بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.


އާދެ، މިރޭގެ މި ޖަލްސާގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ ފެރިދޫގެ ވެރިންނަށާއި، ރައްޔިތުންނަށް ދައުލަތުގެ ނަމުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚުލާޞްތެރި ހެޔޮ އެދުންތައް ރައްދުކުރުން.


މިއަދު އަޅުގަނޑު ފެރިދޫއަށް އައުމަށް ހަމަޖެހިފައިވުމާއެކު މިރަށުގެ ކަންތައްތައް، ރަށުގެ ވެރިންނާއި ރައްޔިތުން ކުރައްވައިފައިވަނީ، ވަރަށް ފުރިހަމަ ގޮތެއްގައި. ރަށުތެރެވަނީ ވަރަށް ބޮޑަށް ސާފުކުރައްވައި، ޒީނަތްތެރި ކުރައްވައިފައި. ތަރުޙީބުގެ ޢިބާރާތްތަކުގެ ފޮތިތައް ވަނީ މަގުމަތީގައި ދަންމަވައިފައި. ހަމައެފަދައިން، އަޅުގަނޑުމެން މިޖަލްސާ މިކުރާ ދަރުބާރުގެވެސް ވަނީ ވަރަށް ފުރިހަމަ ގޮތަކަށް ޒީނަތްތެރި ކުރައްވައިފައި. އަދި މިނޫންވެސް ވަރަށްގިނަ ކަންތައްތައް، ވަރަށްގިނަ މަސައްކަތްތައް، މިއަދަށްޓަކައި ފެރިދޫގެ ވެރިންނާއި، ރައްޔިތުން ކުރައްވައިފައި ވާނޭކަން އަޅުގަނޑަށް ރަނގަޅަށް ގަބޫލުކުރެވޭ. އެހެންކަމަށް ވުމާއެކު، އަޅުގަނޑުގެ އިޚުލާޞްތެރި ޝުކުރު މި ރައްދުކުރަނީ ފެރިދޫގެ ރައްޔިތުންނަށާއި ވެރިންނަށް، ވަރަށް ޚާއްޞަ އުފަލަކާއެކު.


އާދެ، އަޅުގަނޑު ރާއްޖެތެރެއަށް ދާ ދިއުމާ ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގެ މީހުން އެއްވެސްކަހަލަ ބުރަ ތަކުލީފެއް އުފުއްލެވުމަކީ، އަޅުގަނޑު އެދޭކަމެއްނޫން. އަޅުގަނޑު ރާއްޖެތެރެއަށް މި ދަނީ އެ މަޤްޞަދުގައެއް ނޫން. ރާއްޖެތެރެއަށް ދަތުރު މިކުރަނީ ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ ހާސިލު ކުރުމަށްޓަކައި. ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅެމުންދާގޮތް ބަލައިލައި އަދި އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުވައި، ސަރުކާރުން ރައްޔިތުންނަށް ވެވެންއޮތް އެހީއެއް ވެދިނުން. އެ މަޤްޞަދުގައި އަޅުގަނޑު ރާއްޖެތެރެއަށް ދަތުރުމިކުރަނީ. އެހެންވީމާ، އަޅުގަނޑު ދާ ދިއުމަށްޓަކައި ރައްޔިތުން އެއްވެސްކަހަލަ ބުރަ ތަކުލީފެއް އުފުއްލެވުމަކީ، އެއްވެސް ހަރަދެއް ކުރެއްވުމަކީ، ނުވަތަ ވަގުތުތަކެއް ހޭދަ ކުރެއްވުމަކީވެސް އަޅުގަނޑު އެދޭކަމެއް ނޫން. އެއާ ޚިލާފަށް، ރަށަށް ފައިދާހުންނަ ކަހަލަ ކަމެއް ނުވަތަ ކަންތައްތަކެއް ކުރެއްވުމަކީ، ކޮންމެ މުނާސަބަތަކާ ގުޅިގެންނަމަވެސް ކުރުން އެންމެ ރަނގަޅުކަމެއް. ދާއިމީގޮތުން އެކަމެއްގެ ފައިދާ އެ ރަށަކަށް ލިބިދޭނޭ ކަހަލަ ކަންތައްތައް ކުރެއްވުން އެއީ، ވަރަށް ރަނގަޅުކަމެއް. އަޅުގަނޑު ކުރިން ދެންނެވި ފަދައިން، އެނޫންވެސް ކަންތައްތައް ކުރައްވައިފައިހުރީ ރައްޔިތުންގެ ހިތްތަކުގައި ދައުލަތާމެދު އުފެދިފައިވާ އިޚުލާޞްތެރި ޝުޢޫރުތައް ފާޅުކުރެއްވުމުގެ ގޮތުންކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ، އެކަންތައްތައް އަޅުގަނޑު ގަބޫލުކޮށް ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރު އަދާކުރަނީ.


