އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް)ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ޖޭ. އަލް. ހާރބިޝް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާވަނީ އޯފިޑްގެ ޑިރެކްޓަރ ޖެނެރަލާއި އެމަނިކުފާނުގެ އަރިހުގައި ރާއްޖެ ވަޑައިގަތް ވަފްދުގެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެ، އޯފިޑްގެ ފަރާތުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، އޯފިޑަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިޔެއްކަމަށް ޤަބޫލު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އޯފިޑްގެ ޑިރެކްޓަރ ޖެނެރަލް ވަނީ ދެ ފަރާތުގެ ގުޅުން އެކިދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ފެނާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއިން އޯފިޑްގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ދާއިރާތައް އިތުރަށް ތަރައްޤީވުމުން އިޤްތިޞާދީ ރޮނގުން ރާއްޖެ އިތުރަށް ހަރުދަނާވާނެކަމުގައާއި، މިކަމުގެ ލާބައާއި މަންފާ މުޅި ޤައުމަށް ކުރާނެކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި އޯފިޑާއި ދެމެދުގައި ކުރިއަށް އޮތްތާގައި ވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ފޯރޮކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.