ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، "ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ބްރިޖް ސަރަޙައްދަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބްރިޖް ސަރަޙައްދަށް ޒިޔާރަތްކުރައްވާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ.

މާލެއާ ހުޅުމާލެއާ ދެމެދު އަޅާ "ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖަކީ ރާއްޖޭގައި އެޅިގެންދާ މިފަދަ ފުރަތަމަ ބްރިޖެވެ. ޗައިނާ ސަރުކާރުގެ ޙިއްސާ އޮންނަ ޗައިނާގެ އެސް.އެޗް.އީ.ސީ ކުންފުނީގެ ފަރާތުން އަޅާ މި ބްރިޖަކީ ދިވެހިރާއްޖޭގައި ކުރިއަށްގެންދެވޭ އެންމެބޮޑު ތަރައްޤީގެ މަޝްރޫޢުއެވެ. "ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް" ބްރިޖް ހެދުމުގެ މަޝްރޫޢު 2015 ވަނަ އަހަރުގެ 30 ޑިސެންބަރުގައި ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތު ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީ ކުރަމުންދާއިރު، 2000 މީޓަރުގެ މި ބްރިޖު ނިމިގެންދިއުމުން ހުޅުމާލެއާ މާލެއާ ދެމެދުގައި ދަތުރުފަތުރު ކުރުމަށް ލުއިފަސޭހަކަން ލިބުމުގެ އިތުރުން، މި ސަރަޙައްދަށް ޢުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މި ބްރިޖުގެ ޢަމަލީ މަސައްކަތް ނިންމާ ބްރިޖު ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

މިއަދުގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.