އާދެ، ފެރިދޫއަކީ، އަރިއަތޮޅުގެ ރަށްތަކުގެ ތެރެއިން ޚާއްޞަ ރަށެއް. އެހެން މިދެންނެވީ ރާއްޖޭގެ ރައްޔިތުން އެންމެ އެކަށީގެންވާ ގޮތަކަށް ކުރާ ދެ މަސައްކަތްވެސް މި ރަށުގައި ކުރެވޭތީ. އަދި މިރަށުގެ ރައްޔިތުން ކުރަމުންގެންދާތީ. އެއީ، މަސްވެރިކަމާއި ދަނޑުވެރިކަން. އަޅުގަނޑުމެންގެ އިޤުތިޞާދީ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެންމެގިނަ މީހުން ކުރާ އަދި އެންމެގިނަ މީހުންނަށް އޭގެ ފައިދާތައް ލިބޭ މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަމަކީ، މިރަށުގެ ރައްޔިތުންގެވެސް އެންމެ ފުރަތަމަ މަސައްކަތް. މަސްވެރިކަން އެކަށީގެންވާ ދަރަޖައަކަށް ފެރިދޫގެ ރައްޔިތުން ކުރައްވަމުން ގެންދަވާކަން އަޅުގަނޑަށް އެނގޭ. އަދި އޭގެ ސަބަބުން ރައްޔިތުންނަށާއި، ރަށަށް ވަރަށްގިނަ ފައިދާތަކެއް ލިބެމުންދާކަންވެސް އެނގޭ. ހަމައެއާއެކު، އަޅުގަނޑުމެންގެ ރާއްޖެތެރޭގައި ކުރެވޭ ދެވަނަ މަސައްކަތް ކަމުގައިވާ ދަނޑުވެރިކަން އެއީވެސް މި ރަށުގެ ރައްޔިތުން ވަރަށް އެކަށީގެންވާ ދަރަޖައަކަށް ކުރައްވަމުން ގެންދަވާކަމެއް. އެ ދާއިރާގައި އަދި އިތުރަށް ކުރެއްވޭނެ ކަންތައްތައް ހުރިކަމުގައިވިޔަސް، މިހާތަނާ ޖެހެންދެންވެސް ފެރިދޫގައި ވަރަށް ހީވާގިކަމާއެކު ރައްޔިތުން މި މަސައްކަތް ކުރައްވަމުން ގެންދަވައިފައިވާތީ، އެކަމުގެ ފައިދާތައްވެސް މިހާރު ރައްޔިތުންނަށް ލިބެމުންދާކަން ކަށަވަރު.


އާދެ، އަޅުގަނޑަށް އެނގިފައިވާ އެނގުން ކުށް ކަމުގައި ނުވަނީނަމަ، މިރުސް ހައްދައިގެންވެސް، ރަށަށް ގާތްގަނޑަކަށް މަހެއްގެ މައްޗަށް ފަނަރަވަރަކަށްހާސް ރުފިޔާ އެބަލިބޭ. ނުވަތަ އެއަށްވުރެ ގިނައިންވެސް އެބަލިބޭ. އެހެންވީމާ، އެއީ، ވަރަށްބޮޑަށް އުފާކުރުން ޙައްޤުކަމެއް. އަޅުގަނޑު ދަންނަވާނީ، ފެރިދޫއަކީ، ރާއްޖެތެރޭގެ ރަށްތަކުގެ ތެރެއިން ވަރަށް ޚާއްޞަ މިސާލެކޭ. އެއީ، ރައްޔިތުންގެ ހީވާގިކަމާއި މުރާލިކަމާއި އަދި ރައްޔިތުންގެ ދިރިއުޅުން ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ބުރަކަމާ، ހަމައެއާއެކު، ރައްޔިތުންނާއި، ވެރިންނާ ގުޅިފައިވާ ގުޅުން ރަނގަޅުކަމާއި، ރައްޔިތުންނާއި ވެރިން އެއްބާރުލައިގެން ހުރިހާ ކަމެއްވެސް ތަރައްޤީކުރަން މަސައްކަތްކުރާކަމާއި އަދި އެއްވެސްކަހަލަ މައްސަލައެއް ނެތް ރަށަކަށް މިރަށް ވާކަމާއި، މިކަންތައްތައް މިއީ އަޅުގަނޑު ހިތުން ރާއްޖެތެރޭގެ ކޮންމެ ރަށެއްގައިވެސް ހުރުން ހަމަ ކޮންމެހެން ބޭނުންކަމެއް.


