އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ރިބްރޭންޑްކުރައްވައި، އެއަރޕޯޓުގެ ނަން ބަދަލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ނިންމަވައިފިއެވެ.

މިގޮތަށް މި ނިންމެވީ، މިއަދު ރާއްޖެ ދެކެމުން މިދާ ތަރައްޤީއާއި، ސަރުކާރުން ކުރިޔަށް ރާއްވަވާފައިވާ އިޤްތިޞާދީ އެޖެންޑާއާ ފައިހަމަކުރެވޭ ގޮތަށް، އަދި އެ ތަރައްޤީއަށް މަގުފަހިކޮށްދޭ ތަނަކަށް އެއަރޕޯޓު ބަދަލުކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިސަރުކާރުން ރާއްޖޭގައި އެއަރޕޯޓެއް ޤާއިމުކުރެއްވުމަށް ނިންމަވައި، 1964 މެއި 1 ވަނަ ދުވަހު ފެއްޓެވި މަސައްކަތަކީ، ދިވެހިރާއްޖެއިން އިޤްތިޞާދީ ދާއިރާއިންނާއި، ޚާރިޖީ ދާއިރާއިން ތަރައްޤީގެ މަގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅެވެ. އަދި އޭރުގެ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، މި މުހިންމު މަސައްކަތް ކުރައްވަން ނިންމެވި ނިންމެވުން ތަންފީޛުކުރެއްވުމުގައި ވަރަށް ގިނަ ދިވެހިރައްޔިތުން ޢަމަލީ ގޮތުން ބައިވެރިވެ، ވަރަށް ބުރަ މަސައްކަތްތައް ކުރައްވާފައިވެއެވެ.

އެއަރޕޯޓުގެ ފަހުގެ ތާރީޚަށް ބަލާއިރު، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމަށް ނިންމި ނިންމެވުމަކީ، ދިވެހި ތާރީޚުގައި ޤައުމަށް އެންމެ ގެއްލުންވާ ގޮތަށް ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތެވެ. އެއަރޕޯޓުގެ މައިގަނޑު ތަރައްޤީއަށް ހުރަސް އެޅޭގޮތަށާއި، މި ޒަމާނުގެ ބޮޑެތި އުޅަނދުތަކަށް ޖާގަ ނުލިބޭނެ ގޮތަށާއި، އެއަރޕޯޓު ހިންގުމުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން ޞިނާޢަތުތަކަށް އެހެން ބަޔަކަށް ނުފޫޒުފޯރުވޭ ގޮތަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ރައްކާތެރިކަމަށް ބުރޫއަރާގޮތަށް ހަދާފައިވާ މި އެއްބަސްވުން، ރާއްޖެއިން މިހާރު ވަނީ ބާޠިލުކޮށްފައެވެ. އަދި އެ މައްސަލަ ޝަރުޢީ ގޮތުން މިހާރު ވަނީ ނިމިފައެވެ.

އެއަރޕޯޓުގެ ތާރީޚަށް ބަލާއިރު، މި އެއަރޕޯޓު ތަރައްޤީކުރުމުގެ އެންމެބޮޑު މަޝްރޫޢު މިއަދުގެ ސަރުކާރުން މިހާރު މިވަނީ ފަށާފައެވެ. އަދި މިއީ، އިޤްތިޞާދީ ގޮތުން ރާއްޖެ ބަދަލުކޮށްލައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ކުރައްވާ މަސައްކަތްޕުޅުތައް ރަމްޒުކޮށްދޭ ބޮޑު މަޝްރޫޢެކެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުވެސް މެއެވެ. މި މަޝްރޫޢުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނޭ ކުރިއެރުމުގެ އިތުރުން، ސަރުކާރުގެ އަމާޒަކީ، ރާއްޖެއަކީ، މި ސަރަޙައްދާއި، އަދި ދުނިޔޭގެ އެހެން ހިސާބުތަކާ ގުޅުވައިދޭ ވައިގެ ޓްރާންސިޓް ޕޮއިންޓަށް ހެއްދެވުމެވެ. އަދި ރާއްޖެ ކުރިއަރަމުން މިދާ ދުވެލީގައި، ރާއްޖެއަށް އިތުރު މީހުންނާއި އިންވެސްޓްމަންޓްތައް ލިއްބައިދިނުމުގައި، އެއަރޕޯޓެއް ކުޅެންޖެހޭ ދައުރުކަމުގައިވާ އިޤްތިޞާދު ބައްޓަންކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެއް ޞިނާޢަތުކަމުގައި މި އެއަރޕޯޓް ވެގެން ދިޔުމެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ދިވެހިން އަމިއްލައަށް ބައްޓަންކުރުމުގެ ސިޔާސަތު ދެމެހެއްޓުމެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ރިބްރޭންޑް ކުރެވޭއިރު، އެއަރޕޯޓުގެ ނަން "ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް" ( (VELANA INTERNATIONAL AIRPORTގެ ނަމަށް ބަދަލުކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ނިންމަވާފައެވެ. އެއަރޕޯޓުގެ ނަމެއްގެ ގޮތުގައި މި ނަން ހަމަޖެއްސެވީ، އެއަރޕޯޓަށް މިހާރު ގެނެވެމުންދާ ޢުމްރާނީ ތަރައްޤީއާއި، ދިވެހިރާއްޖޭގެ ބްރޭންޑް އިމޭޖް ރަމްޒުކޮށްދޭ، ފަސޭހަ، އަދި ކުރިއެރުމާއި ތަރައްޤީގެ ވިސްނުމަށް މަގުފަހިކޮށްދޭ ނަމަކަށް ބަދަލުކުރެއްވުމަށްޓަކައެވެ. ހަމައެއާއެކު، އެއަރޕޯޓުގެ ނަން މިހާރު އެ ބޭފުޅަކަށް ނިސްބަތްވެވަޑައިގަންނަވާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަކީ، ދިވެހިރާއްޖެއަށް ޚާރިޖީ މިނިވަންކަން ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ، އަދި ރާއްޖޭގެ ތަރައްޤީއަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާތީއާއި، "ވެލާނާ" މި ނަމަކީ އެ މަނިކުފާނަށް ނިސްބަތްވާ ނަމަކަށްވުމާއެކު، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާގޮތަށް އެއަރޕޯޓުގެ ނަން ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ކަމަކަށްވާތީ މި ނަން ކިޔުމަށް ނިންމެވީއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނަން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބަދަލުކުރެއްވުމަށް ހަމަޖައްސަވާފައިވަނީ 1 ޖަނަވަރީ 2017 އިން ފެށިގެންނެވެ.