بســم اللّـه الرّحمـن الرّحيــم

އަޅުގަނޑުމެންގެ މި އުފާވެރި 15 ވަނަ ޖުމްހޫރީ ދުވަހު، އަޅުގަނޑުމެން މި ފާހަގަކުރަނީ ވަރަށްމުހިންމު މުނާސަބަތެއް. އާދެ، މިއަދުގެ މި އުފާވެރި ހެނދުނުގެ ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުމެން ބައިވެރިވާން އައިސް މިތިބީ، މިފަދަ މުހިންމު ދެވަނަ އިޙުތިފާލުގައި. މީގެ ގަޑިއެއްހާއިރު ކުރިން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ވަރަށް ތާރީޚީ އިމާރާތެއްގެ ބިންގާ އެޅުނުތަން. މިހާރު އަޅުގަނޑުމެން މިދެކެނީ ދިވެހިރާއްޖޭގެ ނަމުގައި އުފެދޭ އެންމެ ފުރަތަމަ ބެންކުގެ ހުޅުވުން.

ޝައްކެއްނެތް، މިއަދު އަޅުގަނޑުމެން މި ދުށް ދެމުނާސަބަތަކީ، އެ ދެމުނާސަބަތާ ދެމެދު ވަރަށްބޮޑު ގުޅުމެއްހުރި ދެ މުނާސަބަތެއް. ކަމުގެ ގޮތަށް ވިސްނާއިރު، އެއީ ތަފާތު ދެބާވަތެއްގެ ކަމެކޭވެސް ދެންނެވިދާނެ. އެހެންނަމަވެސް، ޤައުމުގެ ތަރައްޤީއަށް ވިސްނާއިރު، އެ ދެކަންތަކަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެކަންތައްކަން ކަށަވަރު.

އާދެ، އެއްކަމަކީ އަޅުގަނޑުމެންގެ ޤައުމުގައި އިސްލާމީ މަރުކަޒެއްގެ ބިންގާ އެޅުން. އެއީ އަޅުގަނޑުމެންގެ ރޫޙާނީ ތަރައްޤީއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް. އަނެއްކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގައި، ރާއްޖޭގެ ނަމުގައި ބެންކެއް ހުޅުވުން. އެކަމަކީ އަޅުގަނޑުމެންގެ މާއްދީ ތަރައްޤީއަށް ހަމަ އެހާމެ ބޮޑަށް ބޭނުންވެފައިވާ ކަމެއް. ޝައްކެއް ނެތްގޮތުގައި، މުޖުތަމަޢެއްގެ ކުރިއެރުން އޮންނާނީ، އެ މުޖުތަމަޢުގެ ރޫޙާނީ ކަންތައްތައް ކުރިއަށް ދިޔުމާއި، މާއްދީ ކަންތައްތައް ކުރިއަށް ދިޔުމުގެ މައްޗަށް ބިނާވެފައި. ހަމައެކަނި އެދެފަރާތުންކުރެ އެއްފަރާތެއްގެ ކަންތައްތައް ތަރައްޤީވެގެން، އެ މުޖުތަމަޢެއްގެ ހުރިހާކަމެއް އިޞްލާޙުވެ ކުރިޔަކަށް ނުދާނެ. އެ ދެކަންތައް ދާދި އެކުއެކުގައި ކުރިއަށްދާންޖެހޭނީ.

އާދެ، އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވެސް އަންގަވައިފައިވާ ގޮތް. [وَابْتَغِ فِيمَا آتَاكَ اللَّـهُ الدَّارَ الْآخِرَةَ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا.] އާދެ، ﷲ އެ ވަޙީކުރައްވަނީ، ތިޔަބައިމީހުންނަށް ﷲ ދެއްވި ނިޢުމަތްތަކުގެ ތެރެއިން، ނިޢުމަތްތަކުގެ ބޭނުން ތިޔަބައިމީހުން ކުރާށޭ! އާޚިރަތް ދުވަހުގެ ހެވާއި ނަސީބު ހޯދުމަށްޓަކައި، އެ މަޤްޞަދުގައި. ހަމައެފަދައިން، ކޮންމެ މީހަކަށްވެސް ތަނަވަސްކަމާއި ކުރިއެރުމުގެ ގޮތުން މި ދުނިޔޭގައި ﷲ ކަނޑައަޅުއްވައިފައިވާ ބައި ހަނދާންނެތިކޮށްނުލާށޭ! އެހެންވީމާ، މިއަދު މި ދެބައި ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހި ޤައުމު މި ކުރިމަތިލަނީ. އަޅުގަނޑުމެންގެ އިޖުތިމާޢީ ރޫޙާނީ ޘަޤާފީ ތަރައްޤީއަށްޓަކައި މިއަދު ހެނދުނު ބިންގާއެޅުނު މަރުކަޒުގެ ބިންގާ އެޅުނީ. ހަމައެފަދައިން، އަޅުގަނޑުމެންގެ އިޤުތިޞާދީ އަދި މާއްދީ ކުރިއެރުމަށްޓަކައި މިއަދުގެ މިހާރުގެ މިވަގުތުގައި އަޅުގަނޑުމެންގެ މި ބެންކު މި ހުޅުވެނީ.