އެހެންވީމާ، މިރަށަށް އައުމުން އަޅުގަނޑުގެހިތަށް ވަރަށްޚާއްޞަ އުފަލެއް އިހުސާސްކުރެވޭ. އެއްވެސް މައްސަލައެއް ނެތް ރަށަކަށް އާދެވުނު ކަމަށްޓަކައި. ހުރިހާ އެންމެންވެސް ހީވާގިކަމާއި، މުރާލިކަމާއެކު އަދި އިޚުލާޞްތެރިކަމާއެކު، މަސައްކަތް ކުރަމުންދާ ރަށަކަށް އާދެވުނުކަމަށްޓަކައި. އެއީ، އަޅުގަނޑު ރާއްޖެތެރެއިން ދެކޭހިތްވާ މަންޒަރަކީ. އަޅުގަނޑު އެއްގޮތަކަށްވެސް ދެކޭހިތެއް ނުވޭ ކަންނެތް ބަޔަކު ދިރިއުޅޭ ރަށެއް. ދިރިއުޅުން ތަރައްޤީކުރަން މަސައްކަތް ނުކުރާ ބަޔަކު ދިރިއުޅޭ ރަށެއް. ނުވަތަ މަސައްކަތް ކުރެވެން ހުރި ކަމުގައިވިޔަސް އެމީހުންގައި މަސައްކަތް ކުރުމުގެ ރޫޙު އަށަގެންފައި ނެތުމުގެ ސަބަބުން މަސައްކަތް ނުކޮށް ތިބޭ އެއްވެސް ރަށެއް. އެ ބާވަތުގެ އެކަހަލަ ރަށަކަށް ދިއުމުން އެއްވެސް އުފާވެރިކަމެއް އެއްވެސް މީހަކަށް ނުލިބޭނެ. އެއާޚިލާފަށް މިކަހަލަ ރަށަކަށް އައުމުން އަޅުގަނޑުހިތުން ހަމަކޮންމެ މީހަކުވެސް އުފާވާނެ.


އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގައި، ރާއްޖެތެރޭގެ ރައްޔިތުންނާ މުޚާޠިބުކޮށް ދައްކާ ވާހަކައިގައި އެންމެ ބޮޑަށް ބާރުއަޅާކަމަކީ، މަސައްކަތްތެރިކަން އިތުރުކުރުން. އެމައުޟޫޢުގައި މި ރަށުގައި މާގިނަ ވާހަކަތަކެއް ދައްކާނެ ބޭނުމެއް އޮންނާނެ ކަމަކަށް އަޅުގަނޑު ނުދެކެން. ކުރިންވެސް ދެންނެވި ފަދައިން މި ރަށުގެ ރައްޔިތުންނަކީ، ދިރިއުޅުމަށް ވަރަށް އެކަށީގެންވާ ވަރަށްބޮޑު ދެމަސައްކަތް ކުރައްވާ ބަޔަކަށްވާކަން. ކޮންމެއަކަސް، ދަނޑުވެރިކަން އެއީ، ރާއްޖެތެރޭން މިހާރު މަޑުމަޑުންނަމަވެސް، މަދުވަމުންދާކަމެއް. އޭގެ ބޭނުން އަޅުގަނޑުމެންނަށް ނުހިފި އޮންނަ، ވަރަށްބޮޑު މަސައްކަތެއް. ވަރަށްގިނަ ރަށްރަށުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަންތައްތައްވެސް މިހާރަކަށްއައިސް ހުއްޓައިލައި އެނޫން ކަންތައްތަކަށް މީހުން އެނބުރިގެން ދާންފަށައިފި. އެއީ، ވަރަށް ދެރަކަމެއް. އަޅުގަނޑުހިތުން ރާއްޖޭގައިވެސް ދަނޑުވެރިކަން ކުރިއެރުވޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައި ހެއްދޭނެ އެއްޗެތި އެބަހުރި. ވަރަށް އެކަށީގެންވާ ރަނގަޅު ދަރަޖައަކަށް ހެއްދޭ ތަކެތިވެސް އެބަހުރި. އަދި އެއިން އަޅުގަނޑުމެންނަށް އެކަށީގެންވާ ފައިދާވެސް ނެރެވިދާނެ. އެހެންވުމާއެކު، އެއްވެސް ހާލެއްގައި ދަނޑުވެރިކަން އިހުމާލު ކޮށްލުމަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ އިޤުތިޞާދަށް އެއިން އެއްވެސް ފައިދާއެއް ކުރާނެ ކަމެއްނޫން.


