بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ މިބައްދަލުކޮށްލާ ބައްދަލުކޮށްލުމަކީ، މީގެކުރީގެ ދެތިން އަހަރެކޭވެސް އެއްފަދައިން، ރާއްޖެއިން ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކޮށްލުމުގެ ގޮތުން ބޭއްވި ބައްދަލުކޮށްލުމެއް.

އާދެ، ޝައްކެއް ނެތްގޮތުގައި، މާދަމާ، މާތްﷲގެ ތައުފީޤާއި އެކަލާނގެ ހެޔޮގޮތަށް އިރާދަކުރެއްވި އިރާދަކުރެއްވުމާއެކު، ތިޔަބޭފުޅުން ތިޔަ ފުރާވަޑައިގަންނަވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި. ވަރަށްމާތް ދަތުރެއްގައި. ތިޔަބޭފުޅުންގެ ލޮބުވެތި ވަޠަނުން ފުރާވަޑައިގަތުމަށްފަހު، އެނބުރި ސަލާމަތްކަމާއެކު، ފުރިހަމަ ޞިއްޙަތާއެކު މާލެއަށް ވަޑައިގަންނަވަންދެން ނުވަތަ ރާއްޖެއަށް ވަޑައިގަންނަވަންދެން ތިޔަ ހުރިހާ ބޭފުޅުންވެސް ތިއްބަވާނީ ވަރަށް މަތިވެރި އަޅުކަމެއް އަދާކުރެއްވުންމަތީގައި. އެހެންވުމާއެކު، މި ފުރުޞަތުގައި އަޅުގަނޑު މި ބައްދަލުކޮށްލަނީ، ތިޔަ ހުރިހާ ބޭފުޅުންނަށް، ދިވެހި ސަރުކާރުގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ފަރާތުން ހެޔޮދުޢާކޮށް، ހެޔޮއެދުންތައް ރައްދުކުރުމަށްޓަކައި.

އާދެ، މިރޭ އަޅުގަނޑު ޙައްޖުގެ މާތްކަމާއި އަދި ޙައްޖާ ބެހޭގޮތުން ދީނީގޮތުން ވާހަކަތަކެއް ދައްކާކަށް ގަސްދެއްނުކުރަން. އަޅުގަނޑު ހިތުން އެކަންކަން، ތިޔަ ހުރިހާ ބޭފުޅުންނަށް ވާނީ ރަނގަޅަށް ފިލާވަޑައިގެންފައި. ތިޔަބޭފުޅުންގެ ތެރެއިން ގިނައީ އަމިއްލަ ހަރަދުގައި ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން. އެބޭފުޅުން އެކަމަށް ގަސްދު ކުރެއްވީއްސުރެ، އެކަށީގެންވާ ޢިލްމުވެރި ފަރާތްތަކާ ގުޅުއްވައިގެން، ޙައްޖުގެ ކަންތައްތައް ވާނީ ސާފުކުރައްވައިފައި. ހަމައެފަދައިން، ސަރުކާރުގެ ހަރަދުގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނު ބޭފުޅުންވެސް ވާނީ އެކަން އެނގިވަޑައިގަތުމާއެކު، އެބޭފުޅަކަށް ވެވަޑައިގެންނެވި އެންމެ ފުރިހަމަ ދަރަޖަޔަކަށް ޙައްޖާބެހޭ ހުރިހާ ކަމެއް އޮޅުންފިލުއްވައިފައި. އެހެންވީމާ، ކޮންމެހެން އެގޮތުން ޙައްޖާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް މިރޭ ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން.

ކޮންމެއަކަސް، މިއަހަރު ހިމެނޭނީ އަޅުގަނޑު ހިތުން ވަރަށް ތާރީޚީ އަހަރެއް ކަމުގައި. އެއީ މިހާރު ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގެންފައިވާ ފަދައިން، އެންމެ ފުރަތަމަ، މަތިންދާބޯޓުން ސީދާ ރާއްޖެއިން ސަޢޫދިއްޔާއަށް ދަތުރެއް ހަމަޖެހުނު ފަހަރަކީ މިއީ ކަމަށްވާތީ. މީގެކުރިން މިކަހަލަ ދަތުރެއް ހަމަޖެހިފައެއް ނެތް. އެހެންކަމަށްވުމާއެކު، މި ތާރީޚީ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ، ވަރަށް ނަސީބުވެރި ބޭފުޅުން ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ ރާއްޖެ، އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދާ ދިޔުމުގައި މިކަހަލަ ކަންތައްތައް ހަމަޖެހެމުން ދާނެކަމާމެދަކު ޝައްކެއްނެތް.

ތަންކޮޅެއް ކުރިއަށް ނަޒަރު ހިންގައިލާއިރު، ރާއްޖޭގެ ޙައްޖަށްދިޔަ މީހުން ގޮސްފައިވަނީ، ވަރަށް ބޮޑެތި ބުރަތަކެއް އުފުލައިގެން. ވަރަށްގިނަދުވަސް ވަންދެން ދަތުރުކޮށްފައި ކަމަށް އަޅުގަނޑުމެންނަށް އެނގޭ. ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، ޙައްޖުމަސް އައުމުގެ ހައެއްކަ މަސްދުވަސް ކުރިން ދަތުރު ފަށްޓަވަންޖެހޭ. ކަނޑުމަގުން ވަޑައިގެން، ކޮންމެވެސް އިސްލާމީ ޤައުމެއްގައި ތިއްބަވައިފައި، އެތާނގައި ތިއްބަވައިގެން ރޯދަ ހިއްޕަވައިފައި، ރޯދައިގެ ފަހުން ޙައްޖަށް ވަޑައިގަތުމުގެ ދަތުރު އަނެއްކާ ފަށްޓަވަނީ. ޙައްޖުން ނިމިގެންވެސް މާލެއަށް ވަޑައިގަތުމުގެ ނުވަތަ ރާއްޖެއަށް ވަޑައިގަތުމުގެ ދަތުރު އެއީ ހަމަ އެހާ ދިގު ދަތުރަކަށް އޮންނަނީ ވެފައި. އެ ދަތުރުފުޅުމަތީގައި، ވަރަށް ގިނަގުނަ ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އޮންނާނެކަން ކަށަވަރު. ހަމައެފަދައިން، ވަރަށްގިނަ ހަރަދުތަކެއްވެސް ކުރައްވަން ޖެހިވަޑައިގެންފައި އޮންނާނެކަން ޔަޤީން.


މިއަދު ދުނިޔެއަށް މި އަންނަ ތަރައްޤީއާ އެކުގައި އަޅުގަނޑުމެންގެ ރާއްޖެއަށްވެސް އެ ތަރައްޤީގެ އަސަރު ފޯރަމުންދާ ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިކަންތައްތައް މިއޮތީ ވަރަށްމަތީ ދަރަޖަޔަކަށް ފަސޭހަވެފައި. އިރާދަކުރެއްވިއްޔާ މާތްﷲގެ ވާގިފުޅާއެކު، ތިޔަބޭފުޅުން މާދަމާ މާލެއިން ފުރާވަޑައިގަންނަވައިގެން، ހަމަ މާދަމާގެ ވަގުތެއްގައި ޖިއްދާއަށް ވަޑައިގެންނެވޭނެ. ދަތުރުކުރާ ފަރާތުން މަޢުލޫމާތު ދީފައިވާގޮތުގައި، ދަތުރުފުޅަކީ ގާތްގަނޑަކަށް ހައެއްކަ ގަޑިއިރުގެ ދަތުރުފުޅެއް. މަތިންދާބޯޓު، އެއްވެސް އެހެން ތަނެއްގައި މަޑުނުކޮށް، ހުޅުލެއިން ފުރާގޮތަށް ސީދާ ދާނީ ޖިއްދާއަށް. އެހެންވީމާ، އެއީ ތިޔަބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ފަސޭހައެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ހިތުން އަންނަން އޮތް އަހަރުތަކުގައިވެސް މިފަދަ ގޮތެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެވޭނެ. ހަމަޖައްސައިދިނުމަށްޓަކައި މަސައްކަތް ކުރާނެ. އެކަންތައްތައް ހަމަޖެހިއްޖެ ކަމުގައިވަންޏާ، މުސްތަޤުބަލުގައި ރާއްޖެއިން ޙައްޖަށްދާން ތިބޭ މީހުންނަށް އެ ލިބެނީ ވަރަށްބޮޑު ފަސޭހައެއް.

އާދެ، މިއަހަރު އަދި ފުރަތަމައަށް ކުރެވޭ ބައެއް އެހެން ކަންތައްތައްވެސް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، ރަސްމީގޮތުން ރާއްޖޭގެ ފަރާތުން ޙައްޖުގެ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެން ނުވަތަ ރާއްޖޭގެ ފަރާތުން ޙައްޖަށްދާ މީހުންގެ ކަންތަކާ ރަސްމީގޮތުން ހަވާލުވެވަޑައިގެން، ވަޑައިގަންނަވާނެ ވެރިޔަކު އިސްކުރެވުނުކަން. އާދެ، މިއަހަރު އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ، އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބް. އެމަނިކުފާނަކީ ވަރަށްގިނަދުވަސް ވަންދެން، އާދެ، އަޅުގަނޑުގެ މަޢުލޫމާތު ކުށް ކަމުގައިނުވާނަމަ، ސާޅީސް އަހަރު ވަންދެން ތެދުވެރިކަމާއެކު ސަރުކާރަށް، ދައުލަތަށް، ޤައުމަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއް. އެހެންކަމާއެކު، އެމަނިކުފާނު މިއަހަރު އަމީރުލްޙައްޖުގެ ގޮތުގައި ޙައްޖަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ.

