بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.


އާދެ، އަސާސީ ތަޢުލީމުގެ ނަތީޖާ ފާޅުކޮށް، އިނާމު ދިނުމުގެ ޖަލްސާއަށް އައުމަކީ އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. މިދިޔަ އަހަރުވެސް، އަޅުގަނޑު މިއުފާ ހާސިލުކުރީ ވަރަށް ވަރުގަދަ އުންމީދުތަކަކާއެކު. ހަމައެފަދައިން، މިއަހަރުވެސް އަޅުގަނޑު މި އުފާ ހާސިލު މިކުރަނީ މިވޭތުވެދިޔަ އަހަރުގެ ތެރޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހޯދައިފައިވާ ކާމިޔާބަށްޓަކައި އުފާކުރަމުން. އަދި އަންނަ އަހަރުތަކުގެތެރޭގައި، މިއަހަރު އެ ހޯދި ކާމިޔާބީއަށްވުރެ މަތިވެރި ކަމިޔާބީތަކެއް ހޯދާނޭކަމުގެ ވަރަށް ވަރުގަދަ އުންމީދެއްގައި.


އާދެ، އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބެއްކަމަށް މިރޭ ދެކެނީ 1981 ވަނަ އަހަރުގައި މި ހިންގުނު، އަސާސީ ތަޢުލީމުގެ ޕުރޮގުރާމުގައި އެކިއެކި މަތީ މަޤާމުތައް ހޯއްދެވި އަތޮޅުތަކަށާއި، ރަށްރަށަށް ހިތުގެ އިޚުލާޞްތެރިކަމާއެކު، މުބާރަކުބާދީ ދެންނެވުން. އާދެ، ތިޔަ ހުރިހާ ބޭފުޅުން ދެންމެ ތިޔަ އެއްސެވި ފަދައިން، އަދި ދެންމެ ތިޔަ ދެކެވަޑައިގެންނެވި ފަދައިން 1981 ވަނައަހަރު އަސާސީ ތަޢުލީމުގެ މަޝުރޫޢު ހިންގުމުގައި ވަރަށް ފުރިހަމަ އެއްވަނަ މަޤާމު ހޯދީ، ތ. އަތޮޅު. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނޭ ފަދައިން، މިދިޔަ އަހަރު މިމަޝްރޫޢުގައި އެއްވަނަ އިނާމު ހޯދައިފައިވަނީ ހަމަ އެއަތޮޅު. އެހެންކަމަށްވުމާއެކު، ތ. އަތޮޅަށް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެ އުފަލުގައި އަޅުގަނޑު ޔަޤީންކުރާގޮތުގައި މި މަޝްރޫޢު ހިންގެވި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭފުޅުންނާއި، އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ.


އާދެ، މިއަހަރު ދެވަނައަށްއައި އަތޮޅަކީ، ޏ. އަތޮޅު. ތިންވަނައަށްއައީ ވ. އަތޮޅު. އެހެންވީމާ، އެ ދެ އަތޮޅަށްވެސް ވަރަށްބޮޑު ހިތްހަމަޖެހުމާއެކު ތަހުނިޔާ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. މިދިޔަ އަހަރުވެސް ވ. އަތޮޅު ވަރަށް އެކަށީގެންވާ މަޤާމެއް މި މަޝްރޫޢުގައި ހޯދައިފައިވޭ. އާދެ، އަޅުގަނޑުގެ ހަނދާން މާބަލިނޫން ކަމަށްވަންޏާ މިދިޔަ އަހަރު ދެވަނައަށް އައިސްފައިވަނީ ވ. އަތޮޅު. މިދިޔަ އަހަރު ދެވަނައަށް އައުމާއެކު، މިއަހަރު  3 ވަނައަށް އައި ކަމަށްޓަކައި އެ އަތޮޅަށްވެސް ވަރަށް ޚާއްޞަ ޝުކުރަކާއި ތަޢުރީފެއް ޙައްޤުވެގެންވޭ. ހަމައެފަދައިން، ދިވެހިރާއްޖޭގެ، މީހުންއުޅޭ ހުރިހާ ރަށްރަށުގެ ތެރެއިން 1981ވަނަ އަހަރު އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގުމުގައި ވަރަށް ފުރިހަމަ އެއްވަނައެއް ހޯދި ރަށް ކަމުގައިވާ، ތ. އަތޮޅު ވިލުފުށްޓަށްވެސް ވަރަށް ޚާއްޞަ ޝުކުރަކާއި މުބާރަކްބާދީއެއް ޙައްޤުވާކަން ކަށަވަރު.


އާދެ، ޝުކުރު ދެންނެވުމުގައި އަޅުގަނޑު ފަހަރެއްގައިވެސް ހަނދާން ނައްތައެއް ނުލަން، މިމަޝްރޫޢު ހިންގެވުމުގައި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ފަރާތްތައް. އާދެ، އެންމެ ފުރަތަމަ މިނިސްޓްރީ އޮފް އެޑިޔުކޭޝަން. އަދި ޚާއްޞަކޮށް، އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި މިނިސްޓަރ އޮނަރަބްލް އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައި ބެހެއްޓެވި ފަރުވާތެރި ކަމާއި، އަދި ކުރައްވަމުންގެންދެވި އިޚުލާޞްތެރި މަސައްކަތް އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް މިރޭ ވަންހަނާވެގެންވާނެ ކަމެއްނޫން. އެހެންވުމާއެކު، މިއަދު ދިވެހިރާއްޖޭގެ ކަންތައްތަކާ ހަވާލުވެހުރިމީހާގެ ހައިސިއްޔަތުންނާއި، އަދި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ޤައުމީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.


އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ ވަރަށް މުހިންމު މަޝްރޫޢަކަށްވުމާއެކު، އެ މަޝްރޫޢުގެ ކަންތައްތައް އެ މިނިސްޓްރީގެ ފަރާތުން ހިންގަވަމުން ގެންދެވީ، އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުގެ މަޝްވަރާގެމަތިން. އެހެންވީމާ، އެމަޖިލީހުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ލިބިވަޑައިގެންނެވި މަޝްވަރާއާއި، އަދި އެހީތަކަށްޓަކައި އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މަޖިލީހަށް އާންމުކޮށް އަދި އެމަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަކިވަކިން ޝުކުރު އަދާކުރުމަކީ، އަޅުގަނޑަށް މިރޭ ލިބޭ ވަރަށް ބޮޑު އުފަލެއް. މިޝުކުރުގެ ލިސްޓަކީ ވަރަށް ބޮޑު ލިސްޓެއް. އެހެންނަމަވެސް، އަދިވެސް ބައެއް ފަރާތްތައް ފާހަގަކޮށްނުލައި އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދެވޭކަށް ނެތް.


އާދެ، އެންމެ ޚާއްޞަ ގޮތެއްގައި ދެން އަޅުގަނޑު ފާހަގަކޮށްލާހިތްއޮތީ، މި މަޝްރޫޢު ހިންގުމުގެ އެންމެބޮޑު ސަބަބު ކަމުގައިވާ ފަރާތް. އާދެ، އެއީ ހިލޭސާބަހަށް ކިޔަވައިދެއްވާ މުދައްރިސުން. އަޅުގަނޑުމެންގެ ރާއްޖޭގައި މިމަޝްރޫޢަކީ ވަރަށް ޚާއްޞަ ގޮތެއްގައި ހިނގަމުންދާ މަޝްރޫޢެއް. މިމަޝްރޫޢު ހިންގެވުމުގައި ދުވާލުގެ ނުވަތަ ރޭގަނޑުގެ ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވަމުން އެ ގެންދަވާ ފަރާތްތަކަކީ އެމަސައްކަތުން، އެ ކުރައްވާ މަސައްކަތުން، ނުވަތަ އެ ހޭދަކުރައްވާ ވަގުތުގެ ބަދަލުގައި އެއްވެސްކަހަލަ އެއްޗެއް ލިބިވަޑައިގަންނަވާ ފަރާތްތަކެއް ނޫން. އެހެންވުމާއެކު، އެބޭފުޅުން އަސާސީ ތަޢުލީމުގެ ކުލާސްތަކަށް ކިޔަވައިދެއްވަމުން އެ ގެންދަވަނީ، ވަރަށްމަތިވެރި ޤައުމީޝުޢޫރެއް އެބޭފުޅުންގެ ހިތްޕުޅުތަކުގައި ހިނގައިފައިވާތީ. އަދި ހިނގަމުންދާތީ. އެހެންވީމާ، އެއްވެސް އުޖޫރައަކާ ނުލައި، ހަމަ ހިލޭސާބަހަށް އަސާސީ ތަޢުލީމުގެ ކުލާސްތައް ހިންގަވައިދެއްވަމުންގެންދެވި، އަދި އެ ކުލާސްތަކަށް ކިޔަވައިދެއްވަމުން ގެންދެވި ހުރިހާ ފަރާތްތަކަށް، ހުރިހާ ވޮލެންޓިއަރުންނަށް، ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.


އާދެ، ތިޔަބޭފުޅުންނަށް ދެންމެ ފެނިވަޑައިގެންނެވި ފަދައިން، ހިލޭސާބަހަށް ކިޔަވައިދެއްވަމުން ގެންދެވި މުދައްރިސުންނާއި، މުދައްރިސާއިންގެ ތެރޭގައި، ތަފާތު ފެންވަރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ. ތަފާތު ޢުމުރުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ. އޭގެތެރެއިން އަޅުގަނޑުމެންގެ ޢިއްޒަތްތެރި މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީގެ ނަންފުޅު ފާހަގަކޮށްލުމަކީ އަޅުގަނޑު ހިތުން އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއް ނޫން.