ކޮންމެއަކަސް، މިރަށުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ. މިރަށުގައި އެ ވުޒާރާގެ ބައެއް ބޭފުޅުން އެބަ ތިއްބެވި. އެބޭފުޅުން އެ ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ މި ރަށުގެ ރައްޔިތުންނަށްވެސް ތިޔަ ފެނިވަޑައިގަންނަވަނީ. މީގެކުރިން ރަށުގައި ނުހެއްދޭކަހަލަ ބައެއް އެއްޗެތި ތަޖުރިބާ ކުރެއްވުމުގެ ގޮތުން އެ ބޭފުޅުން އެބަ ހައްދަވާ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. އަދި އެ ވުޒާރާގެ ފަރާތުން މި ރަށަށް ވަޑައިގެން ތިއްބަވާ ބޭފުޅުން މި ރަށުގެ ރައްޔިތުންނަށް ދެއްވާ އިރުޝާދާއި، ދެއްވާ މަޢުލޫމާތުގެ ސަބަބުން މި ރަށުގައި ތިޔަ ބޭފުޅުން ތިޔަ ކުރައްވާ، މިރުސް ހެއްދެވުމުގެ މަސައްކަތާއި އަދި އެނޫންވެސް އެބާވަތުގެ މަސައްކަތްތަކަށް ކުރިއެރުން ލިބެމުން އެބަދޭ. އެހެންވީމާ، އަޅުގަނޑުގެ ނަސޭޙަތަކީ، އެކަހަލަ ކަންތައްތަކަށް ތަރުޙީބު ދެއްވައި ތިޔަ ބޭފުޅުންނަށް އެ، ލިބިވަޑައިގަންނަވާ އިރުޝާދުތަކަށް އެކަށީގެންވާ މިންވަރަކަށް ކަމޭހިތްތަވައި، އެއާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރައްވަމުން ގެންދެވުން.


އާދެ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ވާގޮތަކީ، އާ ކަންތައްތަކަށް، އެއްވެސް އާ ކަމަކަށް ތަރުޙީބެއް ނުދެވޭ. އެއީކީ، އެއްގޮތަކަށްވެސް ކުރިއަރަން ބޭނުންވާ ބައެއްގައި ހުންނަންވީ ސިފައެއް ނޫން. އަޅުގަނޑުމެން ޒަމާނުއްސުރެ ވަކިކަމެއް ކުރަމުން އައިކަމުގައި ވިޔަސް ޒަމާނާ އެކަށީގެންވާގޮތަށް އެމަސައްކަތް ތަރައްޤީކުރަން ޖެހިއްޖެ ހިނދެއްގައި ޖެހޭނެ ތަރައްޤީކުރަން. އަދި ޒަމާނާ އެކަށީގެންވާގޮތެއްގައި، އާމަސައްކަތެއް ފަށަން ޖެހުނަސް ޖެހޭނެ އެކަމަށް ތަރުޙީބުދޭން. ހަމައެކަނި އަޅުގަނޑުމެން ކުރަންވީކީ، ކުރިއްސުރެ ކުރަމުންއަންނަ ކަންތައްތަކެއްނޫން. އެހެންވީމާ، އިތުރު ކަންތައްތައް ދަސްކުރުން އެއީ، ވަރަށްމުހިންމުކަމެއް. ދަސްވާ ކޮންމެކަމަކުން ފައިދާ ލިބޭނެ. މިހާރު އޭގެ ފޮނިމޭވާ ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަންނަވަނީ. އޭގެރަހަ ތިޔަ ދެކެވަޑައިގަންނަވަނީ. އެއީ، އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން ވަޑައިގެން ތިއްބެވި ބޭފުޅުންގެ އިރުޝާދުގެ. އެބޭފުޅުން އެ ވިދާޅުވާ ގޮތެއްގެމަތިން މިރުސް ހެއްދީމާ ލިބޭފައިދާ އިހުސާސް ކުރެއްވޭނީ ހަމަ މިރަށުގެ ރައްޔިތުންނަށް. އެހެންވީމާ، އާ ކަންތައްތަކަށް ތަރުޙީބު ދިނުމާއި، އަދި ކަމާބެހޭ ދާއިރާގެ މީހުން، ކަމާބެހޭ ތަޖުރިބާކާރުން ނުވަތަ މާހިރުން، އެ މީހުން އެ ދޭ އިރުޝާދުގައި ހިފައިގެން އެއާ އެއްގޮތަށް ޢަމަލުކުރުމުގެ ބޭނުންތެރިކަން ބޮޑުކަން އަޅުގަނޑުހިތުން މިހާރު ފެރިދޫގެ ހުރިހާ ރައްޔިތުންނަށްވެސް އިހުސާސް ކުރެއްވޭނެ.