އާދެ، ސަރުކާރުން ޙައްޖަށް ފޮނުވާ މީހުން ހޮވޭގޮތާ ދޭތެރޭގައިވެސް އަޅުގަނޑު ހިތުން ކޮންމެވެސް އެއްޗެއް ދަންނަވައިލުމަކީ ބޭނުން ނެތްކަމެއް ނޫން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މި ފުރުޞަތު ސަރުކާރުން މި ހަމަޖައްސައިދެނީ، ސަރުކާރުގެ ފަރާތެއް ކަމުގައިވާ މޯލްޑިވް ޝިޕިންގ ލިމިޓެޑާއި އަދި އަޅުގަނޑުމެންގެ އެކުވެރި ރަޙުމަތްތެރި ޤައުމެއް ކަމުގައިވާ ލީބިޔާގެ ސަރުކާރުން ވެދޭ އެހީއެއްގެ ދަށުން. މިއަހަރުވެސް ސަރުކާރުގެ ހަރަދުގައި ސާޅީސް އެއް މީހުން ދިޔުމަށް ހަމަޖެހިފައިވާ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އޭގެތެރެއިން އެއްބަޔަކީ، އާދެ، ފަންސަވީސް މީހުންނަކީ އެމް.އެސް.އެލް.ގެ ހަރަދުގައި ދާ މީހުން. ދެންތިބި ފަނަރަ މީހުންނަކީ، މިދެންނެވި ޤައުމުގެ އެހީގައި، އާދެ، ލީބިޔާގެ އެހީގައި ޙައްޖަށްދާ މީހުން. މި މީސްމީހުން ހޮވުމުގައި ސަރުކާރުން ގެންގުޅޭ އުސޫލު، އަޅުގަނޑު ހިތުން ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނުކުރަނީ، ޙައްޖަށްދާން އެދޭ މީހުން ގަވާއިދުން ސިޓީ ފޮނުވުމަށް. އެއީ ކުރިން ޙައްޖަށް ގޮސްފައިނުވާ އަދި އެމީހުންގެ އަމިއްލަ ތަނަވަސްކަންވެސް ޙައްޖުގެ މަނާސިކު އަދާކުރުމަށްޓަކައި، އެ ދަތުރު ކުރުމަށް ތަންނުދޭ މީހުން. ޞިއްޙީގޮތުންވެސް އެކަށީގެންވާ ޞިއްޙަތެއް ލިބިފައިވާ މީހުން. އަދި ޢުމުރުގެ ގޮތުން ބަލާއިރުވެސް ވަކި އުމުރެއްގެ މީހުން. އެ މީސްމީހުން ގަވާއިދުން ރައީސް އޮފީހަށް ސިޓީ ފޮނުވަން އިޢުލާނު ކުރެވެނީ. މުއްދަތުގެ ތެރޭގައި ސިޓީ ފޮނުވާ މީހުންގެ ތެރެއިން މީހުން ހޮވެނީ ވަރަށް ހަމަޖެހޭ އުސޫލެއްގެ މަތިންނޭ އަޅުގަނޑަށް ދެންނެވޭނީ. އާދެ، އެއީ ގުރުއަތުން. އެއްވެސް އެހެން ގޮތަކުންނެއް ނޫން. ގުރުއަތުން ހޮވާ މީހުންގެ ނިސްބަތްތައްވެސް ހަމަޖެއްސެނީ ސިޓީ ފޮނުވައިފައި ތިބޭ މީހުންގެ ނިސްބަތަށް ބަލައިފައި. މިސާލަކަށް ރާއްޖެތެރެއިން، ރާއްޖެތެރޭގައި ދިރިއުޅޭމީހުންގެ ތެރެއިން ސިޓީ ފޮނުވައިފައިވަނީ ކިތައް ފިރިހެނުންތޯ، މާލެއިން ސިޓީ ފޮނުވައިފައިވަނީ ކިތައް ފިރިހެނުންތޯ ބަލައިފައި، އެ ޖެހޭ ނިސްބަތަކުން. އެ ސާޅީސް މީހުންގެ ތެރެއިން، ފަންސަވީސް މީހުންގެ ތެރެއިން ފުރަތަމަ ހޮވޭ ފަންސަވީސް މީހުންގެ ތެރެއިން އެމީހުން ހޮވެނީ. ހަމައެފަދައިން، ރާއްޖެތެރެއިން ސިޓީ ފޮނުވައިފައިވަނީ ކިތައް އަންހެނުންތޯ، މާލެއިން ސިޓީ ފޮނުވައިފައިވަނީ ކިތައް އަންހެނުންތޯ ބަލައި، އެކަންވެސް ހަމަޖެއްސެނީ. އަދި ރާއްޖެތެރޭގެ މީހުން، ޖުމުލަ އަންހެން ފިރިހެން އެއްކޮށްލީމާ، ސިޓީ ފޮނުވައިފައިވަނީ ކިތައް މީހުންތޯ ބަލައި، މާލެއިންވެސް ސިޓީ ފޮނުވައިފައިވަނީ، އަންހެން ފިރިހެން އެއްކޮށްލީމާ ކިތައް މީހުންތޯ ބަލައި، އެ ނިސްބަތްވެސް ހަމަޖެހޭގޮތަކަށް އެމީހުން ހޮވެނީ. ހޮވަނީ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން ގުރުއަތުން. ރައީސް އޮފީހުން ހަމަޖައްސާ ކޮމިޓީއެއްގެ ހާޒިރުގައި. އެ ކޮމިޓީގައި ދައުލަތުގެ މަތީ ފެންވަރުގެ ބޭފުޅަކު އިންނަވާނެ، ވެރިޔެއްގެ ހައިސިއްޔަތުން. ދެން މާލެއިންނާއި ރާއްޖެތެރެއިން ހޮވައިލެވޭ ބޭފުޅުންކޮޅެއް ތިއްބަވަނީ. ތިއްބަވައިގެން އެހުރިހާ ބޭފުޅުންގެ ހާޒިރުގައި، އެ ގަވާއިދުން ސިޓީލީ މީހުންގެ ނަންތައް ގުރުއަތުން ހޮވެނީ. ހޮވާއިރު އެންމެ ފުރަތަމަ ހޮވޭ މީހަކު، އެންމެ ފުރަތަމަ ލިޔަނީ. އެގޮތަށް ގޮސް އެ ހޮވަން ހަމަޖެހިފައިވާ އަދަދަށް މީހުން ހޮވައި ނިމެނީ. އެހެންވީމާ، އެކަމުގައި އެއްވެސް ފަރާތެއްގެ މެދުވެރިވުމެއް ނުވަތަ އެއްވެސް ފަރާތަކުން ވަކިގޮތަކަށް ކަންތައް ގެންދިޔުމެއް ނޯންނާނެ. ހަމަ ޙަޤީޤަތުގައިވެސް ގުރުއަތުލައިގެން ނަސީބު ދިމާކުރާ ބަޔަކު ހޮވޭގޮތަށް އޮންނަނީ.

އާދެ، އޭގެއިތުރުން، މިދެންނެވި މީހުންގެ އިތުރުން، ސަރުކާރުން ބައެއް މީހުން އެބަ ފޮނުވާ ޙައްޖަށް. އެއީ މީގެ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން. އެއީ ވަރަށް ޚާއްޞަ ބެލުންތަކެއް ބަލައިފައި އެމީހުން ހޮވަނީ. އޭގެތެރެއިން މިއަހަރު އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަމީރުލްޙައްޖު ހޮވިފައިވަނީ، އެމަނިކުފާނަކީ މެދުނުކެނޑި ވަރަށްގިނަދުވަހު ސަރުކާރަށް، ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅަކަށްވާތީ. ދެން ރަސްމީގޮތުން ފޮނުވާ ވަފުދެއް ނުވަތަ ޙައްޖުވެރިންގެ ކަންތައް ބެލެހެއްޓެވުމަށް ސަރުކާރުން ހަވާލުކުރާ ބޭފުޅުންގެ ތެރެއިން ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުންވެސް ބޭފުޅަކު އެބަ ފޮނުވޭ. އެއީ ޙައްޖުގެ ކަންތައްތަކާ ބެހޭގޮތުން އެކި މީހުން ސުވާލުކޮށް ހެދީމާ، ޖަވާބު ދެއްވޭވަރުގެ ނުވަތަ މީހުންނަށް ޙައްޖުގެ ކަންތައްތައް އޮޅުންފިލުއްވަވައި ދެއްވެވޭވަރުގެ ދީނީ ޢިލްމު، ތަޢުލީމު ހާސިލުކުރައްވައިފައިވާ ބޭފުޅެއް ހުންނެވުމުގެ ބޭނުންތެރިކަން ބޮޑުކަމުން. އެގޮތުން މިފަހަރު ހޮވިފައިވަނީ އެޓަރނީ ޖެނެރަލްގެ ނައިބު އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން. ހަމައެފަދައިން، ޙައްޖުގެ ކަންތައްތައް އަދާކުރުމުގައި، ބައެއް މީހުންނަށް އެކިއެކި ޞިއްޙީ މައްސަލަތައް ދިމާވެދާނެ. އެއީ ވަރަށް ގިނައިން ދިމާވާ ކަމެއް. އެހާގިނަ އަދަދެއްގެ ބަޔަކު އަދި އޭގެތެރެއިން ހިސާބަކަށް އުމުރުން ދުވަސްވެފައި ތިބި މީހުންވެސް ތިބުމާއެކު، އެކަހަލަ ތަނަކަށް ގޮސް އުޅޭ އުޅުމުގައި ބަލިވުން އެއީ ވަރަށް ކައިރީގައި އޮންނަ ކަމެއް. އެހެންވީމާ، ބަލިވާ މީހުންނާ ދޭތެރޭގައި ޞިއްޙީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެމީހުންނަށް ބޭސްކޮށްދެއްވައި، އެހެން ހެއްދެވުމަށްވެސް ކޮންމެވެސް ބޭފުޅަކު މިދެންނެވި ވަފުދުގެ ތެރޭގައި ހިމެނުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައިވާތީ، ޑޮކްޓަރަކު ފޮނުވާގޮތަށް އޮތީ ހަމަޖެހިފައި. މީގެކުރިންވެސް ފޮނުވިފައިވޭ. މިއަހަރު ވަޑައިގަންނަވަނީ ޑޮކްޓަރ މުޙައްމަދު އަޙްމަދު.

އާދެ، ދެން އިދާރީ ކަންތައްތައް ހިންގެވުމުގައި އެހީތެރިވެދެއްވުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅަކުވެސް އެބަ ވަޑައިގަންނަވާ. އަލްފާޟިލް ޢަބްދުލްޤައްޔޫމް ޙަސަން. މީގެއިތުރުން ދެން ތިއްބެވި ބޭފުޅުންނަކީ އެކިގޮތްގޮތުން ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުން. އޭގެތެރެއިން އެއްބޭފުޅަކީ މޭޖަރ މޫސާ. އޭނާ އެއީ އެން.އެސް.އެސް.ގެ ޚިދުމަތުގައި ވަރަށް ގިނަދުވަސް ހޭދަކުރައްވައިފައިވާ ބޭފުޅެއް. އެހެންކަމާއެކު އޭނާ ހޮވުނީ. ރާއްޖެތެރެއިންވެސް ބައެއް ބޭފުޅުން ހޮވިފައި އެބަ ތިއްބެވި މިފަހަރު. އެއީވެސް އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ސަރުކާރަށް އެބޭފުޅުން ކުރައްވައިފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި. އޭގެތެރެއިން އެކަކީ އަލްފާޟިލް ޙުސައިން މުޙަންމަދު ށ. އަތޮޅު މާފަރު. އޭނާ މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރައްވާތާ މިހާރު ފަންސާސް އަހަރު ވެއްޖެ. އަޅުގަނޑު ހިތުން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންގެތެރެއިން، އެންމެ ގިނަދުވަސްވަންދެން މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅަކީ އެއީ. އެހެންވީމާ، އެގޮތުން އޭނާ ހޮވިފައި އެވަނީ. ހަމައެފަދައިން، ވިލުފުށީ ޙަސަން ކަލޭފާނު. އޭނާ އެއީވެސް މެދުނުކެނޑި ސަރުކާރަށް ޚިދުމަތް ކުރައްވާތާ ވަރަށް ގިނަދުވަސް ވެފައިވާ ބޭކަލެއް. ސާޅީސް އަށް އަހަރު ވަންދެން މިހާރު ޚިދުމަތް ކުރައްވައިފި. އެހެންވީމާ، އެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، މިފަހަރު އޭނާ ޙައްޖަށް ދުރުވުމަށް ހޮވިފައި ވަނީ. ސިއްކަގޭ މުޙަންމަދު ޢަލީ ނަޞީރު، ސަރުކާރަށް ޚިދުމަތް ކުރައްވާތާ ތިރީސް ނުވަ އަހަރު ވެއްޖެ. އެހެންވީމާ، އެގޮތުން އޭނާވެސް ހޮވިފައިވަނީ. އަދި އިތުރު ދެބޭފުޅަކު ހޮވިފައި އެބައޮތް. އެއީ ހޮޅުދޫ ޙަސަން ކަލޭފާނު އަދި ކުޑަހުވަދޫ ދޮން މުޙަންމަދު ކަލޭފާނު. މި ބޭބޭފުޅުން މި ހޮވުނީ ޖަމާޢަތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ފާހަގަކުރެވިފައި އަދި މިހާރު ކަމުވޮށިކަމުގެ ދަރަޖަވެސް ދެވިފައިވާ ބޭފުޅުން ކަމަށްވާތީ. މިދިޔަ އަހަރުވެސް އެގޮތުން ބައެއް ބޭފުޅުން ވަނީ ޙައްޖަށް ފޮނުވިފައި.

