بســم اللّـه الرّحمـن الرّحيــم

އެންމެހައި ކާއިނާތުގެ މައްޗަށް އިންސާނުން މާތްކުރައްވައި، އިންސާނުންނަށް މިނިވަންކަމާއި ޢިއްޒަތާއި ކަރާމާތް ދެއްވި اللّـه تبــارك وتعالىގެ މައްޗަށް ޙަމްދު ޘަނާ ދަންނަވަން. ޙަޤީޤީ މިނިވަންކަމާއި ޙަޤީޤީ އަޅުވެތިކަމާ ވަކިކޮށްދެއްވައި، މިނިވަންކަމުގެ ދާއިރާއާއި މަސްއޫލިއްޔަތުތައް ހާމަކޮށްދެއްވި رسول الحُرِّيّة މުޙަންމަދުގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ބޭރު ދައުލަތްތަކުގެ ސަފީރުންނާއި މަންދޫބުން، މިޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން،

السّلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު، އަޅުގަނޑުމެންގެ ދިވެހިރާއްޖެ، އޭގެ ޒުވާން ޢުމުރުން، ހަމަޖެހުމާއި ކުރިއެރުމާއި ކާމިޔާބީތަކުން ފުރިފައިވާ އިތުރު އަހަރެއް ވޭތުކުރުމަށްފަހު، މިއަދު މި ކުރިމަތިލަނީ މަތިވެރި އުންމީދުތަކަކުން ފުރިފައިވާ އާ އަހަރަކަށް.

އާދެ، ދުނިޔޭގެ މިނިވަން ޤައުމުތަކުގެ ސަފުގައި ދިވެހިރާއްޖެ ތަފާތު ތަޖުރިބާތަކުން ފުރިފައިވާ، ސަތާރަ އަހަރުގެ މަރުޙަލާއެއް މިހާރު ކަޑައްތު ކޮށްފި. އަދި މިއަދު ސާބިތުކަމާއެކު މި ފިޔަވަޅު އަޅަމުން ގެންދަނީ ރާއްޖޭގެ މިނިވަން ޙަޔާތުގެ 18 ވަނަ އަހަރުގެ ތެރެއަށް. އާދެ، އަޅުގަނޑުގެކުރިން ވާހަކަފުޅު ދެއްކެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ބަސްފުޅަށް އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރަން. އަޅުގަނޑުމެންގެ މިނިވަން ޙަޔާތަށް މިވީ ހަމައެކަނި ސަތާރަ އަހަރެއް ނޫން. އަޅުގަނޑުމެންނަކީ، މާކުރިއްސުރެ އަމިއްލަ ވެރިކަންކުރާ މިނިވަންޤައުމެއް. އެހެންނަމަވެސް، މި ސަތާރަ އަހަރު އަޅުގަނޑުމެން މި ފާހަގަކުރަނީ މިއަދުގެ ދުނިޔޭގައި މިއަދުގެ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުރިމަތީގައި އަޅުގަނޑުމެންނަށް ފުރިހަމަ މިނިވަންކަން ލިބުނުތަނާ އަދިވީ ސަތާރަ އަހަރު ކަމަށްވާތީ.

އާދެ، މިގޮތުން މިނިވަން ދިވެހިރާއްޖެ، އޭގެ ޒުވާން ޢުމުރުން އަށާރަވަނަ އަހަރުގެ ތެރެއަށް ފަޚުރުވެރިކަމާއެކު ފިޔަވަޅު އަޅަމުންދާއިރު، އަދުގެ ދުނިޔޭގައި ކުދިކުދި ޤައުމުތަކުގެ ޤައުމީ މިނިވަންކަމަށް ކުރިމަތިވަމުންދާ ނުރައްކާތަކާދޭތެރޭގައި ދިވެހިރާއްޖެ ޣާފިލުވެގެނެއްނުވޭ. އާދެ، މިނިވަންކަމުގެ ރާސްތާއަކީ، ފިނިފެންމަލުގެ ރާސްތާއެއް ނޫން. އަދި އެހެން މަލެއްގެ ރާސްތާއެއްވެސް ނޫން. މިނިވަންކަމުގެ ރާސްތާއަކީ އަޑިގުޑަންތަކާއި، ހުރަސްތަކާއި، ނުރައްކާތަކުން އަނދިރިއެޅިފައިވާ ރާސްތާއެއް. ޤައުމީ މިނިވަންކަމަކީ އޭގެ ޒާތުގައި، އަމާޒުފަތްގަނޑެއް ކަމުގައިވިޔަސް، ގިނަފަހަރަށް ދިމާވެފައި އޮންނަނީ، ޤައުމީ މިނިވަންކަން ހޯދުމަށްވުރެ، އެ މިނިވަންކަން ދަމަހައްޓައި ޙިމާޔަތް ކުރުމަކީ އުނދަގޫ ކަމެއް ކަމުގައި. އާދެ، އޭގެ މިސާލުތައް، އަޅުގަނޑުމެންނަށް މިއަދުގެ ދުނިޔެއިން ވަރަށް ސާފުކޮށް ފެންނަން އެބަހުރި. މިހާރު އަޅުގަނޑުމެންގެ އެންމެންގެ ހިތްތައް އަމާޒުކުރެވިފައިވަނީ ނުވަތަ އެ ހިތްތަކުގައި ހިނގަމުންދާ ޝުޢޫރުތައް ގުޅިފައިވަނީ، އަޅުގަނޑުމެންގެ އުޚުއްވަތްތެރި ޤައުމަކާ. އާދެ، މެދުއިރުމަތީގެ ޤައުމެއް، ލުބްނާން. އެތާނގައި ހިނގަމުންދާ ހަރަކާތްތަކާއި، އެ ޤައުމަށް ކުރިމަތިވެފައިވާ ނުރައްކަލާއި، އެޤައުމުގެ މިނިވަންކަން ހަލާކުކޮށްލުމަށްޓަކައި އެޤައުމާމެދު ޢަމަލު ކުރެވެމުންދާގޮތާ، މިހުރިހާ ކަންތައްތަކުން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވެނީ ކުދިކުދި ޤައުމުތަކުގެ ޤައުމީ މިނިވަންކަމަކީ، ފަހަރެއްގައިވެސް އެއަށް އަޅުގަނޑުމެން ޣާފިލުވެގެން ތިބެންވީ ކަމެއް ނޫންކަން. ޤައުމީ މިނިވަންކަމަށް ކުރިމަތިވާ ނުރައްކާތަކުން ދިފާޢުވުމަށްޓަކައި ކުދިކުދި ޤައުމުތަކުގެ ފަރާތުން ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަން.