އާދެ، މިއަދު އަޅުގަނޑު އުފާކުރަނީ ހަމައެކަނި ދިވެހިރާއްޖޭގެ ނަމުގައި ބެންކެއް ހުޅުވުނުކަމަށްޓަކައެއް ނޫން. އެ ބެންކުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ލިބޭނެ ތަރައްޤީއަށްޓަކައިވެސްމެ. ދެންމެ ތިޔަބޭފުޅުންނަށް ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އެ ވިދާޅުވެދެއްވި ގޮތުގެ މަތިން، މި ބެންކަކީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އުޚުއްވަތްތެރި އިސްލާމީ ޤައުމަކާ ދެމެދުގައި އޮތް އެއްބާރުލުމެއްގެ ނަތީޖާއެއްގެ ގޮތުން ހުޅުވުނު ބެންކެއް. އާދެ، އުޚުއްވަތްތެރި އިސްލާމީ ޤައުމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ބަނގްލަދޭޝް. ދިވެހި ސަރުކާރާއި ބަނގްލަދޭޝް ސަރުކާރާ ނުވަތަ ބަނގްލަދޭޝްގެ ސަރުކާރު ހިމެނިފައިވާ ކުންފުންޏަކާ ދޭތެރޭގައި މި ބެންކު ހުޅުވުމާ ބެހޭގޮތުން މަޝްވަރާ ކުރެވެމުން އަންނަތާ މިހާރު ތިންއަހަރުދުވަސް ވެއްޖެ. އެ މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަހަރު ކުރީކޮޅުގައި ދިވެހި ސަރުކާރާއި ބަނގްލަދޭޝްގެ އެ ކުންފުނި، އާދެ، [އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކަމްޕެނީ.] މި ދެފަރާތާ ދެމެދުގައި އެގްރީމަންޓެއްގައި ސޮއިކުރެވުނީ، މި ބެންކު ހުޅުވުމުގެ މަޤްޞަދުގައި. މިއަދު އަޅުގަނޑުމެން މި ދެކެނީ، އެ ޙަޤީޤަތް އަޅުގަނޑުމެންގެ ކުރިމައްޗަށް ހާމަވެގެންދާތަން.

ބަނގްލަދޭޝް އަކީ، ދިވެހިރާއްޖެއާ އެ ޤައުމަކާ ދެމެދުގައި ވަރަށްގާތް ގުޅުންތަކެއް ބަދަހިވަމުން އަންނަ ޤައުމެއް. ޚާއްޞަކޮށް، ފަހަކަށްއައިސް ދިވެހިރާއްޖެއާއި ބަނގްލަދޭޝް އާ ދެމެދުގައި އޮންނަ ގުޅުން، ކުރިއަށްވުރެ މާބޮޑުތަން ތަރައްޤީވެގެން ހިނގައްޖެ. އޭގެ އެއް ސިއްރެއް ކަމުގައި އަޅުގަނޑު ދެކެނީ، މިހާރު ބަނގްލަދޭޝްގެ ސަރުކާރާ ހަވާލުވެވަޑައިގެން ހުންނެވި ޗީފް މާޝައްލޯވ އެޑްމިނިސްޓްރޭޓަރ ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދުގެ ހިންމަތާއި މަސައްކަތްޕުޅު.

