بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، الصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، އަޅުގަނޑުމެން މި ޒުވާން ޖުމްހޫރިއްޔާއަށް 14 އަހަރު ފުރި 15 ވަނަ އަހަރަށް ކުރިމަތިލާ ދުވަހަކީ، ޝައްކެއް ނެތްގޮތުގައި ވަރަށްވެސް ތާރީޚީ ދުވަހެއް.

އާދެ، ދެންމެ އަޅުގަނޑަށް މި ލިބުނު މަތިވެރި ޝަރަފަކީ، ދިވެހިރާއްޖޭގައި ފުރަތަމަ އިމާރާތް ކުރެވޭ [އިސްލާމީ މަރްކަޒު]ގެ ބިންގާ އަޅައިދިނުމުގެ ޝަރަފު. އެކަމަށްޓަކައި އަޅުގަނޑު އެންމެފުރަތަމަ ޚުޝޫޢަވެރިކަމާއެކު ޙަމްދާއި ޝުކުރު ދަންނަވާނީ اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް.

ޝައްކެއްނެތް، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވުމާއެކު، މިއަދު އަޅުގަނޑުމެން އެ އިމާރާތެއްގެ ބިންގާ މިއަޅާ އިމާރާތް ހިމެނިގެންދާނީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްދޭ އިމާރާތަކަށް. އަޅުގަނޑުމެންގެ ސަތޭކައިންސަތޭކަ މުސްލިމް ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، ފުރަމާލޭގެ މަލަމަތި ވަރަށް ފުރިހަމަގޮތެއްގައި ދެމިގެންއަންނާނެ، އެތަކެއް ޒަމާންތަކަކަށް ޒީނަތްތެރިކޮށްދޭނެ އިމާރާތަކަށް.

އާދެ، އަޅުގަނޑުމެން ވަނީ މިފަދަ އިސްލާމީ މަރްކަޒަކަށް ވަރަށް ބޮޑަށް ބޭނުންވެފައި. އަޅުގަނޑުމެންގެ ރާއްޖޭގައި ގިނަ އަދަދަކަށް އެއްތަނަކަށް އެއްވެ، މީހުން ނަމާދުކުރާނެ ތަނެއް އަދި އިމާރާތް ކުރެވިފައެއް ނެތް. އެހެންވުމާއެކު، މާލެއަކީ ސަތޭކައިންސަތޭކަ މުސްލިމް ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވެފައި، މާލޭގެ ރައްޔިތުންގެ އަދަދަކީ، ގާތްގަނޑަކަށް މުޅި ދިވެހިރާއްޖޭގެ ފަސްބައިކުޅަ އެއްބައި ކަމަށްވުމާއެކު، ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެއް ހުރުމުގެ ބޭނުންތެރިކަމަކީ، އަޅުގަނޑު ހިތުން ދިވެހި ކޮންމެ ފަރުދަކަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭނެ ކަމެއް. އެހެންވުމާއެކު، މި ދައުރު ފެށުނީއްސުރެ މާލޭގައި މިފަދަ އިސްލާމީ މަރްކަޒެއް އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ދިޔައީ ކުރަމުން. މަސައްކަތް ކުރަމުންދިޔައޭ މި ދެންނެވީ، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން ގެންދިޔަ ވާހަކަ.

