السّلام عليــكم ورحـمــة اللّـه وبـركاتـه.

އުންމީދާއި ޢަޒުމުން ފުރިފައިވާ ޒުވާނުންތަކެއް ކުޅިވަރުގެ އެކިއެކި މައިދާންތަކުގައި، ވަރުގަދަ ޤައުމީ ޝުޢޫރަކާއެކު ހަރަކާތްތެރިވަމުންދާ ހަރަކާތްތެރިވުމުގެ ޚަބަރުތައް، ޚަބަރުފަތުރާ ވަސީލަތްތަކުން އަޅުގަނޑުމެންނަށް އިވެމުންދާ ދުވަސްވަރެއްގައި، މިރޭ މި ހުޅުވޭ ކުޅިވަރުގެ ހޯލު ހުޅުވޭކަން އެއީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ ތަރައްޤީގެ ޗާޓުގައި ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވޭނެ ކަމެއް.

އާދެ، މިދުވަސްވަރަކީ، ޒުވާނުން ކުޅިވަރުގެ ތަފާތު މައިދާންތަކުގައި ވަރަށް ފުރިހަމަގޮތެއްގައި ހަރަކާތްތެރިވަމުންދާ ދުވަސްވަރެއް. ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި މީގެކުރިން ދުވަހަކުވެސް ރާއްޖޭގެ ޒުވާނުން ހަރަކާތްތެރިވެފައި ނުވާފަދަ ފެންވަރަކަށް ހަރަކާތްތެރިވަމުންދާ ދުވަސްވަރެއް. ބައިނަލްއަޤްވާމީ ދާއިރާގައި، ކުޅިވަރުގެ ރޮނގުން ރާއްޖެއަށް ކާމިޔާބީތަކެއް ހޯދައިދިނުމުގެ ފޮނި އުންމީދުގައި އަޅުގަނޑުމެންގެ ހީވާގި ހަރަކާތްތެރި ޒުވާނުން މަސައްކަތް ކުރަމުންދާ ދުވަސްވަރެއް.

އާދެ، ތިޔަ ހުރިހާ ބޭފުޅުންވެސް ވާނީ އައްސަވައިފައި، މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކުޅިވަރު ދަސްކޮށްދެއްވުމަށްޓަކައި ބައެއް ކުޅިވަރުތަކުގެ ތަޖުރިބާކާރުން، މާހިރުން މާލެ ދުރުވެ ތިއްބެވި ޚަބަރު. އާދެ، މިހާރުވެސް އަޅުގަނޑުމެންނާ އެކުގައި މި އުފާވެރި ޖަލްސާގައި އެބޭކަލުން އެބަ ތިއްބެވި. އަޅުގަނޑުމެންގެ އެންމެ އަވަށްޓެރި، އެންމެ ރަޙުމަތްތެރި، އެންމެ ކައިރި ޤައުމެއް ކަމުގައިވާ ސްރީލަންކާއިން ދުރުވެ އިންނެވި ޓޭބަލްޓެނިސް ކޯޗު މިތާ އެ އިންނެވީ، އަޅުގަނޑުމެންގެ ޒުވާނުންނަށް އެ ކުޅިވަރު، އެ ކުޅިވަރުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދަސްކޮށްދެއްވުމަށްޓަކައި. ހަމައެއާއެކުގައި، އަޅުގަނޑުމެންނާ ވަރަށް ޚާއްޞަ ގާތްކަމެއް ބަހައްޓާ، ވަރަށް އެކުވެރި ޤައުމެއް ކަމުގައިވާ އިންޑިޔާގެ ފަރާތުން ދުރުވެ އިންނެވި ކްރިކެޓް ކޯޗު މިސްޓަރ އަޖީތު ވަޑޭކާރ އެތާ އެ އިންނެވީ. އެހެންވީމާ، އެކަމުން އެ ދޭހަވަނީ އަޅުގަނޑުމެން މިހާރު ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވަމުން މިދަނީ އެކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން.