އާދެ، މިވޭތުވެދިޔަ ދެތިންމަސްދުވަހުގެ ތެރޭގައި އެމަނިކުފާނާ ބައްދަލުކުރުމުގެ އުފާ އަޅުގަނޑަށް ދެފަހަރެއްގެ މަތިން ލިބުނު. އެއްފަހަރު މައްކާގައި. އަނެއްފަހަރު ފިޖީގައި. އެއިން ކޮންމެ ތަނެއްގައިވެސް އެމަނިކުފާނު ދިވެހިރާއްޖެއާ ދޭތެރޭގައި ހާމަކުރެއްވީ ވަރަށް އިޚުލާޞްތެރި ޝުޢޫރުތަކެއް. އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ބަނގްލަދޭޝްގެ ސަރުކާރުން ކުރެވެންއޮތް ހުރިހާކަމެއް ކޮށްދެއްވާނެ. އަދި ދިވެހިރާއްޖެއާއި ބަނގްލަދޭޝް އާ ދެޤައުމަކީ އިސްލާމީ ދެޤައުމު ކަމަށްވެފައި، މިހިސާބުގަނޑުގެ ދެޤައުމުކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުން އެއްދުވަހުން އަނެއްދުވަހަށް ބަދަހިވެ ތަރައްޤީ ކުރެއްވުމަށްޓަކައި އެމަނިކުފާނަށް ކުރެއްވުނު ހުރިހާ ކަމެއް ކުރައްވާނެ.

މިއަދަށް، އާދެ، ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް މި ބެންކު ހުޅުވުމުގެ ރަސްމިއްޔާތު ހަމަޖެހިފައިވުމާއެކު، މި ރަސްމިއްޔާތު ފަޅުފިލުވައިދެއްވުމަށްޓަކައި ބަނގްލަދޭޝްގެ ކަމާބެހޭ މިނިސްޓަރ ފޮނުވައިދެއްވުމަށް އަޅުގަނޑު ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދުގެ އަރިހުން އެދުމުން، އެމަނިކުފާނު އެކަމަށް ދެއްވީ ވަރަށްއަވަސް، ވަރަށް ފުރިހަމަ އިޖާބައެއް. ވިދާޅުވީ، އެއްވެސް މައްސަލައެއްނެތޭ ބަނގްލަދޭޝްގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މިސްޓަރ އޭ.އެމް.އޭ މުޙީޠު ތިޔަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ތިމަންނާ ހަމަޖައްސަވާނަމޭ. އެ ވިދާޅުވި ވިދާޅުވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެމަނިކުފާނު ވަޑައިގެން މި އިންނެވީ. އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް، ދިވެހި ސަރުކާރުގެ ނަމުގައި މިސްޓަރ އޭ.އެމް.އޭ މުޙީޠަށް އިޚުލާޞްތެރިކަމާއެކު މަރުޙަބާ ދެންނެވުމަކީ.

އާދެ، ޝައްކެއް ނެތްގޮތުގައި ޤައުމުގެ ތަރައްޤީގައި، އެއްވެސް ޤައުމެއްގެ ތަރައްޤީގައި ބެންކުގެ ނަމުގައި ހުޅުވިފައިވާ މާލީ އިދާރާތަކުން ކުޅެމުން ގެންދަނީ އަދި ގެންދާނީ ވަރަށް މުހިންމު ދައުރެއް. މާލީ އިދާރާއެއް ނެތް ތަނެއްގައި އިޤުތިޞާދީ ކަންތައްތައް ހުންނާނީ ހުއްޓުމަކަށް އައިސްފައި. މަސައްކަތްތެރިކަން ކުރިއަށް ގެންދިޔުމުގެ މަގުތައް އޮންނާނީ ބެދިފައި. އާދެ، ބެންކުގެ ޚިދުމަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހާމަވެގެންދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި އެއްވެސް ބެންކެއްގެ ގޮތްޕެއް ނެތް ދުވަސްވަރާ މިހާރާ އަޅުގަނޑުމެން އަޅައި ބަލައިލައިފި ކަމަށްވަންޏާ، ދެންމެ ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ފުރަތަމަ ބެންކެއް އުފެދުނީ ނުވަތަ ބެންކެއްގެ ގޮތްޕެއް ހުޅުވުނީ 1974 ވަނަ އަހަރުގެ ތެރޭގައި. މީގެ 8 އަހަރު ކުރިން. އެއީ ސްޓޭޓް ބެންކު އޮފް އިންޑިޔާގެ މާލޭގޮފި. އޭގެކުރިން ރާއްޖޭގައި އެއްވެސް ބެންކެއް ނެތް. އޭގެފަހުން ޙަބީބް ބެންކުގެ ގޮތްޕެއް ހުޅުވިއްޖެ. ބެންކު އޮފް ސިލޯނުގެ ގޮތްޕެއް ހުޅުވިއްޖެ. މިއަދު މި ހުޅުވެނީ އަޅުގަނޑުމެންގެ އަމިއްލަ ބެންކު، އާދެ، ބެންކު އޮފް މޯލްޑިވްސް. މިދެންނެވި ބެންކުތައް ރާއްޖޭގައި ހުޅުވުމުގެ ކުރިން މިހާރާ އަޅައިބަލާއިރު، ޤައުމަށް އައިސްފައިވާ ތަރައްޤީ، އެއްވެސް ބޭފުޅަކަށް ވަންހަނާވެގެނެއް ނުވާނެ. ވިޔަފާރީގެގޮތުން ރާއްޖެ މިހާރު ކުރިއަށް ގޮސްފައިވާ މިންވަރު، ޓޫރިޒަމް ތަރައްޤީވެފައިވާ މިންވަރު، އަދި އެނޫން ގޮތްގޮތުންވެސް އަޅުގަނޑުމެންގެ އިޤުތިޞާދީ، ޢުމްރާނީ އަދި އެނޫންވެސް ކަންތައްތަކަށް އައިސްފައިވާ ބޮޑެތި ބަދަލުތައް. އެހެންވުމާއެކު، މިއަދު ދިވެހިރާއްޖޭގެ ނަމުގައި ދިވެހި ސަރުކާރުން ހިއްސާވާ ނުވަތަ ދިވެހި ސަރުކާރުގެ ހިއްސާވާ ބެންކެއް އުފެދުމުން ރާއްޖޭގެ އިޤުތިޞާދަށާއި ވިޔަފާރިއަށް ލިބޭނެ ކުރިއެރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއްނޫން.