އާދެ، ލުބްނާނުގައި، ކަން ހިނގަމުންދާގޮތަށް ވިސްނާއިރު، އެތާނގައި ހުރިހާވެސް ޤުރުބާނީއެއް ކުރަމުންދަނީ، އެތާނގެ މުސްލިމުން. ލޭ އޮހޮރުވެމުންދަނީ މުސްލިމުންގެ އެކަނި. ގެދޮރުތައް ހަލާކުވަމުންދަނީ މުސްލިމުންގެ އެކަނި. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންނަކީ މިއަދު އިސްލާމީ ދުނިޔޭގެ ޤައުމަކަށްވާތީ، އަދި އިސްލާމީ ޖަމާޢަތުގެ މެންބަރަކަށްވާތީ، މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ނުރުހުން ފާޅުކޮށް، ލުބްނާނުގެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ޔަޤީންކޮށްދިނުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެމައްޗަށް ވާޖިބުވެފައިވާ ކަމެއް. އާދެ، އެހެން މިސާލެއް ދަންނަވަނީނަމަ، އަފްޣާނިސްތާނުގެ މިސާލު އެއޮތީވެސް ވަރަށް ކައިރީގައި. އަފްޣާނިސްތާނަކީ، ސަތޭކައިންސަތޭކަ ނުވަތަ އެޔާ އެއްވަރަށް ގާތްކުރާ އަދަދަކަށް މުސްލިމް ޤައުމެއް. ޒަމާނުއްސުރެ އިސްލާމީ ޙަޟާރަތު އެތަނެއްގައި ހިނގަމުން އައި ތަނެއް. މިއަދު އެ ޤައުމުގެ މިނިވަންކަންވަނީ ވެއްޔާ މޮޑެވިފައި. އެ ޤައުމުގެ ފަޚުރުވެރި ދިދަ ވަނީ ބޭރު ފަރާތެއްގެ ފައިތިލަތަކުގެ ދަށުގައި. ބޭރު ޤައުމެއްގެ ސިފައިން އެ ރަށަށް ވެރިވެގެންފައިވަނީ ހިތާމަކުރުން އެކަށީގެންވާ ދަރަޖަޔަކަށް.

އާދެ، މިކަމުންވެސް އަޅުގަނޑުމެންނަށް އެނގެނީ، ޤައުމީ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުމަކީ، މިއަދުގެ ދުނިޔޭގައި، މިއަދުގެ ސިޔާސީ މަސްރަޙުގައި، ކަންތައްތައް ހިނގަމުން ދާގޮތަށް ބަލާއިރު، އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫންކަން. އާދެ، އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ، އަންނަނިވި ޖީލުތަކުގެ ޙައްޤުގައި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މުޤައްދަސް އަމާނަތެއް. ރާއްޖޭގެ ޤައުމީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންވީ ހަމައެކަނި އެއް ރޮނގަކުންނެއް ނޫން. ތަފާތު ގިނަ ރޮނގުތަކަކުން. އެންމެ ފުރަތަމަ އަޅުގަނޑުމެންގެ މެދުގައި އެކަށީގެންވާ ޤައުމީ ހޭލުންތެރިކަމެއް އުފައްދަންވެއްޖެ. ޤައުމީ ހޭލުންތެރިކަމެއް އުފެއްދުމުގެ ބޭނުމާ ދޭތެރޭގައި މީގެކުރިންވެސް ބައެއް މުނާސަބަތުތަކުގައި، އަޅުގަނޑަށް ވަނީ ހިސާބަކަށް ވާހަކަ ދެކެވިފައި. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ފާހަގަކުރެވޭ އެންމެމުހިންމު ޤައުމީ މުނާސަބަތުކަމަށްވާތީ، މި މުނާސަބަތުގައިވެސް ޤައުމީ ހޭލުންތެރިކަމެއް އުފެއްދުމުގެ ބޭނުންތެރިކަމުގެމައްޗަށް ދެތިންބަހެއްނަމަވެސް، ދަންނަވައިލުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން.

އާދެ، ޤައުމެއްގެ މިނިވަންކަން ސަލާމަތް ކުރަން ތިބި ބަޔަކީ، އެ ޤައުމެއްގެ ރައްޔިތުން. އެ ޤައުމެއްގެ ރައްޔިތުންނަށް އެ މަތިވެރި ވާޖިބު އަދާކުރެވޭނީ، އެ އަގުހުރި މަސްއޫލިއްޔަތު އުފުލޭނީ، އެމީހުންނަށް ތަންދޮރު އޮޅުންފިލައިގެން. އެމީހުންގެ ޤައުމުގެ ކަންތައްތައް ހުރިގޮތާއި، އަދި ޤައުމުގެ ވަށައިގެން ކަންތައްތައް ހިނގަމުންދާގޮތާއި، އެމީހުންނާ ދޭތެރޭގައި ބޭރު ދުނިޔޭގެ ފަރާތުން ބަލަމުންދާގޮތާ، މިހުރިހާ ކަމަކަށް ވަރަށް ރަނގަޅަށް ވިސްނައި ތިބެގެން. އެހުރިހާ ކަމަކަށް ލޯ ހުޅުވިގެން. އެހެންވީމާ، ދެންމެ އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިއޮތް ކަނޑަކީ ބޮޑެތި ޤައުމުތަކުގެ މެދުގައި ވާދަވެރިކަން ހިނގަމުންދާ ކަނޑެއް. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ. އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއާ ގުޅިފައިވާ، ބައެއް ފަރާތްތަކުން ވަރަށް ޚާއްޞަގޮތަކަށް ރާއްޖެއަށް ބަލަމުންދާކަންވެސް އަޅުގަނޑުމެން ދަންނަންޖެހޭނެ. މިހުރިހާ ކަންތައްތަކަކާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެންގެ ރައްޔިތުންގެމެދުގައި ވަރުގަދަ ސިޔާސީ ހޭލުންތެރިކަމެއް އުފެއްދުމަކީ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭނެ އެންމެފުރަތަމަ ފިޔަވަޅު.

ހަމައެފަދައިން، ރާއްޖޭގެ ޤައުމީ ޝަޚްޞިއްޔަތު ރައްކާތެރިކުރުން އެއީވެސް އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތު ބިނާވެފައިވަނީ، ވަރަށް މުހިންމު ރުކުންތަކެއްގެ މައްޗަށް. އެންމެ ފުރަތަމަ މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ސަތޭކައިންސަތޭކަ އިސްލާމް ޤައުމެއް. އަޅުގަނޑުމެންނަކީ، މުސްލިމުން. އަޅުގަނޑުމެންގެ މި ދީނަށް ޙުރުމަތްތެރިކޮށް ނުހިތައި، މި ދީނުގެ އުސޫލުތައް ހަނދާން ނައްތައިލައިގެން އަޅުގަނޑުމެންނަކީ، މިނިވަން ދިވެހިންގެ ގޮތުގައި ތިބެވޭނެ ބައެއް ނޫން. ހަމައެފަދައިން، އަޅުގަނޑުމެންގެ ވާހަކަދައްކާ ބަސް، ދިވެހިބަސް އެއީވެސް އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ، އަޅުގަނޑުމެންގެ ޤައުމީ ޝަޚުޞިއްޔަތުގެ ވަރަށް މުހިންމު ރުކުނެއް. ދިވެހިބަސް ހަނދާން ނެތިކޮށްލައިގެން، ދިވެހިބަހަށް ފަރުވާތެރިކަން ކުޑަކޮށްލައިގެން، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ރައްކާތެރި ކުރެވޭނެއެކޭ އަޅުގަނޑު ނުދަންނަވާނަން.

އާދެ، ހަމައެފަދައިން ރާއްޖޭގެ ޤައުމީ އެކުވެރިކަމާއި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަންވާ ޤައުމީ އެއްބައިވަންތަކަން އެއީވެސް އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަށްޓަކައި އާލާކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެން ބައިބައިވެގެން ހިނގައްޖެނަމަ، އަޅުގަނޑުމެންގެމެދުގައި ތަފާތު ސިޔާސީ ޖަމާޢަތްތަކެއް އުފެދިއްޖެނަމަ، ނުވަތަ އެހެންވެސް މަޤްޞަދެއްގައި އެބައެއްގެ މެދުގައި ސިޔާސީ މަސްރަޙުގައި ވާދަކުރެވޭނެ ތަފާތު ގޮފިތަކެއް ނުވަތަ ބައިތަކެއް އަޅުގަނޑުމެންގެ މެދުގައި އުފެދިއްޖެނަމަ، އަޅުގަނޑުމެންގެ ވަގުތާއި، މަސައްކަތާއި، ވިސްނުމާ، މިހުރިހާ ކަމެއް ހޭދަވެގެންދާނީ އެ ވާދަވެރިކަމުގައި ކާމިޔާބީ ހޯދުމަށްޓަކައި. އަޅުގަނޑުމެންގެ ޤައުމުގެ މަޞްލަޙަތު އޮންނާނީ ވެއްޔާ މޮޑެވިފައި. އެއްވެސް މީހަކު އޭގެމަތިން ހަނދާނެއް ނުހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ދެމެހެއްޓޭނީ ނުވަތަ ރައްކާތެރިކުރެވޭނީ، އަޅުގަނޑުމެންގެ މެދުގައި ޤައުމެއްގެ ހައިސިއްޔަތުން އޮންނަންޖެހޭ ޤައުމީ އެކުވެރިކަމާއި ޤައުމީ އެއްބައިވަންތަކަން ފުރިހަމައަށް އޮވެގެން.

އާދެ، ޤައުމީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ރާއްޖޭގެ ޤައުމީ މިނިވަންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއް. މާތްވެގެންވާ އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ޙުރުމަތްތެރިކަން ބޮޑުކުރުމަށް އެޅޭ ކޮންމެފިޔަވަޅަކީ ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކުރުމަށްޓަކައި އެޅޭ ފިޔަވަޅެއް. ދިވެހިބަސް ރައްކާތެރިކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރެވޭ ކޮންމެ ޚިދުމަތަކީ، އަޅުގަނޑުމެންގެ ޤައުމީ މިނިވަންކަން ހިމާޔަތްކުރުމަށް ކުރެވޭ ޚިދުމަތެއް. ދިވެހިވަންތަކަން ފޮހެވިގެން ދިޔަނުދިނުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކީ، ދިވެހި މިނިވަންކަން ވަރުގަދަކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް. ރާއްޖޭގެ އެންމެހައި ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ޤައުމީ އެކުވެރިކަން، ޤައުމީ އެއްބައިވަންތަކަން ހަރުދަނާ ކުރުމަށް އެޅޭ ކޮންމެ ބާރަކީ، ރާއްޖޭގެ ޤައުމީ މިނިވަންކަން ރައްކާތެރި ކުރުމަށް އެޅޭ ބާރެއް. ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދެވޭ ކޮންމެ މަޝްރޫޢަކީ، ރާއްޖޭގެ ޤައުމީ މިނިވަންކަން ހަރުދަނާ ކުރުމަށްޓަކައި ޢަމަލުކުރެވޭ މަޝްރޫޢެއް.

އާދެ، ޤައުމުގެ ތަރައްޤީ ބިނާވެފައި އޮންނަނީ އިޤުތިޞާދީ ކުރިއެރުމުގެ މައްޗަށް. އިޤުތިޞާދީ ކުރިއެރުމާއެކު، އިޖުތިމާޢީ ތަރައްޤީގެ ހަރަކާތްތަކުގެވެސް މައްޗަށް. އެހެންވީމާ، ޤައުމުގެ ތަރައްޤީއަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ޤައުމުގެ މިނިވަންކަން ވަރުގަދަކޮށް، ހަރުދަނާ ކޮށްދޭނެ އެއްޗެއްކަމާމެދަކު ޝައްކެއްނެތް. އާދެ، މިކަންކަމުގެ އިތުރަށް، ޤައުމުގެ ދިފާޢަށްޓަކައި ވެވޭ ކޮންމެ ތައްޔާރަކީ، ދިވެހި އުންމަތުގެ މޫރިތި ދިދަ ފަޚުރުވެރިކަމާއެކު ވިހުރުވި ވިހުރުވި ހުރުމަށް ގެނެސްދެވޭ ވަރުގަދަ ޔަޤީންކަމެއްކަން ކަށަވަރު.

އާދެ، މިރޮނގުން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހެނީ އަޅުގަނޑުމެންނަކީވެސް އަމިއްލަވެރިކަމެއްކުރާ މިނިވަން ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ ވަށައިގެން ތަފާތު ބާރުތަކުގެ ހަރަކާތްތައް ހިނގަމުންދާ ތަނަކަށްވާތީ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެކަށީގެންވާ ފެންވަރަކަށް ދިފާޢީ ބާރުތައް ހުންނަންޖެހޭނެކަން. އާދެ، އެގޮތުން ޤައުމު ދިފާޢުކުރުމަށްޓަކައި ތައްޔާރުކުރެވޭ ބައެއް އަޅުގަނޑުމެންގެ ތެރޭގައި ތިބެންވާނެ. އެބަޔަކަށް އެކަށީގެންވާ ތަމްރީނުތައް ދެވެމުން ގެންދެވެންވާނެ. އާދެ، އަދި ފަހަރެއްގައި ދިމާވެދާނެ ނުރައްކަލަކުން ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެކަށީގެންވާ ފެންވަރަކަށް އެ ބައެއްގެ އަތުގައި ހަތިޔާރުވެސް ހުންނަންވާނެ.

އާދެ، މިކަންކަމަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުދޭ ކަންތައްތަކެއް. މިއަދުގެ ސިފައިންނަކީ، މީގެކުރިން ތިބި ސިފައިންނެއް ނޫން. އާދެ، އެހެން މި ދަންނަވަނީ ތަމްރީނުގެގޮތުން ބެލިޔަސް، އެމީހުންގެ އަތުގައިވާ ހަތިޔާރުތަކަށް ވިސްނިޔަސް، މިއަދުގެ ސިފައިންނާ، މީގެ ހަތަރު އަހަރުދުވަހުގެ ކުރީގެ ސިފައިންނާ އެއީ، ވަރަށް ތަފާތު ދެ ބަޔަކަށްވާތީ. ތިޔަބޭފުޅުންނަށް ކޮންމެވެސްވަރަކަށް އިއްޔެގެ އިޙުތިފާލުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ސިފައިން ތައްޔާރުވަމުންދާ މިންވަރު ވަޒަންކުރެއްވޭ ކަހަލަ މަންޒަރުތަކެއް ފެނިވަޑައިގެންފައިވާނެ. އާދެ، އެކަމަކީ ފަހަރެއްގައިވެސް ރައްޔިތުން ބިރުގެންނެވުމަށްޓަކައި ނުވަތަ ރައްޔިތުންގެ ކުރިމަތީގައި ސިފައިންގެ ބާރު ދެއްކުމަށްޓަކައި ތަމްސީލުވެގެންދިޔަ މަންޒަރުތަކެއް ނޫން. އެއިން އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އިތުރު އުންމީދުތަކެއް ދިނުން. ރައްޔިތުންނަށް އިތުރު ޔަޤީންކަމެއް ދިނުން. އަޅުގަނޑުމެންގެ ރާއްޖެއާ އެއްވެސް ބައެއް ކުރިމަތިލައިފިނަމަ، އަޅުގަނޑުމެން އެ ބަޔަކާ ހަނގުރާމަކޮށް، އެ ބަޔަކު ދެރަކުރުމަށްޓަކައި އަޅުގަނޑުމެންގެ ލޭތައް އޮހޮރުވައިލަން މިތިބީ ތައްޔާރަށްކަން ހާމަކޮށްދިނުން.

އާދެ، މިގޮތުން ވިސްނާއިރު، އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި ޢަސްކަރީ ރޫޙެއް އުފެއްދުމުގެ ބޭނުންތެރިކަން ބޮޑުކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އަސްކަރީ ޚިދުމަތުގެ ކަންތައްތައް ވަކި އުސޫލެއްގެ މަތިން ހަމަޖެހިފައި އޮވޭ. ދިވެހިރާއްޖޭގައި އަދި އެފަދަ އުސޫލެއް ހަމަޖެހިފައެއް ނެތް. ރާއްޖޭގެ ސިފައިންގެ ތެރެއަށް ތަޢުލީމީ ފެންވަރު ހުރި ރަނގަޅު ޒުވާނުން ވެއްދުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އެދެވޭ އިޖާބައެއް ނުލިބޭކަން އެއީ ހިތާމަޔާއެކު އަޅުގަނޑު މިދަނޑިވަޅުގައި ފާހަގަކޮށްލަން ބޭނުންވާ ކަމެއް. ސިފައިންގެ ޚިދުމަތަކީ ފަޚުރުވެރި ޚިދުމަތެއް. ޤައުމަށްޓަކައި ކުރާ ޚިދުމަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމީޒުވާނުން، އެޚިދުމަތަށް ކުރިމަތިލުމަކީ، ޤައުމުގެމިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، އެހެނިހެން ޤައުމުތަކުގައިވާ ގޮތަށް ދިވެހިރާއްޖޭގައި ސިފައިންގެ އިލްޒާމީ ޚިދުމަތެއް ނެތްކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޒުވާނުން މިކަން ފަހަރެއްގައިވެސް ހަނދާން ނައްތައިލައިގެން ނުވާނެ. އަޅުގަނޑުމެންގެ ޤައުމު ކުރިއަށްދާނީ، ޤައުމުގެ މިނިވަންކަން ދިފާޢުކުރެވޭނީ، އަދި އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު މި އެޅިފައިވާ މުޤައްދަސް އަމާނަތް، އަޅުގަނޑުމެންގެ ފަހުން އަންނަން ތިބި ޖީލުތަކަށް ރައްދުކުރެވޭނީ، އަޅުގަނޑުމެންގެ މެދުގައި ކޮންމެވެސް ފެންވަރަކަށް އަސްކަރީ ރޫޙެއް އުފެދިގެން. އަޅުގަނޑުމެންގެ ޒުވާނުން އަސްކަރީ ޚިދުމަތަށް ކުރިމަތިލައިގެން.

އާދެ، މިދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިނިވަންކަމަށް 17 އަހަރު ފުރިގެން 18 ވަނަ އަހަރާ ކުރިމަތިލާ ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އާދެ، ތަފުސީލުކޮށް ނުދެންނެވި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ވަށައިގެން ހިނގަމުންދާ ހަރަކާތްތަކާއި ދުނިޔޭގައި ހިނގަމުންދާ އެކިއެކި ސިޔާސީ އޮއިވަރުތަކާ، މިކަންކަމަށް ވިސްނާއިރު، އަޅުގަނޑުމެން ކަހަލަ ކުޑަޤައުމަކަށް އަދި އަޅުގަނޑުމެން ކަހަލަ، ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން މުހިންމު ތަނެއްގައި އޮންނަ ޤައުމަކަށް ކުރިމަތިވެދާނެ ނުރައްކާތައް އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ޣާފިލުވާންވީ ނުރައްކަލެއް ނޫން. އެހެންވީމާ، މިދަނޑިވަޅުގައި އަޅުގަނޑުމެން އެކަން ވަރަށް ރަނގަޅަށް ހަނދާންކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ކުރިއްސުރެ އަމިއްލަ ވެރިކަމެއް ހިންގަމުންގެންދާ ފަޚުރުވެރި މުސްތަޤިއްލު މިނިވަން ޤައުމެއް.

އާދެ، މީގެކުރިން ވާހަކަފުޅު ދެއްކެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ އަރިހުން މަޢާފަށް އެދުމާއެކު، އަޅުގަނޑު އެއްޗެއް ދަންނަވައިލަން ބޭނުންވޭ. އެމަނިކުފާނު ވިދާޅުވިގޮތުގައި، އަޅުގަނޑުމެންގެ މާޒީގައި، އަޅުގަނޑުމެންގެ ދިވެހިޤައުމަކީ އަޅުގަނޑުމެންގެ ރާއްޖެއިން ބޭރުގައިވާ ބައެއް ތަންތަނުގެ މައްޗަށްވެސް އަޅުގަނޑުމެންގެ ބާރު ހިންގައިފައިވާ ތަނެއް. އާދެ، އަޅުގަނޑަކީ ތާރީޚުގެތެރެއަށް މާބޮޑަށް ވަދެހުރިމީހެއްނޫން. ދިވެހިރާއްޖޭގެ ތާރީޚުގެ ފަތްފުށްތައް އަޅުގަނޑަށްވުރެ މާރަނގަޅަށް ދެނެވަޑައިގަންނަވާ ކިތަންމެ ބޭފުޅުންނެއް މިތާނގައިވެސް އަދި ތިޔަބޭފުޅުންގެ ތެރޭގައިވެސް ތިއްބަވާނެ. އެހެންނަމަވެސް، ޤައުމަކީ ކޮންއެއްޗެއްކަން، ޤައުމިއްޔަތެއްގެ ރުކުންތަކަކީ ކޮބައިކަން، އެއީ މިސާލަކަށް، އެއް އަސްލަކަށް ނިސްބަތްވުން. އެއްބަހަކުން ވާހަކަދައްކާ ބަޔަކަށްވުން. އެއް ޘަޤާފަތެއް ޙިއްޞާކުރާ ބަޔަކަށްވުން. އެއް ތާރީޚެއް ވޭތުކޮށްފައިވާ ބަޔަކަށްވުން. މިފަދަ ރުކުންތަކަށް އަޅުގަނޑުގެ އަމިއްލަ ނަޒަރުން ބަލައިލާއިރު އަޅުގަނޑަށް ދެންނެވެން އަންނަނީ، އަޅުގަނޑުމެންގެ އެންމެ އުތުރުގައިވާ ތިލަދުންމަތީގެ އުތުރުން ހަތްދިހަވަރަކަށް މޭލު ދުރުގައި އެއޮތް ރަށަކީ ދިވެހިރާއްޖޭގެ ތަނެކޭ. އާދެ، އަޅުގަނޑު މިހެން މި ދަންނަވަނީ ފަހަރެއްގައިވެސް ދައުލަތުގެ ސިޔާސަތު މިކަމުގައި ހާމަކުރުމުގެ ގޮތުންނެއްނޫން. އަޅުގަނޑުގެ އަމިއްލަ ޚިޔާލު ދަންނަވައިލުމުގެ ގޮތުން. އެހެންވީމާ، އެވާހަކަ މިހިސާބަށް ކުރުކޮށްލުން ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، ކޮންމެއަކަސް މިދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރި ކުރުމަށް ވިސްނައި އަދި މިނިވަންކަން ދަމަހައްޓައި ހިމާޔަތް ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާއިރު އަޅުގަނޑުމެންގެ ހިތްތަކުގައި މި ރާއްޖެއަށް، މި ޖަޒީރާތަކަށް، މި ފަސްގަނޑަށް ވަރަށް ޚާއްޞަ ލޯތްބެއް އޮންނަންވާނެކަން ކަށަވަރު.

އާދެ، ދިވެހިރާއްޖޭގެ ހިކިފަސްގަނޑުގައި އެތަކެއްހާސް އަކަމޭލުގެ ސަރަޙައްދެއް އޮތްކަމުގައިވިޔަސް، އަދި ދިވެހި އުންމަތުގައި، އެތަކެއް މިލިއަން މީހުންގެ މައްޗަށް އެކުލެވިގެންވާ، މީސްގިނަ ރައްޔިތެއް ނެތްކަމުގައިވިޔަސް، އަދި މި ޖަޒީރާތަކާއި، މި ޖަޒީރާތަކާ ގުޅިފައިވާ ކަނޑުތަކުގައި ރަނެއް، ޖަވާހިރެއް، ތެލެއް ނެތްކަމުގައިވިޔަސް، އަޅުގަނޑުމެންގެ ގާތުގައި އެންމެ ލޮބުވެތި، އެންމެ ޢިއްޒަތްތެރި ފަސްގަނޑަކީ، މި ދިވެހި ފަސްގަނޑުކަން ކަށަވަރު. އާދެ، އަޅުގަނޑުމެންގެ އަމިއްލަ ޤައުމަކީ މިއީ. އަޅުގަނޑުމެންގެ ވަޠަނަކީ މިއީ. އަޅުގަނޑުމެންގެ ހިޔާވައްސަކީ މިއީ. މިކަންކަން އަޅުގަނޑުމެން ރަނގަޅަށް ހަނދާންކޮށް، މިޤައުމަށް، މިވަޠަނަށް، މި ހިޔާވައްސަށް، އަޅުގަނޑުމެން އެންމެން ތެދުވެރިކަމާއެކު ޚިދުމަތްކުރަންވާނެ.

އާދެ، ރާއްޖޭގެ މިނިވަންކަމަށް 17 އަހަރު ފުރުމުގެ އުފާ އަޅުގަނޑުމެން ޤައުމީ ފެންވަރުގައި ފާޅުކުރަމުން މިގެންދަނީ، ދިވެހި ސަރުކާރާއި ރައްޔިތުން ޤައުމީ ފެންވަރެއްގައި ވަރަށްބޮޑު މަސައްކަތެއް ހިންގަމުން ގެންދާ ދުވަސްވަރެއްގައިކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދުގެ ދިވެހިރާއްޖެއަށް މިވަގުތު ވަރަށްބޮޑު ކަމެއް ކުރިމަތިވެފައިވޭ. އެއީ އަޅުގަނޑުމެންގެ މެދުގައި މިހާރު ދެތިންމަސްދުވަސް ވެފައިވާ ބަލިމަޑުކަން. އެކަމުން ރާއްޖެ ސަލާމަތްކޮށް، ރާއްޖޭގެ ރައްޔިތުންނަށް އަލިމަގެއް ހޯދައިދެވޭތޯ ސަރުކާރާއި ރައްޔިތުން އެއްބައިވެގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް މިހާރު ގެންދަނީ ކުރަމުން. ވަރަށް ބޮޑެތި ހަރަދުތަކެއްވެސް ދަނީ ކުރަމުން. އެހެންވީމާ، މި ފުރުޞަތުގައި މިފަދަ ޤައުމީ މުނާސަބަތެއްގައި، މިހާބޮޑު ޤައުމީ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާތީ އެކަމަށް އިޝާރަތް ކުރުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑުމެން މިވަގުތު ބަލަންވީ، ހަމައެކަނި މިހާރު މިއުޅޭ ރޯގާއިން ދިފާޢު ވެވޭތޯއެއް ނޫން. އަޅުގަނޑުމެން ބަލަންވީ ދާއިމީ ގޮތެއްގައި މުސްތަޤުބަލުގައި މިފަދަ ރޯގާތަކުން ދިވެހިރާއްޖެ ސަލާމަތް ކުރެވޭނީ ކޮންކޮން ފިޔަވަޅުތަކެއް އަޅައިގެންތޯ؟

އާދެ، އެގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ދިރިއުޅުން ހަމަޖެހިފައިވާގޮތާއި، އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތައް ހަމަޖެހިފައިވާ ގޮތަށް ވިސްނާއިރު، އެއީ މާފަސޭހަ ކަމެއް ކަމަކަށް ނުވާނެ. މިއަދު މާލެއާއި ރާއްޖެތެރޭގައި މިއުޅޭ ރޯގާއިން ރާއްޖެ ސަލާމަތްވި ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ﷲގެ މިންވަރުފުޅާއެކު، މި ރޯގާއިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ. އެހެންނަމަވެސް، އޭގެފަހުގައި މާލެއާއި އަދި ރާއްޖެތެރެ މިފަދަ ޞިއްޙީ ނުރައްކާތަކުން ރައްކާތެރި ކުރުމަށްޓަކައި، އަޅުގަނޑުމެން ކުރިއަށްދާންވީ މަގުތައް ހަމަ މިހާރުވެސް ފަށަންވެއްޖެ. އެގޮތުން ބަލާއިރު މިހާރު ރޯގާތައް ފެތުރޭ މަރުކަޒެއް ކަމުގައި ވެފައި އޮންނަނީ، އާދެ، ހިތާމަޔާއެކު ދަންނަވަންޖެހެނީ، އެތަނަކީ މާލެކަމަށް. ހުރިހާ ރޯގާއެއްވެސް ފެށެނީ މާލެއިން. މާލެއިން ފެށުމާއެކު، އެ ބަލިމަޑުކަން ރާއްޖެތެރެއަށް ފެތުރިގެންދަނީ. މާލޭގައި އެ ބަލިމަޑުކަން ފެށުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތައް ހުންނަ ފެންވަރުން، އަދި މީހުންގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން، އެފަދަ ބަލިމަޑުކަން ވަކި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓުމަކީ، އެއްގޮތަކަށްވެސް ފަސޭހަކަމަކަށެއްނުވޭ.

އާދެ، އެހެންވީމާ، މިދަނޑިވަޅުގައި އަޅުގަނޑު ހިތުން އަޅުގަނޑުމެން މާލެއާ ދޭތެރޭގައި ޚާއްޞަ ނަޒަރަކުން ބަލަން އެބަޖެހޭ. މާލެއަކީ ކޮންތަނެއްތޯ! މާލެއަކީ ކުރިއްސުރެ ރާއްޖޭގެ ވެރިކަންކުރާ ރަށް. ޒަމާނުއްސުރެ ދިވެހި ދައުލަތުގެ ޢިއްޒަތާއި އަބުރު ތަމްސީލު ކުރަމުން އައި ރަށް. ބޭރުދުނިޔޭގައި ރާއްޖޭގެ މޫނުމަތި. ނުވަތަ ރާއްޖޭގެ މޫނުބަލާ ލޯގަނޑޭވެސް ދެންނެވިދާނެ. މުޅިރާއްޖޭގެ ރައްޔިތުންގެ ހަތަރުބައިކުޅަ އެއްބައި ނުވަތަ ތިންބައިކުޅަ އެއްބައި މިހާރު ދިރިއުޅެމުންގެންދާ ރަށް. އާދެ، މިކަންކަން މިހެން ހުރުމާއެކު، މާލެއަށް ޤައުމީ ފެންވަރުގައި ޚާއްޞަ ނަޒަރަކުން ބަލައިލުމުގެ ބޭނުންތެރިކަމާމެދަކު އަޅުގަނޑު ހިތުން ދެމީހަކު ދެބަހެއްނުވާނެ.

މި ދައުރުގައި ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމަށް އަދި ރާއްޖެތެރޭގެ ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް އަދި ދައުލަތުގެ މުހިންމު ޚިދުމަތްތައް ރާއްޖެތެރެއަށް ވާސިލު ކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތައް އެއީ އެއްވެސް ދިވެހި ރައްޔިތަކަށް ވަންހަނާވެގެންވާނެ މަސައްކަތްތަކެއް ނޫން.

އާދެ، ރާއްޖެތެރެއަށް މިހާރުވެސް ސަރުކާރުން ދެމުން މިގެންދާ އަހަންމިއްޔަތު ދިނުމާއެކު، އަދި ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ހަމަ މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިޔުމާއެކު، ނުވަތަ މިހާރަށްވުރެވެސް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމާއެކު، އަޅުގަނޑު މިއަދު މިގޮވައިލަނީ، ކުރިން ދެންނެވި ސަބަބުތަކަށްޓަކައި، މާލެ ރީތިކޮށް ސާފުކޮށް ބެލެހެއްޓުމަށްޓަކައި ޤައުމީ ފެންވަރުގައި ވަރުގަދަ ކެމްޕޭނެއް ނުވަތަ މަސައްކަތެއް ފެށުމަށް.

އާދެ، މާލޭގެ ކަންތައްތައް ހުރިގޮތް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މީގެ ހައެއްކަ އަށެއްކަ އަހަރު ކުރިން މާލޭގައި ދިރިއުޅެމުންދިޔަ މީހުންގެ ތިންގުނަ މިއަދު މާލޭގައި ދިރިއުޅެމުން އެބަގެންދޭ. މާލޭގެ ބައެއް ހިސާބުތަކުގައި ގޯތިގެދޮރުހުރީ އިންސާނީ މުޖުތަމަޢެއްގައި މީހުން ދިރިއުޅެން އެކަށީގެންވާ ވަރަށްވުރެ، ޞިއްޙީގޮތުން ބަލާއިރު މާ ދަށް ފެންވަރެއްގައި. ޞިއްޙީގޮތުން ދިރިއުޅެން އެކަށީގެންނުވާ ފެންވަރެއްގައި. ބައެއް ގޭގޭގައި ސަތޭކަ މީހުން، ދުއިސައްތަ މީހުން ދިރިއުޅެމުން އެބަގެންދޭ. އެމީހުންނަށް ބޭނުންވާ އެކިއެކި ކަންތައްތައް ފުއްދައިދޭނެ މަގުތައް ނުވަތަ ފަސޭހަތައް، އެ ގޯތިތަކުގައި ހެދިފައެއްނުވޭ. ބައެއް މީހުން އެ ގޯތިތައް ކުއްޔަށް ދެމުންގެންދަނީ، އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި އެކަށީގެންވާ ފެންވަރަށް އިމާރާތްކޮށްފައި ގެ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ ބަދަލުގައި ހުސް ބިންވެސް ކުއްޔަށް ދެމުން ގެންދަނީ. އެހެންވުމާއެކު، އެތަންތާނގައި ރޯގާތައް ފެތުރުމާއި، ބަލިމަޑުކަން ފެތުރިގެން ދިޔުމަކީ، މިހާރު އޮންނަނީ ވަރަށްފަސޭހަ ކަމަކަށްވެފައި. ކޮންމެ ރޯގާއެއްވެސް ފެތުރިގެން ދިޔުމުން ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް އިތުރުކުރަންޖެހޭ ސަބަބަކީ އަދި ކުރަންޖެހޭ ހަރަދުތައް ގިނަވާ ސަބަބަކީ މިދެންނެވީ.

އެހެންވީމާ، އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖެ މިފަދަ ނުރައްކާތަކުން މުސްތަޤުބަލުގައި ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން މިވަގުތު މާލޭގެ ކަންތައްތަކަށް ވަރަށް ޚާއްޞަ ނަޒަރަކުން ބަލަންވެއްޖެ. މާލޭގެ ގޯތިގެދޮރު ސާފުކޮށް ބެލެހެއްޓުމުގެ މައްޗަށް އެންމެން ސަމާލުކަންދޭންވެއްޖެ. މާލޭގައި މިދެންނެވި ގޯތިގެދޮރުގައި ދިރިއުޅޭ މީހުންނަށް، އެމީހުންގެ އިންސާނީ ބޭނުންތައް ފުދޭވަރަށް އެތަންތާނގައި ފަސޭހަތައް ހުންނަންވެއްޖެ. ވަކިވަރަކަށްވުރެ ގިނަ އަދަދަކަށް އެއްވެސް ގެއެއްގައި މީހުން ދިރިނޫޅޭގޮތަށް ހަމަޖައްސަންވެއްޖެ. މިކަންކަން ހަމަޖެއްސުމަށް މިހާރު ސަރުކާރުން ހަމަޖައްސައިފައިވަނީ މިހާރު މާލޭގެ ގޯތިގެދޮރާ ބެހޭގޮތުން ނެގެމުންދާ މަޢުލޫމާތުތަކާއި ކުރެވެމުންދާ ސާރވޭގެ ނަތީޖާއަށް ބަލައިފައި، އެކަށީގެންވާ ރަނގަޅު އުސޫލުތައް ހަމަޖައްސައިގެން. މާލޭގައި ދިރިއުޅޭ މީހުން ރަޖިސްޓަރީ ކުރާގޮތަށް މިހާރުވަނީ ހަމަޖެހިފައި. އާދެ، ފަހަރެއްގައިވެސް އެއީ ރާއްޖެތެރޭގެ އަޚުންނާއި އުޚުތުންނަށް އެއްވެސްކަހަލަ ދަތިކަމެއް ނުވަތަ އުނދަގުލެއް ކުރިމަތިކުރުމުގެ ގޮތަކުންނެއްނޫން. އެއީ މުޅި ރާއްޖޭގެ ސަލާމަތަށްޓަކައި. ރާއްޖެތެރޭގެވެސް ސަލާމަތަށްޓަކައި. އެއީ ކުރިންވެސް ދެންނެވިފަދައިން، ރާއްޖެތެރެއަށް ރޯގާތައް ފެތުރޭ މަރުކަޒަކީ ނުވަތަ ފަތުރާ މަރުކަޒަކީ މާލެ ކަމަށްވާތީ.

އާދެ، ކޮންމެއަކަސް މިހާރު ސަރުކާރުން ގަސްދުކޮށްފައިވަނީ މާލޭގެ ކަންތައްތައް، މިދެންނެވި ބާވަތުގެ ކަންތައްތައް، ގޯތިގެދޮރު ހުންނަންޖެހޭގޮތް، އެތަންތާނގައި ދިރިއުޅުމުގެ ފަސޭހަތައް ހުންނަންޖެހޭނެ ފެންވަރު، މީހުން ތިބެންޖެހޭނެ އަދަދު، މިހުރިހާ ކަމެއް ހަމަޖައްސާ އިދާރާއެއް ނުވަތަ މާލޭގެ ބަލަދިއްޔާއެއް ނުވަތަ މުނިސިޕަލްޓީއެއް އުފައްދަން. އުފައްދައިފައި އެތަނުން ހަމަޖައްސާ އުސޫލުތަކަކާއި ގަވާއިދުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން މާލޭގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަމުން ގެންދިޔުމަށް.

އާދެ، ހަމަ މި ނޭވާގައި ފާހަގަކޮށްލަން ބޭނުންވޭ، މާލޭގައި ރަނގަޅު ކުރަން ބޭނުންވެފައިވަނީ ހަމައެކަނި ގޯތިގެދޮރެއް ނޫން. މާލޭގެ މަގުތަކަށް ބައްލަވައިލެއްވިޔަސް، ވަމުންދާގޮތް، ތިޔަ ހުރިހާ ފަރާތްތަކަށް އިހުސާސް ކުރެއްވޭނެ. އެނގިވަޑައިގަންނަވާނެ. މާލޭގެ ގޮނޑުދޮށްތަކަށް މިހާރު ވެފައިވާގޮތް. މާލޭގެ ހުރިހާ ތަނަކަށްވެސް މިހާރު ވެފައިވާގޮތް. މާލެއިން ފެހިކަން ކެނޑެމުންދާގޮތް. ގަސްތައް ކަނޑަމުން، އިމާރާތް ކުރަމުން، ޞިއްޙީ އެއްވެސް ކަމަކަށް ބަލައިނުލައި، އާމްދަނީ އިތުރުކުރެވޭތޯ އެންމެންވެސް ބަލަމުން ގެންދަނީ. އާދެ، އަޅުގަނޑު ނުދަންނަވަން، އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ބޭނުންނެތް ކަމެކޭ. ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި މަސައްކަތް ކުރާނެ. އަދި މަސައްކަތް ކުރަންވެސްވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ކަހަލަ ތަނެއްގައި ބަލަންޖެހޭ ވަކި އުސޫލުތަކެއް އޮންނަންވާނެ. ކޮންމެ މީހަކުވެސް ތިމާގެ މުޖުތަމަޢަށް ތިމާ އެކުރާ ކަމަކުން އުނިކަމެއް، ގެއްލުމެއް ލިބޭތޯ ބަލަންވާނެ. މިހާރު މާލޭގައި އެއްގޮތަކަށްވެސް ފެހިކަމެއްނެތް. މާލެއަކީ ހަނަފަސް ތަނަކަށްވެއްޖެ. މާލޭގައި މީހުން ދިރިއުޅެމުންގެންދާ ގޮތަކީ ދިވެހިރާއްޖެއަށް، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށާއި މިތަންތަނަށް އަޅުގަނޑުމެންގެ ހިތްތަކުގައިވެސް އަދި ބޭރު މީހުންގެ ހިތްތަކުގައިވެސް އޮންނަންވާ ޤަދަރު މިހާރު ލިބެމުންދާ ތަނެކޭ ދެންނެވޭކަށްނެތް.

އާދެ، އެހެންވީމާ، އަޅުގަނޑު މިއަދު މިގޮވައިލަނީ، ކުރިއަރަމުންދާ ދިވެހި ޤައުމުގެ މިހާރާ އެކަށީގެންވާ ފެންވަރަކަށް މި ޤައުމުގެ ވެރިކަން ކުރާ ރަށް، މި ޤައުމުގެ މޫނުމަތި، އާދެ، މާލެ ގެންދިޔުމަށްޓަކައި، މާލެ ރީތިކޮށް، މާލޭގެ ގޯތިގެދޮރު ސާފުކޮށް، މާލޭގެ މަގުތައް ހަދައި މާލެ ފެހިކޮށް، މާލޭގެ ގޮނޑުދޮށްތައް ހުދުކޮށް، މާލޭގެ ވިލުތައް ނޫކުރުމަށް އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަމުން ގެންދިޔުމަށް. އާދެ، މިއީ، މިއަދުގެ މުނާސަބަތުގައި މުޅި ދިވެހި ޤައުމާ މުޚާޠަބުކޮށް އަޅުގަނޑު ކުރާ ވަރަށް ޚާއްޞަ އިލްތިމާސެއް.


والسّلام عليكم ورحمـة اللّـه وبـركاتـه.