އާދެ، މީގެކުރިން ކުޅިވަރު ކުޅެމުން ގެންދިޔައީ ހަމައެކަނި ފޫހިފިލުވައިލުމުގެ ގޮތުގައި. ނުވަތަ ކުޅިވަރަކީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް ކުޅޭ އެއްޗަކަށްވާތީ، ކުޅިވަރު ކުޅުމުގެ ބޭނުމުގައި ވަގުތުތައް ފުރާލައި އަދި އަޅުގަނޑުމެންގެ ހިތްތަކަށް އުފަލެއް ލިބިގަތުމަށްޓަކައި. އެއްގޮތަކަށްވެސް އެ ކުޅިވަރު ކުޅެންވީ އުސޫލު އަޅުގަނޑުމެން ދަސްކޮށްގެންނެއް ނޫން. އެއާޚިލާފަށް، މިއަދު އަޅުގަނޑުމެންގެ ދިވެހި ޤައުމު ތަރައްޤީވަމުން މިދަނީ، ކޮންމެ މައިދާނެއްގައިވެސް އެ މައިދާނަކާ ގުޅޭ އަދި އެ މައިދާނަކަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން. ބައިނަލްއަޤްވާމީ ދާއިރާތަކުގައިވެސް އެކަންތައްތައް ހިނގާ ފުރިހަމަގޮތުގެ މަތިން. އެހެންވީމާ، އެގޮތުން މިއަދު އަޅުގަނޑުމެން ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވަނީ، ކަމާބެހޭ މާހިރުން ގެނެސްގެން އެމީހުންގެ އިރުޝާދާއި ލަފާ ހޯދައިގެން، އެމީހުންގެ ގާތުން އެ ކުޅިވަރުތަކުގެ އުސޫލުތައް ދަސްކުރާގޮތެއްގެ މަތިން.

އާދެ، ކޮންމެއަކަސް ދެންމެ ޒުވާނުންގެ މަޖިލީހުގެ ރައީސް އެ ވިދާޅުވިފަދައިން، ޒުވާނުންނާބެހޭ ކަންތައްތައް މިހާރު ހިނގަމުންދަނީ ކުރިން ނުހިނގާހާ ހަލުވިކަމަކާއެކު. އާދެ، ތިޔަބޭފުޅުން ވިސްނަވައިލެއްވިއްޔާ އެނގިވަޑައިގަންނަވާނެ، މިއަހަރުގެ ކުރީކޮޅުގައި ޒުވާނުންނަށް ޚާއްޞަ ކުރެވުނު ކޭމްޕެއް ހިނގަމުންދިޔަ. އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި އެފަދަ ކޭމްޕެއް ހިނގަމުންދިޔަފަހަރު އެއީ. ވަރަށްގިނަ ޒުވާނުން އެ ކޭމްޕަށް ގޮސް އެތާނގައި އެކުވެރިކަމާއެކު ދުވަސްކޮޅެއް ހޭދަކޮށް، ކުޅިވަރާއި އަދި އިޖުތިމާޢީ ކަންތައްތަކުގައި ބައިވެރިވެ، އެއްބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެ، ގުޅުންބަދަހިކޮށް، އެބާވަތުގެ ވަރަށްގިނަ މުހިންމު މަޤްޞަދުތައް ހާސިލުވެގެންދިޔަ. ހަމައެފަދައިން، ޒުވާނުންގެ މަރުކަޒެއްވެސް ވަނީ ދުވަސްކޮޅެއް ކުރިން ޤާއިމުކުރެވިފައި. އެތަނަށް އަޅުގަނޑުމެން ޒުވާނުންގެ ތެރެއިން ވަރަށްގިނަބަޔަކު ގޮސް އެތާނގައި ކުޅެވެން ހުންނަ ކުޅިވަރުތައް ކުޅެ، އެކުދިންގެ ވަގުތުތައް ފައިދާހުރިގޮތެއްގައި ހޭދަކުރަމުންދޭ.

މިއަދު މި ހުޅުވެނީ ޒުވާނުންގެ ހަރަކާތްތަކުގެ ތެރޭގައި ވަރަށް ޚާއްޞަ މަޤާމެއް ހޯދާނެ ތަނެއް. އާދެ، [މާލޭ އިންޑޯ ސްޓޭޑިއަމް] މިއީ، އަޅުގަނޑުމެން ވަރަށް ކުރިއްސުރެ ބޭނުންވެފައިވާ ކަހަލަ ތަނެއް. މިދޭތެރެއިން ބައެއް އަހަރު އަހަރު އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ޒުވާނުން ކުޅޭ، ވަރަށްގިނަ ޒުވާނުން ތަރުޙީބުދޭ ކުޅިވަރެއް ކަމުގައިވާ ބެޑްމިންޓަން އެއްގޮތަކަށްވެސް ނުކުޅެވި ދުވަސްކޮޅެއްދިޔަ. ރަސްމީ މުބާރާތްވެސް ނުބޭއްވިގެންދިޔަ ސަބަބަކީ މުބާރާތް ބާއްވާނެ ތަނެއް ނެތްކަން.