އާދެ، އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރިމަތިލީ އިސްލާމީ އުންމަތުގެ ވަރަށް މަތިވެރި މަޤާމެއް އަބަދުވެސް ފުރަމުންގެންދާ އެކުވެރި ދައުލަތަކާ. އާދެ، އެއީ ސަޢޫދީ ޢަރަބިޔާ. އެތާނގެ ސަރުކާރާއި ދިވެހިސަރުކާރު ގުޅައިގެން މަސައްކަތް ކުރަމުން ގެންދިޔައީ، މިފަދަ މަރުކަޒެއް ރާއްޖޭގައި އުފެއްދުމުގައި އެފަރާތުގެ އެހީ ލިބޭނެގޮތެއްވޭތޯ. ދިވެހިސަރުކާރާ ދޭތެރޭގައި ދެކެވެމުންދިޔަ ވާހަކަތައް ވަރަށް އެދެވޭގޮތެއްގައި ކުރިއަށްދިޔަ. އެހެންނަމަވެސް، ދިމާވި ބައެއް ސަބަބުތަކާހުރެ ވަކިހިސާބަކަށް އޮތީ އެކަންތައް މަޑުޖެހިލާފައި. އެހެން އޮއްވައި މި ޚިޔާލަށް ނުވަތަ މި މަޝްރޫޢަށް އާ ދިރުމެއް ލިބިގެންދިޔައީ ގާތްގަނޑަކަށް މީގެ ދެމަހެއްހާ ދުވަސް ކުރިން ނުވަތަ ތިންމަސްދުވަސް ކުރިން، އަޅުގަނޑު ސަޢޫދީ ޢަރަބިޔާއަށް ކުރި ދަތުރެއްގައި މި މަޝްރޫޢުގެ ވާހަކަ މިހާރުގެ ރަސްގެފާނު ޖަލާލަތުލް މަލިކު ފަހުދު ބިން ޢަބްދުލްޢަޒީޒުގެ އަރިހަށް ހުށަހެޅުމުން. ވަގުތުން އެ ރަސްގެފާނު މި މަޝްރޫޢަށް ވަރަށް މަތިވެރި ތަރުޙީބެއް ދެއްވި. އޭނާ ވިދާޅުވީ، ރާއްޖޭގައި އަވަހަށް ތިޔަ އިސްލާމީ މަރްކަޒު ބިނާކުރުމުގެ ކަންތައް ކުރިއަށް ގެންދާށޭ! ސަޢޫދީ ސަރުކާރުން ހުރިހާ އެހީއެއް ވެދޭނަމޭ. އެހެން ވިދާޅުވުމާއެކު، ހަމަ އެތާނގައި އިންނެވި އެތާނގެ މިނިސްޓަރ އޮފް އިންފޮމޭޝަން ޑޮކްޓަރ މުޙަންމަދު ޢަބްދުލްޔަމާނީއަށް، އަޅުގަނޑުގެ ކުރިމަތީގައި އިޝާރާތް ކުރެއްވީ މި މަޝްރޫޢާއިގެން ކުރިއަށް ވަޑައިގަތުމަށް. ދިވެހި ސަރުކާރުން އެދޭގޮތަކަށް އެކަންތައް ގެންދިޔުމަށް.

ވަގުތުން އަޅުގަނޑުމެން ވަރަށް ޝައުޤުވެރިކަމާއެކު، މިސްކިތް ކުރެހުމުގެ ކަންތަކާއި މިސްކިތް ހުންނާނެގޮތާއި، އެ އިމާރާތުގައި އެކުލެވިގެންވާނެ ތަންތަނާ، ހުރިހާ ކަމެއްގެ ތަފުސީލު ރާވައި، އަދި ކަމާ އެކަށީގެންވާ ބޭރުގެ މާހިރަކާ އެ މަޝްރޫޢުގެ ކުރެހުން ހަވާލުކުރީ. ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން އެދުނު ގޮތުގެމަތިން، އެ މަޝްރޫޢުގެ ހުރިހާ ކުރެހުންތައް ލިބިއްޖެ. ލިބުމާ އެކުގައި މިފަހަރު އެންމެފަހުން އަޅުގަނޑު ސަޢޫދީ ޢަރަބިޔާއަށް ދިޔަ ދަތުރުގައި، އެ ކުރެހުންތަކާއި ތަފުސީލުތައް ދިޔައީ ހިފައިގެން. އެ ކުރެހުންތަކާއި ތަފުސީލުތައް ސަޢޫދީ ސަރުކާރަށް ހުށަހެޅުމާ ގުޅިގެން ވަރަށް ދީލަތި ގޮތެއްގައި ސަޢޫދީ ސަރުކާރުން މިކަމަށް ވަގުތުން އެހީވެދެއްވައިފި. އާދެ، އޭގެ ޚަބަރު، ތިޔަ ހުރިހާ ބޭފުޅުންވެސް ވާނީ މީގެކުރިން އައްސަވައިފައި. އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ބިންގާއަޅާ އިސްލާމީ މަރުކަޒަކީ ޙަޤީޤަތުގައި އިސްލާމީ ޤައުމުތަކެއްގެ މެދުގައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމާއި އެއްބާރުލުމުގެ ވަރަށް ވަރުގަދަ މިސާލެކޭ އަޅުގަނޑު ދަންނަވާނީ.