ބެންކުގެ މަޤްޞަދުތަކާ ދޭތެރޭގައި ވިސްނާއިރު، އެންމެ މުހިންމު މަޤްޞަދެއް ކަމުގައި ވަނީ ވިޔަފާރިއާބެހޭ ކަންތައްތަކުގައި ބެންކުން ކޮށްދޭންޖެހޭ ޚިދުމަތްތައް ކޮށްދިނުން. އާދެ، އަޅުގަނޑުމެންގެ މި ބެންކުން، ބެންކު އޮފް މޯލްޑިވްސް އިން ރާއްޖޭގެ ވިޔަފާރިއާ ބެހޭގޮތުން އެހެން ބެންކުތަކުންވެސް ކޮށްދޭ ހުރިހާ ކަމެއް ކޮށްދޭގޮތަށް ވަނީ ހަމަޖެހިފައި. އެހެންނަމަވެސް، އެންމެ ބޮޑަށް އަޅުގަނޑު މިއަދު މިމަޤާމުގައި ފާހަގަކޮށްލަން ބޭނުންވަނީ، މިބެންކުން އަޅުގަނޑުމެންނަށް ކޮށްދޭނެ އިތުރު ޚިދުމަތެއް އޮތްކަމަށްޓަކައި އެ ޚިދުމަތް. އާދެ، އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި މަޝްރޫޢުތަކުގައި ފަސޭހަކަމާއެކު މާލިއްޔަތު ލިބޭނެގޮތް މެދުވެރިކޮށްދިނުން. އަޅުގަނޑުމެންގެ މި ބެންކަކީވެސް ވިޔަފާރީގެ ބެންކެއް، ކޮމާޝަލް ބެންކެއް. އެހެންނަމަވެސް، އެ ބެންކުގެ ޚިދުމަތްތަކުގެ ތެރޭގައި ތަރައްޤީއާބެހޭ ކަންތައްތަކުގައި މާލިއްޔަތުގެ އެހީ އެކިއެކި އަމިއްލަ ފަރާތްތަކަށް ފޯރުވައިދިނުން ހިމެނޭ. ވަރަށް ކުޑަކުޑަ، ޚިދުމަތެއްގެ އަގެއް ނެގުމަށްފަހުގައި. އާދެ، އެއީ ދުނިޔޭގެ ވަރަށްގިނަ ތަންތާނގައި ބައެއް ބެންކުތަކުން ކޮށްދެމުންދާ ޚިދުމަތެއް، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވަރަށް ބޭނުންވެފައިވާ ޚިދުމަތެއް.

އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުހުރި އެހެން ބެންކުތަކުން ޚިދުމަތްކޮށްދެނީ ހަމައެކަނި ވިޔަފާރީގެ އުސޫލުން. ވަރަށްމަތީ، ޚިދުމަތުގެއަގެއް ނުވަތަ އިންޓްރެސްޓެއް ނަގާ. އަޅުގަނޑުމެންގެ މިބެންކުން އެފަދަ ލޯނުތައްވެސް ދޭނެ. އޭގެއިތުރަށް ތަރައްޤީއަށް ބޭނުންވާ އެހެން ކަންކަމަށް އެއަށްވުރެ ކުޑަ އިންޓްރެސްޓެއްގައި، އެއަށްވުރެ ކުޑަ ޚިދުމަތުގެއަގެއް ނަގައިފައި، އެ ފައިސާވެސް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައި. އެހެންވީމާ، އަޅުގަނޑު ހިތުން މި ބެންކުން އަޅުގަނޑުމެންގެ އިޤުތިޞާދަށް ލިބޭނެ ތަރައްޤީއަކީ، ކުރީގައި މާލޭގައި ހުޅުވިފައި ހުރި ބެންކުތަކުން ލިބޭނެ ތަރައްޤީއަށްވުރެ ބޮޑު ތަރައްޤީއެއް. ކޮންމެއަކަސް މިދެންނެވި ޚިދުމަތް ހަމަޖެހިގެން ހިނގަމުންދާނީ އަދި ދުވަސްކޮޅެއްފަހުން. އެއީ މި ބެންކުވެސް ދުނިޔޭގެ އެހެން ބެންކުތަކަށް ތަޢާރުފުވެ، މިބެންކަށް އެކަށީގެންވާގޮތަކަށް ބެންކުގެ މަސައްކަތް ލިބިގެން. އެހެންވީމާ، ކުޑަދުވަސްކޮޅެއް ފަހުންނަމަވެސް، މި ދެންނެވި ޚިދުމަތް ފެށުމަކީ އަޅުގަނޑުމެންގެ އިޤުތިޞާދަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެން.

އާދެ، ތަނުގެ އިޤުތިޞާދީ ކުރިއެރުމާދޭތެރޭގައި ވިސްނާއިރު، ތަނުގެ އިޤުތިޞާދަށް އެންމެ ބޮޑަށް ފައިދާކުރާނެ ކަމަކީ ތަނުގައި އުފައްދާ ތަކެތި އިތުރުކުރުންކަން އަޅުގަނޑުމެންނަށް ވިސްނޭ. ދިވެހިރާއްޖޭގައިވެސް އުފައްދާ ތަކެތި އެބަހުރި. ރާއްޖޭގެ އިޤުތިޞާދު ކުރިއަށްދާނީ އަޅުގަނޑުމެންނަށް އެތަކެތި ވެވުނުވަރަކުން އުފެދޭ އަދަދު ގިނަކޮށްގެން. އެ އުފައްދާ ތަކެއްޗަކީ އަޅުގަނޑުމެން ބާނާ މަސް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައި ހައްދާ އެހެން އެއްޗެއް ކަމުގައިވިޔަސް، ނުވަތަ އަޅުގަނޑުމެން ކޮށްދޭ ޚިދުމަތެއްކަމުގައިވިޔަސް، މިސާލަކަށް، ޓޫރިޒަމް ކަހަލަ ޚިދުމަތެއް ކަމުގައިވިޔަސް، އެ އުފައްދާ އެއްޗެއް އިތުރުކޮށްގެން، އެ ބޭރަށް ވިއްކައިގެން އަޅުގަނޑުމެންނަށް އިޤުތިޞާދީ ގޮތުން ކުރިއަށް ދެވެން އަންނަނީ. އެތަކެތި ބޭރަށް ވިއްކުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ އިޤުތިޞާދު ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ބޭރު ފައިސާ ހޯދުން. އަޅުގަނޑުމެންގެ ރާއްޖެއަށް ގާތްގަނޑަކަށް ހުރިހާ އެއްޗެއްވެސް ދަނީ ބޭރުން އެތެރެކުރަމުން. އެންމެކުޑަމިނުގައި ކާބޯތަކެތީގެ ބާވަތްތައްވެސް އަޅުގަނޑުމެން މި ގެންދަނީ ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކުރަމުން. އެހެންވުމާއެކު، އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާ އިތުރުވެގެން ނޫނީ ރާއްޖޭގެ ވިޔަފާރިއާއި އިޤުތިޞާދު އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދާކަށް ނޯންނާނެ. އެކަމަށްޓަކައި ތަނުގައި އުފެދޭ ތަކެތި އިތުރުކުރުމާއި، ތަނުގައި އުފެދޭ ޚިދުމަތްތައް އިތުރުކޮށް، ތަކެއްޗާއި ޚިދުމަތްތައް ބޭރަށް ވިއްކުމުގެ މުހިންމުކަން އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އިހުސާސް ކުރެވޭނެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށްކުޑަކުޑަތަނެއް. އިޤުތިޞާދީގޮތުން ބަލާއިރުވެސް އަދި ވަރަށް އާދައިގެ ފެންވަރެއްގައިއޮތް ތަނެއް. ކުރިއަށްދިޔުމުގެ މަގުތައް މާ ފުޅާކޮށް ހުޅުވިފައިވާ ތަނެއް ނޫން. އަޅުގަނޑުމެންގެ ޠަބީޢީ މުއްސަނދިކަމުގެ ވަސީލަތްތައް މަދު، އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަކީވެސް اللّـه سبحـانـه وتعـالى ކުރިއެރުމުގެ މަގުތަކެއް ދައްކަވައިފައިވާ ތަނެއް. އަޅުގަނޑުމެންގެ އެންމެބޮޑު އިޤުތިޞާދީ މަސައްކަތަކީ މަސްވެރިކަން. އޭގެފަހުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ޠަބީޢީ ރީތިކަމާއި، އަޅުގަނޑުމެންގެ މޫދުތަކާއި އަދި އެނޫންވެސް ހަމަހިމޭން ޖައްވާ، މިބާވަތުގެ ކަންތައްތަކުން އަޅުގަނޑުމެންނަށް އިތުރު އިޤުތިޞާދީ މަސައްކަތެއް ފެށުމުގެ ފުރުޞަތު މިހާރު ވަނީ ލިބިފައި. ޓޫރިޒަމް ދަނީ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން. އަދި އޭގެއިތުރުން އަޅުގަނޑުމެންނަށް އިޤުތިޞާދީ ގޮތުން ތަރައްޤީވެވޭނެ ކިތަންމެ މަގުތަކެއް އެބަހުރި. އެހުރިހާ މަގުތަކެއްގައި އަޅުގަނޑުމެން ހަރުދަނާ ގޮތެއްގައި ފައިތިލަ ސާބިތުކޮށްގެން ކުރިއަށްދާ ކަމުގައިވަންޏާ އަޅުގަނޑުމެންގެ އިޤުތިޞާދުވެސް ދާނީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް.