އާދެ، މިގޮތްގޮތުން، މި ހަމަތަކުގެމަތިން ސަރުކާރުން ޙައްޖަށް ފޮނުވާ މީހުން އިޚުތިޔާރު ކުރަމުން ގެންދަނީ. އާދެ، އަމިއްލަ ފަރާތްތަކުންވެސް މީހުން ޙައްޖަށް ގެންދެވުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ. ވަރަށް އެދެވޭ ޚިދުމަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެހެންވީމާ، އެފަރާތްތަކަށްވެސް ސަރުކާރުގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް. އެފަރާތްތަކުން ރާއްޖޭގެ ރައްޔިތުންނަށް އަދި ރައްޔިތުންގެ ތެރެއިން ޙައްޖަށް ދާން އެދޭ މީހުންނަށް، އެ ތަނަވަސްކޮށްދެއްވާ ފުރުޞަތަކީ އަޅުގަނޑު ހިތުން ވަރަށް އަގުހުރި ފުރުޞަތެއް. ވަރަށްގިނަ މަސައްކަތް ކުރައްވައި، ވަރަށްގިނަ ރޭވުންތައް ރާއްވަވައި، ވަރަށްގިނަ ފަރާތްތަކާ ގުޅުއްވައިގެން، އެކަންތައްތައް އެ ހަމަޖައްސަވަނީ. އެހެންވީމާ، އެފަރާތްތަކުން އެ ކުރައްވާ ޚިދުމަތް އެއީވެސް ސަރުކާރުންވެސް ވަޒަންކުރާ ޚިދުމަތެކޭ ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ކުރިއަށް އޮތް ތާނގައިވެސް ރާއްޖޭގެ ޙައްޖަށް ދިޔުމުގެ ކަންތައްތަކަކީ ސަރުކާރުންނާއި އަދި އަމިއްލަ ފަރާތްތަކުންވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަންތައްތަކެއްކަން ކަށަވަރު. އެހެންވީމާ، މިހާރު މި ހަމަޖެހިފައިވާ ގޮތުން ސަރުކާރުން މަތިންދާބޯޓެއް ޗާޓަރު ކުރުމާއި، ދަތުރާބެހޭ ހުރިހާ ކަމެއް ރަސްމީގޮތުން ނިންމައިދިނުމާއި އަދި ސަރުކާރުގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށް ރަސްމީގޮތުން މި ވާހަކަތައް ދަންނަވައި، އެކޮޅުންވެސް ހުރިހާ ކަމެއް ހަމަޖައްސައިދިނުމާ، މިކަހަލަ ވަރަށްގިނަ ކަންތައްތައް ސަރުކާރުން ކުރާގޮތަށް ހަމަޖެހިފައިވުމާއެކު، ކުރިއަށް އޮތް އަހަރުތަކުގައިވެސް ޙައްޖަށް ފޮނުއްވަން ގަސްދުކުރާ ފަރާތްތަކުން ސަރުކާރާ ގުޅުއްވައިގެން ކަންތައްތައް ކުރެއްވުމުގެ ބޭނުންތެރިކަން ބޮޑުކަން އަޅުގަނޑަށް އިހުސާސް ކުރެވޭ. އެއީ މިދެންނެވި ކަންތައްތައް ސަރުކާރުން ހަމަޖައްސާގޮތަށް ހަމަޖެހިފައިވުމާއެކު، ސަރުކާރުން ގަސްދުކުރާގޮތެއް ސާފުކުރައްވައިގެން، އޭގެފަހުގައި ޙައްޖަށްދާން އެދޭ މީހުންނަށް ހަމަޖައްސަވާގޮތެއް އެފަރާތްތަކުން އިޢުލާނު ކުރެއްވީމާ، އެއްވެސްކަހަލަ ފުށުއެރުމެއްނެތި، އެއްވެސްކަހަލަ މައްސަލައެއްނުޖެހި، ވަރަށް އޮމާންކޮށް އެންމެންނަށްވެސް އެދެވޭގޮތެއްގައި މިކަން ހިނގަމުންދާނެ ކަމަށް އަޅުގަނޑަށް ފެންނާތީ.

އާދެ، ދެން އަދި އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއެއްވެސް އެބައޮތް. އެއީ ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި ނުކުތާއެއް. އެއީ ޞިއްޙީގޮތުންދިމާވާ އެކިއެކި ކަންތައްތައް. އެކަންތައްތައް އެއީ އެތާނގައި ދިމާވެދާނެ ކަންތައްތަކެއް ނުވަތަ ދަތުރުމަތީގައިވެސް ދިމާވެދާނެ ކަންތައްތަކެއް. އެއީ ވަރަށްގިނައަދަދެއްގެ ބަޔަކު، ވަރަށްގިނަ ޤައުމުތަކުން ސަޢޫދީ ޢަރަބިއްޔާއަށް ދާނެ، މި މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި. އެހެންވީމާ، އެދާ މީހުންނަކީ ތަފާތު ޤައުމުތަކަކުން އައިސްފައިތިބި، ތަފާތު އުމުރުތަކުގެމީހުން ކަމަށްވެފައި، ޞިއްޙީކަންތައްތައް އެއީ ވަރަށްފަސޭހައިން ފެތުރިގެންދާ ކަންތައްތަކަކަށްވާތީ، މިދެންނެވި ބާވަތުގެ ކަންތައްތައް ދިމާވަނީ. އެހެންވީމާ، އަޅުގަނޑުމެންވެސް ވިސްނަންޖެހޭނެ، އަޅުގަނޑުމެންގެ ރާއްޖެއިން ޙައްޖަށްދާ މީހުންނަކީ ޞިއްޙީގޮތުން އެކަމަށް އެކަށީގެންވާ ބައެއްކަމަށް ހެދޭތޯ ނުވަތަ އެއީ އަޅުގަނޑުމެން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭ ނުކުތާއެއް. އެއީ އަޅުގަނޑުމެންގެ ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރޭގައިވެސް ގައިންގަޔަށް އަރާކަހަލަ ނުރައްކާތެރި ބައްޔެއް ހުރި މީހަކު ހުރެއްޖެ ކަމަށްވަންޏާ، އެމީހާގެ ސަބަބުން އެ ޙައްޖަށްދިޔަ ދިވެހިންގެ އެހެން މީހުންނަށްވެސް އެ ބަލީގެ އަސަރު ފޯރުމަކީ އެކަށީގެންވާ ކަމަކަށްވާތީ. އަދި އެމީހާގެ ސަބަބުން ޙައްޖަށްދާ އެހެން މީހުންނަށްވެސް އޭގެ ނުރައްކާ ފޯރުމަކީ ދުރުގައި އޮންނާނެކަމެއްނޫން. އެހެންވީމާ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންވެސް ވަރަށްބޮޑަށް ބާރުއަޅުއްވާ، ޙައްޖަށް ފޮނުއްވާ ފަރާތްތަކުން މީހުންގެ ޞިއްޙަތާ ދޭތެރޭގައި ވަރަށްބޮޑު ބެލުންތަކެއް ބަލައި، ކަނޑައެޅިގެން ޞިއްޙަތު ސަލާމަތުންތިބި މީހުން ފޮނުވުމަށް. އެއްވެސް ކަހަލަ ނުރައްކާތެރި ބައްޔެއް، މިދެންނެވީ ގައިންގަޔަށްއަރާ ބާވަތުގެ ބައްޔެއްހުރި މީހަކު ޙައްޖަށް ދިޔުމަކީ ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ހުއްދަކުރައްވާ ކަމެއްވެސްނޫން. އަދި އެދެވިގެންވާ ކަމެއްވެސްނޫން. އެހެންވީމާ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށްވާނެ، ކުރިއަށް އޮތް އަހަރުތަކުގައިވެސް ތަންކޮޅެއް ބޮޑަށް ވިސްނައިގެން، އެކަހަލަ މީހުން ފޮނުވުން އެއީ ރަނގަޅު ކަމަކަށްނުވާތީ، އެހެންގޮތެއް ހަމަޖައްސަން.

އާދެ، ހަމައެފަދައިން ސަރުކާރުން ޙައްޖަށްދާ މީހުން އެ ހޮވާ އުސޫލުތައް، އަޅުގަނޑު ކުރުކޮށް ދެންނެވިއިރު، އިޝާރަތްކުރި ކަންތައްތަކުގެ އިތުރަށް، މުސްތަޤުބަލުގައި ބައެއް ކަންތައްތަކަށްވެސް ސަރުކާރުން ބެލުން އެއީ ނެތްކަމެއް ނޫންކަމަށް ދަންނަވަން. މިސާލަކަށް، އަސާސީ ތަޢުލީމުގެ ފެންވަރު ހުރި މީހުން ފޮނުވުން. އެއީ ފަހަރެއްގައިވެސް އެ ފެންވަރު ނެތް މީހުންނަށް، އެ ފުރުޞަތު ނުދިނުމުގެ ބޭނުމުގައެއް ނޫން. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވެސް ތަޢުލީމަށް ދެއްވައިފައިވާ އަހަންމިއްޔަތުގެ ބޮޑުކަމުން. އަދި އަޅުގަނޑުމެންގެ ރާއްޖެއަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވާތީ. އަޅުގަނޑުމެންގެ ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުން ތިބުމަކީ އަޅުގަނޑުމެންނަށް ޤައުމީ ގޮތުންވެސް އަދި ދީނީގޮތުން ލިބޭ ހުތުރު ނަމަކަށްވާތީ. އެހެންވީމާ، އެކަމަށް ބާރުއެޅުމުގެގޮތުން މިހާރު ބައެއް ކަންތައްތައް ހަމަޖެހެމުންދަނީ.

އަޅުގަނޑުމެންގެ ތެރެއިން އެންމެންނަކީވެސް ލިޔަންކިޔަން ދަންނަ އަދި ދީނީ މަޢުލޫމާތު ކޮންމެވެސް ފެންވަރަކަށް ހުންނަ މީހުން ކަމުގައި ހެދޭތޯ ބެލުމަށް، މި މަސައްކަތް ސަރުކާރުން ކުރަނީ. އެނގިވަޑައިގަންނަވާނޭ ފަދައިން، އަސާސީ ތަޢުލީމުގައި ހިމެނެނީ ހަމައެކަނި ލިޔަންކިޔަން ދަސްކޮށްދިނުމެއްނޫން. އޭގެއިތުރުން، ދީނާބެހޭ ގޮތުންވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދަތުން ލާޒިމު މަޢުލޫމާތުތަކެއްވޭ، ދަސްކުރަންޖެހޭ. އެހެންވީމާ، އެގޮތުން ބަލާއިރުވެސް އަޅުގަނޑުމެންނަށް ޙަޤީޤަތުގައި މުސްލިމުންނަށް ވެވޭނީ، އެ ފެންވަރަށް ތަޢުލީމުވެސް ލިބިގެން. ދީނުގެ އެކިއެކި ފަރުޟުތައް އަދާކުރާނެގޮތާއި، އެ ފަރުޟުތައް ޞައްޙަވާގޮތާ، އެހުރިހާ މަޢުލޫމާތެއް އަސާސީ ތަޢުލީމުގެ މުޤައްރަރުގައި ހިމެނިފައިވޭ. އެހެންވީމާ، ފަހަރެއްގައި މި އަންނަ އަހަރު އެހެން އިޢުލާނުކުރަންވެސް ޖެހިދާނެ. އެއީ ސަރުކާރުގެ ހަރަދުގައި ފޮނުވާ މީހުންނަކީ، އަސާސީ ތަޢުލީމުގެ ފެންވަރު ހުރި މީހުން ކަމުގައިވުމަކީ ޝަރުޠެއް ކަމަށް.

އާދެ، ކޮންމެއަކަސް ބޭނުމަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ތެރެއިން ޙައްޖަށްދާ މީހުންނަކީ އެކަށީގެންވާ ފެންވަރުހުރި އަދި އިސްލާމީގޮތުން ބަލާއިރުވެސް އެމީހުންގެ ދީނީ ވާޖިބުތައް ދަންނަ ބައެއް ކަމުގައި ހެދުން. އެހެންނޫނީވިއްޔާ، އެއީ އަޅުގަނޑުމެންނަކީ އަބަދުވެސް އަޅުގަނޑުމެން ފަޚުރުވެރިވާ ފަދައިން، ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވާއިރު، އަޅުގަނޑުމެންގެ ތެރެއިން ޙައްޖަށްދާ މީހުންނަކީ ލިޔަންކިޔަން ނުދަންނަ ބަޔަކަށްނުވުން ނުވަތަ އެމީހުންނަށް ދީނުގެ އެންމެ އަސާސީމަޢުލޫމާތު، އެންމެފުރަތަމަ އެނގެންޖެހޭ މަޢުލޫމާތުވެސް ނޭނގި ތިބި ބަޔަކަށްވުމަކީ އަޅުގަނޑުމެންނަށް ފަހަރެއްގައިވެސް ރީތި ނަމެއް ލިބޭނެ ކަމަކަށްނުވާތީ.

އާދެ، އަޅުގަނޑު މިރޭގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އެހެން ދެތިން ނުކުތާއަކަށްވެސް ބަލައިލުމުގެ ބޭނުންތެރިކަން، ބައެއް ބޭފުޅުން އަޅުގަނޑާ ހަމަޔަށް ގެންނަވައިފައި އެބަހުރި. އެއީ ޙައްޖާ ބެހޭގޮތުން ބައެއް ބޭފުޅުންގެ ހިތްޕުޅުތަކުގައި އުފެދޭ ބައެއްކަހަލަ ސުވާލު. އެކަންކަމަށް ކޮންމެވެސްވަރަކަށް އިޝާރާތްކޮށްލައި، ކޮންމެވެސްކަހަލަ ޖަވާބެއް ދިނުމަކީ ރަނގަޅު ކަމެއްކަމަށް، ބައެއް ފަރާތްތަކުން އިޝާރާތްވެސް ކުރައްވައިފައި އެބައޮތް. އެހެންވީމާ، ދެތިންހަތަރު ނުކުތާއަކާ ދޭތެރޭގައި އަޅުގަނޑު ވަރަށްކުރު ގޮތަކަށްނަމަވެސް ބަލައިލެވޭތޯ އެބަ ބަލަން.