އާދެ، ކޮންމެއަކަސް މަސައްކަތްތެރިކަން އިތުރުކުރުން އެއީ، އިޤުތިޞާދީގޮތުން އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖެ ވަނީ ޤައުމުތަކުގެ ނިސްބަތުގައި ވަރަށް ފަހަތުގައި. އަޅުގަނޑުމެންނަކީ، ކުރިއަރާފައިވާ ޤައުމެއްނޫން. އެހެންނަމަވެސް ކުރިއަރަން ވަރަށްބޮޑަށް މިހާރު މަސައްކަތް ކުރަމުންގެންދާ ޤައުމެއް. އަޅުގަނޑުމެންނަށް ކުރިއެރޭނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ހުރިހާ އެންމެންވެސް މަސައްކަތް ކޮށްގެން. އަޅުގަނޑުމެން މަސައްކަތް ކުރަންވީ ތިމާގެ އަމިއްލަ ފައިދާއަށްޓަކައި އަދި ތިމާގެ ޢާއިލާގެވެސް ފައިދާއަށްޓަކައި، ތިމާ ދިރިއުޅޭރަށުގެ ފައިދާއަށްޓަކައި. އަދި ތިމާގެ ޤައުމުގެ ފައިދާއަށްޓަކައި. މިރޮނގުން މަސައްކަތް ކޮށްފިނަމަ އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެންނަށް ތަރައްޤީގެމަގުގައި ވަރަށް ހަލުވި ފިޔަވަޅު ތަކަކުން ކުރިޔަށްދެވޭނެ. އެއާ ޚިލާފަށް، މަސައްކަތް ނުކޮށް ތިބޭކަމަށް ވަންޏާ އަޅުގަނޑުމެން ދާނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް.


އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރޭގެ ކަންތައްތައް މިހާރު ނުވަތަ މީގެ ދެތިން ހަތަރު އަހަރުދުވަސް ކުރިން އޮތީ، ވަރަށްވެސް ދެރަ ހާލެއްގައިކަން. އެހެންކަމަށް ވުމާއެކު، ސަރުކާރުން މިހާރު ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެ މަސައްކަތްތަކުގެ ވާހަކަ ރޭޑިއޯގެ ޒަރީޢާއިން ތިޔަ ބޭފުޅުން އައްސަވާނެ. އެހެންވީމާ އޭގެ ތަފުސީލުތައް، އަޅުގަނޑު ކޮންމެހެން ނުދިންކަމުގައިވިޔަސް ތިޔަ ބޭފުޅުންނަށް އެ މަސައްކަތްތައް ވަޒަންކުރެއްވޭނެ. އޭގެތެރެއިން އެންމެ ބޮޑު އެއްކަމެއް ރާއްޖެތެރޭގައި ތަޢުލީމު ފެތުރުން. މީގެކުރިން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިފައި އޮންނަނީ ހަމައެކަނި މާލޭގެ މީހުންނަށް ނުވަތަ މާލޭގެ މީހުންގެ ދަރިންނަށް ނުވަތަ ރާއްޖެތެރޭގެ މީހުންގެ ތެރޭންވެސް މާލޭގައި އެމީހުންގެ ދަރިން ބައިތިއްބައިގެން ހަރަދު ކުރެއްވޭނެ ފެންވަރު ހުރި މީހުންގެ ދަރިންނަށް. އެއީ، އެކަން އޮންނަންވީ ގޮތެއްނޫން. ތަޢުލީމަކީ ރާއްޖޭގެ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ސަރުކާރުން ލިބިދޭންޖެހޭނެ ޚިދުމަތެއް. އެހެންވީމާ، އެ ޚިދުމަތް ލިބިދެވޭތޯ މިހާރު ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ. ސަރުކާރަށް ލިބޭ އާމްދަނީ ކުޑަކަމާއި، ސަރުކާރުން އުފުލަންޖެހޭ މަސްއޫލިއްޔަތު ބޮޑުކަމާއި، އަދި ކުރަންޖެހިފައިވާ ހަރަދުތަކުގެ ގިނަކަމުން ސަރުކާރަށްވެސް ބޭނުންވާހާ ހަލުވިކޮށް މިމަސައްކަތެއް ކުރިޔަކަށް ނުގެންދެވޭނެ. އެކަން އަޅުގަނޑު ހިތުން ތިޔަ ބޭފުޅުން ގަބޫލުފުޅު ކުރައްވާނެ.