އާދެ، އެއްވެސް ބެންކަކުން އެކަށީގެންވާ ގޮތަކަށް ފައިދާ ލިބެމުންދާނީ، އެ ބެންކަކަށް މަސައްކަތް ލިބިގެން. އެ ބެންކަކުން އެކުރާ މަސައްކަތަށް އެކަށީގެންވާ އެހީ އެކި ފަރާތް ފަރާތުން ލިބިގެން. ބެންކު ވިޔަފާރިއަކީ ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ފައިސާގެ ވިޔަފާރިއެއް. މީސްމީހުންގެ އަތުގައި ހުންނަ ފައިސާ، އެމީހުންގެ އަމިއްލަ ބޭނުންތަކަށް ފުދޭވަރަށްވުރެ އިތުރުވެފައި ހުންނަ ބައި ބެންކުގައި ޖަމާ ކުރަނީ، އެކިބާވަތުގެ އެކައުންޓުތަކުގައި. ޖަމާކުރީމާ އެ ފައިސާގެ ބޭނުން ބެންކުން ކުރަމުން ގެންދަނީ އެކިއެކި އިޤުތިޞާދީ މަސައްކަތްތަކުގައި، އެކި ފަރާތްތަކަށް ލޯނު ދޫކުރުމުގައި. މިހެން މަސައްކަތް ކޮށްގެން އެ އިޤުތިޞާދީ މަސައްކަތްތަކުން ލިބޭ ފައިސާއިން ބެންކަށްވެސް ފައިދާއެއް ލިބެމުންދޭ. އާދެ، ބެންކުން އެ ކޮށްދޭ މަސައްކަތުގެ އަގެއްގެ ގޮތުގައި ޚިދުމަތުގެ އަގެއް ނަގާ. ނުވަތަ އިންޓްރެސްޓެއް ނަގާ. އެހެންވީމާ، އެ އިންޓްރެސްޓުގެ ސަބަބުން ބެންކުގެ މަސައްކަތް އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންދޭ.