އާދެ، ބައެއް ޙައްޖުވެރިން ނުވަތަ ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން ސުވާލު ކުރައްވަނީ، މިހާރު މި ހަމަޖެހިފައި އޮތްގޮތުން މާދަމާ ފުރައިގެން ހަމަ މާދަމާ ޖިއްދާއަށް ދެވޭނެ ކަމަށްވާތީ، ގޭގައި ފެންވަރައި ނަލަހެދި، އިޙުރާމް ހެދުން ގަޔަށްލުމަށްފަހު، އިޙުރާމް ބަނުމުގެ ނިޔަތް، މަތިންދާބޯޓުގައި ދަތުރުކުރަމުން، އެ ނިޔަތްގަތުން ކީއްތޯ؟ އާދެ، އެއީ އަޅުގަނޑު ހިތުން ހަމަ އެންމެ ރަނގަޅު ގޮތެއް. މިހާރު އަޅުގަނޑުމެންގެ ރާއްޖެއިން ޙައްޖަށްދާ ގިނަ މީހުން އަދި ދުނިޔޭގެ އެހެން ތަންތަނުންވެސް ޙައްޖަށްދާ މީހުން ޙައްޖާއި ޢުމްރާ، މި ދެކަންތައް ކުރަނީ ތަމައްތުޢުގެ ގޮތުން. އާދެ، އެންމެ ފުރަތަމަ ޢުމްރާއަށް އިޙުރާމް ބަނދެ، ޢުމްރާގެ ހުރިހާކަމެއް ކޮށް ނިންމުމަށްފަހު، އެ އިޙުރާމް ދޫކޮށްލައި، ޙައްޖުގެ ދުވަސް އައިމާ، ޙައްޖަށް ދެވަނަފަހަރަށް އިޙުރާމް ބަނދެފައި، ދެން ޙައްޖުގެ ހުރިހާކަމެއް އަދާކޮށްފައި އިޙުރާމް ދޫކޮށްލަނީ. އެއީ ތަމައްތުޢު ކުރުމަކީ. އެގޮތަށް އަޅުގަނޑުމެން އެންމެންވެސް ޙައްޖުވަނީ. އެއީ މިޒަމާނުގައި ފަސޭހަކަމެއް ނޫން، އެއް އިޙުރާމަކުން އެ ދެ ރުކުން އަދާކުރުމަކީ. ޢުމްރާއާއި ޙައްޖާ. އެހެން މިދެންނެވީ މިހާރު އަޅުގަނޑުމެން މިދަނީ ވަރަށް ކުރިން. ގާތްގަނޑަކަށް ވިއްސަކަށް ދުވަސް ކުރިން އަދި ޙައްޖުގެ މިދަނީ. އެހެންވީމާ، އެހުރިހާ ދުވަހަކު އިޙުރާމުމަތީ ތިބުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ. އިޙުރާމް ބަނދެގެން ތިބޭ މީހުން، ނުކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި، އެމީހުން އެކަންތައްތައް ކޮށްފިއްޔާ، އިޙުރާމް ޞައްޙަނުވާ. އެކަންތައްތައް ތިޔަބޭފުޅުންނަށް ދީނީ ފޮތްފޮތުންނާއި އަދި އެކިއެކި ބޭފުޅުންގެ އަރިހުން މިހާރުވާނީ ސާފުވެވަޑައިގެންފައި. ކޮންމެއަކަސް އެކަންތައްތައް އެހެން އޮތުމާއެކު، ޢަމަލީގޮތުން އެންމެ ފަސޭހަގޮތަކަށްވަނީ ތަމައްތުޢުގެ ގޮތް. އެންމެ ފުރަތަމަ ޢުމްރާއަށް އިޙުރާމް ބަނދެގެން ގޮސް ޢުމްރާގެ ކަންކަން ނިންމައިފައި އިޙުރާމް ދޫކޮށްލަނީ. ދޫކޮށްލުމަށްފަހު ދެން ޙައްޖަށް ދެވަނަފަހަރަށް އިޙުރާމް ބަންނަނީ. ޙައްޖަށް އިޙުރާމް ބަނދެގެން ޙައްޖުގެ ރުކުންތައް އަދާކޮށް ނިންމަނީ.

އާދެ، އެހެންވީމާ، މާދަމާ އަޅުގަނޑަށް ހީވަނީ ހަމަ ރަނގަޅު ގޮތެއްހެން، ގެއިން ހުރިހާ ބޭފުޅުން ނާނިފިއްލަވައި އަދި އިޙުރާމުގެ ހެދުންވެސް ތުރުކުރައްވައިގެން ވަޑައިގަތުން. އެއީ ބޯޓުތެރޭގައި އެކަންތައްތައް ކުރެއްވުމަކީ މާ ފަސޭހަކަމަކަށްނުވެ ހިނގައިދާނެތީ. އޮންނަނީ މީޤާތާ ހަމަވުމުން އިޙުރާމް ބަންނަގޮތަށް. މާނަޔަކީ މީޤާތު، އިޙުރާމް ނުބަނދެ ފަހަނަޅައިދިޔުމަކީ ހުއްދަވާ ކަމެއް ނޫން. މަތިންދާބޯޓުން ދަތުރުކުރަމުންދާއިރު މީޤާތާ ހަމަވުމުން އެކަން ކަނޑައެޅިގެން އެނގުމަކީ، މާ ފަސޭހަކަމަކަށްނުވެ ހިނގައިދާނެ. ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި ޖިއްދާއަށް މަތިންދާބޯޓު ދިޔުމުގެ ތިރީހަކަށް މިނެޓު ކުރިން އަޅުގަނޑުމެންގެ މީޤާތާ އަރާހަމަވޭ. އެހެންނަމަވެސް، މަތިންދާބޯޓު ދަތުރުކުރަނީ އެކި މަތިންދާބޯޓު އެކިދިމާއިން. ކަނޑައެޅިގެން އެއީ ތިރީސް މިނެޓޭ ނުވަތަ ސާޅީސް މިނެޓޭ، ފަންސާސް މިނެޓޭ ބުނުމަކީ މާ ފަސޭހަކަމަކަށް ނުވާނެ. އަނެއްކާ އޭގައި ތިބޭ މީހުންވެސް އެކަމަށް އެހާ ބޮޑަށް ފަރުވާތެރިކަން ބަހައްޓާ ބަޔަކަށް ނުވެވެސް ހިގައިދާނެ. އެއީ އިސްލާމުންގެ ބައެއް ނޫން. މުސްލިމުންނެއް ނޫން ތިބޭނީކީ. އެހެންވީމާ، ލިބޭ ވަގުތުވެސް ކުޑަވެފައި އަދި މަތިންދާބޯޓުތެރޭގައި ކަންތައްތައް ހުންނާނެގޮތުން ވަރަށްގިނަ އަދަދެއްގެ ބަޔަކު އެއްބޯޓަކުން ދާއިރު، ކޮންމެ މީހަކުވެސް ހެދުން ބަދަލުކޮށް އެހެން ހެދުމަކީ ފަސޭހަކަމަކަށް ނުވާނެތީ. އަޅުގަނޑަށްހީވަނީ ގެއިން އިޙުރާމްބަނދެގެން، އިޙުރާމްބަނުމޭ އަޅުގަނޑު މިދަންނަވަނީ، އެ އިޙުރާމްފޮށާ ގަޔަށްލުމުގެ ވާހަކަ. ޙަޤީޤަތުގައި އިޙުރާމްބަނުމަކީ ނިޔަތްގަތުން. ނިޔަތްގަތުން އެއީ އަދި މުޅިން އެހެން ކަމެއް. އެހެންވީމާ، މިދެންނެވި ގޮތަށް ގޭގައި ފެންވަރައި ނަލަހެދި، އެ ކުރަން ހުންނަ ހުރިހާ ކަމެއްކޮށް، އެ ހެދުން އަޅައިހަދައިގެން އެއަރޕޯޓަށް ވަޑައިގަތުމަކީ އަޅުގަނޑު ހިތުން ދެރަގޮތެއް ނޫން. ރަނގަޅު ގޮތެއް.

ދެން ނިޔަތްގަތުން. އެއީ، ވީހާވެސް މީޤާތާ ކައިރިކުރައްވައިފައި ކުރެއްވުން ރަނގަޅު ކަމެއް. އެހެންވީމާ، މަތިންދާބޯޓުތެރޭގައި، އަޅުގަނޑު މިދެންނެވި ހިސާބަށް ދެވުމުން، ކޮންމެވެސް އިޝާރާތެއް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެހެންވީމާ، އެ އިޝާރާތް ލިބިވަޑައިގަތުމުން، ޢުމްރާއަށް ނިޔަތްގަތުން، އަޅުގަނޑުހިތުން އެއީ ދެން މިހާރު އޮންނާނެ ގޮތަކީ، ތަމައްތުޢުގެ ގޮތުން ޙައްޖުވާ މީހުންނަށް. އެހެންވީމާ، އެ ނިޔަތްގަތުން އޮންނާނީ. ޢުމްރާވުމަށް ނިޔަތްގަންނާނީވެސް އެގޮތަށް. ނިޔަތުގެމަޙައްލަކީ ހިތް. އެހެންވީމާ، ހަމައެކަނި ހިތަށް އަރުވައިލަންޖެހެނީ [ﷲ އަށްޓަކައި ތިމަންނާ ޢުމްރާއެއް ކުރުމަށް ގަސްދުކޮށްފީމެވެ.] އެހެންވީމާ، އެގޮތުން ހިތަށްއަރުވައިލުން އެއީ އިޙުރާމް ބަނުމަކީ. ޙަޤީޤަތުގައި ދުލުން އެއްޗެއް ކިޔުން ލާޒިމެއް ނޫން. ދުލުން ކިޔޭ އެއްވެސް ނިޔަތެއް ކިޔުން އެއީ ލާޒިމު ކަމެއް ނޫން. އެހެންނަމަވެސް، އިޙުރާމުގައި، ދުލުން އެ ނިޔަތް ކިޔައިލުމަކީ ސުންނަތެއްކަމަށް ވާރިދުވެފައިވޭ. މިސާލަކަށް، [لبّيك عمرة.] [اللّهم لبّيك عمرة.] މިފަދައިން ދުލުން ކިޔުމާއެކުގައި، އަޅުގަނޑު މިދެންނެވިހެން، ހިތުން، ޢުމްރާ ކުރައްވަން ގަސްދު ކުރައްވާކަން ހިތަށް އަރުވައިލެއްވީމާ، އެ ނިޔަތްގަނެވުނީ. އެއީ ޙަޤީޤަތުގައި އިޙުރާމް ބަނުމަކީވެސް. އެހިސާބުން ފެށިގެން ދެން އިޙުރާމް ބަންނަ މީހުންނަށް ޙަރާމްވާ ކަންތައްތައް ކުރުމަކީ އެއީ ޙަރާމްކަމެއް. އެއީ ޢުމްރާގެ ކަންތައް ނިމި، އިޙުރާމް ދޫކޮށްލައްވަންދެން.

އާދެ، ދެން އޮތް ނުކުތާއަކީ އަޅުގަނޑުމެންނަށް ޙައްޖުގެ އަޅުކަން އަދާވެވެނީ ތަމައްތުޢުގެ ގޮތުން ކަމަށްވިޔަސް، ފުރަތަމަ ނިޔަތްގަންނާނީ، ޢުމްރާއަކަށް ނޫންތޯ! ކުރިން އަޅުގަނޑު ދެންނެވިހެން، ފުރަތަމަ ނިޔަތްގަތުން އޮތީ ޢުމްރާއަށް. އެއީ ޙައްޖަށް އިޙުރާމް ބަންނާނީ ޢުމްރާވީމާ، އިޙުރާމުން ވަކިވުމަށްފަހުގައި ކަމަށްވާތީއޭ. އެއީ ރަނގަޅަށް. ދެން ބައެއް ބޭފުޅުން ވިދާޅުވަނީ ޠަވާފުކުރާގޮތް، އެކިމީހުންގެ ބުނެދިނުމުގައި ތަފާތުކަން ހުރެޔޭ. ކިޔަންވާ ދުޢާތައް ތަފާތުގޮތްގޮތަށް ހުރުމާ، ފުރިހަމަނުވެއްޖެނަމަ ޠަވާފުވެސް ފުރިހަމަނުވާނޭކަމަށް ބައެއް މީހުން ހީކުރެޔޭ. ވީމާ، އެކަމުގެ އެންމެ ފުރިހަމަ ގޮތަކީ ކޮބައިތޯއޭ؟ އާދެ، އެންމެ ފުރިހަމަގޮތް އަޅުގަނޑު ހިތުން އެއީ، އެ ކިޔައިދޭން މާ ފަސޭހަކަމަކަށް ނުވާނެ. ފޮތްފޮތުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި ޢިލްމުވެރިންގެ އަރިހުންވެސް ތިޔަބޭފުޅުންނަށް އެކަން ސާފުވެވަޑައިގަންނަވާނެ.

