بســم اللّـه الرّحمـن الرّحيــم

 

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

 

އާދެ، އަޅުގަނޑުމެންގެ މިނިވަންކަމަށް 17 އަހަރު ފުރޭ ދުވަހުގެ މި އުފާވެރި ޖަލްސާގައި މިނިވަންކަމުގެ އެންމެ އަގުހުރި ބަޠަލަށް ނިސްބަތްވާ އިމާރާތެއް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް.


އާދެ، މިއަދަކީ އަޅުގަނޑުމެންގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއް. އަޅުގަނޑުމެންގެ މިނިވަންކަމަށް، އިތުރު ބާރެއް ލިބުނު ދުވަހެކޭވެސް ދެންނެވިދާނެ. އާދެ، މިއުފާވެރި ދުވަހު، އަޅުގަނޑުމެންގެ ތާރީޚުގައި ފާހަގަކުރެވޭ އަގުހުރި އަބްޠާލުންގެ ތެރެއިން، އެންމެ މާތް ބަޠަލަށް، އެބަޠަލުގެ މާތް ނަންފުޅަށް ނިސްބަތްވާ، މި [ޣާޒީ ބިލްޑިންގ] ހުޅުވުނުކަން އެއީ އަޅުގަނޑުގެ ހިތުން މިއަދު އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް އުފާކުރުން ޙައްޤުކަމެއް.


މި އިމާރާތަކީ ދެންމެ ތިޔަ ބޭފުޅުން ތިޔަ އެއްސެވި ފަދައިން، ސަރުކާރުގެ އޮފީސްތަކަށް މިހާރުހުރި އިމާރާތްތައް ދަތިވެ، އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވެމުންނުދާތީ، އެބޭނުން ފުއްދުމަށްޓަކައި ސަރުކާރުގެ ފަރާތުން އިމާރާތް ކުރި އިމާރާތެއް. މިތަނަކީ އަޅުގަނޑު މިދެންނެވި މާތް ބަޠަލު އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމްގެ ނަންފުޅަށް ނިސްބަތްވުން އެކަށީގެންވާ ފަޚުރުވެރި އިމާރާތެއް. އާދެ، އިމާރާތުގެ ބޮޑުމިނަށް ބަލައިލާއިރުވެސް، މިފަދަ ބޮޑު އިމާރާތެއް އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ހެދިފައެއްނެތް. މިތާނގެ ބޮޑުމިން އާދެ، މިއިމާރާތް ކުރެވިފައިވާ ބިމުގެ ބޮޑުމިނަށް ބަލާއިރު އެއީ، 160x80 ފޫޓު. ޢިމާރާތުގެ މަސައްކަތްކުރަން ތިބެވޭ ޖާގައަށް ބަލާއިރުވެސް، އެއީ އަޅުގަނޑުމެންގެ އެއްވެސް އިމާރާތެއްގައި އަދި ލިބިފައި ނުވާވަރުގެ ބޮޑު ޖާގައެއް. ކޮންމެ ބުރިއެއްގައި 12800 އަކަފޫޓު އެބަހުރި. އޭގެ ހަތަރުބުރި މިތާނގައި އެބަހުރި. އެހެންވީމާ، ޖުމުލަ 51000 އަކަފޫޓުގެބޮޑުމިން އަޅުގަނޑުމެންނަށް މި އިމާރާތުން ލިބޭ.