ކޮންމެއަކަސް ފެށުން އޮތީ ބެންކުގައި ފައިސާ ރައްކާކުރާ މީހުންގެ އަތުގައި. އެހެންވީމާ، ބެންކަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުލިބޭ ކަމަށްވަންޏާ، ބެންކުގެ ވިޔަފާރި ކުރިއަކަށްނުދާނެ. މި ބެންކަކީ ތިޔަބޭފުޅުން ދެންމެ އެއްސެވި ފަދައިން، ދިވެހި ސަރުކާރުން އޭގެ އެންމެބޮޑު ހިއްސާ ވާ ބެންކެއް. އާދެ، ސަތޭކައަކުން ފަސްދޮޅަސް އެއީ ދިވެހި ސަރުކާރުގެ ހިއްސާ. ސަރުކާރޭ މި ދެންނެވީ ސަރުކާރާއި ސަރުކާރުގެ ބައެއް އޭޖެންސީތައް އޭގައި ހިމެނޭގޮތަށް. ހަމަ ދިވެހި ސަރުކާރު އެއްތަނެއްގެ ގޮތުގައި. ދެން އެސް.ޓީ.އޯ، އެމް.އެސް.އެލް، އެމް.ޓީ.ސީ.ސީ. މިތަންތަން ބައިވެރިވެގެން ސަރުކާރުގެ، ސަތޭކައަކުން ފަސްދޮޅަސް ހަމަޖެހިފައިވަނީ. އަނެއް ސަތޭކައަކުން ސާޅީސް އެއީ ބަންގްލަދޭޝްގެ، ކުރިން ދެންނެވި ކުންފުނީގެ ކޮންމެ ހިއްސާއަކުން މި ރައުސްމާލުގެ ގޮތުގައި މި ފައިސާގެ ބޭނުންކޮށްގެން ބެންކު އުފެއްދި ކަމުގައިވިޔަސް، ބެންކުގެ ވިޔަފާރި ކުރިއަށްދާނީ މީހުންގެ އަތުގައި ހުންނަ ފައިސާ ބެންކަށް ލިބިގެން. އެ ފައިސާ ބެންކުގެ ތެރެއިންލާފައި އެނބުރިގެންދާގޮތަކަށް މެދުވެރިވެގެން.

އާދެ، މި ނުކުތާގައި އަޅުގަނޑުމެން ވިސްނައިލަންޖެހޭ ތަންކޮޅެއް އެބައޮތް. އެއީ ދިވެހިރާއްޖޭގައި، މިހާރު ދިވެހިރާއްޖޭގެ ރައްޔިތުންގެ އަތުގައި ވިޔަފާރީގައި މުޅި ރާއްޖެތެރޭގައި އެނބުރެމުންދާ ފައިސާގެ އަދަދަށް ވިސްނާއިރު، އަދި ބެންކުތަކުގައި ހުރި ފައިސާގެ އަދަދަށް ވިސްނާއިރު، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައިލަންޖެހޭ ނުކުތާއެއް ހާމަވެގެންދޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރު މީހުންގެ އަތުގައި އެނބުރޭ ފައިސާގެ އަދަދަކީ 43.1 މިލިއަން ދިވެހި ރުފިޔާ. އެއީ މިހާރު ސަރުކާރުން ނެރެފައިވާ ފައިސާގެ އަދަދު. އޭގެތެރެއިން އެމް.އެމް.އޭ.އާއި އަދިވެސް ރާއްޖޭގައި ހުރި އެހެން ބެންކުގެ ގޮފިތަކުގައި ހުރީ ހަމައެކަނި 6.3 މިލިއަން ދިވެހި ރުފިޔާ. އާދެ، ގާތްގަނޑަކަށް ސަތޭކައަކުން ފަނަރަ. ސަތޭކައަކުން 8.5 އަދިވެސް ހުރީ މީސްމީހުން އަތުގައި، ބެންކުތަކުގެ ބޭރުގައި. އެހާގިނަ އަދަދަކަށް ފައިސާ ބޭރުގައިހުރުމުން، އެއިން އެކަށީގެންވާ ފައިދާއެއް ނުލިބޭނެކަމާމެދަކު ޝައްކެއްނެތް. އެ ފައިސާއިން ފައިދާ ލިބޭނީ ފައިސާ ވިޔަފާރީގައި ބޭނުންކުރެވުނު ވަރަކުން.

ފައިސާޖެހޭނެ އެނބުރެން. ނޭނބުރި މީހެއްގެ ފޮށީގައި ނުވަތަ އަލަމާރީގައި ނުވަތަ އެހެންވެސް ތަނެއްގައި ރައްކާކޮށްފައި ހުރިކަމުގައިވަންޏާ، އެ ފައިސާގެ ބޭނުމެއް މުޖުތަމަޢަކަށް ލިބެމުންނެއް ނުދާނެ. ކޮންމެ ގޮތެއްގައިވެސް ބެންކުގައި ފައިސާ ރައްކާކޮށްދެނީ އަމިއްލަ އަތުގައި ފައިސާ ރައްކާކުރުމަށްވުރެ މާ ހަރުދަނާގޮތެއްގައި. އަޅުގަނޑުމެންގެ އަމިއްލަ އަތުގައި ހުންނަ ފައިސާއެއް، ދިމާވާ ހާދިސާއަކުން ގެއްލިގެން ހިނގައިދާނެ. އަލިފާނުގެހާދިސާއެއް، ނުވަތަ ވައްކަމުގެ ހާދިސާއެއް ނުވަތަ އެނޫންވެސް ކަމަކުން އަތުގައި ހުރި ވަރަށްގިނަ އަދަދެއްގެ ފައިސާ ކުއްލިއަކަށް ގެއްލިގެން ހިނގައިދާނެ. އެއާ ޚިލާފަށް ބެންކުގައި ހުންނަ ފައިސާއަކީ ރައްކާތެރިގޮތެއްގައި ބެހެއްޓިފައި ހުންނަ ފައިސާއެއް. އެއަށް އެއްވެސްކަހަލަ އުނިކަމެއް ނާންނާނެ. އުނިކަމެއް އަތުވެއްޖެނަމަ އެ ފައިސާއެއް އެ ބެހެއްޓި ފަރާތަށް ބެންކުގެ ފަރާތުން ރައްދުކޮށްދޭންޖެހޭ. އެހެންވީމާ، އެގޮތުންވެސް ބެންކުގައި ފައިސާ ބެހެއްޓުމަކީ އަޅުގަނޑުމެން އެއާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނައި، އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ކަމެއް ކަމަށް ފެނޭ. އަދި ޚާއްޞަކޮށް، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތަނުގެ ވިޔަފާރިއާއި އިޤުތިޞާދު ކުރިއަށްދާނީ ބެންކަށް އެކަށީގެންވާ އަދަދަކަށް ފައިސާ ލިބިގެން. މީހުންގެ އަތުގައި ގިނަ އަދަދަކަށް ފައިސާ ހުރެގެން އެއިން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ.

އާދެ، އެހެންވީމާ މިއަދު ބެންކު އޮފް މޯލްޑިވްސްގެ ނަމުގައި މި ބެންކު ހުޅުވައިދިނުމުގެ ޝަރަފު ލިބުނުކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. މި ބެންކު ޙަޤީޤަތަކަށް ހެދުމުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް އިޚުލާޞްތެރިކމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. އެންމެ ފުރަތަމަ ބަނގްލަދޭޝްގެ ސަރުކާރު އަދި ވަކިން ޚާއްޞަކޮށް، އެސަރުކާރު މިވަގުތު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޗީފް މާޝައްލޯވ އެޑްމިނިސްޓްރޭޓަރ ޖެނެރަލް ޙުސައިން މުޙަންމަދު އިރުޝާދު އެ މަނިކުފާނުގެ އަރިހަށް ޝުކުރާއި މުބާރަކްބާދީ، އަޅުގަނޑު ދިވެހިސަރުކާރުގެ ނަމުގައި ރައްދުކުރަން. ހަމައެފަދައިން، ބަނގްލަދޭޝްގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މިސްޓަރ އޭ.އެމް.އޭ މުޙީޠުގެ އަރިހަށްވެސް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެއީ މިހާކުރު ފުރުޞަތެއްގެ ތެރޭގައި މިތަނަށް ވަޑައިގެން، މި އުފާވެރި ޖަލްސާގައި ބައިވެރިވެވަޑައިގެންދެއްވި ކަމަށްޓަކައި. ހަމައެފަދައިން، ބަނގްލަދޭޝްގެ ކުންފުންޏެއް ކަމުގައިވާ އިންޓަރނޭޝަނަލް ފިނޭންސް އެންޑް އިންވެސްޓްމަންޓް ކަމްޕެނީގެ ހުރިހާ ބޭފުޅުންނަށް، ވެރިންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އެއީ އެބޭފުޅުންގެ ހިންމަތާއި މަސައްކަތުން ދިވެހި ސަރުކާރާ ގުޅިގެން މިއަދު މި ބެންކު ޙަޤީޤަތަކަށް ވެފައިވާތީ.

އާދެ، އަޅުގަނޑުގެ އެދުމަކީ، މި ބެންކުގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔަފާރިއަށާއި އިޤުތިޞާދަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔުން. އަދި މިބެންކުގެ ސަބަބުން އާދައިގެ ދިވެހި ރައްޔިތުންނަށްވެސް އެދެވޭ ޚިދުމަތްތަކެއް ލިބެމުންދިޔުން. މި ބެންކާއި އަދި ރާއްޖޭގައި ހުރި އެހެން ބެންކުތައް ތަރައްޤީވަމުންދިޔަދިޔަހެން ރާއްޖޭގެ ތަރައްޤީއަށް އިތުރު ތަނަވަސްކަމާއި އިތުރު ކުރިއެރުން ލިބެމުންދިޔުން.


والسّلام عليكم ورحمـة اللّـه وبركاته.