ކޮންމެއަކަސް، އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އެއްޗަކީ، ޙައްޖުގެ ރުކުންތައް އެއީ ޢަމަލީ ރުކުންތަކެކޭ. އެއީ އަޅުގަނޑުމެން އަދާކުރާ، ކުރާ ކަންތައްތަކެކޭ. އޭގައި ކިޔާ ދުޢާތަކެއް ހުރި ކަމުގައިވިޔަސް، އެއީ ކޮންމެހެން ކިޔުން ލާޒިމު ތަކެއްޗެއް ނޫނޭ. އަޅުގަނޑު ކުރިން ދެންނެވިހެން، އެންމެ ފުރަތަމަ އިޙުރާމް ބަންނައިރު، ހިތުން ނިޔަތްގަތުމަކީ ޝަރުޠެއް. އެއީ ރުކުނެއް. އެހެންނަމަވެސް، ދުލުން ނިޔަތްކިޔުން ލާޒިމެއް ނޫން. ކިޔުން ރަނގަޅު. ދެން ޠަވާފު ކުރާއިރު ކިޔާ ދުޢާތަކާއި، ސަޢުޔުކުރާއިރު ކިޔާ ދުޢާތަކާ، އެކަންތައްތައް އެއީ ކޮންމެހެން ލާޒިމު ކަންތައްތަކެއް ނޫން. ޙައްޖުގެ އަޅުކަން ފުރިހަމަޔަށް އަދާވާނެ، އެ އޮންނަ ގޮތަށް އެކަންތައް ޢަމަލީގޮތުން ކުރީމާ. ޠަވާފު ކުރުމަކީ އެނގިވަޑައިގަންނަވާނޭ ފަދައިން، ގެފުޅުގެ ވަށައިގެން ހިނގުން. ހަތްފަހަރު ހިނގާގޮތަށް އޮންނަނީ. ވަކިހިސާބަކުން ފެށިގެން ވަކިހިސާބަކަށް ދިޔައިމާ އެއީ ބުރެއް. އެހުރިހާ ކަމެއް އެތަނަށް ވަޑައިގަތީމާ ސާފުވެވަޑައިގަންނަވާނެ. އަޅުގަނޑު މިތާނގައި ކިޔައިދިނަސް، އެތަން ދެކެވަޑައިނުގަންނަވާ ބޭފުޅަކަށް ހިތްޕުޅަށް ގެންނެވުން އެއީ ފަސޭހަކަމަކަށް ނުވާނެ. ކޮންމެއަކަސް ގެފުޅުގެވަށައިގެން ހަތްބުރު ހިންގެވީމާ، އެ ޠަވާފު އަދާކުރެއްވުނީ. އެ ޠަވާފު އަދާކުރައްވާއިރު ކިޔުމަށްހުރި ބައެއް ދުޢާތައް ރަސޫލާގެއަރިހުން ވާރިދުވެފައި އެބަހުރި. އެ ދުޢާތައް އެނގުނު މީހަކުވިއްޔާ، ކިޔުން ރަނގަޅު. އެކަމަކު އެ ނުކިޔުނަސް އެއްވެސްކަހަލަ އުނިކަމެއް ނެތް. ޠަވާފުވެސް ރަނގަޅުވާނެ. ޙައްޖުވެސް ރަނގަޅުވާނެ.

ހަމައެފަދައިން، ސަޢުޔުވެސް. އެ ސަޢުޔު ކުރާއިރު، ސަޢުޔުކުރަން ފަށާއިރު ކިޔާ ދުޢާއަކާއި ނުވަތަ ބައެއް ޒިކުރު އެއްޗެތި އެބަހުރި ވާރިދުވެފައި. ތިޔަބޭފުޅުން އަތްޕުޅުމަތީގައި ހުންނަ ފޮތްތަކުގައިވެސް ހުންނާނެ. އެ ދުޢާތައް ވިދާޅުވުން، އެ ޒިކުރުތައް ވިދާޅުވުން އެއީ ރަނގަޅު ކަމެއް، އެނގިވަޑައިގަންނަވާ ކަމަށްވަންޏާ. ވިދާޅުނުވެވުނަސް އެއްވެސް މައްސަލައެއްނެތް. ސަޢުޔުވެސް ބާޠިލެއްނުވާނެ. ސަޢުޔުވެސް ހަމަ ޞައްޙަ ސަޢުޔަކަށްވާނީ. އަދި ޙައްޖުވެސް ޞައްޙަ ޙައްޖަކަށްވާނީ. ހަމައެފަދައިން، ޢަރަފާތުގައި ތިއްބަވާއިރުވެސް، މިނާގައި ތިއްބަވާއިރުވެސް، މުޒްދަލިފާގައި ތިއްބަވާއިރުވެސް އެއްވެސްކަހަލަ އެއްޗެއް ވިދާޅުވުން އެއީ ލާޒިމު ކަމެއް ނޫން. އެއީ ރުކުނެއް ނޫން. ވާޖިބެއް ނޫން. އެއީ ސުންނަތް އެ ހުންނަނީ. އެހެންވީމާ، އެކަންތައްތަކަށް ކުޅަދާނަވެގެންވީ މީހަކު، އެކަންތައްތައް ކުރުން ރަނގަޅު. އެކަމަކު ނުކުރެވުނު މީހެއްގެ އެއްވެސް މައްސަލައެއް ނެތް. ޙައްޖު ޞައްޙަވާނެ. އެންމެބޮޑު ކަމަކީ، އަޅުގަނޑަށް ބައެއް ފޮތްފޮތުން ފެނިފައިހުރި ގޮތުގައި، އެ އަޅުކަން ކުރެއްވުމުގައި ވީހާވެސް ބޮޑަކަށް މަޑުމޮޅިކަންމަތީގައި ދެމިހުރުން. ވީހާވެސް ބޮޑަކަށް اللّـه سبحـانـه وتعـالىގެ ރަސްކަންފުޅު ހިތްޕުޅުމައްޗަށް ގެންނެވުން. އެކަލާނގެއަށް ބިރުވެތިވެވަޑައިގަތުން. ހަމައެފަދައިން، ތިމާގެ ނިކަމެތިކަން ހަނދާންކުރުން. ތިމާއަކީ އަޅެއްކަން، ﷲގެ އަޅެއްކަން، ތިމާއަކީ ﷲގެ ޙަޟްރަތުގައި ވަރަށް ނިކަމެތި މީހެއްކަން. އެގޮތަށް ހިތަށް އަރުވައިގެން ވީހާ މަޑުމޮޅިކަމާއި ޚުޝޫޢަވެރިކަމަކާއެކުގައި ވަގުތުތައް ހޭދަކުރުން އެއީ ޢަރަފާތުގައި ތިއްބަވާއިރުވެސް އަދި އެނޫން ވަގުތުތަކުގައިވެސް އެއީ އެންމެ މުހިންމު ކަމަކީ.

އޭގެއިތުރުން މިދެންނެވި ކަހަލަ އެކިއެކި ޒިކުރުތައް، ދުޢާތައް އެނގިވަޑައިގަންނަވާ ކަމަށްވަންޏާ ވިދާޅުވާނީ. އަދި ދުޢާ ކުރެއްވުމުގައި ވަކި ޞީޣާއެއް، ވަކި ޢިބާރާތެއް ކޮންމެހެން ލާޒިމެއް ނޫން. ދިވެހިބަހުން ދުޢާކުރެއްވިޔަސް އެންމެ ރަނގަޅު. ކޮންމެ ބަހަކުން ދުޢާކުރެއްވިޔަސް އެންމެ ރަނގަޅު. ދެން ޤުރްއާން ކިޔަވައިވިދާޅުވުން އެއީ ވަރަށްރަނގަޅު ކަމެއް. ޤުރްއާނަކީ ވަރަށް މާތް އެއްޗެއް. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ޤުރްއާން ކިޔެވުމަކީ ކޮންމެ ވަގުތެއްގައިވެސް އަޅުކަމެއް ކަމުގައި ވަނީ ލައްވައިފައި. އެހެންވީމާ، ޙައްޖުގެ ރުކުންތައް އަދާކުރައްވާއިރުވެސް ޤުރްއާން ކިޔަވައިވިދާޅުވުން އެއީ ވަރަށް ރަނގަޅު ކަމެއް.

އާދެ، ދެން ކޮންމެވެސް އެހެން ބޭފުޅަކު ކުރައްވާ ސުވާލެއް ކަމަށް އަޅުގަނޑަށް އެނގިފައިވާ ސުވާލަކީ، [އަހާފައިވާ ގޮތުގައި މައްކާގެ އަހުލުވެރިން ޤުނޫތު ނުކިޔައޭ. ވީމާ ފަތިސްނަމާދުގެ ޤުނޫތާމެދު ޢަމަލުކުރަންވީ ކިހިނެއްތޯއޭ؟] އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެހެން އަޅުގަނޑަށް ހީވަނީ، މިކަހަލަ ކަންތައްތަކުގައި ޢިލްމުވެރިންގެ ނަޒަރު ތަފާތުވެފައި ހުންނަ ކަންތައްތައް އެބަހުރި. އަޅުގަނޑުމެން ދީނުގެ އަޅުކަންތަކާއި އަދި އެހެން ކަންތައް ކުރަމުން މިގެންދަނީ ޝާފިޢީ މަޛްހަބަށް. އެ މަޛްހަބުގައި ހުންނަގޮތަށް ބަލައިގެން އެގޮތަށް. އަޅުގަނޑުމެންގެ މަޛްހަބުގައި ނުވަތަ ޝާފިޢީ މަޛްހަބުގައި ޤުނޫތު ކިޔުން އެއީ އަބްޢާޟު ސުންނަތެއް. އޭގެ މާނަޔަކީ (އެއީވެސް ރުކުނެއް ނޫން. އެއީވެސް ސުންނަތެއް އިނގޭތޯ.) އަޅުގަނޑުމެންގެ މަޛްހަބުގައިވެސް ޤުނޫތު ނުކިޔުނަސް ނަމާދު ބާޠިލެއްވެސްނުވޭ. އެހެންނަމަވެސް، ޤުނޫތު ނުކިޔުނުކަން ހަނދާންވެއްޖެއްޔާ، ސަލާމް ދިނުމުގެކުރިން ނުވަތަ ސަލާމް ދިނުމަށްފަހުވެސް ގިނަވަގުތު ހޭދަނުވަނީސް ނުވަތަ އެހެންކަމެއްގައި މަސްޣޫލުނުވަނީސް ޤުނޫތު ނުކިޔޭކަން ހަނދާން ވެއްޖެއްޔާ ކުށުސަޖިދަ ޖެހުމުން އެކަން ރަނގަޅުވާނެ ކަމަށް އޮންނަނީ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ވާހަކަޔަކީ، އެ ޤުނޫތު ނުކިޔުނަސް ބާޠިލެއްނުވޭ. ނަމާދު ހަމަ ޞައްޙަ ނަމާދަކަށްވަނީ. އަޅުގަނޑުމެންގެ މަޛްހަބުގައިވެސް، ޝާފިޢީ މަޛްހަބުގައިވެސް. ދެން ބައެއް އެހެން ޢިލްމުވެރިންނަށް ފެނިވަޑައިގެންފައި އޮތް ގޮތުގައި ޤުނޫތު ކިޔުމަކީ ފަތިސްނަމާދުގައި ކުރަންޖެހޭ ކަމެއް ނޫން. އެހެންވީމާ، އެހެން މަޛްހަބުތަކުގެވެސް އަހުލުވެރިން ފަތިސްނަމާދު ކުރާއިރު ޤުނޫތެއް ނުކިޔާ. އެއީވެސް ހަމަ ރަނގަޅު ގޮތެއް. އެހެންވީމާ، މައްކާގެ އަހުލުވެރިން ޤުނޫތު ނުކިޔާ ކަމަށްވަންޏާ، އޭގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެން ދާ ޖަމާޢަތެއްގައި ޤުނޫތު ނުކިޔާ ކަމަށްވަންޏާ، ޤުނޫތު ކިޔާނެކަމެއްނެތް. އިމާމާއަށް ތަބަޢަވުމަކީ ލާޒިމުކަމެއް. ނަމާދު ޞައްޙަވުމުގެ ޝަރުޠެއް، އިމާމަކާ ތަބަޢަވެގެން ނަމާދުކުރާކަމަށްވަންޏާ، އިމާމާ އެކުރާގޮތަށް ކުރުން. އެހެންވީމާ، އިމާމުމީހާ ޤުނޫތު ނުކިޔަންޏާ، އަޅުގަނޑުމެން ޤުނޫތު ކިޔާނެ ކަމެއްނެތް. ނަމާދު ޞައްޙަވާނެ. އެއްވެސް މައްސަލައެއް ނެތް.