އާދެ، އެއްކޮޅުން މިކަމަށް ބޭނުންވާ މާއްދީ އެހީ ލިބެމުންދަނީ އިސްލާމީ ޤައުމަކުން. އަނެއްކޮޅުން ކަމާބެހޭ ކުރެހުންތަކާއި އަދި ކަމާބެހޭ އެހެން ޓެކްނިކަލް ކަންތައްތައް ކުރިއަށް ގެންދަވަނީ އެހެން އިސްލާމީ ޤައުމަކުން. އާދެ، އެއީ މެލޭޝިޔާ. މެލޭޝިޔާގެ ސަރުކާރުން މިކަމަށް ވަރަށް މަތީ އަހަންމިއްޔަތެއް ދެއްވާކަން އަޅުގަނޑު މި ފާހަގަކުރަނީ ވަރަށް ޚާއްޞަ އުފަލަކާއެކު. ދާދިފަހުން އަޅުގަނޑު ކޮމަންވެލްތުގެ މިހިސާބުގަނޑުގެ ޤައުމުތަކުގެ ވެރިންގެ ޖަލްސާއަށް ދިޔަދިޔުމުގައި، މެލޭޝިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުޙަންމަދާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުނު. އޭނާއަށް އޭރުއޮތީ އެނގިވަޑައިގެންފައި، އަޅުގަނޑުމެންގެ ރާއްޖޭގައި އިސްލާމީ މަރްކަޒެއް ބިނާކުރަން ގަސްދުކުރާކަން. އަދި އެކަމަށް އަޅުގަނޑުމެން މެލޭޝިޔާގެ އާކިޓެކްޓެއްގެ އެހީ ބޭނުން ކުރަމުންގެންދާކަން. އެކަމާ ދޭތެރޭގައި އޭނާ ވަރަށްބޮޑަށް އުފާކުރައްވައި ވިދާޅުވީ، މެލޭޝިޔާގެ ސަރުކާރުން މިކަމަށް ވެވެންއޮތް ހުރިހާ އެހީއެއް ވެދެއްވާނަމޭ. އަދި މިކަން ވީ އެންމެ އަވަހަކަށް ދިވެހި ސަރުކާރުން އެދޭ ގޮތެއްގެ މަތިން ކުރިއަށް ގެންދިޔުމަށް، އެ އާކިޓެކްޓުންނަށް އަންގަވާނަމޭ. އެ ވިދާޅުވިގޮތުގެ މަތިން ވަރަށް އަވަހަށް މިކަންތައްތައް ހިނގަމުން މިދަނީ. އެހެންވީމާ، މެލޭޝިޔާ ސަރުކާރުގެ ފަރާތުންވެސް މިކަމަށް މި ލިބޭ މަތިވެރި އެހީއަށްޓަކައި، އެ ސަރުކާރަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ އުފަލެއް ކަމަށް ދެކެން.