އާދެ، މިދެންނެވި މަޝްރޫޢުގެދަށުން، އެއީ [ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު]. އޭގެ ދަށުން ރާއްޖެތެރޭގެ ތަޢުލީމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެވިފައިވޭ. ސަރުކާރުގެ ހަރަދުގައި ކޮންމެ އަތޮޅެއްގައިވެސް މަދަރުސާއެއް ހިންގުމަށް ވަނީ ހަމަޖެހިފައި. އަދި މިހާރު ކޮންމެ އަތޮޅެއްގައިވެސް އެމަދަރުސާ ހިނގަމުން އެބަދޭ. އޭގެ އިތުރުން ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒެއް ބިނާކޮށް، އެ މަރުކަޒު ހިންގުންވެސް ހިމެނޭ. އާދެ، އަރިއަތޮޅުގައި ތަޢުލީމީ މަރުކަޒު ބިނާކުރުމަށް ހަމަޖެހިފައިވަނީ މި ރަށުގައި، ފެރިދޫގައި. މިހާރު އެކަމަށްޓަކައި ކުރަންޖެހޭ ތައްޔާރުތައްވެސް އެދަނީ ކުރަމުން. އެހެންވީމާ، މާލަސްތަކެއްނުވެ އެ މަސައްކަތް ފެށޭނެކަމަށް އަޅުގަނޑު ޔަޤީންކުރަން. އަދި އެ މަދަރުސާ ނިމުމުން އޭގެ ނަތީޖާ، އޭގެ ފުރިހަމަ ފައިދާ މި ރަށުގެ ރައްޔިތުންނަށާއި، މި ރަށުގެ ކިޔަވާ ކުދިންނަށާއި، އަދި މި އަތޮޅުގެ ކިޔަވާ ކުދިންނަށް ލިބޭނެ ކަމާމެދަކު ޝައްކެއްނެތް. ހަމަ އެއާއެކު، ސަރުކާރުން ތަޢުލީމަށްވެދޭ އެހީތަކުގެ ތެރޭގައި މެދުނުކެނޑި ދިހަ އަހަރު ވަންދެން ހިންގައިފައި ހުންނަ އަމިއްލަ މަދަރުސާތަކަށާއި، މަކުތަބުތަކަށް ވަމުންގެންދާ ފައިސާގެއެހީ ހިމެނޭ. އާދެ، މިރަށަކީ، މަސައްކަތްތެރިކަމުގެ ގޮތުން، އަދި މަސައްކަތަށް ރައްޔިތުން ލޯބި ކުރެއްވުމުގެ ގޮތުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ރަށެއް ކަމުގައިވިޔަސް، ތަޢުލީމުގެ ކަންތައްތައް މީގެކުރިން މާ އެދެވޭ ގޮތެއްގައި ހިނގައިފައެއް ނުވޭ. ވަރަށް ކުރީގައި މިތާނގައި ހިނގަމުން ދިޔަ މަދަރުސާއެއް ހުރިކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، ދިމާވި އެތައް ސަބަބުތަކަކަށްޓަކައި އެ މަދަރުސާ އުވިގެންދިޔަފަހުން ވަރަށްގިނަ ދުވަސްތަކެއް ވޭތުވެގެން ހިނގައްޖެ، އެއްވެސް މަދަރުސާއެއް މަކުތަބެއް ނެތި. އޭގެފަހުން މިހާރު ފެރިދޫ ސްކޫލް ހިންގަން ފަށައިފި.


