މި ސަރުކާރުގެ މިސްރާބު ހުރީ އާ ވިސްނުމަކާއި، އާ އަޒުމަކާއެކީ އާ ދިވެހިރާއްޖެއަކާ ދިމާއަށް ދަތުރުކުރުންކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅު މުލަކުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މި ސަރުކާރުން ކުރަން ބޭނުންވާ މަސައްކަތަކީ ރާއްޖޭގެ އެކި ހިސާބުގައި އާބާތުރަ ފިލުވަންވެފައި ހުރި ކަންކަން އާބާތުރަފިލުވައި، އަލުން ބޭނުންވާ ކަންތައްތައް އިއާދަކޮށްދިނުންކަމުގައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރުގެ ފާއިތުވި ތިން އަހަރު ދުވަހުގައި އެފެއްދުނު ވަރަކަށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު، ދިވެހި ތާރީޚުގައިވެސް އުފެއްދިފައި ނުވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި ޒަމާނީ ޑިމޮކްރަސީއެއް އުފެއްދުމުގެ ބޭނުމަކީ ރައްޔިތުންނަކީ ޤައުމުގެ ތަރައްޤީގެ ހިއްސާދާރުންކަމުގައި ދިވެހިންނަށް ވިސްނައިދިނުމެވެ. އަދި، އެ ރައްޔިތުން ތަރައްޤީގެ ހިއްސާދާރުންނަށް ވާނީ ރައްޔިތުންނާއި ހަމަޔަށް އެ ތަރައްޤީގެ މަންފާ ފޯރައިގެންކަމުގައި ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ބޮޑު އަދަދެއްގެ ދަރަނި ނަގައިގެން ބޮޑެތި މަޝްރޫޢު ހިންގުމުގެ ބޭނުމަކީ އެއަށްވުރެ ބޮޑު ނަފާއެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޯށްދިނުންކަމުގައިކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިންގެ ފުދުންތެރިކަން ހުންނަ މިންވަރުން ދިވެހިން ކަންކަން ކުރަން މަޑުކުރާކަމަށް ވަންޏާ ރާއްޖެއަށް މި ފެންނަ ތަރައްޤީ، މިހާ ހަލުވި ދުވެއްޔެގައި ނުފެންނާނެކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދިވެހިން އެކަކު އަނެކަކަށް އަޅާލުމަށާއި، އިޚްތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗައް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މުޅި މުޖުތަމަޢުގެ އަމާންކަމާއި ސަލާމަތައް ބަލާފައި އަށަގަންނަވަން ޖެހޭ އެތައް އިސްލާމީ ރިވެތި އާދަތަކެއް ވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން، މި ސަރުކާރަކީ ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ރޮނގުން ކަންކަން ކުރަން އޮންނަ އުޞޫލުން ކަންކަން ކުރަން ޖާގަ ދީގެން ކަންކަން ކުރާ ސަރުކާރެއްކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.