އާދެ، އެފަދަ މުހިންމު ބޭނުމަކަށް، ބޭނުންވެފައިވާ ތަނެއް މިއީ. ފަހަރެއްގައިވެސް ހީނުކުރައްވާތި، އެކިއެކި ކުޅިވަރު ކުޅުމަކީ، ބޭނުންނެތް ކަމެކޭ. އެހެނެއް ނޫން، ކުޅިވަރު ކުޅުމަކީ، ވަރަށް ބޭނުން ކަމެއް. ކޮންމެ ޤައުމެއްގެވެސް އިޖުތިމާޢީ ތަރައްޤީގައި، ވަރަށް ޚާއްޞަ މަޤާމެއް ލިބޭ ކަމެއް. އަދި ލިބެންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެ މިއަދު ހުރިހާ ދަނޑެއްގައިވެސް ކުރިއަރަމުންދާއިރު، ކުޅިވަރުގެ މައިދާނުގައިވެސް ހަލުވިކަމާއެކު ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭ. އެހެންވީމާ، ސަރުކާރުގެ ފަރާތުން މިތަން މި ތައްޔާރުކުރަނީ.

އާދެ، ތަނަށް ބައްލަވާއިރު، ތަނަކީ މާބޮޑު ތަނަކަށްނުވެ ހިނގައިދާނެ. މާގިނަ އަގުހުރި ސާމާނުތަކެއް ހުރި ތަނަކަށްނުވެ ހިނގައިދާނެ. ހަރަދުގެ ގޮތުން ބަލާއިރުވެސް މާގިނަ އަދަދެއްގެ ފައިސާތަކެއް ހަރަދުވެފައިހުރި ތަނަކަށްނުވެ ހިނގައިދާނެ. އެހެންނަމަވެސް، އެއެއް ނޫން، އަޅުގަނޑުމެން މިއަދު އެއިން ހިތަށް ގެންނަންވީ މާނަޔަކީ. މިފަދަ ތަނެއް ހުރުމުން، އެ ރަމްޒުކޮށްދެނީ ވަރަށް ފުން މާނަތަކެއް. އާދެ، އެއީ ކުޅިވަރަށް ދެވޭ އަހަންމިއްޔަތު. ޒުވާނުން އެކަށީގެންވާ ރަނގަޅު ގޮތެއްގައި ތަރުބިއްޔަތު ކުރުމަށް ދެވޭ އަހަންމިއްޔަތު. އެމީހުންގެ ބޭނުންތަކަށް ސަރުކާރުން ބަހައްޓާ ސަމާލުކަން.

އާދެ، އެއްވެސް ޝައްކެއްނެތް. ކުޅިވަރަކީ، ވަރަށް މާތް މަޤްޞަދެއްގައި ކުޅެވޭ އެއްޗެއް. ކުޅިވަރު ކުޅުމުގެ ބޭނުން އަޅުގަނޑު ހިތުން މާ ތަފުސީލުކޮށް އަޅުގަނޑު މި މަޤާމުގައި ނުދެންނެވި ކަމުގައިވިޔަސް، މިތަނަށް ވަޑައިގެންތިއްބެވި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި މިތާނގައި މިތިބަ، ކުޅިވަރު ކުޅޭ ޒުވާނުންނަށްވެސް އެނގޭނެ، ކުޅިވަރު ކުޅުމުގެ ބޭނުމާއި، އޭގެ މަޤްޞަދު އަދި ކުޅިވަރުގެ ރޫޙު އެއީ ކޮން އެއްޗެއްކަން. އާދެ، ކުޅިވަރު ކުޅުމުގެ އެންމެބޮޑު ބޭނުމަކީ، ކުޅިވަރު ކުޅުމުން ޒުވާނުންގެ ޞިއްޙަތަށް، ކުޅިވަރުކުޅޭ އެންމެންގެ ޞިއްޙަތަށް، އެ ލިބޭ ފައިދާގެ އިތުރަށް ވަރަށް މާތް އުސޫލުތަކެއް އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކުރުން، ވަރަށް މާތް އުސޫލުތަކެއްގެ މަތިން އަޅުގަނޑުމެންގެ ޢަމަލުތައް ކުރިއަށް ގެންދިޔުމަށްޓަކައި ތަމްރީނު ލިބިގަތުން. އެއީ ކުޅިވަރުގެބޭނުމަކީ. އެންމެފުރަތަމަ ހުރިހާ އެންމެންނަކީ ކުޅިވަރުގެ މައިދާނުގައި ހަމަހަމަވެގެންވާ ބައެއް. ކުޅިވަރުގައި މޮޅުވުމާއި ދެރަވުން އޮންނަނީ ވަކި އުސޫލެއްގެ މަތިން.