ކޮންމެއަކަސް އަޅުގަނޑުގެ ނަޞޭޙަތަކީ، ވޭތުވެދިޔަތާނގައި އެގޮތަށް ކަންތައްތައް ހިނގައިފައިވި ކަމުގައިވިޔަސް، މިހާރުއްސުރެ އަޅުގަނޑުމެން އާ ޢަޒުމެއް ކަނޑައަޅަން ވެއްޖެއޭ، މި ރަށުގެ ރައްޔިތުން. މިދެންނެވީ، ރައްޔިތުންނާއި ވެރީން. އެ ޢަޒުމަކީ، ދެން ދުވަހަކުވެސް ތަޢުލީމުގެކަންތައްތައް ކުރިން އެވީގޮތަށް، ވިޔަނުދިނުމަށްޓަކައި ކަނޑައަޅުއްވާ ޢަޒުމަކަށް ވާންވާނެ. މިއަދުން ފެށިގެން އެކަށީގެންވާ ފެންވަރަކަށް މަދަރުސާގެ ކަންތައްތައް ކުރިޔަށް ގެންދެވޭތޯ ބަލަންވާނެ. އާދެ، މި ރަށުގައި މިބާވަތުގެ މަސައްކަތެއް މި ރަށުގެ ރައްޔިތުން އެކުވެރިވެގެން ކުރިޔަށް ނުގެންދެވެންވީ އެއްވެސް ސަބަބެއްނެތް. ބައެއް ރަށްރަށުގައި އެކަހަލަ ކަންތައް ކުރިޔަށް ނުގެންދެވެނީ، އާދެ، މަދަރުސާއެއް ނުހިންގެނީ އެއީ، ރަށުގެ ނިކަމެތިކަމުން. ރަށަށް ލިބޭ އެއްޗެއް ނެތުމުގެ ސަބަބުން. އެއާ ޚިލާފަށް ފެރިދޫއަކީ، ތަނަވަސް ރަށެއް. މަސްވެރިކަމުންނާއި، ދަނޑުވެރިކަމުން އެކަށީގެންވާ ފައިދާތަކެއް ރައްޔިތުންނަށް ލިބެމުންދާ ރަށެއް. އެހެންވީމާ، ރައްޔިތުން އެކުވެގެން އެ މަދަރުސާ އެކަށީގެންވާ ފެންވަރެއްގައި ހިންގުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން ބޭނުންކަމެއް. އަދި އެކަމަކީ، މި ރަށުގެ ރައްޔިތުންނަށް ވެވިދާނެކަމެއް. މަދަރުސާ ހިންގަމުން ގެންދަވާއިރު ދިމާވާ އެކިއެކި މައްސަލަތައް ސަރުކާރުން ޙައްލުކޮށްދޭނެ. އެއްވެސް ބޮޑުކަމެއް ޖެހިއްޖެއްޔާ، ރައްޔިތުން އެކަމުގައި އެކަށީގެންވާ ދަރަޖައަކަށް ބައިވެރިވާކަމުގައި ވަންޏާ ސަރުކާރުން އެހީވެދީގެން އެކަންތައްތައް ކުރިޔަށް ގެންގޮސްދޭނެ.


އެހެންވީމާ، އަޅުގަނޑުގެ ނަޞޭހަތަކީ، ތަޢުލީމުގެ ކަންތައް މިހާރަށްވުރެ ރަނގަޅަށް ގެންދެވޭތޯ ބެއްލެވުން. ހަމައެއާއެކު، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ އުޚުއްވަތްތެރިކަމުގެ ގުޅުމަށްވެސް ރައްޔިތުން ވަރަށްބޮޑަށް ވިސްނަވަންވާނެއޭ. އެހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، މި ރަށަކީ ވަރަށް މައްސަލަ ކުޑަ ރަށެއްކަން. ވަރަށް އެކުވެރި ބަޔަކު ދިރިއުޅޭ ރަށެއްކަން. އެހެންވީމާ، މި މޭރުމުންވެސް މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތްކަން އަޅުގަނޑަށް އިހުސާސްކުރެވޭ. އެހެންނަމަވެސް، އަޅުގަނޑު މިހާރު މި އަދާކުރާ މަޤާމުގެގޮތުން ރައްޔިތުންނަށް ނަޞޭޙަތްތެރިވުމަކީ، އަޅުގަނޑުގެ ވާޖިބަކަށްވާތީ މިވާހަކަ މިދަންނަވަނީ. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރަން ވާނެއޭ. އަޅުގަނޑުމެންނަކީ، އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ލައްވައިފައިވަނީ ﷲ . އެހެންވީމާ، ﷲ އަށް ކިޔަމަންތެރިވުމުގެ ގޮތުން، އަދި މާތްވެގެންވާ އުސޫލުތަކުގައި ހިފެހެއްޓުމުގެގޮތުން އަޅުގަނޑުމެންގެމެދުގައި އެކުވެރިކަން އާލާކުރަންވާނެ. ކޮންމެ މީހަކުވެސް ދެކެންވާނީ އަނެކުންނަކީ، ތިމާގެ އަޚުންތަކެއް ކަމުގައި. ނުވަތަ އުޚުތުންތަކެއް ކަމުގައި. ކޮންމެ މީހަކުވެސް، އެހެން މީހުންނާމެދު ޢަމަލުކުރަންވާނީ، އެހެންމީހުން ތިމަންނަޔާ ދެތެރޭގައި ޢަމަލުކުރަން އެދޭފަދަ މާތް ރަނގަޅުގޮތަކަށް. އެއްވެސް މީހަކަށް އުނިކަމެއް، ގެއްލުމެއް، ލިބޭނެގޮތަކަށް އެއްވެސްކަމެއް ތިމާ ކޮށްގެނެއް ނުވާނެ. އެކުރާކަމަކީ، ބުނާ ބުނުމަކުން ކަމުގައިވިޔަސް، ނުވަތަ ކުރާކަމަކުން ކަމުގައިވިޔަސް، އެހެންމީހަކަށް އެއްވެސްކަހަލަ ގެއްލުމެއް، އަނިޔާއެއް، އުނިކަމެއް، ލިބޭނެ އެއްވެސް ކަމެއް ތިމާ ކޮށްގެނެއް ނުވާނެ. އާދެ، އެއީ އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ އުސޫލަކީ. އެންމެންގެ މެދުގައި އޮންނަންވީ، މުސްލިމުންގެ މެދުގައި އޮންނަންވީ އިސްލާމީ އުސޫލަކީ އެއީ. އެހެންވީމާ، އެ އުސޫލަށް އިޚުލާޞްތެރިކަމާއެކު ޙުރުމަތްތެރިކޮށް ހިތުމަކީ، އަޅުގަނޑުމެން ކުރިއެރުމުގެ އެންމެބޮޑު ސިއްރު.