އާދެ، އެހެންވީމާ، މި މަޝްރޫޢަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި އުޚުއްވަތްތެރިކަން، އެއްބާރުލުން، ތަޟާމުން، ވަރަށް ކުލަގަދަގޮތެއްގައި ސިފަކޮށްދޭ ނުވަތަ ހާމަކޮށްދޭ މަޝްރޫޢެއް. އާދެ، މި އިސްލާމީ މަރްކަޒު ބިނާވެގެންދާއިރު ނުވަތަ ނިމުމަކަށް އަންނައިރު، އެތަން ހުންނާނީ ހަމައެކަނި މިސްކިތެއްގެ ސިފައިގައެއް ނޫން. އެތަނަކީ އަދި މާތްﷲގެ ވާގިފުޅާއެކު މި ރާއްޖޭގައި އިމާރާތް ނުކުރެވޭފަދަ ބޮޑު ރީތި އިމާރާތަކަށްވާނެ. އެ އިމާރާތުގައި އެއްފަހަރާ ހަތަރުހާސް މީހުންނަށް ނަމާދުކުރުމުގެ ޖާގަ އޮންނާނެ. އޭގެއިތުރުން އަޅުގަނޑުމެންގެ މުޖުތަމަޢަށް ބޭނުންވާ ވަރަށްގިނަ ބޭނުންތައް ފުއްދޭނެ ގޮތްތައްވެސް އެ މަރުކަޒުގައި ހަމަޖެހިފައި ހުންނާނެ. އާދެ، އެތާނގައި ކިޔަވައިދޭ ކްލާސްތަކެއް ހުންނާނެ. އެކަށީގެންވާ ލައިބްރަރީއެއް ހުންނާނެ. އެކިއެކި މުހިންމު މުނާސަބަތުތައް ފާހަގަކުރުމަށް އެކަށީގެންވާ ބޮޑު ހޯލެއް އޮންނާނެ. އަދި މިނޫންވެސް އަޅުގަނޑުމެންގެ އިޖުތިމާޢީ ކަންތައްތަކަށް ބޭނުންކުރެވޭ ގޮތްތައް އެތާނގައި ރޭވިފައިހުންނާނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މި އިމާރާތް ރަމްޒުކޮށްދެނީ ހަމައެކަނި އަޅުގަނޑުމެންގެ ދީނީ އަސާސަކަށް ނޫން. ހަމައެކަނި ދީނީ ބިންގަލަކަށް ނޫން. އޭގެއިތުރުން، އަޅުގަނޑުމެންގެ އިޖުތިމާޢީ ކަންތައްތަކަށްވެސް އޭގެ ފައިދާ ލިބެމުން ވަރަށް ބޮޑަށް ދާނެ.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަސްލުގައި މިސްކިތަކީ، އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ލިބިފައިވާ ތަނެއްކަން. މިސްކިތުގެ ބޭނުމަކީ ހަމައެކަނި އެތާނގައި ނަމާދުކުރުމެއް ނޫންކަން. އަޅުގަނޑުމެންގެ ތާރީޚު ފެށިގެން އައި ދުވަސްވަރަށް ވިސްނަވައިލެއްވިޔަސް، އޭގެފަހުގެ ތާރީޚުތަކަށް ނަޒަރު ހިންގަވައިލެއްވިޔަސް، އަޅުގަނޑު މިދެންނެވި ބަހުގެ ތެދު ޙަޤީޤަތް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވަޒަންކުރެއްވޭނެ. އާދެ، މުހިންމު ކަންތައްތަކާ ދޭތެރޭގައި މަޝްވަރާކުރުން، އިސްލާމްދީން ފެށިގެން އައިއިރު އޮތީ މިސްކިތުގެ ތެރޭގައި. ކީރިތި ރަސޫލާ عليه الصّلاة والسّلام އެކަލޭގެފާނުގެ އަޞްޙާބުންނާ އެކިކަންކަމާ ދޭތެރޭގައި މަޝްވަރާ ކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ މިސްކިތުގައި. އަޞްޙާބުންނަށް ޤުރްއާން އަންގަވައިދެއްވައި، އިސްލާމްދީނުގެ ޙުކުމްތައް ކިޔައިދެއްވައި، އެކިއެކި ކަންތަކާދޭތެރޭގައި އިރުޝާދު ދެއްވައި، މިހުރިހައި ކަމެއް ކުރައްވަމުން ގެންދެވީ މިސްކިތުގެ ތެރޭގައި. ރަސޫލާގެ ފަހުން އެކަލޭގެފާނުގެ އަޞްޙާބުންވެސް ކިޔަވައިދެއްވުމުގެ ކަންތަކާއި، މީސްތަކުންނަށް އިރުޝާދު ދެއްވުމާއި އަދި އެކިއެކި ބޮޑެތި ކަންކަމާ ދޭތެރޭގައި މަޝްވަރާ ކުރެއްވުމާއި، މިހުރިހައި ކަމެއް ކުރައްވަމުން ގެންދެވީ މިސްކިތުގެ ތެރޭގައި. ތާރީޚީގޮތުން މިކަން މިހާތަނާ ޖެހެންދެން މެދުކެނޑުމެއްނެތި ހިނގަމުން އައިސްފައިވޭ. އިސްލާމީ ދުނިޔޭގައި މަޝްހޫރުވެގެން މިހާރުވެސް އަޅުގަނޑުމެންނަށް އެތަންތާނގެ ނަންނަން އިވެމުންމިދާ ޔުނިވަރސިޓީތަކުގެ ފެށުން އޮތީ މިސްކިތްތަކުގެ ތެރޭގައި.