އެހެންވީމާ، އެ އުސޫލުގެމަތިން ކޮންމެ ކުޅިވަރެއްގައިވެސް އެކުޅިވަރެއްގެ ގަވާއިދު ތަންދޭ ގޮތުގެ މަތިން ޕޮއިންޓު ލިބުމާއި، އެކިއެކި މަތިވެރި މަޤާމުތައް ލިބުން އޮންނަނީ، މިދެންނެވި އުސޫލުގެ މަތިން ހަމަޖެހިފައި. ހުރިހާ އެންމެންނަށް ހަމަހަމަވެގެންވާ ގޮތުގެ މަތިން، ކޮންމެ ކުޅުންތެރިޔަކުވެސް އެ ކުޅުންތެރިޔަކަށް އެ ޕޮއިންޓު ލިބޭ ގޮތަކަށް ކުޅެފިނަމަ، އޭނާއަށް ލިބޭނެ. ހަމަ އެއާއެއްގޮތަށް، އެ ކުޅުންތެރިޔަކާ ވާދަކުރާ، އަނެއް ކުޅުންތެރިޔަކުވެސް އެ ކުޅުމެއްގައި، އެ ކުޅިވަރެއްގައި، ޕޮއިންޓު ލިބޭގޮތަކަށް ކުޅެފިއްޔާ، އޭނާއަށް އެ ޕޮއިންޓު ލިބޭނެ. ހަމައެފަދައިން، ޕޮއިންޓު ކެނޑޭގޮތަށް އޮންނަ ކަމެއްވިއްޔާ، ނުވަތަ އެކަމެއް ކުރުމުން ކޮންމެވެސްކަހަލަ އަދަބެއް، މިދެންނެވީ ކުޅިވަރުގެ މައިދާނުގައި، ކުޅިވަރަކުން ލިބޭ ޕޮއިންޓުތަކުން ކެނޑުމުގެ ގޮތުން ނަމަވެސް ލިބޭއަދަބެއް ލިބޭކަހަލަކަމެއް ކޮށްފިއްޔާ، އަދަބުވެސް ލިބޭނެ. ހަމަ އެންމެންނަށް ހަމަހަމަވެގެންވާ ގޮތެއްގެމަތިން. މިއީ އަޅުގަނޑުމެން ދަސްކުރަންޖެހޭނެ ކަމެއް.

އަޅުގަނޑުމެން އިޖުތިމާޢީ ޙަޔާތުގައި، އަދި ދުނިޔޭގައި ދިރިއުޅޭ ދިރިއުޅުމުގައިވެސް އެމީހަކު އެކުރާ ކަމަކީ ފައިދާހުރި ކަމަކަށްވާނަމަ، އޭގެ ފައިދާ އެމީހަކަށް ލިބެންޖެހޭނެކަން. އެކުރާ ކަމަކީ މުޖުތަމަޢަށް ނުވަތަ ތިމާއަށް ގެއްލުމެއް ލިބޭނެ ކަމަކަށްވާނަމަ، އެއާގުޅޭ އަދަބު ނުވަތަ އެއާ ގުޅޭގޮތުން އެމީހަކާ ދޭތެރޭގައި ޢަމަލުކުރެވެންވީ ގޮތަކަށް ޢަމަލުކުރެވޭނެކަން. ހަމައެފަދައިން، ކުޅިވަރު ކުޅޭއިރު، ކާމިޔާބީއާއި ނާކާމިޔާބީ އެއީ ކުރިމަތިވާނެ ކަންތަކޭ. އެކަންތަކާ ކުރިމަތިލާންޖެހޭނީ ހިނިތުންވުމާއެކު ރުހިގެން ގަބޫލުވެގެން. ކާމިޔާބު ގަބޫލުކުރާ ފަދައިން، ނާކާމިޔާބުވެސް ގަބޫލުކުރަންޖެހޭނެ. މިއީވެސް ކުޅިވަރުގެ ވަރަށްމާތް އުސޫލެއް. އެ އުސޫލަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ހަޔާތަށް ވަރަށްބޮޑު ހަމަޖެހުމެއް ގެނެސްދޭ އުސޫލެއް. އަޅުގަނޑުމެން މި ދިރިއުޅެމުންގެންދާ ހަޔާތުގައި ދިމާވާ ކަންތައްތަކުގައި ބައެއްފަހަރަށް އަޅުގަނޑުމެންނަށް ފޮނިކާމިޔާބީތައްލިބޭނެ. އަނެއްބައިފަހަރަށް ހިތި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހޭނެ. އެއިން ކޮންމެ ވަގުތެއްގައި ހަމަ ކުޅިވަރުގެ މައިދާނެއްގައި ވާގޮތަށް އެއިން ކޮންމެ ކަމަކާވެސް ރުހުމާއެކު ހިނިތުންވުމާއެކު ބައްދަލުކުރަން އާދަކޮށްފިނަމަ، އެއީ ކުޅިވަރުގެ ރޮނގުގައި އަޅުގަނޑުމެންނަށް ލިބެވޭ ނުވަތަ ލިބޭނެ އެންމެ ފުރިހަމަ ނަތީޖާއަކީ.