ދެން މިއޮތީ މައްކާގައި ތިބެފައި މަދީނާއަށް ގޮސް، މަދީނާއިން އެނބުރި މައްކާއަށް އަންނައިރު އިޙުރާމް ބަންނާނީ ކޮން ނަމެއްގައިތޯ! ދެން އިޙުރާމް ބަންނާނީ ޙައްޖުވުމަށް. އެއީ ފުރަތަމަ މިތަނުން ތި އިޙުރާމް، ނޫނީ މަތިންދާބޯޓުގައި، އިޙުރާމް ބަނުމަކީ އަޅުގަނޑު ކުރިން ދެންނެވިހެން، ނިޔަތްގަތުން. އެނިޔަތްގަންނަނީ ޢުމްރާއަށް. އެހެންވީމާ، އެ ޢުމްރާ އަދާކުރުމަށްފަހު، އިޙުރާމްހެދުން ދޫކޮށްލައި، އާދައިގެ ހެދުމުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހުގައި، އަޅުގަނޑުމެން މަދީނާގައި ތިބެފައި އެނބުރި މި އަންނަނީ ޙައްޖުވުމަށްޓަކައި މައްކާއަށް. އެހެންވީމާ، މަދީނާއިން ނުކުމެގެންގޮސް އެ އޮންނަ މީޤާތާ އަރާހަމަވާއިރަށް، އަޅުގަނޑުމެން އިޙުރާމް ބަންނަންޖެހޭނެ. ދެން ބަންނާނީ ޙައްޖުވުމަށް. ދެން ނިޔަތްގަންނާނީ ޙައްޖުވުމަށް. [اللّهم لبّيك حجّا.] އެކަހަލަ ކޮންމެވެސްގޮތަކަށް ދުލުން ވިދާޅުވެފައި، ނުވަތަ ވިދާޅުނުވެވުނު ކަމުގައިވިޔަސް، ހިތްޕުޅަށް ޙައްޖުވުމަށް ގަސްދުކުރައްވާކަން ގެންނެވީމާ، އެ ނިޔަތްގަނެވުނީ. ދެންހަމަ މިހާރުވެސް އެކަންތައް ކުރައްވަންޖެހޭހެން އިޙުރާމް ބެންނެވީމާ، ދެންހުރި ކަންތައްތައް މިހާރެކޭވެސް އެއްގޮތަށް ހުންނާނީ. އެއީ އެފޮށާ ބޭނުންކުރެއްވުން ފިރިހެން ބޭފުޅުން. އަންހެން ބޭފުޅުންގެ އެބާވަތުގެ މައްސަލައެއްނޯވޭ. ފިރިހެނުންނަށް ހުއްދައެއްނޫން، އިޙުރާމް ބަނުމަށްފަހު، ޢުމްރާއަށް އިޙުރާމް ބަނަސް، އަދި ޙައްޖަށް އިޙުރާމް ބަނަސް ހުއްދައެއް ނޫން އަޅުގަނޑުމެން އާދައިގެ މި ލައިއުޅޭ ކަހަލަ ހެދުން. ފަހައިފައި ހުންނަ ހެދުން ނުވަތަ ވިޔެފައިހުރި ކަމުގައިވިޔަސް ގައިވަށާލާކަހަލަ ހެދުން. ފަހައިފައިހުއްޓޭ ބުނީމާ ފަހަރެއްގައި އެކަހަލަ ހެދުން އޭގައި ނުހިމެނި ހިނގައިދާނެ. އެހެންނަމަވެސް، އެއީވެސް ހުއްދަ އެއްޗެއް ނޫން. ވިޔެފައި ހުރެދާނެ ހެދުމެއް، ހަމަ ގަމީހެއްގެ ގޮތަށް ނުވަތަ ސުއިޓަރެއްގެ ގޮތަށް. ނޫނީ ފަޓްލޫނު އެއްޗެހިވެސް ހުރެދާނެ، ނުފަހާ ހަމައެކަނި ވިޔުމުން ގައިވަށާލެވޭގޮތަށް ހުންނަ ހެދުން. އެއީވެސް ޞައްޙަ ހެދުމެއް ނޫން. އެހެންވީމާ، ފަހައިފައި ހުންނަ އެއްޗިއްސާއި، މިދެންނެވި ގޮތަށް ގައިވަށާލެވިފައި ހުންނަ ހެދުން އެއީ ޙައްޖުގައި އިޙުރާމް ބަނދެގެން ތިބޭއިރު ބޭނުންކުރުން ހުއްދަ ހެދުމެއް ނޫން. އެހެންވީމާ، އެކަހަލަ، މިދެންނެވި ބާވަތުގެ ހެދުން އެޅުއްވުމަކީ އިޙުރާމުގެ ޝަރުޠެއް. ދެން ކޮންމެހެން ހުދުކުލައިގެ ފޮށާ އެއީ ޝަރުޠެއްނޫން. އެއީވެސް ސުންނަތެކޭ އޮންނަނީ. އޭގެމާނަޔަކީ، ދެން ހުދުފޮށައެއް ލިބިއްޖެ މީހަކުވިއްޔާ ހުދުފޮށައެއް ބޭނުންކުރަންވީ. ހުދުފޮށައެއް ނުލިބުނީވިއްޔާ އެހެން ކުލައެއްވެސް އެންމެރަނގަޅު. އާފޮށައެއް ލިބިއްޖެއްޔާ، މޮޅު އިތުރީ އާފޮށައެއްގެ ބޭނުންކުރުން. އާފޮށައެއް ނުލިބުނީވިއްޔާ، ދޮވެފައި ސާފުކޮށްފައި އޮތް ފޮށައެއްވެސް އެންމެރަނގަޅު. ވަރަށްފަސޭހަކޮށް ދީނުގެ ކަންތައްތައް ހުންނަނީ. އެއްގޮތަކަށްވެސް އުނދަގޫކަމެއް ނެތް. އެހެންވީމާ، އެމީހަކަށް ލިބުނު ގޮތަކުން، އެހެންނަމަވެސް، ފަހައިފައި ހުންނަ ހެދުމެއް ނުވަތަ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ވިޔެފައި ހުންނަ ހެދުމެއްލުމަކީ، ފިރިހެނުންނަށް ހުއްދަކަމެއްނޫން. އަންހެނުންގެ ހެދުމާ ދޭތެރޭގައި، ކުރިންވެސް ދެންނެވި ފަދައިން މައްސަލައެއް ނެތް. ވަކި ކުލައެއްވެސް ލާޒިމެއް ނޫން. ކޮންމެހެން ހުދު ކުލައެއް އެއީ ޝަރުޠެއް ނޫން. ކޮންމެ ކުލައެއްވެސް އެންމެ ރަނގަޅު.

އާދެ، ދެން އޮތް ސުވާލަކީ ގެފުޅުގެ ތެރޭގައި ނަމާދުކުރަން ލިބޭނެތޯ؟ އަދި ގެފުޅުގެ ތެރޭގައި ނަމާދުކުރުމޭ އެ ބުނަނީ ކޮންގޮތަކަށްތޯ؟ އާދެ، ގެފުޅުތެރޭގައި ނަމާދުކުރަން ލިބޭނެތޯ ނުވަތަ ނޫންތޯ؟ އެއްގޮތަކަށްވެސް އަޅުގަނޑަށް ދަންނަވަން އެނގޭ އެއްޗެއް ނޫން އެއީކީ. ﷲ އިރާދަކުރައްވައިފިއްޔާ، އެ އިރާދަކުރެއްވި މީހަކަށް އެ ފުރުޞަތު ލިބޭނެ. ދެން އެހެން ނޫނީވިއްޔާ ނުލިބި ހިނގައިދާނެ. ކޮންމެއަކަސް އަޅުގަނޑުމެން މިތާނގައި ތިބޭއިރު، ހިތަށް އަޅުގަނޑު ހިތުން ނުގެނެވެނީ، ގެފުޅާއި އަދި މަސްޖިދުލްޙަރާމާ މިއީ ދެތަނެއްކަން. ބައެއް މީހުން ހީކުރާގޮތުގައި މަސްޖިދުލްޙަރާމާއި ގެފުޅާ އެއީ އެއްތަނެއް. އެހެނެއްނޫން އިނގޭތޯ. މަސްޖިދުލްޙަރާމަކީ ވަރަށްބޮޑު މިސްކިތެއް. މިހާރު ހަދައިފައި ހުންނަނީ ވަރަށް ރީތިކޮށް. ވަރަށް މޮޅަށް ހަދައިފައި ހުންނަ މިސްކިތެއް. އެ މިސްކިތުގެ އިމާރާތް ވަށައިގެން ހުންނަނީ ހިޔާކޮށްފައި. ހިޔާކޮށްފައި ހުރި ބައިގެ އެތެރޭގައި، މިސްކިތުގެ އެންމެ އެތެރޭގައި ހިޔާނުކޮށް އޮންނަ ހުސް ބައެއް އޮންނާނެ ވަރަށްބޮޑު ބައެއް. އޭގެ މެދުގައި، އެތާނގެ މެދުގައި މި ހުންނަނީ ގެފުޅު ނޫނީ ކަޢުބާ. ކަޢުބާ އެއީ މާބޮޑު ތަނެއް ނޫން. ތިޔަބޭފުޅުންނަށް ފޮޓޯތަކުންވެސް އެ ފެނިވަޑައިގަންނަވަނީ. ގެފުޅު ހުންނަނީ ކަޅުކުލައިގެ އުރައެއް ލައްވައިފައި. އެއީ ގެފުޅަކީ. މަސްޖިދުލްޙަރާމަކީ އޭގެ ވަށައިގެން އެހުރި މިސްކިތާއި، މިސްކިތުގެ އެތެރޭގައިވާ ސަރަޙައްދު އެއީ މަސްޖިދުލްޙަރާމް. އެހެންވީމާ، ގެފުޅު އެއީ ކަޢުބާ އިނގޭތޯ. އެއާ މަސްޖިދުލްޙަރާމާ މުޅިން ތަފާތު. ބައެއް މީހުންނަށް އޮޅިފައި އޮވެޔޭ މިދަންނަވަނީ، ތަންކޮޅެއް ކުރިން މީގެ ދެއަހަރެއް ކުރިން ބާޣީންގެ ބަޔަކު މަސްޖިދުލްޙަރާމަށް ވަދެ، އެތަން ހިފައި، އެކަހަލަ ކަންތައްތަކެއް ހިންގި.

