ރައީސުލްޖުމްހޫރިއްޔާ، ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހެންވޭރު މީނާޒް ޙަމްދޫން ޢަބްދުﷲ ޙަމީދު، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމަށް މާފަންނު ކޮތަންމާގޭ މުޙަންމަދު ޙުސައިން ޝަރީފު، އަދި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހެންވޭރު ވައިޓްޑައިމަންޑް ޖަމީލާ ޢަލީ ޚާލިދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

މި ތިން ޤައުމަށް ދިވެހިރާއްޖޭގެ ސަފީރުން މި ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުންނެވެ.