ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް "މުޞްޙަފް މާލްދީފް" ގެ ފުރަތަމަ ޗާޕްކުރި ކޮޕީތައް ދިވެހި ރައްޔިތުންނަށް ބައްސަވަން ފައްޓަވައިފިއެވެ. މި މަޝްރޫޢަކީ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެއްވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިންގަވާ މަޝްރޫޢެކެވެ.

މިއަދު ހެނދުނު ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "މުޞްޙަފް މާލްދީފް" ދިވެހި ރައްޔިތުންނަށް ބައްސަވަން ފައްޓަވައިދެއްވުމުގެ ގޮތުން، ޤުރުއާނާބެހޭ މަރުކަޒުގައި ޤުރުއާން ޙިފްޡުކުރާ 3 ފިރިހެން ކުދިންނަށާއި، 2 އަންހެން ކުދިންނަށް މުޞްޙަފް ބައްސަވާ ދެއްވާފައެވެ.

މި މުޞްޙަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓް ތައްޔާރުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސަގާފަތާއި ތާރީޚު ދައްކުވައިދޭގޮތައް ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލަވާލައިގެންނެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި އަދި ވަކިވަކި ދިވެހި ފަރުދުންގެ އިތުރުން، ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.