ރައީސުލްޖުމްހޫރިއްޔާގެ ޙާއްޞަ އިނާޔަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 100 ފަރާތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ހަމަޖެހިގެން ދިއުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވަޒީފާ ހަމަޖެހުނު ބޭފުޅުންނަށް ވަޒީފާގެ ލިޔުން ހަވާލު ކޮށްދެއްވައިފިއެވެ. މި ބޭފުޅުންނަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޙާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ވަޒީފާގެ ފުރުޞަތުތަކަކީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެންމެނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުޞަތުތަކެއްކަން ފާހަގަކޮށްލެވެއެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ 3 ބޭފުޅަކަށް ވީލްޗެއަރ ހަވާލުކޮށްދެއްވިކަމުގެ ލިޔުން ވެސް ހަވާލުކޮށްދެއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަރީފްގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބ. ދޮންފަނު ބްރާންޗުގެ ސްޓޭޝަން ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް ޢަލީ ފާއިޒު ވާހަކަފުޅުދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން އަލްފާޟިލް އިޤްބާލް އާދަމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަރީފްގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.