ހަމައެފަދައިން، ހަރަދަށް ބަލާއިރު މިފަދަ މަތީ ހަރަދެއް އަދި ކުރެވުނު އިމާރާތެއް ދިވެހިރާއްޖޭގެ ތާރީޚުގައި ކުރެވިފައި ވެއެކޭ ދެންނެވޭކަށްނެތް. މިހާތަނަށް ހިނގި ހަރަދަށް ބަލާއިރު، 71 ލައްކަ ދިވެހިރުފިޔާ މިތަނަށް ހަރަދުކުރެވިފައިވޭ. އާދެ، އެއީ 7.1 މިލިޔަން. އެ މިހާރުގެ ރޭޓުން ދިވެހިރުފިޔާއަށް ބަދަލުކޮށްފީވިއްޔާ 1 މިލިޔަން ޑޮލަރުގެ ހަރަދެއް. އެހެން ދަންނަވާއިރު، އެ އަދަދަކީ އަދި މާ ފުރިހަމަ އަދަދެއް ނޫންކަންވެސް ދަންނަވަންޖެހޭ. އާދެ، އެއްސަބަބަކީ އަދި މިއިމާރާތުގެ ހުރިހާ ހަރަދުތައްކޮށް ނުނިމޭކަން. އަދި އަންނަންވެފައިވާ އެތައް ބިލްތަކެއް އެބަހުރި. އެހެންވީމާ، މިދެންނެވި އަދަދުގެ އިތުރަށް، 15 ލައްކަ ނުވަތަ 20 ލައްކަ ހަރަދުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް. ހަމައެފަދައިން، މިދެންނެވި 71 ލައްކަ ހިސާބު ކުރެވިފައިވަނީ، މިއަހަރުގެ ޖެނުއަރީމަހު ބޭރުފައިސާގެ ރޭޓަށް އެއައި ބަދަލުގެ ކުރިން، ޑޮލަރަކީ 3.93 ކަމަށް ބަލައިގެން. އެހެންވީމާ، ޙަޤީޤަތުގައި މިހިނގާފައިވާހަރަދަކީ މިދެންނެވި 71 ލައްކައަށްވުރެ މާބޮޑު ހަރަދެއްކަން ކަށަވަރު.


ކޮންމެއަކަސް، މިފަދަ އިމާރާތެއް ކުރުމުގެ ބޭނުންތެރިކަން އެއީ އަޅުގަނޑުމެން މިއަދު މިތަނަށް އެއްވެތިބި އެންމެންނަށްވެސް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭނެ ކަމެއް. މިތާނގައި ގިނައިން ތިޔަ ތިއްބެވީ ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން. ސަރުކާރުގެ އޮފީސްތައް ތަފާތު ތަންތާނގައި ހުރުމުގެ ސަބަބުން، އަދި އޮފީސްތަކުގެ ޖާގަ ކުޑަކަމުން، އޮފީސްތަކުގެ މަސައްކަތަށް އެޅޭ ހުރަސްތައް ގިނަކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. މިފަދަ އިމާރާތެއް ހުރުމުން، ގިނަ އޮފީސްތަކެއް އެއްތަނެއްގައި ހުރެފައި، އެކިތަންތާނގެ މަސައްކަތަކީ ވަރަށް ބޮޑަށް އެއްތަނަކާ އަނެއްތަނަކާ ގުޅިފައިވާ މަސައްކަތްތަކެއް ކަމަށްވާތީ، މަސައްކަތް ކުރިޔަށް ގެންދިއުމަށް އިތުރު ހަލުވިކަމެއް ލިބޭނެކަން ކަށަވަރު.


ހަމައެފަދައިން، އާންމުންނަށްވެސް ވަރަށް ބޮޑު ފަސޭހަތަކެއް ލިބޭނެކަން ކަށަވަރު. އެއީ ބައެއް ކަންތައްތަކަކީ އެއް އޮފީހަށްވުރެ ގިނަ އޮފީހަށް މީހުން ހިނގައިގެން ނިންމަންޖެހޭ ކަންތައްތަކެއް. އެހެންވީމާ، ކުރިން ދުރު ތަންތާނގައި އޮފީސްތައް ހުރުމުން އެއްތަނަކުން އަނެއް ތަނަކަށް ދިއުމުގެ ބުރަ އޮތީ ވަރަށްބޮޑަށް އުފުލަންޖެހިފައި. މިހާރު މިހުޅުވޭ ހަތަރުބުރި އިމާރާތުގައި ސަރުކާރުގެ 17 އޮފީސް ހުންނަގޮތަށްވަނީ ހަމަޖެހިފައި. އޭގެތެރޭގައި ހަ މިނިސްޓްރީވެސްވޭ. އެހެންވީމާ، އާންމުންނަށްވެސް މިކަމުން ލިބޭނީ ވަރަށް ބޮޑު ފަސޭހައެއްކަން ކަށަވަރު.