އާދެ، ހިލޭސާބަހަށް ކިޔަވައިދެއްވަމުން ގެންދެވި އަދި ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުންނާއި، މުދައްރިސާއިންގެ ތެރޭގައި ވަރަށްގިނަ އެހެން ފަރާތްތައްވެސް ހިމެނޭ. އެބޭފުޅުންނަށް، އެބޭފުޅުން އެކުރެއްވި އަގުހުރި ޚިދުމަތުގެ ހަނދާނެއްގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެ ދެއްވި ލިޔުން، އެބޭފުޅުންނަށް އެރުވުމުގެ އުފާ އަޅުގަނޑަށް މިރޭ ލިބިއްޖެ. އޭގެތެރޭގައި ހިމެނޭ ހުރިހާ ބޭފުޅުންނަށް، ހުރިހާ މުދައްރިސުންނަށާއި، މުދައްރިސާއިންނަށް، ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު ދަންނަވަން. ހަމައެފަދައިން، އެތަންތާނގައި އަސާސީ ތަޢުލީމުގެ ކުލާސްތައް ހިންގަވައިދެއްވި މަދަރުސާތަކަށާއި، އަދި އަމިއްލަ ގޭގެއަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން އަޅުގަނޑު ކުރަންޖެހޭނެ ކަމެއް. އާދެ، އަޅުގަނޑުމެންނަށް ދެ މަދަރުސާއެއްގެނަން އިވިގެންދިޔަ. މަދްރަސަތުއް ޝަހީދުޢަލީ، މަދްރަސަތުލް ހަނިއްޔާ. އެހެންވީމާ، މި ދެ މަދަރުސާގެ ހިންގުންތެރިންނަށް ޝުކުރާއި ތަޢުރީފު ރައްދުކުރުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. ހަމައެފަދައިން، މާލޭގެ އަމިއްލަ ގޭގޭގެ ތެރެއިން [މާފަންނުގެ] އާއި އަދި މައްޗަންގޮޅީ [ބިއްލޫރިމާގެ] ވަރަށް ޚާއްޞަ ގޮތެއްގައި މިރޭ ފާހަގަކުރެވިގެން ހިނގައްޖެ. އެހެންވީމާ، އެ ދެގޭގެ ވެރިފަރާތަށްވެސް ޝުކުރު އަދާކުރުމަކީ، އަޅުގަނޑަށް މިރޭ ދޫކޮށްލެވޭވަރުގެ އުފަލެއް ނޫން. އާދެ، ޝުކުރުގެ ލިސްޓުގައި ދެން އޮތީ އެންމެ މުހިންމު ފަރާތް. އާދެ، އެފަރާތަކީ ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައިވެސް އެ އިޝާރާތް ކުރެއްވި ފަރާތް. އެއީ އަސާސީ ތަޢުލީމުގެ ފައިދާ، އަސާސީ ތަޢުލީމު ހާސިލުކުރުމުން، އެބަޔަކަށް ފައިދާތަކެއް ލިބިގެންދިޔަ ފަރާތްތައް. އާދެ، އަޅުގަނޑުމެންގެ އާންމުންގެ ވަރަށް ގިނަ ބައެއް، އެމީހުން މި މަޝްރޫޢަށް ދިން މަތިވެރި ތަރުޙީބު އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވަރަށް އުފަލާއެކު ފާހަގަކުރާނެ އެއްޗެއް.


އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ކާމިޔާބު ގޮތެއްގައި ހިނގަމުންދިޔައީ މިދެންނެވި، ކިޔަވާމީހުން ކުލާސްތަކަށް ހާޒިރުވުމުގެ ސަބަބުން، ގަވާއިދުން އެ ކުލާސްތައް އޮންނަ ދުވަސް ދުވަހު ނުވަތަ އޮންނަ ރޭރޭ. ނުވަތަ އޮންނަ ގަޑިގަޑީގައި އެ ކުލާސްތަކަށް ހާޒިރުވެގެން. އެ ރޮނގުން އަޅުގަނޑު އެންމެބޮޑަށް ފާހަގަކޮށްލާހިތްއޮތީ ރާއްޖެތެރޭގެ ރައްޔިތުން. އެއީ ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ރިޕޯޓުން މާ ތަފުސީލުކޮށް ފާޅުވެގެން ނުދިޔަކަމުގައިވިއަސް، އަޅުގަނޑު ބެލިބެލުމުން އެނގިފައިވާ ގޮތުގައި ރާއްޖެތެރޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިނގައިފައިވަނީ، މާލޭގައި އެ މަޝްރޫޢު ހިނގައިފައިވާ ވަރަށްވުރެ މާފުރިހަމަ ގޮތެއްގައި. އެހެންވީމާ، މިފުރުޞަތުގައި ރާއްޖެތެރޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ތަޢުރީފު ރައްދުކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.


އާދެ، ދެންމެ އިވިގެންދިޔަ އަދަދުތަކުގެ ތެރޭގައި، އަޅުގަނޑުހިތުން ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުން ފާހަގަކުރައްވާނެކަމެއް ދިޔަ. އެއީ މިދިޔަ އަހަރު، އާދެ، 1981 ވަނަ އަހަރު އަސާސީ ތަޢުލީމުގެ ކުލާސްތަކުގައި ލިޔަންކިޔަން ދަސްކުރި މީހުންގެ އަދަދު، މިނިސްޓަރ އޮފް އެޑިޔުކޭޝަން ވިދާޅުވިއިރު އަޅުގަނޑުމެންނަށް ފާހަގަކޮށްލެވުނު، އޭގެތެރެއިން ހަތަރުބައިކުޅަ ތިންބައި މީހުންނަކީ އަންހެނުންކަން. އާދެ، އަޅުގަނޑުގެ ހަނދާން އަނެއްކާވެސް މާ ބަލި ނޫންކަމަށްވަންޏާ މިދިޔަ އަހަރު ލިޔަންކިޔަން ދަސްކުރި މީހުންގެ އަދަދު ކަމުގައި މިނިސްޓަރ ވިދާޅުވީ 1403 މީހުން. އޭގެތެރެއިން 1088 މީހުން އެއީ އަންހެނުން. ދެންތިބި 315 މީހުން އެއީ ފިރިހެނުން. އެހެންވީމާ، މިއިން ދޭހަވާ އެއްޗަކީ ދިވެހިރާއްޖޭގެ އަންހެނުން އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ދެއްވާ މަތިވެރި އަހަންމިއްޔަތު. އެކަމަށްޓަކައި އެއްވެސް ހިފެހެއްޓުމެއްނެތި ދިވެހިރާއްޖޭގެ އަންހެނުންނަށް ޝުކުރާއި، މުބާރިކުބާދީއާއި، ތަޢުރީފު އަޅުގަނޑު ރައްދުކުރަން.


އާދެ، 1981 ވަނަ އަހަރު އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިނގަމުންދިޔަ ގޮތުގެ މައްޗަށް ވަރަށް ފުރިހަމަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ބައްލަވައިލައްވައިފި. އެހެންވީމާ، އޭގެއިތުރުން މިކަމާދޭތެރޭގައި އަޅުގަނޑު ދައްކާނެ މާގިނަ ވާހަކަތަކެއް ނޯންނާނެ. އެހެންނަމަވެސް، ދެތިން ނުކުތާއަކާ ދޭތެރޭގައި އެއްޗެއް ދަންނަވައިލުމަކީ، އަޅުގަނޑު ހިތުން މިރޭގެ ޖަލްސާގައި މާ އުނިކަމަކަށް ނުވާނެ. އޭގެތެރެއިން އެއްކަމަކީ ހަމައެކަނި ލިޔަންކިޔަން ދަސްކުރި މީހުންގެ އަދަދަށް ބަލާއިރު 1980 ވަނައަހަރު މި މަޝްރޫޢު ހޯދި ކާމިޔާބަށްވުރެ، 1981 ވަނަ އަހަރު މި މަޝްރޫޢު ހޯދި ކާމިޔާބީ ތަންކޮޅެއް ދެރަ. އާދެ، 1980 ވަނަ އަހަރު ލިޔަންކިޔަން ދަސްކުރި މީހުންގެ ގޮތުގައި، އަޅުގަނޑުމެންނަށް އިވިގެންދިޔައީ 4248 މީހުން. 1981 ވަނަ އަހަރު 1088 މީހުން. އެހެންވީމާ، ގާތްގަނޑަކަށް ކުރީ އަހަރުގެ ހަތަރުބައިކުޅަ އެއްބައި.


އާދެ، އެއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭކަމެއް. އެހެންނަމަވެސް، އެކަން އެހެން އެ ދިމާވީވެސް ސަބަބުތަކެއް ނެތިއެއްނޫން. އެ ސަބަބުތައް އަޅުގަނޑުމެން ވަޒަންކުރަން ޖެހޭނެ. ރާއްޖެކަހަލަ ޤައުމެއްގައި، ވަރަށް ބޮޑު ސަރަޙައްދެއްގެ ތެރޭގައި ފެތުރިފައިވާ، ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ އަދި އެ ޖަޒީރާތަކުގެ މެދުގައި ވަރަށް ބޮޑެތި، ކަޑައްތުކުރަން އުނދަގޫ ކަނޑުތަކެއް ހިމެނޭ ޤައުމެއްގައި މިފަދަ ބޮޑު މަޝްރޫޢެއް ކާމިޔާބީއާއެކު ހިންގަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުން ހުންނަގޮތުންވެސް މާލޭން ރާއްޖެތެރެއަށް ފޮނުވަން ބޭނުންވާ ތަކެއްޗާއި، ބޭނުންވާ އެހީއާއި ފޮނުވަން ބޭނުންވާ މީހުން އެތަންތަނަށް ފޮނުވުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ސަރުކާރުގެ ފަރާތްތަކަށް އުފުއްލަވަން ޖެހިވަޑައިގަންނަވާ. ހަމަ އެފަދައިން، އެއަތޮޅުތަކުގެ މީހުން ރާއްޖެ އައުމުގައިވެސް އެދަތިތައް، އެބުރަތައް އުފުލަންޖެހޭ.


އަދި މިނޫން ގޮތްގޮތުންވެސް އަޅުގަނޑުމެންގެ ފެންވަރު ހުރިގޮތުން މިކަހަލަ މަޝްރޫޢެއް ފުރިހަމަޔަށް ކުރިޔަށް ގެންދިޔުމުގައި ކުރިމަތިވާ އެތަކެއް ހުރަސްތަކެއް ހުރޭ. އެހެންވީމާ، މިކަންތައްތައް މިހެންހުރުމާއެކު، ކުރީއަހަރު އެ ހޯދުނު ނަތީޖާ 1981 ވަނަ އަހަރު ނުހޯދުނުކަން އަޅުގަނޑު ހިތުން އެއީ މާބޮޑު ދެރަކަމެއް ނޫން. އެހެން މިދެންނެވީ މުޅި ނަތީޖާއަށް ބަލާއިރު އެއީ ދެރަކަމަކަށް ނުވާތީ. 1980 ވަނަ އަހަރު ލިޔަންކިޔަން ދަސްކުރި މީހުންގެ އަދަދު، 1981 ވަނަ އަހަރު ލިޔަންކިޔަން ދަސްކުރި މީހުންގެ އަދަދަށްވުރެން ގިނަވިކަމުގައިވިޔަސް، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ ހަމައެކަނި ލިޔަންކިޔަން ދަތުމުގެ މައްޗަށް ބިނާވެފައިވާ މަޝްރޫޢެއްނޫން. ލިޔަންކިޔަން ދަތުމުގެ އިތުރަށް ނުވަތަ ލިޔަންކިޔަން ދަސްކޮށްދިނުމުގެ އިތުރަށް ތަފާތު އެތަކެއް މާއްދާތަކެއް ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާ މަޝްރޫޢެއް. އެހެންވީމާ، މުޅި މަޝްރޫޢަށް ބަލާއިރު މިދިޔަ އަހަރު ކާމިޔާބީއެއް، ފުރިހަމަކާމިޔާބީއެއް، ހާސިލުކޮށްފައިވާކަން، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ.


އާދެ، ކޮންމެއަކަސް ލިޔަންކިޔަން ދަންނަ މީހުންގެ އަދަދު ނުވަތަ މިދިޔަ އަހަރު ލިޔަންކިޔަން ދަސްކުރި މީހުންގެ އަދަދު، ކުރީއަހަރު ލިޔަންކިޔަން ދަސްކުރި މީހުންގެ އަދަދަށްވުރެ މަދުވިކަން އެއީ ފާހަގަކޮށްލަންޖެހޭ ނުކުތާއެއް. ސަބަބުތަކެއް ހުރިކަމުގައިވިއަސް، އެ ނުކުތާ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އަދި އެސަބަބުތައް ނައްތައިލެވޭތޯ އަޅުގަނޑުމެން ހުރިހާ އެންމެން އެއްބާރުލާންވެސްޖެހޭ. އަޅުގަނޑު ހިތުން މިހާރަށްވުރެ ބޮޑަށް މި މަޝްރޫޢަށް ހުރިހާ ފަރާތްތަކެއްގެވެސް ސަމާލުކަން ދެވިއްޖެނަމަ، އަޅުގަނޑުމެން މިހާތަނަށް މިހޯދި ކާމިޔާބީއަށްވުރެ މާފުރިހަމަ ކާމިޔާބީއެއް މިއަހަރުވެސް، އަދި ކުރިޔަށް އޮތް އަހަރުގައިވެސް ހޯދިދާނެ. މިހާރުވެސް ވަރަށްގިނަ ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވާ. އަޅުގަނޑު ކުރިން ދެންނެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ވާހަކަ. އޭގެއިތުރުން ވަރަށްގިނަ އަމިއްލަ ފަރާތްތަކުންވެސް އަދި ސަރުކާރުގެ އެހެން ފަރާތްތަކުންވެސް މިމަޝްރޫޢު ކާމިޔާބު ކުރެއްވުމަށްޓަކައި އަދި މިމަޝްރޫޢަށް ރައްޔިތުންގެ ތަރުޙީބު ހޯއްދެވުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރައްވަމުންގެންދަވާ. އޭގެތެރެއިން އެއްފަރާތެއް، ދިވެހިރާއްޖޭގެއަޑު. އަނެއްފަރާތެއް ޓީ.ވީ މޯލްޑިވްސް. އާދެ، އެ ދެފަރާތް އެތަނެއްގެ ބެލުމުގެދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިހުރިހާ ފަރާތްތަކުންވެސް މި މަޝްރޫޢަށް ވަރަށް މަތިވެރި އަހަންމިއްޔަތެއް ދެއްވާކަން، އަޅުގަނޑުމެން ރޭޑިއޯ ހުޅުވައިލި ކޮންމެ ވަގުތެއްގައި ނުވަތަ ޓީ.ވީ. ހުޅުވައިލި ކޮންމެ ވަގުތެއްގައި އިހުސާސް ކުރެވެމުންދާނެ. އަސާސީ ތަޢުލީމުގެ މަޝްރޫޢަށް މީހުންގެތަރުޙީބު ހޯދުމުގެމަޤްޞަދުގައި އަމިއްލަ ފަރާތްތަކުންވެސް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވޭ.


އާދެ، އަޅުގަނޑުމެން އަބަދުވެސް އަހަމުން އެބަގެންދަމު، އަސާސީ ތަޢުލީމާބެހޭ ލަވަތައް. އެލަވަތައް ހެއްދެވި ފަރާތްތަކާއި، އަދި ހައްދަވަމުންގެންދެވި ފަރާތްތަކާއި، މިއުޒިކު އަޅުއްވައިދެއްވާ ފަރާތްތަކާއި، އަދި އެ ލަވަތައް ކިޔުއްވައިދެއްވާ ފަރާތްތައް އަޅުގަނޑުމެން މިމަޤާމުގައި ފާހަގަކޮށްލަންޖެހޭ. އެހުރިހާ ފަރާތްތަކަކުންވެސް، އެމަސައްކަތް ކުރައްވަމުން އެގެންދަވަނީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި، އަދި އެކުރައްވަމުން ގެންދަވާ ޚިދުމަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މިހާރުދަނީ ފެންނަމުން. އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރަމުން ގެންދާ ދަތުރުތަކުން އެކަން ވަރަށް ރަނގަޅަށް އިހުސާސްކުރެވޭ. މިއަހަރު އެއްވަނައަށް މިއައި އަތޮޅުގެވާހަކަ ދަންނަވައިލާނަން. އާދެ، ތ. އަތޮޅު. އެ އަތޮޅަށް ޒިޔާރަތް ކުރުމުގެ އުފާ އަޅުގަނޑަށް މިއަހަރު ލިބުނު. އެ އަތޮޅުގެ ކޮންމެ ރަށެއްގައިވެސް، އަސާސީ ތަޢުލީމުގެ މަޝްރޫޢަށް އަތޮޅުގެ ވެރިންނާއި، ރައްޔިތުން ދެއްވަމުން ގެންދަވާ ތަރުޙީބާއި ސަމާލުކަން، ބަލައިލި ކޮންމެ ދިމާއަކުން ފެންނަންހުރީ. އަސާސީ ތަޢުލީމުގެ ހޮޅުއަށި ކިތަންމެ ރަށެއްގައި ހުރި. އަޅުގަނޑު ހިތުން ހަމަކޮންމެ ރަށެއްގައިވެސް ހުރި. އަސާސީ ތަޢުލީމާބެހޭ ލިޔުންތައް މީހުންނަށް ފެންނަ ތަންތާނގައި، އެކިއެކި ގޭގޭގެ މަގުމަތީ ފާރުގައި، ނުވަތަ އެނޫންވެސް ތަންތާނގައި ބަހައްޓައިފައިހުރި. އަސާސީ ތަޢުލީމާބެހޭ ލަވަތައް، އެރަށްރަށުގައި ރިކޯޑުކޮށްގެން، މީހުން އެއްކޮށްގެން އެ ލަވަ ޖަހައިދީހަދާ. މީހުން އެއްކޮށްގެން އަސާސީ ތަޢުލީމުގެ ވާހަކަ ދައްކައިދީ ހަދާ. މިކަންތައްތައް މިގޮތަށް ހުރުމުގެ ސަބަބުން، އެ އަތޮޅު އެހާ މަތިވެރި ކާމިޔާބީއެއް ވިދިވިދިގެން މިދެއަހަރު ހޯދައިފައި އެވަނީ.


އާދެ، އެހެންވީމާ އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ނުކުތާއަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތަކާ ހަވާލުވެގެން ތިބޭ ފަރާތްތަކަށް، އެކަށީގެންވާ ސަމާލުކަމެއް އެއްވެސް ކަމަކަށް ދެއްވާ ކަމަށްވަންޏާ، ރައްޔިތުންގެ ތަރުޙީބު އެކަމަކަށް ވަރަށްބޮޑަށް ލިބޭނެއޭ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ވެރިންގެ އިރުޝާދަށް ވަރަށްބޮޑަށް ޙުރުމަތްތެރިކޮށް ހިތްތަވައި، ދައުލަތަށް ވަރަށް އިޚުލާޞްތެރި، ވަފާތެރި، ރައްޔިތުންތަކެކޭ. އެކަން ވަރަށް ރަނގަޅަށް ވަރަށްގިނަ ތަޖުރިބާތަކުން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. އެހެންވީމާ، ރައްޔިތުންނަށް އެކަށީގެންވާ ގޮތަކަށް އެއްވެސް ކަމެއްގެ އިރުޝާދު ލިބެމުންދާ ކަމަށްވަންޏާ ރައްޔިތުންގެ ތަރުޙީބު އެކަމަކަށް ވަރަށް ފުރިހަމަ ދަރަޖައަކަށް ލިބެމުންދާނެ.


އާދެ، އަޅުގަނޑު މިދެންނެވިބަހުގެ ހެތްކެއް، ކުރިން މި ދެންނެވީ. ތ. އަތޮޅުގައި އެއަތޮޅުގެ އަތޮޅުވެރިންނާއި، އަދި ރަށްރަށުގެ ކަތީބުންނާއި، ރަށްރަށް ކުރިއަރުވާ ކޮމެޓީތަކުގެ ފަރާތުންނާއި އަދި އެނޫންވެސް އެކަހަލަ ކަންތައް ހިންގަވާ ފަރާތްތަކުން ރައްޔިތުންނަށް މިކަމުގައި ދެއްވާ އިރުޝާދުތަކުގެ މަތިވެރިކަމާއި، ފުރިހަމަކަމުން، އެ އަތޮޅުގައި އެހާ ކާމިޔާބު ގޮތެއްގައި މިމަޝްރޫޢު ހިންގިފައި އެވަނީ. އެހެންވީމާ، ދެންމެ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ، ވަރަށް ހިތާމަޔާއެކު މިނިސްޓަރ އޮފް އެޑިޔުކޭޝަން ވިދާޅުވެދެއްވި ރަށްތަކެއްގެ ނަންތައް. ބައެއް އަތޮޅުތަކުގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު އެދެވޭ ގޮތެއްގައި ކުރިޔަށް ގެންދެވިފައިނުވާ ރަށްތަކެއްގެ ނަންތައް. ހަމައެފަދައިން، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރު އެންމެ މީހަކަށްވެސް ލިޔަންކިޔަން ދަސްކޮށްނުދެވި ހުރި ރަށްތަކުގެ އަދަދު. އާދެ، 14 އަތޮޅެއްގެ 38 ރަށް، އެ ވިދާޅުވި ވިދާޅުވުމުގައި ހިމެނިފައިވާ ކަމަށް އަޅުގަނޑު ހަނދާންވަނީ. އެހެންވީމާ، އަޅުގަނޑަށް ދެންނެވެން އޮންނާނީ، އެ ރަށްތަކަށް ނުވަތަ އެ ރަށްތައް ހިންގަވަން ތިއްބެވި ވެރިންނަށް އެއްވެސްކަހަލަ ބޭއިންސާފުވެރި ބަހެއް ރައްދުކުރުމުގެ މަޤްޞަދުގައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑަށް ދެންނެވެން އޮންނާނީ، އަޅުގަނޑަށް ފެނުނު ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، އެރަށްތަކުގައި އެކަށީގެންވާވަރަށް، އެރަށްތައް ހިންގަވަން ތިއްބެވި ފަރާތްތަކުން އެކަމަށް މަސައްކަތް ކުރެއްވިފައި ނުވަނިއްޔޭ. އެދެވޭވަރަށް މަސައްކަތް ކުރެވުނު ކަމުގައިވަންޏާ، ދެންމެ އަޅުގަނޑުމެންނަށް އެ ހިތާމަޔާއެކު ލިބިގެން އެދިޔަ މަޢުލޫމާތު ލިބިގެނެއް ނުދިޔައީސްކަން ކަށަވަރު.


އާދެ، އެހެންވީމާ އަޅުގަނޑުގެ އެދުމަކީ، މިރޭ އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެންވެސް މިމަޝްރޫޢަށް އާ ބާރެއްލުމަށް ޢަޒުމް ކަނޑައެޅުން. ކަމާބެހޭ ރަސްމީ ފަރާތްތަކާއި، އަދި ރަސްމީ ފަރާތްތައް ފިޔަވައި މިކަމުގައި އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާ އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމުޢިއްޔާތަކާއި، މަދަރުސާތަކާއި، ރަށްކުރިއަރުވާ ކޮމިޓީތަކާއި، އަވަށް ކުރިއަރުވާ ކޮމިޓީތަކާ، މިހުރިހާ ފަރާތްތަކަކުން މިމަޝްރޫޢަށް އިތުރު ސަމާލުކަމެއް ދެއްވައިގެން، އާ ޢަޒުމެއް ކަނޑައަޅުއްވައިގެން ކުރިޔަށް ގެންދެވޭތޯ ބައްލަވަމާތޯއޭ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކޮށްފިކަމުގައިވަންޏާ، އެއްވެސް ޝައްކެއްނެތި މިއަންނައަހަރު، މިއަހަރު އަޅުގަނޑުމެން މިހޯދި ކާމިޔާބީއަށްވުރެ، މާފުރިހަމަ ކާމިޔާބީއެއް އަޅުގަނޑުމެންނަށް ހޯދޭނެ.


އާދެ، ދެން ދަންނަވައިލަން އޮތް ނުކުތާއަކީ މާލޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިނގަމުންދިޔައީ އެއްގޮތަކަށްވެސް އެދެވޭގޮތެއްގައެއް ނޫންކަން، އަޅުގަނޑަށް އެހެނިހެން ބައެއް ރިކޯޑުތަކުން ފާހަގަކުރެވިފައިވާކަން. ރާއްޖެތެރެއާއި މާލެއާ މިކަމުގައި އަޅައިބަލާއިރު، ރާއްޖެތެރެ މާބޮޑަށް ތަރައްޤީވެފައިވަނީ. މާބޮޑަށް ކުރިޔަށް ގޮސްފައިވަނީ. މާލޭގައި މިކަން އެދެވޭ ދަރަޖައަކަށް ހިނގަމުން ގޮސްފައެއްނުވޭ. އެއީވެސް ސަބަބުތަކެއް ނެތިއެއްނޫން. އެކަމުގެވެސް ސަބަބުތަކެއް ހުންނާނެ. ރާއްޖެތެރޭގެ ދިރިއުޅުމާއި، މާލޭގެ މީހުންގެ ދިރިއުޅުމާ ވަރަށް ތަފާތު. ރާއްޖެތެރޭގެ މީހުންނަށް ލިބޭ ވަގުތާއި، މާލޭގައި ދިރިއުޅޭ މީހުންނަށް ލިބޭ ވަގުތާ، އެއީވެސް ވަރަށް ތަފާތު އެއްޗެއް. އެކަންތައް އެހެން ހުރުމާއެކު މާލޭގައި އެހާބޮޑު ކާމިޔާބީއެއް ހާސިލު ނުކުރެވުން އެއީ ހަމަ އަޅުގަނޑުހިތުން ވެދާނެކަމެއް. އެހެންނަމަވެސް އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މާލޭގައިވެސް މިކަންކަން ހިންގަވަން ތިއްބެވި ފަރާތްތަކުން މިހާރު މިމަޝްރޫޢަށް ދެއްވާ، އަދި ދެއްވަމުންގެންދަވާ އަހަންމިއްޔަތަށްވުރެ ބޮޑު އަހަންމިއްޔަތެއް ދެއްވަން ފައްޓަވައިފިއްޔާ، މިއަންނައަހަރު އަދި އޭގެފަހުން ކުރިޔަށްއޮތް އަހަރުތަކުގައިވެސް، މާލޭގައިވެސް އަޅުގަނޑުމެންނަށް ވަރަށް އެދެވޭ ކާމިޔާބީތަކެއް ހާސިލު ކުރެވިދާނެ.


އާދެ، އަޅުގަނޑުގެ އިލްތިމާސަކީ، މާލޭގެ މިހާރުވަރަށް ގިނަ ކަންތައްތައް ހިންގެވުމަށް. އާދެ، އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުން، ޤައުމީ ޚިދުމަތެއްގެ ގޮތުން. އެއްވެސް އަގަކަށް ނޫން. އެއްވެސް އުޖޫރައަކަށް ނޫން. މާލޭގެ އެކިއެކި ކަންތައްތައް ހިންގެވުމާ ހަވާލުވެވަޑައިގެން އުޅުއްވާ، އަވަށް ކުރިއަރުވާ ކޮމެޓީތައް، މިކަމުގައި އިތުރަށް ހަރަކާތްތެރިވެވަޑައިގަތުން. އެއީ އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ. އަޅުގަނޑުގެ އިލްތިމާސަކީ. އަޅުގަނޑަށް ޔަޤީންވޭ، މާލޭގައިވެސް މިހާރު އުފެދިގެން ވަރަށް ފުރިހަމަޔަށް ހިނގަމުން މިދާ، އަވަށް ކުރިއަރުވާ ކޮމެޓީތަކުގެ ފަރާތުން އަސާސީ ތަޢުލީމުގެ މަޝްރޫޢަށް މިހާރުވެސް އެ ދެއްވަމުން ގެންދަވާ ތަރުޙީބުގެ އިތުރަށް، އާ ބާރެއް ލައްވައިފިއްޔާ، މިއަންނައަހަރު މާލޭގައިވެސް އެދެވޭ ނަތީޖާއަކާހަމައަށް ދެވިދާނެކަން. އެއީ އަޅުގަނޑަށް އެއްވެސް ޝައްކެއްނެތި އެނގޭ ކަމެއް.


އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ މުހިންމުކަން އެއީ އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ އެއްޗެއް. އެކަމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭނެ. އެންމެފުރަތަމަ އަސާސީ ތަޢުލީމު. އެ ނަމަށް ވިސްނައިލިޔަސް އެއީ ކޮން އެއްޗެއްކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އަސާސަކީ ބިންގާ. އެހެންވީމާ، އަސާސީ ތަޢުލީމަކީ ތަޢުލީމުގެ ބިންގާ ނުވަތަ އުނގެނުމުގެ ބިންގާ. އާދެ، ތަރައްޤީގެ އެންމެބޮޑު ސިއްރަކީ ތަޢުލީމު. ތަޢުލީމުގެ ބިންގަލަކީ ލިޔަންކިޔަންދަތުން. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ތަރައްޤީގެ އެންމެ ފުރަތަމަ އަސްލަކަށްވާނީވެސް، ތަރައްޤީގެ އެންމެފުރަތަމަ ހަރުފަތަކަށްވާނީވެސް ލިޔަންކިޔަން ދަތުންކަން. އާދެ، އަޅުގަނޑު ހަނދާނެއްނުނެތޭ، އަސާސީ ތަޢުލީމަކީ ހަމައެކަނި ލިޔަންކިޔަންދަތުމުގެ މައްޗަށް ނުވަތަ ދަސްކޮށްދިނުމުގެ މައްޗަށް އެކުލެވިފައިވާ މަޝްރޫޢެއް ނޫންކަން. އެހެންނަމަވެސް ލިޔަންކިޔަން ދަސްކުރުން، ނުވަތަ ލިޔަންކިޔަން ދަސްކޮށްދިނުން، އެއީ ތަޢުލީމުގެ އެންމެ ފުރަތަމަ ހަރުފަތް ކަމަށްވެފައި، އަދި ތަޢުލީމަކީ ތަރައްޤީގެ އެންމެފުރަތަމަ ސްޓޭޖް ކަމަށްވާތީ، ލިޔަންކިޔަން ދަތުމުގެ ބޭނުންތެރިކަން އެއީ އަޅުގަނޑުގެހިތުން މިވަގުތު އަޅުގަނޑުމެންގެތެރެއިން އެކަކަށްވެސް އޮޅިފައިވާނެ އެއްޗެއްނޫން. އަދި ރާއްޖެތެރޭގެ ރައްޔިތުންގެ ތެރެއިންވެސް ވަރަށްގިނަ މީހުންނަށް ވަރަށް ސާފުކޮށް މިހާރު ފިލައިފައިވާނެކަމެއް.


އާދެ، އަސާސީ ތަޢުލީމުގައި ހިމެނިފައިވޭ، ވަރަށް ގިނަ މާއްދާތައް. ދެންމެ މިނިސްޓަރ ކުޑަގޮތަކަށް އެ އިޝާރާތް ކޮށްލެއްވީ. އޭގައި ހިމެނިފައިވޭ ދީން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން. މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތައް ދަސްކޮށްދިނުމާއި، އެދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކުރައްވައިފައިވާ ކަންތައްތައް ދަސްކޮށްދިނުމާއި، އަޅުގަނޑުމެންގެ މައްޗަށް ޙަރާމްކުރައްވައިފައިވާ ކަންތައްތައް ދަސްކޮށްދިނުމާއި، އެދީނުގައި ހިމެނިފައިވާ މަތިވެރި އިޖުތިމާޢީ އުސޫލުތައް ކޮންމެވެސް މިންވަރަކަށް ދަސްކޮށްދިނުން، މިމަޝްރޫޢުގައި ހިމެނިފައިވޭ. އެހެންވީމާ، އެއީވެސް މިމަޝްރޫޢުގެ ފައިދާ، ނުވަތަ މަޝްރޫޢުގެ މުހިންމުކަން، އެތައް ގުނައެއް އިތުރުކޮށްދޭނެކަމެއް. ހަމައެފަދައިން، ހިސާބުޢިލްމު، ތިމާވެށްޓާބެހޭމަޢުލޫމާތު. އާދެ، އަޅުގަނޑުމެން މި ދިރިއުޅޭ ރާއްޖެއަކީ ކޮންތަނެއްކަން، ދުނިޔޭގެ ކޮން ހިސާބެއްގައި އޮތް ކޮން ރާއްޖެއެއްކަން، އަޅުގަނޑުމެންނަކީ ކޮން ބައެއްކަން، އަޅުގަނޑުމެން ދިރިއުޅެމުން މިގެންދަނީ ކޮންޒަމާނެއްގައިކަން، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އަންގައިދިނުމުގެ ގޮތުން އުފެދިފައިވާ ނުވަތަ އުފެއްދިފައިވާ މާއްދާއެއް އެއީ. ކުރިން އަޅުގަނޑުމެން ކިޔަވަމުން ގެންދިޔަ މާއްދާއެއް ނޫން. އެހެންނަމަވެސް، މިހާރު ވަރަށް މުހިއްމުކަން ދޭންޖެހިފައިވާ މާއްދާއެއް. އެމާއްދާ ކިޔަވައިދިނުންވެސް މި މަޝްރޫޢުގައި ހިމެނިފައިވޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މިމަޝްރޫޢަކީ މީގެކުރިން އެހެން މުނާސަބަތެއްގައިވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ވަރުގަދަ ހޭލުންތެރިކަމެއް، އުފައްދަން ވެއްޖެކަމަށް އަޅުގަނޑު ދެންނެވި ދެންނެވުމަށް ވަރަށް ބޭނުންތެރި މަޝްރޫޢެކޭ.


އާދެ، އަޅުގަނޑު ކުރީގެ މުނާސަބަތެއްގައި ދެންނެވި ހަނދާންވޭ، އަޅުގަނޑުމެން މިވަގުތުވަނީ ދިވެހިރާއްޖޭގައި ޤައުމީ ހޭލުންތެރިކަމެއް އުފައްދަން ބޭނުންވެފައޭ. އެ ޤައުމީ ހޭލުންތެރިކަމުގެ ތެރޭގައި ތަފާތު ބާވަތް ބާވަތުގެ ހޭލުންތެރިކަން އުފައްދަންޖެހޭ. އާދެ، ސިޔާސީ ހޭލުންތެރިކަން. ސިޔާސީގޮތުން، އަޅުގަނޑުމެންނަށް ލިބިފައިވާ ޙައްޤުތައް. ދިވެހިރާއްޖޭގެ މިނިވަންކަން. ދިވެހިރާއްޖޭގެ ސިޔާދަތު. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއްކަން. ސިޔާސީގޮތުން އަޅުގަނޑުމެންނާ ކުރިމަތިވެދާނެ ނުރައްކާތައް. އެކަންކަމަށް ހޭލައި ތިބުން. މިއަދުގެ ދުނިޔޭގައި، ހިނގާ ބޮޑެތި މައްސަލަތައް. އަދި ޚާއްޞަކޮށް، ދިވެހިރާއްޖެ މި އޮންނަ މުހިންމު ތަނުގެ ގޮތުން. އާދެ، އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ އޮންނަނީ، އިންޑިޔާ ކަނޑުގެ ވަރަށް މުހިއްމު ހިސާބެއްގައި. އަޅުގަނޑުމެންގެ ވަށައިގެން އެކިއެކި ބޮޑެތި ޤައުމުތަކުގެ އަސްކަރީ ހަރަކާތްތައް ހިނގަމުންދޭ. އެހެންވީމާ، ދިވެހިރާއްޖެއަށް އަންނަ ކޮންމެ ބަދަލަކީ ދުނިޔޭގައި މިހާރު ވާދަކުރަމުން އެގެންދާ ބޮޑެތި ބާރުތަކުގެ މެދުގައި އެ އޮންނަ ހަމަނުޖެހުމަށް އިތުރު ހަމަނުޖެހުމެއް ގެނެސްދޭނެ ކަމެއް. ދިވެހިރާއްޖެއަކީ ވަކިފަރާތަކަށް ނުޖެހޭ ޤައުމެއްގެ ގޮތުގައި އޮތުމުން، އިންޑިޔާ ކަނޑުގައި ޞުލްޙަ ދެމެހެއްޓުމާއި، ހަރުދަނާކަން ދެމެހެއްޓުމަށް ވަރަށް ބޮޑު ބާރެއް ލިބޭ. ދިވެހިރާއްޖެ އެއިން އެއްވެސް ފަރާތަކަށް ޖެހިއްޖެނަމަ، އެމީހުން އެ ބުނާ ބާރުގެ ތިލަފަތް، ކޮންމެވެސް އެއްފަރާތަކަށް މިހިސާބުގަނޑުގައި ޖެހިގެންދާނެ، ބުރަވެގެންދާނެ. އެކަމުގެ ސަބަބުން މިހިސާބުގަނޑުގެ ބައިނަލްއަޤުވާމީ ކަންތައްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ.


އެހެންވީމާ، މިކަހަލަ ހޭލުންތެރިކަންވެސް އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދެންވާނެ. އަޅުގަނޑުމެންގެ ރައްޔިތުންނަށް އެކަންތައްތައް އެނގެންވާނެ. މިއީ ހަމައެކަނި، ސަރުކާރު ހިންގަން ތިބޭ ބަޔަކަށް އެނގެންވީ މަޢުލޫމާތެއް ނޫން. ނުވަތަ އެމީހުންގެ ހިތުގައި، އެމީހުންގެ ވިސްނުމުގައި އޮންނަންވީ ޚިޔާލުތަކެއް ނޫން. އޮންނަންވީ ޝުޢޫރުތަކެއް ނޫން. އޭގެއިތުރުން މިއީ ދިވެހިރާއްޖޭގެ ކޮންމެ ފަރުދެއްގެ ހިތުގައިވެސް، ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް، އޮންނަންވީ ޚިޔާލެއް. ކޮންމެ ރައްޔިތެއްގެ ވިސްނުމުގައިވެސް، ކޮންމެ ފަރުދެއްގެ ވިސްނުމުގައިވެސް އޮންނަންވީ ޝުޢޫރެއް. އެއީ، އަޅުގަނޑުމެންގެ ތެރެއިން އެންމެ މީހަކު ކުރާ ކަމެއްގެ ސަބަބުން ޤައުމަށް ނުރައްކަލެއް ދިމާވެދާނެތީ. ހަމައެކަނި ސަރުކާރުން ކަންތައްކުރާ ގޮތަކުންނެއް ނޫން، އަޅުގަނޑުމެންގެ މިނިވަންކަމަށް އުނިކަން އަންނާނީ. ނުވަތަ އަޅުގަނޑުމެންގެ ސިޔާދަތައް ގެއްލުން ލިބޭނީ. އަޅުގަނޑުމެންގެ އިސްތިޤުލާލަށް ނުރައްކާތެރިކަން މެދުވެރިވާނީ. އަޅުގަނޑުމެންގެ ތެރެއިން އެންމެ މީހަކު ކުރާ ކަމަކުންވެސް، ނުވަތަ އަމިއްލަ ޖަމާޢަތަކުން ކުރާ ކަމަކުންވެސް، އަޅުގަނޑުމެންގެ ޤައުމަށް މިދެންނެވިކަހަލަ ނުރައްކަލެއް އައުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމުގެ ހުރިހާ އަފުރާދުން، މިކަންތައްތަކަށް ހޭލައި ތިބެންވާނެ. އެއީ އަޅުގަނޑު މިދަންނަވާ ސިޔާސީ ހޭލުންތެރިކަމަކީ. އެ ސިޔާސީ ހޭލުންތެރިކަން އަޅުގަނޑުމެންނަށް ލިބޭނީވެސް ކޮންމެވެސްވަރަކަށް އަޅުގަނޑުމެންގައި ތަޢުލީމު ހުރެގެން.


މިދެންނެވި އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި، ކޮންމެ ދިވެހި ރައްޔިތަކީ މުޖުތަމަޢުގައި މަޤުބޫލު މީހަކަށްވުމަށް ބޭނުންވާ ފެންވަރަށް މަޢުލޫމާތު ހޯދައިދިނުން ހިމެނިފައިވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރު، އެފެންވަރަށް މައްޗަށް ޖެހިލިކަމުގައިވިއަސް، އަޅުގަނޑުމެންގެ ހޭލުންތެރިކަމަށް އިތުރުބާރެއް ލިބޭނެ. ހަމައެފަދައިން، އިޤުތިޞާދީ ހޭލުންތެރިކަން އެއީވެސް އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް. ދުނިޔޭގައި އެއްގޮތަކަށް ބަލާއިރު، މި ހިނގާ ހުރިހާކަމެއްގެ އެންމެ ބޮޑު ސިއްރަކީ އިޤުތިޞާދީ ކަންތައްތައް. ދެޤައުމުގެ ދެމެދުގައި އޮންނަ ހަމަނުޖެހުން، ދެޤައުމެއްގެ ދެމެދުގައި އުފެދޭ ހަނގުރާމަ، މިބާވަތުގެ ކަންތައްތައް ފެށުމުގެ އެންމެބޮޑު ސިއްރެއް ކަމުގައިވެފައި އޮންނަނީ، އިޤުތިޞާދީ ކަންތައްތައް. ތަނުގެ ސަރަޙައްދު ބޮޑުކުރުން، ނުވަތަ ތަނުގެ މުއްސަނދިކަން އިތުރުކުރުން. ނުވަތަ އެހެން ބައެއްގެ އަތުގައި އޮންނަ އެއްޗެއް އަތުލައިގަނެގެން، ތިމާމެންގެ އަމިއްލަ މުއްސަނދިކަން އިތުރުކުރުން. ތިމާމެންގެ ރަށަށް އިތުރު ފައިދާތަކެއް ހޯދައިދިނުން، އިޤުތިޞާދީ ގޮތުން.


އެހެންވީމާ، އިޤުތިޞާދީ ކަންތައްތަކަށްވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ހޭލައި ތިބެންޖެހޭނެ. އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ރާއްޖެ މިއަދު އިޤުތިޞާދީގޮތުން ވަރަށްމުހިންމު ފިޔަވަޅުތަކެއް އަޅަމުން އެބަގެންދޭ. އަޅުގަނޑުމެންގެ ރާއްޖެ ބައިނަލްއަޤްވާމީ ޖަމާޢަތުގެ ތެރެއަށްވެސް މިހާރުދަނީ ނުކުންނަމުން. ބޭރުގެ ކުންފުނިތަކާއި، އަޅުގަނޑުމެން އެގްރީމެންޓް ކޮށްގެން ތަފާތު މަސައްކަތްތައް، އަޅުގަނޑުމެންގެ ރާއްޖޭގައި ހިންގަމުން އެބަގެންދަމު. އަދި ހިންގަން ފަށަންވެސް ގަސްދު ކުރެވިފައިވެސްވޭ. އެއީވެސް މިދެންނެވީ ހަމައެކަނި ސަރުކާރުންނެއް ނޫން. ސަރުކާރުންވެސް، އަދި އަމިއްލަ ފަރާތްތަކުންވެސް، އަމިއްލަ ވިޔަފާރިވެރިން، އަމިއްލަ ކުންފުނިތަކުންވެސް، ބޭރުގެ މީސްމީހުންނާ ގުޅިގެން ރާއްޖޭގައި، އެކިއެކި ވިޔަފާރިއާބެހޭ ކަންތައްތަކާއި، އިޤުތިޞާދާބެހޭ ކަންތައްތައް ހިނގަމުން އެބަގެންދޭ. އެހެންވީމާ، މިކަންތައްތައް ކުރަމުން ގެންދާއިރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް އިޤުތިޞާދީ ހޭލުންތެރިކަމެއް ނެތްކަމަށްވަންޏާ، އަޅުގަނޑުމެން ނުވެސް ދެނެހުރިތިއްބައި، ކޮންމެވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިލާންޖެހިދާނެ. އަޅުގަނޑުމެންގެ އިޤުތިޞާދީ ބިންގާ ހަލާކުވެގެން ހިނގައިދާނެ، އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި ނުތިބޭކަމަށްވަންޏާ.


އާދެ، ހަމައެފަދައިން ޞިއްޙީ ހޭލުންތެރިކަން. އެއީވެސް، އަޅުގަނޑުމެން ކޮންމެހެން ބޭނުންކަމެއް. ރާއްޖެއަކީ ޞިއްޙީގޮތުން ބަލާއިރު ވަރަށް ދެރަ ފެންވަރެއްގައި އޮތް ތަނެއް. ވަރަށް ގިނަ އަދަދެއްގެ، ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި އަބަދުވެސް އުޅޭ. އަދި ރޯގާއެއް ނޫޅޭ ދުވަސްތައް އަންނަނީ ވަރަށްވެސް މަދުން. މިހާރުވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ނުރައްކާތެރި ރޯގާއެއް ހިނގަމުން އެބަދޭ. އެހެންވީމާ، އެ ކަންތައްތައްވެސް އަޅުގަނޑުމެންނަށް ދެނެގަނެވޭނީ، އަދި އެބަލިތަކުން ރައްކާތެރިވުމުގެ ވަސީލަތްތައް ހޯދައިގަނެ، އެވަސީލަތްތަކުގައި އަޅުގަނޑުމެންނަށް ހިފޭނީ، ނުވަތަ ހިފެހެއްޓޭނީ، އެކަމާބެހޭ މަޢުލޫމާތު އަޅުގަނޑުމެންނަށް ލިބިގެން. އެހެންވީމާ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ޞިއްޙަތާބެހޭ ބައެއްވެސްވާނެ. ކިހިނެއް ޢަމަލުކުރިއްޔާތޯ އަޅުގަނޑުމެންނަށް ބަލިބަލިން ރައްކާތެރިވެވޭނީ! އަދި ބައްޔެއް ޖެހިއްޖެއްޔާ ކޮންގޮތަކަށް ޢަމަލުކުރީމާތޯ، އެންމެ ފަސޭހައިން އެބަލިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނީ! މިހިރަ ކަންތައްތައް، އެއީ އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނިފައިވާ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންގެ ޤައުމުގައި އުފައްދަން ބޭނުންވާ ހޭލުންތެރިކަމަށް ވަރަށް ބޮޑަށް ބާރުދޭ ކަމެކޭ، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ. އަޅުގަނޑުމެންގެ އާންމުންގެ ތަޢުލީމީ ފެންވަރު، އާންމުންގެ ވިސްނުމުގެ ފެންވަރު، ވަކި ހިސާބަކަށް މައްޗަށް ގެންދެވިގެން ނޫނީ، އަޅުގަނޑުމެންގެ ރާއްޖެއަށް ދިމާވާ ނުރައްކާތަކުންވެސް ސަލާމަތްވެވޭކަށް ނޯންނާނެއޭ. އަދި އަޅުގަނޑުމެން ކުރިއަރަމުން ދާން ބޭނުންވާ މިންވަރަށް، ކުރިއަރަމުން ދާންބޭނުންވާ މިޞްރާބަށް، ކުރިއަރަމުންނެއްވެސް ނުދެވޭނެއޭ.


އާދެ، އެހުރިހާ ހޭލުންތެރިކަމުގެ އިތުރަށް އަދި އިޖުތިމާޢީ ހޭލުންތެރިކަންވެސް އަޅުގަނޑުމެންނަށް ބޭނުންވެފައިވޭ. އާދެ، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންގެ މެދުގައި ކަންތައްތައް ހަމަޖެހިފައި އޮންނަންވާނެގޮތް، އެކަކު އަނެކަކާ ދޭތެރޭގައި މުޢާމަލާތު ހިންގަންވީގޮތް، އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި ކަންތައްތައް ކުރަންވީގޮތް، އަދި އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނެ އިޖުތިމާޢީ އާދަކާދަތަކާއި ރީތި ކަންތައްތައް. ނުވަތަ އެކަންކަމުން އަޅުގަނޑުމެން ރައްކާތެރިވެ ދުރުހެލިވާންޖެހޭނެ، ނުބައި ނޭދެވޭ އިޖުތިމާޢީ ކަންތައްތައް.


އާދެ، ބައެއް މީހުން ބުނާނެ، މިހާރުވެސް މިވެނިކަމެއް ރާއްޖޭގައި ހިނގަމުން އެބަދެއޭ. ސަރުކާރުން އެކަމެއް މަނައެއްނުކުރެއޭ. އެކަން މަނާކުރާ ޤާނޫނެއް ނަހަދައޭ. އާދެ، ބައެއް ކަހަލަ ކަންތައް ހުންނާނެ، އެކަންކަމާ ބެހޭގޮތުން ޤާނޫނުތަކެއް ހެދުން މާފަސޭހަނުވާ. ނުވަތަ ޤާނޫނުތައް ހެދިކަމުގައިވިޔަސް، އެޤާނޫނުތައް ތަންފީޒުކުރުން އެއީ ފަސޭހަކަމަކަށް ނުވާނެ. އެބާވަތުގެ ކަންތައްތަކުން މުޖުތަމަޢު ސަލާމަތްވާނީ، ޤައުމުގައި އިޖުތިމާޢީ ހޭލުންތެރިކަން އުފެދިގެން. ޤައުމުގެ ރައްޔިތުންނަށް އެކަންކަމުގެ ނުރައްކާތެރި އިހުސާސް ކުރެވިގެން. އެމީހުން އަމިއްލައަށް އެކަންތައްތަކުން ދުރުހެލިވެގެން. އާދެ، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކޮށްލަންޖެހޭ ނުކުތާއެއް. އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް އެކި ދިމަދިމާއިން އެކި ބާވަތްބާވަތުގެ ނުފޫޒުތައް އަންނަމުންދޭ. އެކި ވައްތަރު ވައްތަރުގެ ތައްޔާރުތައް އަންނަމުންދޭ. އެކި ވައްތަރު ވައްތަރުގެ އޮއިވަރުތައް އަޅުގަނޑުމެންނާ ދިމާއަށް އާދޭ. އެ އޮއިވަރު އެއީ ތަހުޒީބުގެ ނަމުގައި ކޮންމެވެސް ފަރާތަކުން އަންނަ އޮއިވަރަކަށްވެސް ވެދާނެ. އަޅުގަނޑުމެންގެ ޒުވާނުންގެ މެދުގައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ބައެއް ކަންތައްތައް ފެތުރެމުންދޭ. އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢާ ނުގުޅޭ އާދަކާދަތައް އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުންދޭ، ތަހުޒީބުގެ ނަމުގައި ނުވަތަ ތަރައްޤީގެ ނަމުގައި.


އާދެ، އެކަންތައްތަކަށްވެސް އަޅުގަނޑުމެންގެ މެދުގައި އިޖުތިމާޢީ ހޭލުންތެރިކަމެއް ފުދޭ މިންވަރަކަށް އޮވެއްޖެ ކަމަށްވަންޏާ، މި ދެންނެވި ކަންތައްތަކެއް ކުރިޔަކަށް ނުދާނެ. އެކަންތައްތައް މަނާކުރަން ޤާނޫނެއް ހެދުމަކީ އެއްގޮތަކަށްވެސް އެއީ އެކަށީގެންވާކަމެއް ނޫން. ނުވަތަ ހެދިއްޖެއްޔާ އެ ޤާނޫނެއް ތަންފީޒު ކުރުން، ނުވަތަ އެއަށް ޢަމަލުކުރުން، އެއީ ހަމަ ވާނީ މުސްތަޙީލު ކަމަކަށް. ކޮންމެ ގެއެއްގައި ސިފައިންގެ މީހަކު ނުބެހެއްޓޭނެ، ކޮންމެ މީހެއްގެ ފަހަތުގައިވެސް ސިފައިންގެ މީހަކުވެސް ނުބެހެއްޓޭނެ، އެމީހަކު އެ އުޅެނީ ރަނގަޅަށްތޯ، އެމީހެއްގެ ގޭގައި ކަންތައް ހުންނަނީ ރަނގަޅަށްތޯ ބަލާކަށް. އެހެންވީމާ، ޒުވާނުންގެ މެދުގައި ފެތުރޭ އެކިއެކި ނުބައި އާދަކާދަތަކާއި، ބޭރުން އެ އަންނަ އެކިއެކި އޮއިވަރުތަކާއި ކުލަވަރުތައް، އަޅުގަނޑުމެންގެ މެދުގައި ފެތުރެމުންދާއިރު، އެކަންތައްތައް ޤާނޫނުގެ ބާރުން މަޖުބޫރު ކުރުވައިގެން މަނާކުރުމަށްވުރެ، ރަނގަޅުގޮތަކަށް ވާނީ އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ޢަމަލުކުރާގޮތަކީ، މީހުންގެ މެދުގައި އެކަމާދޭތެރޭގައި ހޭލުންތެރިކަން އުފެއްދުން. މީހުންނަށް އަންގައިދިނުން. އެއީ، އަޅުގަނޑު މިދަންނަވާ އިޖުތިމާޢީ ހޭލުންތެރިކަމަކީ. އެ ހޭލުންތެރިކަން އަޅުގަނޑުމެންނަށް އުފެއްދިއްޖެ ކަމަށްވަންޏާ، ވަރަށްގިނަ ނުބައި ކަންތައްތައް، އެހިސާބުން އަޅުގަނޑުމެންނަށް ހުއްޓައިލެވިދާނެ.


އެހެންވީމާ، މިދެންނެވި ބާވަތުގެ ހޭލުންތެރިކަން އުފެއްދުން އެއީ އަސާސީ ތަޢުލީމުގެ މަޝްރޫޢު ކާމިޔާބު ވެއްޖެއްޔާ، އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނޭ، މިދެންނެވި ކަހަލަ އެކިއެކި މަޢުލޫމާތު ދިނުން. އެމަޢުލޫމާތުތައް ލިބުމުގެ ސަބަބުން، އެމަޢުލޫމާތުތައް ލިބޭ މީހުންގެ ވިސްނުން ތަންކޮޅެއް ތަނަވަސްވެ، އެމީހުންގެ ތަޢުލީމީ ފެންވަރު ތަންކޮޅެއް މައްޗަށް ޖެހިލައި، އަދި އެމީހުންގެ ވިސްނުމުގެ ފެންވަރުވެސް ތަންކޮޅެއް މައްޗަށް ޖެހިލައި، ތަންދޮރުފިލާ ބައެއް ކަމުގައި ވެދާނެ. މިހުރިހާ ކަމެއްގެވެސް ސިއްރަކީ، ކާމިޔާބުގެ ސިއްރަކީ ތަންދޮރުފިލުން. ތަންދޮރު ނުފިލާ ބަޔަކަށް އެއްވެސްކަމެއް ރަނގަޅަކަށް ކުރިޔަކަށް ނުގެންދެވޭނެ. ތަންދޮރުފިލާ ކަމަށްވަންޏާ ނުބަޔަކީ ކޮބައިކަން، ރަނގަޅަކީ ކޮބައިކަން އެނގޭނެ. ޙައްޤަކީ ކޮބައިކަން، ބާޠިލަކީ ކޮބައިކަން އެނގޭނެ. އެއީ ކީރިތި ރަސޫލާގެ ޙަދީޘްފުޅުގައިވެސް އޮންނަ އެއްޗެއް. ޙައްޤަކީ ކޮން އެއްޗެއްކަން ކަނޑައެޅި ބަޔާންވެގެންވޭ. ބާޠިލަކީ ކޮންއެއްޗެއްކަން ކަނޑައެޅި ބަޔާންވެގެންވޭ. އެހެން ކަނޑައެޅި ބަޔާންވެގެން އެކަންކަން އެނގެނީ ކޮންބަޔަކަށްތޯ! ހަމަކަށަވަރުންވެސް ޖާހިލުންނަކަށް ނޭނގޭނެ. ތަންދޮރުނުފިލާ މީހުންނަކަށް ނޭނގޭނެ. އެކަންކަން އެނގޭނީ ތަންދޮރުފިލާ މީހުންނަށް. އެހެންވީމާ، ތަންދޮރުފިލުވުން، އަޅުގަނޑުމެންގެ މުޖުތަމަޢުގެ މީހުންގެ ވިސްނުމުގެ ފެންވަރު މައްޗަށް ގެންދިއުން، ތަޢުލީމުގެ ފެންވަރު މައްޗަށް ގެންދިއުން، އެމީހުންނަކީ ތަސައްރަފު ފުދިފައިވާ، އިޖުތިމާޢީގޮތުން، ސިޔާސީގޮތުން، އިޤުތިޞާދީގޮތުން، ތަސައްރަފު ފުދިފައިވާ ބަޔަކަށްހެދުން، އަސާސީ ތަޢުލީމުގެ އެންމެ މުހިންމު މަޤްޞަދަކީ. އެހެންވީމާ، މިސަބަބުތަކަށްޓަކައި އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ، އަޅުގަނޑުމެން އެންމެންވެސް. ހަމައެކަނި ސަރުކާރުގެ ފަރާތަކުންނެއްނޫން. ހަމައެކަމި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތަކުންނެއްނޫން. ހަމައެކަނި އަސާސީ ތަޢުލީމުގެ ޤައުމީ މަޖިލީހުގެ ފަރާތަކުންނެއްނޫން. އޭގެއިތުރުން ދިވެހިރާއްޖޭގެ އާންމު ރައްޔިތުންގެ ފަރާތުންވެސް، އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެކިކަންކަމާ ކުރިމަތިލައްވާ، އަމިއްލަ ފަރާތްތަކުންވެސް އެކިއެކި ޖަމުޢިއްޔާތައް، އެކިއެކި މަދަރުސާތައް، އެކިއެކި ކުލަބުތައް، މިކަހަލަތަންތަނުން މިފަދަ، ފައިދާހުރި ޤައުމީ މަޝްރޫޢުތަކަށް އެދެވޭ ތަރުޙީބެއް ދެއްވާކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާ މަޤްޞަދުތަކާހަމައަށް ވާޞިލުވުމަކީ މާ އުނދަގޫކަމަކަށް ނުވާނެ.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެކުރިން، ވަރަށްކުޑަކުޑަ އިލްތިމާސެއް ކުރަން ގަސްދުކުރަން. އެހެންނަމަވެސް، އެއިލްތިމާސަކީ އެއީ، ކިތަންމެކުޑަކުޑަ އިލްތިމާސަކަށް ވިޔަސް އަދި އޭގައި އަޅުގަނޑު ބުނަން ގަސްދުކުރާކަމެއް ކުރުން އެއީ ވަރަށް ފަސޭހަކަމެއް ކަމުގައިވިއަސް، އެކަން އަޅުގަނޑުމެން ކޮށްފިނަމަ، އަޅުގަނޑުހިތުން، އަޅުގަނޑުމެން މި ރާވައިގެންއުޅޭ މަޝްރޫޢު، ހަ އަހަރުދުވަހަށްވުރެ މާއަވަހަށް ކާމިޔާބު ކޮށްލެވިދާނެ. އާދެ، އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި، ރާއްޖޭގައި މިދިޔަ އަހަރު، 1981 ވަނަ އަހަރު ފެށުނުއިރު ތިބީ ލިޔަންކިޔަން ނުދަންނަ އަށާރަހާސް މީހުންނޭ. ދެން 1980 ވަނަ އަހަރުގެ ތެރޭގައި ހަތަރުހާސް މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވައި، 1981 ވަނަ އަހަރުގެ ތެރޭގައި އެއްހާސް މީހުންނަށް ލިޔަންކިޔަން ދަސްކޮށްދެއްވައިފި. އެހެންވީމާ، މިހާރު އުޅެނީ ޖުމްލަ ގާތްގަނޑަކަށް ބާރަހާސް ނުވަތަ ތޭރަހާސް މީހުން. އަޅުގަނޑުމެންގެ ރާއްޖޭގައި ކިތައް މީހުން އެބަތިބިތޯ! ރާއްޖޭގައި ގައިމުވެސް އެއްލައްކަ ފަންސާސް ހާހަށްވުރެ ގިނަމީހުން މިހާރު އެބަ އުޅޭ. އެއްލައްކަ ފަންސާސް ހާސް ނުވަތަ އެއްލައްކަ ފަންސާސް ފަސްހާސް މީހުން، އެހާކަންހާ ހިސާބުގެ އަދަދަކަށް ރާއްޖޭގައި މީހުން އެބައުޅޭ. އޭގެތެރެއިން ސާދަހާސް މީހުން ނެގީމާ ނުވަތަ ފަނަރަހާސް މީހުން ނެގީމާ ލިޔަންކިޔަން ދަންނަ އެއްލައްކަ ސާޅީސްހާސް މީހުން އެންމެ މަދުންވެސް ރާއްޖޭގައި އެބަތިބި.


އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ވަރަށް ކުޑަކުޑަ އިލްތިމާސެކޭ ކުރިންވެސް ދެންނެވިން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ހަމަ އެންމެ މީހަކަށް، މިއަހަރު ދުވަހުގެ ތެރޭގައި، މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ލިޔަންކިޔަން ދަސްކޮށްދެމާތޯއޭ! އެހެން ހަދައިފިއްޔާ، ހަމަ ޔަޤީނުންވެސް އަހަރުދުވަސް ހަމަވުމުގެ ކުރިން، އެ ބާރަހާސް މީހުންނަށް ލިޔަންކިޔަން ދަސްވެ ނިމޭނެ. އެއީ ކުރިންވެސް މިދެންނެވިހެން އެއްލައްކަ ސާޅީސްހާސް މީހުން އެބަތިބި، ރާއްޖޭގައި ލިޔަންކިޔަން ދަންނަ. ލިޔަންކިޔަން ދަސްކުރަން ތިބީ ސާދަހާސް މީހުން ނުވަތަ ބާރަހާސް މީހުން. އެއީ އޭގެ ދިހަބައިކުޅަ އެއްބައި. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ދިހަމީހަކު އެކަކަށް ކިޔަވައިދިނަސް، އެއްއަހަރު ދުވަހުގެ ތެރޭގައި އެކަންވާނެ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުގެ ވާހަކަ މިހާރު އަޑުއައްސަވަން މިތިއްބެވި ބޭފުޅުން، އާދެ، މާގިނަ އަދަދެއްގެ ބޭފުޅުންކޮޅެއް ނޫން، މިރޭ ކަންދިމާވިގޮތުން. އެހެންނަމަވެސް، ތިޔަބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުވެސް އޭގައި ހިމެނޭގޮތަށް، މިތާ މި ތިއްބެވި ހުރިހާ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް. އަދި އަޑު އައްސަވަން ތިތާ ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އަދި އަޅުގަނޑުގެ މިވާހަކަ އައްސަވަން ތިއްބެވި ރާއްޖޭގެ ރައްޔިތުންގެ ތެރެއިންވެސް ލިޔަންކިޔަން ދެނެވަޑައިގަންނަވާ ފަރާތްތައް ހިމެނޭގޮތުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެންމެ މީހަކަށް، އަހަރު ދުވަހުގެ ތެރޭގައި ލިޔަންކިޔަން ދަސްކޮށްދެމާތޯއޭ! އެހެން ހަދައިފި ކަމަށްވަންޏާ، ޝައްކެއްނެތް މިއަންނަ އަހަރުގެ މިދުވަސް އަންނަންވާއިރަށް، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ ހަމަ އެކަކުވެސް ނުހުންނާނެ.


އާދެ، ކޮންމެއަކަސް މިރޭގެ މިޖަލްސާއަކީ ވަރަށް އުފާވެރި ޖަލްސާއެއް. އަޅުގަނޑު ވަރަށް އަބަދުވެސް އެޖަލްސާއެއްގައި ބައިވެރިވާހިތްވާ ޖަލްސާއެއް. އޭގެ ސަބަބުތައްވެސް ވަރަށް ތަފުސީލުކޮށް ދެންނެވިއްޖެ. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު މި އިޝާރާތްކުރި ފަދައިން އަސާސީ ތަޢުލީމުގެ މަޝްރޫޢަށް އަޅުގަނޑުމެން ހުރިހާ އެންމެންވެސް އިތުރު ތަރުޙީބެއް ދިނުން. އަޅުގަނޑުމެން ހުރިހާ އެންމެންގެ ފަރާތުންވެސް އެކަމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެން ދިއުން. އިތުރު ޚިދުމަތްތަކެއް ލިބިގެންދިޔުން. އެ ޚިދުމަތްތަކާއި، އެމަސައްކަތްތަކުގެ ސަބަބުން މި މަޝްރޫޢު ކާމިޔާބުވެގެން ދިއުން. އަދި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެންމެ މިކުރި އިލްތިމާސްގެ ނަތީޖާއެއްގެ ގޮތުން އެއަށް ފުރިހަމަ އިޖާބައެއް ލިބިއްޖައީވިއްޔާ މިއަންނަ އަހަރުގެ މިދުވަސް އަންނަންވާއިރު، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ލިޔަންކިޔަން ނުދަންނަ އެކަކުވެސް ނެތުން.


والسّلام عليكم ورحمـة اللّـه وبركاته.