އޭރު މީހުންގެ ވާހަކަތަކުގައި ނުވަތަ ނޫސްނޫހުގައި ހުންނަ ގޮތުގައި، ގެފުޅަށް ބަޔަކު ވަދެއްޖެއޭ ލިޔެފައި އޮއްވައިވެސް ފެނޭ. ނޫނީ ގެފުޅު ހިފައިފިޔޭ. އެކަމަކު އެއީކީ ގެފުޅެއް ނޫން. އެއީ އަލްމަސްޖިދުލްޙަރާމް. އެއީ ކަޢުބާއެއް ނޫން. ކޮންމެއަކަސް ގެފުޅު އެއީ ކުޑަ ތަނެއް. މާބޮޑު ތަނެއް ނޫން. އެ އަބަދު ހުންނަނީ ހުޅުވާފައެއް ނޫން. ހުންނަނީ ބަންދުކޮށްފައި. ހުޅުވަނީ ސަޢޫދީ ސަރުކާރުން ވަކި ދުވަސްދުވަހު. ވަކި ވަގުތުތަކެއްގައި ހުޅުވަނީ. އެހެންވީމާ، އެ ހުޅުވައިފައި ހުރި ވަގުތެއް ދިމާވެއްޖެއްޔާ، ނޫނީ ޙައްޖުވެރިންނަށް އެފަރާތުން ހުޅުއްވައިދެއްވައިފިއްޔާ މީހުންނަށް ވަދެ، އެ ވަގުތެއްގައި އެތާނގެ އެތެރޭގައި ނަމާދު ކުރެއްވިދާނެ. އެކަމަކު އެއީކީ އެއްގޮތަކަށްވެސް ގިނަމީހުންނަށް ލިބޭނެ ފުރުޞަތެއްނޫން. ވަރަށްމަދު މީހަކަށްނޫނީ ނުލިބޭނެ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެތައް މިލިއަން ބަޔަކު ޙައްޖަށްދޭ. އެއީ ޢާންމުކޮށް ލިބޭ ފުރުޞަތެއް ވެއްޖެއްޔާ، އެއްވެސް މީހަކަށް ނުވަދެވޭނެ، މީހުން ގިނަކަމުންގޮސް. އަނެއްކާ ތަންކޮޅު ކުޑަކަމުން އެއީކީ ވާނެކަމެއްނޫން. އެހެންވީމާ، ވަރަށްމަދު ފުރުޞަތެއްގައި އެތަން ހުޅުވަނީވެސް. އަނެއްކާ އެ ފުރުޞަތު ލިބެނީވެސް. ކޮންމެއަކަސް ގެފުޅުގައި ނަމާދުކުރުމޭ އެ ބުނަނީ، އެތާނގެ އެތެރޭގައި މިދެންނެވި ކަޢުބާގެ އެތެރޭގައި ހަރުފަތެއް އެމީހުން ބަހައްޓާނެ. ބެހެއްޓީމާ ހަރުފަތުން އަރައި، ގެފުޅުގެ ތެރޭގައި ނަމާދުކުރާ ކުރުމަށް. އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން މިހާރު އެކަމަށް އެހާބޮޑަށް ބަލަންވީ ކަމެއްނޫން. އެއީ، އުންމީދު ކުރުން އެންމެ ރަނގަޅު އެކަހަލަ ފުރުޞަތެއް ލިބޭތޯ. އެހެންނަމަވެސް ލިބުމަކީ މާ ކައިރީގައި އޮންނާނެ ކަމެއް ނޫން. އެހެންވީމާ، އެކަމުގެ މައްޗަށް އެހާބޮޑު އުންމީދުތަކެއް ކޮށްގެން ތިބުމަކީ، ކޮންމެހެން އަޅުގަނޑު ހިތުން މާ ޢަމަލީ ކަމެކޭ މިހާރު ދެންނެވޭކަށް ނޯންނާނެ.

އާދެ، މިއީ އަޅުގަނޑާ ހަމަޔަށް އައިސްފައި ހުރި ސުވާލުތަކަކީ. އަދި އެއް ސުވާލެއް އެބައޮތް އިނގޭތޯ. އަޅުގަނޑު ހަނދާންނެތުނީ. އެއީ ވުޟޫގެ މައްސަލަ. ވުޟޫގެ މައްސަލަ އޮތްގޮތަކީ، އަޅުގަނޑު ހިތުން އެ ސުވާލު ކުރައްވާ ފަރާތުން އިޝާރާތް ކުރައްވަނީ، ޠަވާފުކުރާ ކުރުމުގައި ހިލޭ ފިރިހެނަކާއި އަންހެނަކާ ދެމީހެއްގެ ހަން ބީހިއްޖެ ކަމަށްވަންޏާ، ވުޟޫ ގެއްލިދާނެ ކަމަށްވާތީ، ދެން ކިހިނެއްތޯ އެކަން ކުރާނީ؟ އާދެ، އެ މައްސަލަ އެއީވެސް އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ޢިލްމުވެރިންގެ މެދުގައި ތަފާތު ހުރި މައްސަލައެއް. ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ހުރަހެއްނެތި އަންހެނަކާއި ފިރިހެނަކާ ދެމީހުންގެ ހަން ބީހުމަކީ ވުޟޫ ގެއްލޭ ކަމެއް. އެގޮތަށް އަޅުގަނޑުމެންނަށް ފޮތްފޮތުން ފެންނަނީވެސް. އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދަނީވެސް. އެކަމަކު ހަމަ އިސްލާމްދީނުގެ ސުންނީ މަޛްހަބުތަކުގެ ތެރެއިން އެހެން ބައެއް މަޛްހަބުގައި އޮންނަ ގޮތުން އެއީ ވުޟޫ ގެއްލޭ ކަމެއްނޫން. ހަމައެކަނި އެގޮތަށް ބީހިލާ ބީހުމަކީ ވުޟޫ ގެއްލޭ ކަމެއް ނޫން. އެހެންވީމާ، މިކަހަލަ މަޤާމެއްގައި އޮންނާނެ ގޮތަކީ އެއީކަމަށް އަޅުގަނޑަށް ފެނޭ. ޠަވާފު ކުރުމުގެ ޝަރުޠެއް، އެނގިވަޑައިގަންނަވާނެ ފަދައިން، ވުޟޫކޮށްގެން ހުރުން. ވުޟޫ ނެތް މީހަކަށް ޠަވާފެއް ނުކުރެވޭނެ. ނޫނީ ވުޟޫ ގެއްލިއްޖެއްޔާ ޠަވާފު ބާޠިލުވާނެ. އަލުން ޖެހޭނީ ވުޟޫކޮށްގެން ޠަވާފު ކުރަން ފަށަން. އެހެންވީމާ، އެއީ ވުޟޫ ގެއްލޭ ކަމެއްކަމަށް ވެއްޖެއްޔާ ވަރަށްބޮޑު އުނދަގުލަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ. އެތަނަށްދާ މީހުންނަކީ ވަރަށްގިނަ އަދަދެއްގެ ބައެއް. އަންހެނުންނާއި ފިރިހެނުންނާ ވަކިންނެއް ނޫން ޠަވާފު ކުރަނީކީ، އެކުއެކުގައި. އެހެންކުރާ ކުރުމުގައި އެގޮތަށް ދިމާވުމަކީ ބޭއިޚުތިޔާރުގައި އެކަށީގެންވާކަމެއް. އެހެންވީމާ، އޮތް އެންމެ މޮޅުގޮތަކީ، ހަމަ އިސްލާމްދީނުގެ ތެރޭގައި ވާގޮތަކަށް ވާތީ، އެއީ ވުޟޫ ގެއްލޭ ކަމެއްކަމުގައި ނުބެލުން. އެއީ ފަހަރެއްގައިވެސް ގަސްދުގައި އަންހެނެއްގެ އަތުގައި ބީހެނީކީނޫން. އެހެން އެއްވެސް މަޤްޞަދެއްގައެއް ނޫން. ބޭއިޚުތިޔާރުގައި ނުވެސްދެނެހުރެ ހުއްޓައި، އެހެން ބީހެވޭ ބީހެވުމެއް. އެހެންވީމާ، އެކަމުން ވުޟޫ ގެއްލޭނެ ކަމަށް ބުނުމަކީ، އަޅުގަނޑު ހިތުން އެއްގޮތަކަށްވެސް މިހާރު އަޅުގަނޑުމެން އެކަން ކުރަންވީގޮތެއް ނޫން. ރާއްޖޭގައި އަޅުގަނޑުމެން މިހެން އުޅޭއުޅުމުގައި އެއީ އަދި ފަސޭހަކަމަކަށްވިޔަސް، މިދެންނެވީ ހަމަ އަންހެނެއް ގައިގައި ޖެހިއްޖެއްޔާ، ގޮސްފައި ވުޟޫކޮށްލައިގެން، އަލުން އައިސް ނަމާދަށް އެރުމަކީ ފަސޭހަ ކަމެއްކަމުގައިވިޔަސް، ދުނިޔޭގެ އެހެން ތަންތާނގައި އެއީ ފަހަރެއްގައިވެސް ފަސޭހަކަމަކަށް ނުވާނެ.

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ދަންނަވާ ކަމުގައިވަންޏާވެސް، މިޞުރުގައި އުޅޭ އުޅުމުގައި އަޅުގަނޑުމެން ނަމާދަށްދާއިރު، މިސްކިތްވެސް އެ ހުންނަނީކީ މާ ގެޔާ ކައިރިއަކު ނޫން. ރާއްޖޭގައިވިއްޔާ ރަށްތައް ކުޑަކަމާއެކު، ހަމަ ދެތިން މިނިޓު ހިނގައިލާއިރަށް މިސްކިތާ ހަމަޔަށް ދެވޭނެ. އެއްވެސް އުނދަގޫކަމަކަށްނުވާނެ، މިސްކިތާ ހަމަޔަށް ގޮސްފައި، އެނބުރި ގެޔަށް އައިސް، އަނެއްކާ ދާކަށްވެސް ވަގުތުގައި. އެކަމަކު ދުނިޔޭގެ އެހެން ތަންތާނގައި އެހެނެއް ނޫން. އަޅުގަނޑުމެން މިސްކިތަށް ދާކަމަށްވަންޏާ، ބައިގަޑިއިރު ކުރިން ގެއިން ނުކުމެގެންނޫނީ، ނޫނީ އެއަށްވުރެވެސް ގިނައިރު ކުރިން ނުކުމެގެން ނޫނީ އެ ގަޑިޔަކަށް، ދާން ބޭނުންވާ ގަޑިޔަކަށް ނުވެސްދެވޭނެ. ޚާއްޞަކޮށް، ހުކުރު ނަމާދަށް ދާކަމަށްވަންޏާ، އެއީ ވަރަށްބޮޑުކަމެއް. އެގޮތަށް ތައްޔާރުވެގެން، ފެންވަރައިހަދައިގެން، ވުޟޫކޮށްގެން، ހެދުން އަޅައިގެން، ގެއިން ނުކުމެގެން، މިސްކިތް ހުންނަނީ ދުރުގައިކަމަށްވާތީ، ހިނގާފައެއްވެސް ނުދެވޭ. ބަހަކަށް އަރަންޖެހޭ. މިސާލަކަށް، އަރައިގެންދާ ދިޔުމުގައި މިސާލަކަށް، އަންހެނެއް ގައިގައި އަތްޖެހިދާނެ. ދެން އެ ވުޟޫކުރަންޖެހޭ ކަމަށްވަންޏާ، އެވީ އަނެއްކާ އެނބުރި ގެޔަށްއައިސް ހެދުން ބާލައިހަދައިގެން، އަނެއްކާ ވުޟޫކޮށްގެން ދާން، ނޫނީ މިސްކިތަށް ގޮސްވެސް އެކަންތައްކުރަން. އެތަންތާނގައި ހެދުމުގެ ކަންތައް ހުންނަގޮތާއި، މިކަންތައްތައް ހުންނަގޮތުން އެއީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމަކަށްވެސް ނުވޭ. އެއީ އަޅުގަނޑުމެން މިތާނގައި މިއުޅޭހެން ހަމައެކަނި ގަމީހެއް ލައިގެނެއް ނޫން އެތަންތާނގައި އުޅެންޖެހެނީކީ. ކޯޓުލައިގެން، ފިނިކަމުންނަމަވެސް ނޫނީ އެހެން ގޮތަކަށްނަމަވެސް، ކޯޓުފަޓުލޫނުގައި ގިނައިން އުޅެވެނީ. އެތައް ހެދުންތަކެއް ލައިގެން އެހެން އުޅޭއުޅުމުގައި، އެހުރިހާ ހެދުންތަކެއް ބާލައި، އަލުން ވުޟޫކޮށް، މިހެން ހެދުމަކީ އެއްގޮތަކަށްވެސް ކުރެވޭ ކަމެއްވެސް ނޫން. އެއްވެސް މީހަކު އެހެނެއްވެސް ނުހަދާ. އެހެންވީމާ، އެތާނގައިވެސް އޮންނަނީ، ހަމަ އަޒްހަރުގެ ޢިލްމުވެރިންވެސް، އެއީ ވުޟޫ ގެއްލޭ ކަމެއްކަމުގައި ބައްލަވައިގެން އެހެނެއް ނުހައްދަވާ.