އާދެ، މިއިމާރާތަކީ އަޅުގަނޑު ކުރިން ދެންނެވިފަދައިން، އަދި ދިވެހިރާއްޖޭގެ ތާރީޚުގައި ހެދުނު އެންމެބޮޑު އިމާރާތް. ހަމައެފަދައިން، އެއްތަނެއްގައި މަސައްކަތްކުރާ މީހުންގެ އަދަދަށް ބަލާއިރުވެސް، މިތަން ހިމެނޭނީ މިއަދު ރާއްޖޭގައި ހުރި މިފަދަ އެންމެ ފުރަތަމަ ތަން ކަމުގައި. މިއަދު މިބަދަލުވާ އޮފީސްތަކުގެ މުވައްޒަފުންގެ ރަޖިސްޓަރީއަށް ބަލާއިރު، 597 ވޭ. އާދެ، ގާތްގަނޑަކަށް 600 މީހުން މިތާނގައި މަސައްކަތް ކުރަމުންގެންދާނެ. އެގޮތުން ބަލާއިރުވެސް މިތަނަކީ، އަޅުގަނޑުމެންގެ ސަރުކާރުގައި މިވަގުތުހުރި އިމާރާތްތަކުގެ ތެރެއިން އެންމެ ބޮޑުތަން ކަމުގައި ނުވެނުދާނެ.


ކޮންމެއަކަސް، މިފަދަ ތަންތަން ހެދުމުގެ ބޭނުމަކީ، ސަރުކާރުގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުން. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މި އިމާރާތަށް މިއަދު މިބަދަލުވާ އޮފީސްތަކުގެ ވެރިންނާއި، މުވައްޒަފުން، މިދެންނެވި ނުކުތާއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން. ސަރުކާރުގެ މަސައްކަތްތައް ނިންމެވުމުގައި އިތުރު ހަލުވިކަމެއް ގެންނެވޭތޯ ބެއްލެވުން. މިހާރުވެސް ވަރަށް ބުރަކޮށް، ވަރަށް ފުރިހަމައަށް އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ގަބޫލުކުރަން. އެހެންނަމަވެސް، ބައެއްކަހަލަ ކަންތައްތައް ލަސްވަމުންދާތީ، އާންމުންގެ ޝަކުވާތައްވެސް ވަރަށް ގިނައިން ހުށަހެޅެމުންދޭ. އެހެންވީމާ، ސަރުކާރުގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނެވި، އަދި ސަރުކާރުގެ އޮފީސްތަކުގެ އުފެއްދުންތެރި ކަމަށް އިތުރު ތަރައްޤީއެއް އައުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް.


އާދެ، މިތަނަށް 18 އޮފީސް ބަދަލުވި ކަމުގައިވިޔަސް، އަދި ހަސަތޭކައެއްހާ މުވައްޒަފުން ބަދަލުވިކަމުގައިވިޔަސް އަދިވެސް، ސަރުކާރުގެ ވަރަށްގިނަ އޮފީސްތައް ހުންނާނީ އެހެން ތަންތާނގައި. ވަރަށް ދުރުދުރުގައި. އެހެންވުމާއެކު، މިފަދަ އިތުރު އިމާރާތްތަކެއް ކުރަން ޖެހޭނެކަން، މިހާރު ސަރުކާރަށް ރަނގަޅަށް ވަޒަންކުރެވޭ. އެންމެ ފުރަތަމަ ސަރުކާރުން ކުރިމަތިލީ މި އިމާރާތް ބިނާކުރުމަށް. މިތަން އިރާދަކުރެއްވިއްޔާ ﷲގެ ތައުފީޤާއެކު މިއަދު މި ނިމުނީ. އެހެންވީމާ، މިހާރު ސަރުކާރުން ގަސްދުކުރަނީ، މިފަދަ އިތުރު ދެ އިމާރާތް އަދި ހަދަން. އާދެ، އެއީ ސަރުކާރުގެ އޮފީސްތައް އެއްތަނެއްގައި ހުރުމުން މަސައްކަތަށް ލިބޭނެ ބަދަހިކަމާއި ހަލުވިކަމަށްޓަކައި. އަދި އާންމުންނަށްވެސް ލިބޭނެ ފަސޭހައަށްޓަކައި. އެހެންވީމާ، މާލޭގައި ތަންއޮތް މިންވަރަކުން އިތުރު އެހެން ދެ ތަނެއްގައި ދެ އިމާރާތް ކުރުމުގެ ގަސްދު މިހާރުވަނީ ކުރެވިފައި.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މި މަސައްކަތް މިހާ ފުރިހަމަ ގޮތެއްގައި ކޮށްދެއްވި ފަރާތްތަކަށް ސަރުކާރުގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެން. އާދެ، ދެ އަހަރާ ހަތްމަސްދުވަހުން ނިމުނު، މި އިމާރާތުގެ މަސައްކަތްތައް ހިންގެވުމުގެ އިސްވެރިޔެއްގެ ގޮތުގައި ހުންނެވީ، ދެންމެ މިއިމާރާތް ހުޅުވައިދިނުމަށް އަޅުގަނޑުގެ ފަރާތުން އެދިވަޑައިގެންނެވި، އަލްފާޟިލް އިލްޔާސް އިބްރާހީމް. އާދެ، އެމަނިކުފާނަކީ، ސަރުކާރުގެ ވަރަށް މުހިންމު ދެ އޮފީހެއް ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާ. އެ އޮފީސްތައް ހިންގެވުމުގެ މަސައްކަތްތަކުގެ އިތުރަށް، މިތަން އިމާރާތް ކުރުމުގައިވެސް ވަރަށް ބުރަ ތަކުލީފުތަކެއް އުފުއްލަވައިފައިވޭ. އެހެންވީމާ، މިއަދު މި އިމާރާތް ހުޅުވޭދުވަހު އެ މަނިކުފާނަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.