އާދެ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެކިއެކި ބާވަތުގެ ހަމަނުޖެހުން އުފެދޭ ބަޔަކު ކަމުގައި ވެއްޖެނަމަ، އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އެއީ، އާދައަކަށް ވެއްޖެނަމަ، އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއްގެ ފައިދާއެއް ނުފެންނާނެ. އޭގެ ލާބައެއްވެސް އަޅުގަނޑުމެންނަކަށް އިހުސާސެއް ނުކުރެވޭނެ. އެއާ ޚިލާފަށް އަޅުގަނޑުމެންގެ ކަންތައްތައް ދާނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް. އަޅުގަނޑުމެން ކުރާ އެއްވެސްކަމެއްގެ ފޮނިނަތީޖާ އެއީ އަޅުގަނޑުމެންނަށް ދުވަހަކުވެސް ފެންނާނެ އެއްޗެއް ނޫން. އެހެންވީމާ، އަޅުގަނޑު މި ނަޞޭޙަތްތެރިވަނީ ހުރިހާ އެންމެންނަކީ، އެކުވެރި ބައެއް ކަމުގައި ވުމަށް. ރައްޔިތުންނާއި، ވެރިން އަތާ އަތްގުޅައިލައިގެން ރަށް ކުރިއެރުވުމަށްޓަކައި، މަސައްކަތް ކުރައްވަމުން ގެންދިއުމަށް. އަދި ރަށުގައި އެދެވޭ ފެންވަރަކަށް ހުރިހާ ކަމެއްވެސް ކުރަމުން ގެންދިއުމަށް. އެންމެން އެއްބައިވުމަށް، އެންމެން އެއްބައިވެގެން އެކަތިގަނޑަކަށްވެގެން، އަޅުގަނޑުމެންގެ ޤައުމު ކުރިޔަށް ގެންދެވޭތޯ، އަދި އަޅުގަނޑުމެންގެ ރަށް ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރުމަށް. އެއީ، އަޅުގަނޑުގެ ނަޞޭހަތަކީ އަދި އިލްތިމާސަކީ.


އާދެ، އަޅުގަނޑުގެ ވާހަކަ ނިންމައިލަމުންވެސް ފެރިދޫގެ ވެރިންނާއި، ރައްޔިތުން އަޅުގަނޑަށް ތިޔަބެހެއްޓެވި ޚާއްޞަ ގޮތަށްޓަކައި، އުފަލާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތްދެއްވައި، ހެޔޮވިސްނުން ދެއްވައި، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށް، އަޅުގަނޑުމެން އެންމެން ކުރަމުން ގެންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްކެވުން.


والسّلام عليكم ورحمـة اللّـه.