ ބޮޑު ސަބަބަކީ، ހަމަ އެކަމަށް އެކަށީގެންވާ އަހަންމިއްޔަތު ނުދެއްވެނީހެން. އެ ނުދެއްވެނީ ހަމައެކަނި އެކަމުގައި އުޅޭ އާދައިގެ މުވައްޒަފުންނަކަށް ނޫން. ވެރިންނަށްވެސް އެކަށީގެންވާ އަހަންމިއްޔަތު ނުދެއްވެނީހެން އަޅުގަނޑަށް ހީވަނީ. އެހެންވީމާ، އެކަހަލަ ކަންތައްތައް އެހާ ބޮޑަށް ލަސްވެފައި އެހުންނަންޖެހޭ ސަބަބަކީ.


އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިހެން މިވާހަކަތައް މިހެން ދެންނެވުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް ތިޔަބޭފުޅުން ހިތްޕުޅު ހަމަނުޖެހޭގޮތަކަށް، ނުވަތަ ދަތިފުޅުވާގޮތަކަށް އަޅުގަނޑު ވާހަކަ ދެއްކުމެއް ނޫން. އިޚުލާޞްތެރިކަމާއެކު، ނަޞޭޙަތާއި އިރުޝާދު ދިނުމުގެ ގޮތުން ދަންނަވާ އެއްޗެއް މިއީ. އެއީ، އަޅުގަނޑުގެބޭނުމަކީ، ސަރުކާރު ވީހާ ހަރުދަނާ ގޮތެއްގައި ހިނގަމުންދިއުން. ސަރުކާރުގެ މަސައްކަތްތައްވެސް އެއްދުވަހުން އަނެއްދުވަހަށް ކުރިޔަށް ދިއުން. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށްލިބޭ ފައިދާތަކާއި، ކުރިއެރުންވެސް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުންދިއުން. އެހުރިހާކަމެއް އެހެންވާނީ މި މަސްއޫލިއްޔަތު އުފުލަންތިބޭ ހުރިހާ އެންމެން އެމީހުންނަށް ރަނގަޅަށް އެ މަސްއޫލިއްޔަތު އިހުސާސް ކުރެވިގެން.


އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިންވެސް ސަރުކާރުގެ ޚިދުމަތުގައި ވަރަށް ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި އުޅުއްވާބޭފުޅުން ތިއްބެވިކަން އަޅުގަނޑު ފާހަގަކުރާކަން ދަންނަވައިލަން. ހަމައެފަދައިން، ސަރުކާރުގެ އޮފީސްތަކުގެ މެދުގައި އޮންނަންވާ ގުޅުމުގެ ބޮޑުކަމުގެ މައްޗަށްވެސް ހަމަ އިތުރު އަހަންމިއްޔަތެއް ދެއްވުމަށް ދަންނަވަންޖެހޭ. އެއީ، މިހާރު ކަންތައްތައް ރޭވިގެން ހިނގަމުންދާގޮތުން ވަރަށްގިނަ ކަންތައްތައް އެއީ ވަރަށްގިނަ އޮފީސްތަކެއް އެކުވެގެން ގުޅިގެންނޫނީ ކުރިޔަށް ނުގެންދެވޭނެ ކަންތައްތަކެއް ކަމަށްވާތީ. އެހެންވީމާ، އޮފީސްތަކުގެ މެދުގައި އޮންނަ ގުޅުމަށްވެސް އިތުރު އަހަންމިއްޔަތެއް ދެއްވައި، އަދި ކަންތައްތައް ކުރިއަށް ގެންދިޔުމުގައި މިހާރަށްވުރެ ފަރުވާތެރިކަން، ހުރިހާ ފެންވަރެއްގައިވެސް ބެހެއްޓެވުން. އެއީ، އަޅުގަނޑުގެ އެދުމަކީ.


އެންމެ މަތީ ފެންވަރުން ފެށިގެން އެންމެ އާދައިގެ މުވައްޒަފާ ހަމައަށް، ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބު ފުރިހަމައަށް އަދާކުރަމުން ގެންދަންޏާ، އަޅުގަނޑު ހިތުން ސަރުކާރުގެ ހުރިހާ ކަމެއްވެސް އެއްދުވަހުން އަނެއްދުވަހަށް ދާނީ ރަނގަޅުވަމުން. އެހެން ނުދާ ސަބަބަކީ، މުވައްޒަފުންނަށް އެމީހުންގެ ވާޖިބުތައް އިހުމާލުކުރެވޭކަން. އެންމެ ތިރިންފެށިގެން ހަމަ ދަންނަވާނީ، ތަފާތު ފެންވަރުތަކާ ޖެހެންދެންވެސް ހަމަ އެކަން ހިސާބަކަށް ހުންނަނިއްޔޭ. އެހެންވީމާ، އަޅުގަނޑުގެ މިރޭގެ މަޤްޞަދަކީ، ނުވަތަ ބޭނުމަކީ ހުރިހާ ބޭފުޅުންވެސް އަޅުގަނޑު މިދެންނެވި ވާހަކަތަކާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނާވަޑައިގެން ސަރުކާރުގެ ކަންތައްތަކުގައި މިހާރު ބަހައްޓަވަމުން ގެންދަވާ ފަރުވާތެރިކަމަށްވުރެ އިތުރު ފަރުވާތެރިކަމެއް ބަހައްޓަވައި، ސަރުކާރުގެ ކަންތައްތައް ވީހާ ރަނގަޅު، ހަމަޖެހޭ، ހަލުވިގޮތެއްގެ މަތިން ކުރިޔަށް ގެންދެވުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުންވެސް އަޅުގަނޑަށް ލިބުން.


އާދެ، މިހެން ދަންނަވާއިރު އަޅުގަނޑު ކުރިންވެސް ދެންނެވިހެން ސަރުކާރުގެ ޚިދުމަތުގައި އުޅުއްވާ ބޭފުޅުން، ވަރަށް ގިނަ ބޭފުޅުން ތިއްބެވިކަން އަޅުގަނޑު ހަނދާންކުރަން. އަދި ވަރަށް ގިނަ އޮފީސްތަކުން ޚުދު އަޅުގަނޑަށްވެސް، އަދި ރައީސް އޮފީހަށްވެސް ވަރަށްގިނަ ފަސޭހަތައް ލިބެމުންދާކަންވެސް ފާހަގަކުރަން. އެފަރާތްތަކަށް ހަމަ އިޚުލާޞްތެރިކަމާއެކު ޝުކުރުވެރިވަން، އަޅުގަނޑު. އެހެންނަމަވެސް، އޭގެއިތުރުން މިދެންނެވި ކަހަލަ ބައެއް ކަންތައްތައް ހުރީމާ ކަންތައްތައް ކުރިޔަށް ނުގޮސް ލަސްވެފައި ހުންނާތީ އަޅުގަނޑު މިވާހަކަތައް ދަންނަވައިލަން މިޖެހުނީ. ދެން އަޅުގަނޑު ޔަގީންކުރަން، އަޅުގަނޑު މިރޭ މިދެންނެވި ވާހަކަތަކާ ދޭތެރޭގައި ހުރިހާ އޮފީސްތަކުގެ ވެރިންވެސް އެކަށީގެންވާގޮތަކަށް ވިސްނަވައި، އަދި ކަންތައްތައް ރަނގަޅު ކުރައްވައި ކުރިޔަށް ގެންދެވުމަށްޓަކައި އެކަށީގެންވާ އިޞްލާޙީ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް.


والسّلام عليكم ورحمـة اللّـه وبركاته.