އެހެންވީމާ، އަޅުގަނޑަށް ހީވަނީ، މިކަމުގައިވެސް އޮތްގޮތަކީ އެއީހެން. އެއީ ވުޟޫ ގެއްލޭކަމެއް ކަމުގައި އަޅުގަނޑުމެން ނުބެލުން. ނުބަލައި، މީހެއްގެ އަތުގައި އަތްޖެހުނު ކަމުގައިވިޔަސް، ހަމަ ޠަވާފުވެސް ޞައްޙަވާނެ ކަމަށް ބަލައިގެން، ވުޟޫވެސް ހަމަ ހުރިކަމަށް ބަލައިގެން، ހުރިހާ ކަމެއް ކުރަމުން ގެންދިޔުން. ހަމަ ދީނުގައި އޮތްގޮތް އެއީ. އެކަހަލަ ކަންތަކާ ދޭތެރޭގައި ދީނުގައި އޮންނަނީ ފަސޭހަގޮތް އަބަދުވެސް. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވޭ، ރަސޫލާގެ ފަރާތްޕުޅުން. [ماَخُيِّرَ رَسُــولُ اللّـهِ صَـلَّى الله عَلَـيـْهِ وَسَـلَّمَ بَيْنَ أَمْرَينِ إِلَّا اختارَ أَيْسَرَهُمَا] އޭގެ މާނައަކީ، [އެއްވެސް ދެ ކަމެއްގައި ރަސޫލާއަށް ޚިޔާރު ލިބިވަޑައިގެންފިނަމަ، ކޮންމެވެސް އެއްގޮތަކަށް ޢަމަލުކުރައްވަން ޚިޔާރު ލިބިވަޑައިގެންފިނަމަ، އަބަދުވެސް ޚިޔާރު ކުރައްވަނީ، އެ ދެކަންތަކުގެ ތެރެއިން އެންމެ ފަސޭހަ ގޮތެކޭ. އެ ދެގޮތުގެ ތެރެއިން އެންމެ ފަސޭހަގޮތެކޭ ރަސޫލާ އިޚުތިޔާރު ކުރައްވަނީ.] އެހެންވީމާ، އަޅުގަނޑުމެންވެސް އިޚުތިޔާރު ކުރަންޖެހޭނީ ފަސޭހަގޮތް. އުނދަގޫ ގޮތެއް ނޫން. މިކަންކަމުގައިވެސް އެގޮތަށް ވިސްނައިގެން ކަންތައް ކުރަމުން ގެންދާކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެއްވެސް ދައްޗެއްނެތި މިހުރިހާ ކަމެއް އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭނެ.

އާދެ، އެއީ އަޅުގަނޑަށް ލިބިފައިވާ ސުވާލުތަކަކީ. އެހެންވީމާ، އެކަންތައްތަކަށް ޖަވާބު އެރުވުމުން، ކޮންމެވެސްވަރަކަށް ބައެއް ބޭފުޅުންގެ ހިތްޕުޅުތަކަށް ހަމަޖެހުމެއް ލިބޭނެ ކަމަށްވެދާނެ. އަޅުގަނޑަށް އެނގޭ، ގިނަ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑު މިވާހަކަތައް ދަންނަވާކަށްވެސް ނުޖެހޭނެ. އެހެންނަމަވެސް، ބައެއް ބޭފުޅުންނަށް ހިސާބަކަށް ނަމަވެސް އެއްވެސް މައްސަލައެއް އޮޅިވަޑައިގެންފައި އޮވެދާނެތީ މި ދެންނެވީ. އަދިވެސް ކުޑަކުޑަ އެއްތަންކޮޅެއް އަޅުގަނޑު ހަނދާންވެއްޖެ. ބައެއް މީހުން ކުރާ ސުވާލެއް، ކިހިނެއްހޭ މާލެއިން އިޙުރާމް ބަނދެގެންދާއިރު، އެހުރިހާ ވަގުތެއްގައި ވުޟޫމަތީގައި ތިބެވޭނީ؟ މިހިސާބުން އިޙުރާމް ބަނދެގެން ގޮސް ޖިއްދާއަށް ގޮސްފައި، ޖިއްދާއިން މައްކާއަށް ގޮސް، ޢުމްރާގެ ކަންތައްތައް ނިމެންދެން ކިހިނެއްހޭ، ވުޟޫމަތީގައި ތިބެވޭނީ؟ އެއީވެސް ކުޑަ އޮޅުމެއް އިނގޭތޯ! އެއީ، އިޙުރާމް ބަނުމުގެ، އިޙުރާމް ބަނދެގެން ހުންނައިރު، ވުޟޫމަތީގައި ހުރުން އެއީ ލާޒިމު ކަމެއް ނޫން. ވުޟޫ ގެއްލޭނެ. ގެއްލުނީމާ އަލުން ވުޟޫކުރީމާ ނިމުނީ. އޭގެ އެއްވެސް މައްސަލައެއް ނެތް. އެހެންވީމާ، މިތަނުން ފުރައިގެންދާއިރުވެސް، ބޯޓުމަތީގައިވެސް ދިމާވެދާނެ، ވުޟޫ ގެއްލޭގޮތެއް. ދިމާވެއްޖެއްޔާ އަލުން ވުޟޫކުރީމާ ރަނގަޅުވާނެ. އެކަމަކު އެ ވުޟޫކުރުން ޝަރުޠުވަނީ، ޠަވާފުކުރާއިރު އެއީ ޝަރުޠެއް. ނަމާދުކުރާއިރު އެއީ ޝަރުޠެއް. އެހެންނަމަވެސް، އިޙުރާމް ބަނދެގެން ހުންނަ ހުރުމުގައި ވުޟޫމަތީގައި ހުރުން އެއީ ޝަރުޠެއް ނޫން.

އާދެ، އެހެންވީމާ، އެކަމުގައިވެސް އެއްވެސްކަހަލަ ދަތިކަމެއް ނެތް. އާދެ، އަޅުގަނޑު ވަކިވެލުމުގެ ކުރިން، އަޅުގަނޑު ހުރިހާ ބޭފުޅުންނަށް، ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގެންނެވި މަތިވެރި ފުރުޞަތަށްޓަކައި ތަހުނިޔާ ދަންނަވަން. އަދި މިފުރުޞަތުގެބޭނުން އެންމެ ފުރިހަމަގޮތުގައި ކުރައްވާނެކަމަށް ހީކުރަން. ޝައްކެއްނެތްގޮތުގައި، ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި ތިޔަވަނީ ވަރަށް މަތިވެރި ފުރުޞަތެއް. އެއީ އަމިއްލަގޮތުން ހޯއްދެވި ފުރުޞަތެއް ކަމުގައިވިޔަސް ނުވަތަ ސަރުކާރުން ހޯދައިދެވުނު ފުރުޞަތެއް ކަމުގައިވިޔަސް، ކޮންމެއަކަސް އެއީ ވަރަށް މަތިވެރި، ވަރަށް މާތް ފުރުޞަތެއް. އެ ފުރުޞަތުގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވާނެކަމާމެދަކު އަޅުގަނޑު އެއްގޮތަކަށްވެސް ޝައްކެއް ނުކުރަން. އެތާނގައި އުޅުއްވާއިރުވެސް، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އަބަދުވެސް މި ވަޑައިގެންނެވި ބޭނުމާއި މަޤްޞަދާއި، އަނެއްކާ ހުރިހާ އަޅުކަމެއް މި އަދާކުރާ ފަރާތް ހަނދާން ކުރެއްވުން އެއީ އެންމެބޮޑު ކަމަކީ. اللّـه سبحـانـه وتعـالىގެ ރަސްކަންފުޅު އަބަދުވެސް ހިތްމައްޗަށް ގެނެސް، އެކަލާނގެ ކިބަޔަށް ތަޤްވާވެރިވެ، އެކަލާނގެ ރުހިވޮޑިގެންވާގޮތަށް ކޮންމެ ކަމެއްވެސް ކުރެވޭތޯ ބަލައި، އެއްވެސް ހާލެއްގައި، މަނާކުރައްވައިފައިވާ ނުވަތަ ޙަރާމްކުރައްވައިފައިވާ ކަމެއް ނުކޮށްވޭތޯ ބެލުން އެންމެބޮޑު ކަމަކީ. ވީހާވެސް އަޚްލާޤީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެދެވިގެންވާ ގޮތްގޮތުގެ މަތިން ކަންތައް ކުރައްވައި، އެއްވެސް މީހެއްގެ ފަރާތުން، ތިމާގެ ފަރާތުން އެއްވެސް މީހަކަށް އެއްވެސްކަހަލަ އުނދަގުލެއް ނުލިބޭގޮތަށް ޢަމަލުތައް ބެހެއްޓެވުމަކީ ވަރަށް ބޭނުންތެރިކަމެއް. ޚާއްޞަކޮށް، މިކަހަލަ ދަތުރެއްގައި، އެހާބޮޑު ޖަމާޢަތެއްގެ ތެރޭގައި ވަޑައިގަންނަވާއިރު، ކޮންމެ މީހަކުވެސް އެހެން މީހުންނަށް އެކަހަލަ ސަމާލުކަމެއް ނުބެހެއްޓިއްޔާ، ވަރަށް ފަސޭހައިން އެކިއެކި މައްސަލަތައް ނުކުންނަގޮތްވެދާނެ. އެހެންވީމާ، މި ވަޑައިގެންނެވޭ އަޅުކަން ހިތްޕުޅަށް ގެންނަވައި، އަނެއްކާ އެ އަޅުކަން ކުރައްވާ ފަރާތް ހިތްޕުޅަށް ގެންނަވައި، އަބަދުވެސް އެކަކު އަނެކަކާ ދޭތެރޭގައި އޮންނަ ގުޅުން ވީހާވެސް އުޚުއްވަތްތެރި، ރަނގަޅު، ހަމަޖެހޭ، އޯގާވެރި ގުޅުމަކަށް ހެއްދެވޭތޯ ބަލަންވާނެ. އެކަކުވެސް އަނެކަކުދެކެ ރުޅިއައިސް، މައްސަލަޖެހި ގޮތެއްވާކަހަލަ ކަމެއް ވެގެންނުވާނެ. އަޅުގަނޑު ހިތުން ނުވެސްވާނެ.

އެހެންވީމާ، ކޮންމެއަކަސް އަޅުގަނޑު އެދެނީ، މި ބަރަކާތްތެރި ފަރުޟު އަދާކުރެއްވުމަށްފަހު، ފުރިހަމަ ޞިއްޙަތަކާއިގެން އަދި ސަލާމަތްކަންމަތީގައި ތިޔަ ހުރިހާ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެއަށް ވަޑައިގަތުން. އެތާނގައި ތިއްބަވާ ތިއްބެވުމުގައިވެސް، މި ފުރުޞަތު ނުލިބުނު، އަދި މިހާތަނަށް ލިބިފައިނުވާ ތިޔަބޭފުޅުންގެ އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަފުޅު ކުރައްވައި، ހުރިހާ އެންމެންނަށް ހެޔޮދުޢާ ކޮށްދެއްވުމަކީ، އަޅުގަނޑު ހިތުން އެންމެންވެސް އެދޭނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެވެސް ހަނދާންކުރައްވައި، ރާއްޖެއަށް ތިޔާގިކަމާއި، ފަހިކަމާއި އަމާންކަން اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން އެދި ދުޢާ ކުރެއްވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެތެރެއިން ހަމަ ކޮންމެ ދިވެއްސަކުވެސް އެދޭނެކަމެއް. ހަމައެފަދައިން، ތިޔަބޭފުޅުންގެ ޢާއިލާގެ ބޭފުޅުންނަށާއި، ގާތްތިމާގެ މީހުންނަށާއި، އެކުވެރިންނަށާއި، ރަޙްމަތްތެރިންނަށް ހެޔޮދުޢާ ކޮށްދެއްވުމަކީވެސް އެހުރިހާ ފަރާތްތަކުން އެދޭނެ ކަމެއް.

އާދެ، ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، އަދި ތިޔަބޭފުޅުންނަށް ތަހުނިޔާ އަދާކޮށް، ސަރުކާރުގެ ނަމުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދިވެސް އެއްފަހަރު ހެޔޮދުޢާކުރުމާއެކު، ހެޔޮއެދުންތައް ރައްދުކުރުމާއެކު. ފަހަރެއްގައި މިހާގިނަ ބޭފުޅުން ތިއްބެވީމާ، ހުރިހާ ބޭފުޅުންނާ އަނެއްހެން ސަލާމްކުރުމަކީ މާ ފަސޭހަކަމަކަށް ނުވެހިނގައިދާނެ. އެހެންވީމާ، އަޅުގަނޑުގެ މި ވާހަކަޔަކީ، މިވާހަކަކޮޅަކީ ތިޔަ ހުރިހާ ބޭފުޅުންނަށް ހެޔޮދުޢާކޮށް ސަލާމް ކުރުމުގެ ގޮތުން ދެއްކި ވާހަކަކޮޅެއް ކަމުގައި ގަބޫލުކުރެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.


والسّلام عليكم ورحمـة اللّـه.