އާދެ، އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ބެއްލެވުމުގެ ދަށުން، މި އިމާރާތުގެ މަސައްކަތް ފެށުނީއްސުރެ ނިމެންދެން، ވަރަށް ހަރަކާތްތެރިކަމާއެކުގައި ގެންދެވި ބޭފުޅަކީ އަޅުގަނޑުމެންގެ މިހާރުގެ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކުގައި ވަރަށް ޚާއްޞަ ބައެއް ކުޅުއްވަމުން ގެންދަވާ ބޭފުޅެއް. އާދެ، އެއީ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން. އަޅުގަނޑުމެންގެ އެއަރޕޯޓުގެ މަސައްކަތުގައިވެސް އެހާވަރުގަދަ މަސައްކަތްތަކެއް، އޭނާގެ ބެއްލެވުމުގެދަށުން ވަނީ ހިންގަވައިފައި. އަދި މިހާރު މާލޭގެ ތަރައްޤީއަށްޓަކައި ކުރެވޭ ބިންހިއްކުމުގެ މަޝްރޫޢުވެސް ހިނގަމުންދަނީ އޭނާގެ ބެއްލެވުމުގެ ދަށުން.


އާދެ، ހަމައެފަދައިން، މިއިމާރާތުގެ މަސައްކަތް މިދެންނެވި ދެއަހަރާ ހަތްމަސްދުވަހުގެ ތެރޭގައި، އަދި އޭގެކުރިން މިތާނގައި ކުރީގައިހުރި އިމާރާތް ތަޅައިލުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ރެޔާދުވާލު މިތާނގައި އުޅުއްވި ބޭފުޅަކީ، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން. އެހެންވީމާ، އޭނާއަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ އުފަލެއް ކަމަށް ދެކެން.


އާދެ، އޭގެ އިތުރުން، މިޢިމާރާތުގެ ޚިޔާލު އެންމެފުރަތަމަ އެފެދުނީއްސުރެ، އެކަމުގައި ވަރަށް ޝައުޤުވެރިކަމާއެކު އުޅުއްވި ވަރަށް މަތީ ދަރަޖައިގެ ބޭފުޅުންވެސް އެބަތިއްބެވި. އެ ބޭފުޅުންގެ ތެރެއިން ދެބޭފުޅެއްގެ ނަންފުޅު ފާހަގަ ކޮށްލުމަކީ، އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންސާފެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާދެ، އެއްބޭފުޅަކީ، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާރޒް އަލްއުސްތާޛް ފަތުޙުﷲ ޖަމީލު. އަނެއް ބޭފުޅަކީ ރާއްޖޭގެ ތަރައްޤީގެ ހުރިހާ މަސައްކަތަކަށްވެސް މިހާރު ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބަހައްޓަވާ، އަދި އޭނާގެ ފަރާތުން ވަރަށް އެކަށީގެންވާ އެހީތަކެއް ލިބެމުންދާ ބޭފުޅެއް، އޮނަރަބްލް އަލްފާޟިލް ޢަލީ ޢުމަރު މަނިކު. އެބޭފުޅުންނަށްވެސް މި ފުރުޞަތުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ އުފަލެއްކަމަށް ދެކެން.


އާދެ، އިމާރާތް ކުރުމުގެ ތެރޭގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމާއި، އަދި އިމާރާތް ބިނާކުރެއްވުމަށްފަހު، އޮފީސްތަކަށް އިމާރާތް ބައިކޮށް، އެކަމުގެ ކަންތައްތައް ހަމަޖެއްސުމާއި، މިކަންކަމުގައި ރައީސް އޮފީހުގެ ބައެއް ބޭފުޅުންވެސް ވަރަށް އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވި. އެހެންވީމާ، އޮފީހުގެ މިކަމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް، ޚާއްޞަކޮށް އަލްފާޟިލް ޢަބްދުﷲ ޖަމީލަށާއި، އަލްފާޟިލް ޢައްބާސް އިބްރާހީމަށް، އަޅުގަނޑު މިއަދު ޝުކުރު ދަންނަވަންޖެހޭ. މިދެންނެވި ބޭފުޅުންގެ އިތުރަށް، ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއްގެ ބޭފުޅުންވެސް މިކަމުގައި އުޅުއްވި. ސަރުކާރުގެ ވަރަށް ގިނަ މުވައްޒަފުން، ވަރަށް ގިނަ ގަޑިތަކެއް މިކަމުގައި ހޭދަކުރެއްވި. އޭގެތެރޭގައި ވަރަށް މަތީ ފެންވަރުގެ ބޭފުޅުންނާއި، ވަރަށް އާދައިގެ ފެންވަރުގެ މީހުންވެސް ހިމެނޭ. އެހެންވީމާ، އެބޭފުޅުންގެ ނަންފުޅުތަކާއި، އެމީސްމީހުންގެ ނަންތައް، މިފަދަ ފުރުޞަތެއްގައި އަޅުގަނޑަށް ތަފުސީލުކޮށް ނުދެންނެވުނު ކަމުގައިވިޔަސް، އާންމުކޮށް އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑު މިއަދު ކުރަންޖެހޭނެ ކަމެއްކަން އަޅުގަނޑު ގަބޫލުކުރަން.


އާދެ، މި އިމާރާތަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤު. އެއީ މިތަނަކީ، ބޭރުގެ އެއްވެސް އެހީއެއްނެތި، އަޅުގަނޑުމެންގެ އަމިއްލަ ފައިސާއިން، އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން، ބިނާކުރި ތަނަކަށްވާތީ. އަޅުގަނޑުމެންގެ ބޮޑެތި އެހެން މަޝްރޫޢުތަކަކީ، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ބޭރުގެ އެހީވެސް ލިބިގެން ހިންގަމުން ގެންދާ ކަންތައްތައް. އެއާ ޚިލާފަށް މިތަނަށް ކުރެވިފައިވާ ހުރިހާ ހަރަދެއް، އަދި މިތަނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެނެވިފައި މިވަނީ ހަމަ ދިވެހި ސަރުކާރުގެ ހަރަދުގައި. އެހެންވީމާ، އެނުކުތާ ފާހަގަކޮށްލުމަކީ މިއަދު ބޭނުންތެރި ކަމެއްކަމަށް އަޅުގަނޑު ދެކެން. މިތަނަކީ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، ދިވެހި ފައިސާ ހަރަދުކޮށްގެން، ދިވެހި ދާ އޮހޮރުވައިގެން، އަޅުގަނޑުމެން ތައްޔާރުކުރި ތަނެއް.


އާދެ، ކޮންމެއަކަސް މިނިވަންދުވަހު، މިކަހަލަ ތަނެއް ހުޅުވުމުގެ ތައުފީޤު ދެއްވި ކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް އަޅުގަނޑު ޙަމްދާއި ޝުކުރު ދަންނަވަން. އަދި މިފަދަ އެހެން ތަންތަން ތައްޔާރުކޮށް، ރާއްޖޭގެ ތަރައްޤީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ ތައުފީޤު އަޅުގަނޑަށާއި، އަދި ސަރުކާރު ހިންގަވަން ތިއްބެވި ވެރިންނަށާއި، ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށާއި، އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދެއްވުން އެދި އަޅުގަނޑު ދުޢާކުރަން. މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ މަތީދަރަޖައިގެ ބޭފުޅުންނަށާއި، ސަރުކާރުގެ މުވައްޒަފުންނަށާއި އަދި ބޭރު ޤައުމުތަކުގެ ސަފީރުންނަށާއި ޢިއްޒަތްތެރިންނަށް، އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ.


والسّلام عليكم ورحمـة اللّـه وبركاته.