އާދެ، މިގޮތުން ވާހަކަ ދައްކާނަމަ، ކުޅިވަރުގެ ފައިދާއަށް އަދި ކުޅިވަރުގެ މަޤްޞަދާ. އެއީ ވަރަށްގިނަ ވަގުތު ވަންދެން އެއާ ދޭތެރޭގައި ވާހަކަ ދެއްކިދާނެ އެއްޗެއް. އެހެންނަމަވެސް، އަޅުގަނޑު ހިތުން މިރޭގެ މި މަޤާމަކީ، އެކަމާ ދޭތެރޭގައި ވާހަކަދައްކަންއޮތް މަޤާމެއްނޫން. އަޅުގަނޑުގެ ހުރިހާވެސް ވާހަކަޔަކީ، އަޅުގަނޑުމެންގެ ޒުވާނުން، ކުޅިވަރުގެ ރޫޙާ ދޭތެރޭގައި ވިސްނަންޖެހޭނެއޭ. އަދި ކުޅިވަރުން އެކުދިންނަށް ލިބެންޖެހޭ ތަރުބިއްޔަތު ލިބެންވާނެއޭ.

އާދެ، ކުޅިވަރަކީ ޒުވާނުން ތަރުބިއްޔަތު ކުރުމުގެ ވަރަށްބޮޑު މައިދާނެއް. ޒުވާނުން ތަރުބިއްޔަތު ވަމުންދަނީ ހަމައެކަނި ތަޢުލީމުގެ މައިދާނުގައެއް ނޫން. ނުވަތަ ވާންޖެހޭނީ، ހަމައެކަނި ތަޢުލީމުގެ މައިދާނުގައެއް ނޫން. ހަމައެކަނި މަދަރުސާތަކުގައެއް ނޫން. އޭގެއިތުރަށް ކުޅިވަރުގެ މައިދާނުގައިވެސް މިކަމަށް ވަރަށް ޚާއްޞަ ތަރުބިއްޔަތުތަކެއް ލިބެންޖެހޭނެ. އެ ތަރުބިއްޔަތު ލިބުމުން، އެކުދިންގެ ޝަޚްޞިއްޔަތު ހަރުދަނާވެ، އަދި ދިރިއުޅުމުގައި ފުރިހަމަގޮތެއްގައި ޤައުމުގެ ހުރިހާ ކަމެއްގައިވެސް އެކުދިންނަށް ބައިވެރިވެވޭނެ މަގު ތަނަވަސްވާނީ. އެހެންވީމާ، ކުޅިވަރުގެ މައިދާނުން ލިބެންޖެހޭ ފިލާވަޅުތައް ފުރިހަމަގޮތެއްގައި ހާސިލުކުރަމުން ގެންދިޔުން އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް. މި ފުރުޞަތުގައި އަޅުގަނޑު އެދެނީ ރާއްޖޭގެ ހުރިހާ ޒުވާނުންގެ ފަރާތުން އަދި ކުޅިވަރު ކުޅޭ އެންމެންގެ ފަރާތުން، އެ ކުޅިވަރު ކުޅުމުން އެ ލިބެންވާ ފުރިހަމަ ނަތީޖާތައް ހޯދައިގަތުމަށް މަސައްކަތް ކުރުން. ކުޅިވަރުން، ކުޅިވަރު ކުޅުމުން އަޅުގަނޑުމެންނަށް ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްކުރަމުން ގެންދިޔުން. އާދެ، ކުރިންވެސް އިޝާރާތްކުރި ފަދައިން، ކުޅިވަރު ކުޅުމަކީ ހަމައެކަނި ޞިއްޙީ ފައިދާތަކަކަށްޓަކައި ކުރާ ކަމެއްނޫން. އޭގެއިތުރުން، ވަރަށް ބޮޑެތި މުހިންމު މަޤްޞަދުތަކެއް އޭގައި އެކުލެވިގެންވޭ.

އާދެ، މިރޭ އަޅުގަނޑުމެން އެ ހޯލެއް ހުޅުވުމުގެ އުފާ މި ލިބިގަންނަ ހޯލު، އާދެ، [މާލޭ އިންޑޯ ސްޓޭޑިއަމް] މިތަން ހެދުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލުން ހިމެނިފައިވޭ. އަޅުގަނޑު ދަންނަވާނީ، ކުޅިވަރުގެރޫޙު ވަރަށް ފުރިހަމަގޮތެއްގައި ތަމްސީލުވެގެންދިޔަ ކަމެކޭ، މި ހޯލު މިހާ ފުރިހަމަގޮތެއްގައި މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބިނާވެގެންދިޔަކަން އެއީ. އާދެ، އެންމެ ފުރަތަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން، ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި ހޯލު ތައްޔާރު ކުރެއްވުމަށްޓަކައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފި. އެހެންވީމާ، އެކަން ކުރެއްވި އެންމެ ޚާއްޞަފަރާތް ކަމަށްވާ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަދި ޚާއްޞަކޮށް، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު އަލްފާޟިލް ޢުމަރު ޒާހިރަށް އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މި ބުރަ މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން މަގުން އެއްކިބާވެގެން ގޮސްފައި ތިބި ކުދިބައެއްގެ އެހީވެސް ވަރަށް ބޮޑަށް ލިބުނު. މަގުން އެއްކިބާވެގެން އެކުދިން ކުރިން ގޮސްފައިވި ކަމުގައިވިޔަސް، އެކުދިންނަކީ، މިހާރު މުޖުތަމަޢަށް ފައިދާ ލިބޭ ކަހަލަ ގޮތެއްގައި ތިބި ކުދިބައެއް.

އާދެ، އަޅުގަނޑު މި އިޝާރާތްކުރަނީ މާފުށީގައި ހިނގަމުންދާ، ކުޑަކުދިންގެ އިޞްލާޙިއްޔާގެ ކުދިންނަށް. އޭގެތެރެއިން ވަރަށްގިނަ ކުދިން މިތަނުގެ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، ވަރަށް ފުރިހަމަ ގޮތެއްގައި މަސައްކަތް ކޮށްފައިވޭ. އާދެ، ވެލްޑިންގ ކުރުމާއި، ތަނުގެ ޓިނުޖެހުމާއި، ތަޅުންއެޅުމާ، މިކަހަލަ ކިތަންމެ ކަމެއް ކޮށްފައި އެވަނީ މާފުށީ އިޞްލާޙިއްޔާގެ ކުދިން. އެހެންވީމާ، ކުރީކޮޅުގައި މިކުދިންގެ ފަރާތުން މުޖުތަމަޢަށް އެއްވެސް ފައިދާއެއް ނުލިބި ތިބި ކުދިބައެއް. ފައިދާއެއް ނުލިބޭ ތާނގައި، އެކުދިންގެ ފަރާތުން ވަރަށްގިނަ ދަތިތަކާއި އުނދަގޫތައް މުޖުތަމަޢަށް ލިބެމުންދިޔަ ކުދިބަޔަކު މިހާރު ބަދަލުވެގެން އެދިޔައީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް. އާދެ، އެއީވެސް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާހިތްވާ ކަމެއް. އެކުދިންގެ އުޅުމާއި އެކުދިންގެ ހުރިހާ ކަމަކަށް މިއައި އިޞްލާޙު، މާފުށީގައި ހިންގާ ތަނަށް އިޞްލާޙިއްޔާއޭ ކިޔުމުން، އެ އިޝާރަތްކުރެވޭ މާނަ، ވަރަށް ފުރިހަމަގޮތެއްގައި އެކުދިން މިތާނގައި ތަމްސީލުކޮށްދީފި. ހަމައެފަދައިން، ޤައުމީ ކަންތައްތަކަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ކަންތައްތަކަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ އަމިއްލަ ބައެއް ފަރާތްތަކުންވެސް މިކަމުގައި ވަރަށް މަތިވެރި އެހީތެރިކަމެއް ބެހެއްޓެވިކަމަށް، އަޅުގަނޑަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން އެނގިފައިވޭ.

އާދެ، މިތަން ތައްޔާރުކުރެއްވުމުގެ މަސައްކަތުގައި އެންމެ ބޮޑަށް އުޅުއްވި ބޭފުޅަކީ، ސަރުކާރުގައި އުޅުއްވާ ބޭފުޅެއް ނޫން. އަލްފާޟިލް ސަލްޖަމްގޭ ޙުސައިންދީދީ. އޭނާ މިތަން ހެއްދެވުމަށް މަސައްކަތް ކުރެއްވީ، ވަރަށް އިޚުލާސްތެރިކަމާއެކު އަދި ވަރަށްކުޑަ އަގެއްގައި. އޭނާގެ ހިތްޕުޅުގައި ކުޅިވަރަށް އޮތް ލޯތްބެއްގެ ސަބަބުން. އަދި އަޅުގަނޑުމެންގެ ޒުވާނުންނަށް މިފަދަ ތަނެއް ހެދުމުގެ އަހަންމިއްޔަތު އޭނާއަށް އިހުސާސްވެވަޑައިގެންފައި އޮތްލެއް ބޮޑުކަމުން. ވަރަށް ފުރިހަމަ ގޮތެއްގައި މިކަންތައް ވަރަށްކުޑަ އަގެއްގައި، ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކޮށްދެއްވައިފި. އެހެންވީމާ، އޭނާއަށްވެސް ސަރުކާރުގެ ނަމުގައި ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ އުފަލެއް ކަމަށް ދެކެން.

އާދެ، ކޮންމެއަކަސް މިކަހަލަ ސްޓޭޑިއަމެއް މީގެކުރިން ރާއްޖޭގައި އުފެދިފައެއް ނެތް. ޤާއިމުކުރެވިފައެއް ނެތް. އެހެންވީމާ، މިއީ ކޮންމެ ގޮތަކުން ބެލި ނަމަވެސް، ރާއްޖެއަށް ލިބުނު ކުރިއެރުމަކަށް ނުވެއެއްނުދާނެ. ހުރިހާ ރޮނގަކުންވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ކުރިއަށްދެވޭތޯ. މިއަދުގެ ދުނިޔޭގައި ދިވެހިރާއްޖެއަށް އެކަށީގެންވާ މަޤާމު ލިބޭތޯ. ހަމައެކަނި ކުރިއަށްދާން މަސައްކަތް ކުރަންވީ އިޤުތިޞާދީ ގޮތުންނެއް ނޫން. އޭގެއިތުރަށް، އަޅުގަނޑުމެން ވަރަށްގިނަ ރޮނގުތަކުގައި ކުރިއަށްދާން ބޭނުންވޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް ފަޚުރުވެރި މަޤާމެއް ހޯދައިފައިވާ ޤައުމެއް. މިނިވަން މުސްތަޤިއްލު ޤައުމެއް. އަޅުގަނޑުމެންގެ ފަޚުރުވެރި ތާރީޚެއްވާ އަދި ވަރަށްގިނަ ގޮތްގޮތުން ދުނިޔޭގެ މީހުން ފާހަގަކޮށްފައިވާ ޤައުމެއް. މިއަދު ދިވެހިރާއްޖެއަކީ، ކަންދިމާކުރިގޮތުން ދުނިޔޭގެ ކުރިއަރައިފައިވާ ޤައުމުތަކުގެ ސަފުގައި ނެތް ޤައުމެއް ކަމުގައިވިޔަސް، އާދެ، އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ ވެވުނުވަރަކުން ކުރިއަށްދެވޭތޯ. އަޅުގަނޑުމެންގެ ރާއްޖެއަށް، ބޭރު ދުނިޔޭގައިވެސް ރީތި ނަމެއް ލިބިދެވޭތޯ. އާދެ، އެ ރޮނގުން ޒުވާނުންވެސް މިހާރު އެ ގެންދަނީ މަސައްކަތް ކުރަމުން، ތަފާތު ރޮނގުރޮނގުން. ޒުވާނުން މަސައްކަތްކުރާ ރޮނގަކީ، ހަމައެކަނި ކުޅިވަރުގެ ރޮނގެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށްގިނަ ކަންތައްތަކުގައި މިހާރު ތިބީ ޒުވާނުން. ސަރުކާރުގެ އެކިއެކި މުހިންމު މަޤާމުތަކުގައިވެސް އެބަ ތިއްބެވި ޒުވާނުންގެ ތެރޭގައި ހިމެނޭ ބޭފުޅުން. އަދި ވަރަށްގިނަ ޓެކްނިކަލް މަސައްކަތްތަކުގައިވެސް އަޅުގަނޑުމެންގެ ޒުވާނުން ވަރަށް ކެރިގެން މަސައްކަތް ކުރަމުން އެބަގެންދޭ. އެމީހުންގެ ޚިދުމަތް ވަރަށް ފުރިހަމަގޮތެއްގައި ދައުލަތަށް ލިބެމުން އެބަދޭ. އެހެންވީމާ، ޒުވާނުން ކުރިއަރަންޖެހެނީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައެއް ނޫން. ނުވަތަ ޒުވާނުންގެ ޚިދުމަތް ލިބެންވަނީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައެއް ނޫން. އެހެންނަމަވެސް، މިރޭގެ މި ރަސްމިއްޔާތަކީ ކުޅިވަރާބެހޭ ކަމަކަށްވާތީ، ތަންކޮޅެއް ބޮޑަށް ކުޅިވަރާއި ޒުވާނުންނާ ދޭތެރޭގައި އޮތް ގުޅުން އެއީ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމަކަށްވަނީ.