އާދެ، މުޅި ދުނިޔެއަށް އެންމެ މަޝްހޫރު އިސްލާމިކް ޔުނިވަރސިޓީ ކަމުގައިވާ، އަލްއަޒްހަރު ޔުނިވަރސިޓީ ފެށިފައިވަނީ މިސްކިތެއްގެ ތެރޭގައި. އެއީ ހިޖުރީގޮތުން ތިންސަތޭކަ ފަސްދޮޅަސް އެއްވަނަ އަހަރު މިޞްރުގެ ޤާހިރާގައި ބިނާކުރެވުނު [އަލްޖާމިޢުލް އަޒްހަރު] މިނަމުން ނަންދެވިފައިވާ މިސްކިތް. އެމިސްކިތުގެތެރޭގައި މިހާރުގެ ޔުނިވަރސިޓީގެ ފެށުންއޮތީ. ހަމައެފަދައިން، އޭގެ މާކުރިން މުސްލިމުންގެ ޢިލްމުވެރިން، އިސްލާމްދީން ދުނިޔެއަށް ފެތުރިގެންދިޔުމާއެކު، އެކިއެކި ޤައުމުތަކަށް ދަތުރުކުރައްވައި، އެތަންތާނގައި އިސްލާމީ މަރުކަޒުތައް އުފެއްދެވި އުފެއްދެވުމުގައި ކޫފާގައި، ބަސަރާގައި، ދިމިޝްޤުގައި، މިޞްރުގައި، ޚައިރަވާނުގައި، އަދި ކީއްތޯ! ސްޕޭންގެ ދެކުނުގައި އަލް އަންދަލުސް ނަމަކަށް ކިޔުނު ހިސާބުގަނޑުގައި ތަޢުލީމުގެ ކަންތައް ފަށްޓަވައިގެން ހިންގަވަމުން ގެންދެވީ މިސްކިތްތަކުގެ ތެރެއިން.

އެހެންވީމާ، މިސްކިތަކީ ތަޢުލީމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެއް. އިސްލާމީ ޤައުމެއްގެ ސިޔާސަތާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. ހަމައެފަދައިން، މުޖުތަމަޢުގެ އެކިއެކި ބޮޑެތި ކަންތަކާވެސް ގުޅިފައިވާ ތަނެއް މިސްކިތަކީ. އެންމެކުރީ ޒަމާނުގައި ކައިވެނިކުރުންފަދަ އިޖުތިމާޢީ ބޮޑެތި މުނާސަބަތުތައް ފާހަގަކުރެވެމުން ދިޔައީ މިސްކިތްތަކުގެ ތެރޭގައި. އެހެންވުމާއެކު، އަޅުގަނޑުމެން މިއަދު މި އިމާރާތްކުރާ މިސްކިތަކީ ނުވަތަ އިސްލާމީ މަރްކަޒަކީ އެންމެ ފުރިހަމަ މާނައިގައި އިސްލާމީ މަރްކަޒަކަށް ވާނެކަމާމެދަކު ޝައްކެއްނެތް. އެންމެ ފުރަތަމަ އެތާނގައި ގިނަ އަދަދަކަށް، ނަމާދުކުރާ މީހުންނަށް ޖާގަ އޮންނާނެ. އޭގެފަހުގައި ކިޔަވައިދޭ ތަންތަން އެތާ ހުންނާނެ. ލައިބްރަރީއެއް ހުންނާނެ. އަދި މުޖުތަމަޢުގެ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި އެކަށީގެންވާ ހޯލުތަކާއި އަދި އެނޫންވެސް ތަންތަން އެތާނގައި ހަމަޖެހިފައި ހުންނާނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އެ އިމާރާތް ރަމްޒުކޮށްދޭނީ ހަމައެކަނި އަޅުގަނޑުމެންގެ ދީނީ ފަރާތަކަށް ނޫން. އަޅުގަނޑުމެންގެ ދީނީ، ސިޔާސީ، އިޖުތިމާޢީ ހުރިހާ ކަމަކަށް އެ އިމާރާތުގެ ފައިދާ ލިބެމުންދާނެ. ހަމައެފަދައިން، އިސްލާމީ އިމާރާތުގެ ފަންނަކީ މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ފަންނެއްކަން، މިފުރުޞަތުގައި އަޅުގަނޑު ހާމަކޮށްލަން ބޭނުންވޭ. މިހާރުވެސް އިސްލާމީ ޤައުމުތަކުގައި އެހުރި މިސްކިތްތައް، ޒަމާންވީ އާސާރީ މިސްކިތްތައް ހިމެނެނީ ދުނިޔޭގެ އިމާރާތް ކުރުމުގެ ފަންނުގައި ލާމަސީލު، އެފަދަ އެހެން މިސާލެއްނެތް އިމާރާތްތަކެއް ކަމުގައި.

އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު، ތިޔަބޭފުޅުން ހަނދުމަކޮށްލެއްވުން އެކަށީގެންވާނެ، އީރާނުގެ އެކިއެކި މަޝްހޫރު މިސްކިތްތައް، އިޞްފަހާނުގެ މިސްކިތްތައް، ޢިރާޤުގެ މިސްކިތްތައް، އަދި އަންދަލުސްގެ މިސްކިތްތައް. ޚާއްޞަގޮތެއްގައި ޤުރްޠުބާ. އެތަންތާނގެ މިސްކިތްތައް އެއީ އިމާރާތުގެ ފަންނުގައި އެންމެމަތީ ވަނައެއް ހޯދާފައިވާ ތަންތަނޭ ދެންނެވުމަކީ، އެއްގޮތަކަށްވެސް ގޯހަކަށްނުވާނެ. އެކަން އޮތީ އެހެންކަމަށް ވުމާއެކު، ދިވެހި ސަރުކާރުން ގަސްދުކުރަނީ މިތާނގައި މިބިނާކުރެވޭ އިސްލާމީ އިމާރާތަކީވެސް، އިސްލާމީ އިމާރާތް ކުރުމުގެ ފަންނު ހާމަކޮށްދޭ، ވަރަށްރީތި ތަނަކަށް ހެދުމަށް.

އާދެ، އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު، މި އިމާރާތްކޮށް ނިމޭއިރު އެތަން ހުންނާނީ ސަތޭކައިންސަތޭކަ ދިވެހިރާއްޖެ އެކަށީގެންވާ ފެންވަރެއްގެ އިމާރާތެއްގެ ގޮތުގައި. މުޅި ރާއްޖެއަށް އެ އިމާރާތުގެ ރީތިކަމާއި މޫރިތިކަން ރައްދުވާފަދަ އިމާރާތެއްގެ ގޮތުގައި. މާލޭގެ މަލަމަތިން އެންމެ ފުރަތަމަ ދަތުރުވެރިންނަށް ފެންނަ ތަނެއްގެ ގޮތުގައި، މި މިސްކިތުގައި ހުރުމަށް ހަމަޖެހިފައިވާ މުންނާރު އެއީ މާލޭގައި ހުރި އެންމެ އުސްތަން ކަމުގައި އޮންނާނީ ވެފައި. މިސްކިތަކީ ވަރަށްރީތި އިމާރާތަކަށްވާނެ. އެހެންވުމާއެކު، މިއަދު އަޅުގަނޑުމެން އިހުސާސް ކުރަންޖެހޭ އުފަލުގެ ބޮޑުކަމަކީ ކޮޅެއްނެތްހާވަރުގެ ކަމެއް.

އާދެ، ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަ ނިންމައިލުމުގެ ކުރިން، ޝުކުރު އަދާކުރަންޖެހޭ ދެފަރާތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އެއްފަރާތަކީ، ސަޢޫދީ ޢަރަބިޔާގެ ސަރުކާރު. ޚާއްޞަކޮށް، ޖަލާލަތުލްމަލިކު ފަހުދު ބިން ޢަބްދުލްޢަޒީޒް. އެ ރަސްގެފާނު މިކަމަށް ބެހެއްޓެވި ޢިނާޔަތްތެރިކަމުގެ ބޮޑުކަމުން އަޅުގަނޑުމެންނަށް މިހާ އަވަހަށް ބިންގާ އެޅުމާ ހަމަޔަށް މި އާދެވުނީ. އެހެންވީމާ، އެ ރަސްގެފާނަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރުމަކީ ދިވެހިސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށްބޮޑު އުފަލެއްކަމަށް ދެކެން. ހަމައެފަދައިން، މިކަމުގައި މެލޭޝިޔާގެ ސަރުކާރުން ދެއްވާ އެހީއަށްޓަކައި މެލޭޝިޔާގެ ސަރުކާރަށާއި، އެތާނގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުޙަންމަދަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، އަޅުގަނޑުގެ ޔަގީނަކީ މި އިމާރާތްކޮށް ނިމޭއިރު، އޭގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބެމުންދާނެކަން. އާދެ، އެއްވެސް ބޭނުމެއްނެތް، ބޮޑު ރީތި އިމާރާތެއް ކޮށްފައި ހުރުމުގައި، އެއިން އެދެވޭ ފައިދާތަކެއް ނުލިބެނީކަމުގައިވަންޏާ. އެހެންވީމާ، އަޅުގަނޑުމެން ވަރަށްބޮޑު ހަރަދުކޮށްގެން، ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްގެން، މިތާނގައި މި އިމާރާތްކުރާ އިސްލާމީ މަރްކަޒުގެ ފުރިހަމަ ބޭނުން، ދިވެހި ރައްޔިތުން ކުރައްވާނޭކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން. އެ މިސްކިތް އިމާރާތް ކުރެވެނީ، ދިވެހި ރައްޔިތުންގެ ފައިދާއަށްޓަކައި، ދިވެހި ރައްޔިތުންގެ ޚިދުމަތަށްޓަކައި.

އެހެންވީމާ، އެ ފައިދާތައް އެ ޚިދުމަތްތައް، ރައްޔިތުން ވަރަށް ފުރިހަމަ ގޮތެއްގައި ހޯދަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ.


والسّلام عليكم ورحمـة اللّـه وبركاته.