އާދެ، ކޮންމެއަކަސް އަޅުގަނޑު މިދެންނެވި ގޮތުގެ މަތިން ރާއްޖޭގެ ޒުވާނުން މިހާރު ތައްޔާރުވަމުން އެ ގެންދަނީ، ބައިނަލްއަޤްވާމީ ދާއިރާގައި އެކަށީގެންވާ ގޮތެއްގެމަތިން ރާއްޖެ ތަމްސީލު ކުރުމުގެ ފަޚުރު އެކުދިންނަށް ލިބޭތޯ. ވަރަށް ކައިރި މުސްތަޤުބަލެއްގައި އަޅުގަނޑުމެންގެ ރާއްޖޭގެ ޤައުމީ ޓޭބަލްޓެނިސް ޓީމު ރާއްޖެއިންބޭރަށް ދަތުރެއްކުރަން ހަމަޖެހިފައިވޭ. މިހިސާބުގަނޑުގެ ޤައުމުތަކުގެ މެދުގައި އޮންނަ ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވުމަށްޓަކައި. އެހެންވީމާ، ސަރުކާރުގެ ފަރާތުން އެކުދިންނަށް ތަމްރީނު ދިނުމަށްޓަކައި މިހާރުވަނީ، އަޅުގަނޑު ކުރިންވެސް ދެންނެވި ކޯޗު ދުރުވާގޮތަށް ހަމަޖައްސަވައިފައި. އޭނާ މާލެއަށް ދުރުވެ، ކުދިންނަށް ތަމްރީނު ދެއްވަމުން އެބަގެންދަވާ. އަޅުގަނޑުގެ އެދުމަކީ، މިހާރު ފަރިތަކުރަމުންދާ ކުދިން ފިސާރި ވަރުގަދަ ޤައުމީ ރޫޙަކާއެކު ފަރިތަކުރަމުން ގެންދިޔުން. އަދި އެކުދިންނަށް ވެވެންއޮތްހާ މަސައްކަތެއްކޮށްގެން، ދިވެހިރާއްޖެއަށް ރީތިނަމެއް ހޯދައިދެވޭތޯ ބެލުން.

ހަމައެފަދައިން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއްކަމަށްވާ ސްރީލަންކާގެ ކްރިކެޓް ޓީމެއް، ވަރަށް ކައިރި މުސްތަޤުބަލެއްގައި، އާދެ، މި އަންނަ ހަފުތާގައި މާލެއަށް އައުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ޤައުމީ ކްރިކެޓްޓީމު މިހާރު އެދަނީ ފަރިތަކުރަމުން. އެކަމަށްޓަކައިވެސް ކޯޗެއްވަނީ އައިސް. އަޅުގަނޑު ދެންމެ އިޝާރާތްކުރީ އިންޑިޔާގެ ވަރަށް މަޝްހޫރު ކުޅުންތެރިއަކަށް. އޭނާއަކީ އަޅުގަނޑު ހިތުން ރާއްޖެއަށް މިހާތަނަށް ނާންނަ ފެންވަރުގެ ކުޅުންތެރިއެއް. އެހެން މިދެންނެވީ އޭނާގެ ކެޕްޓަންކަމުގެ ދަށުން އިންޑިޔާގެ ޤައުމީ ކްރިކެޓް ޓީމު ހޯދައިފައިވާ މަތިވެރި ކާމިޔާބީތަކަށް ބަލައިފައި. އާދެ، 1970ގެ އަހަރުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ ކްރިކެޓުގެ މައިދާނުގައި، އިންޑިޔާ ހޯދި ފުރިހަމަ ކާމިޔާބީތައް ހޯދައިފައިވަނީ، މިސްޓަރ އަޖީތު ވަޑޭކާރުގެ ކެޕްޓަންކަމުގެ ދަށުގައި.

އާދެ، އިނގިރޭސިންނަކީ، ކްރިކެޓް ކުޅުމަށް މަޝްހޫރުބައެއް، މުޅި ދުނިޔޭގައިވެސް. އިނގިރޭސިން ދެރަކުރުމަކީ، ކޮންމެ ޤައުމަކަށްވެސް ލިބޭ ފަޚުރެއްކަމުގައި ބަލަނީ. އެހެންވީމާ، އިނގިރޭސިންގެ ޓީމެއް، މިދެންނެވި އަހަރުތަކުގެ ތެރޭގައި އިންޑިޔާއަށް އައި ފަހަރު އިނގިރޭސިން ދެރަކޮށްލީ، އަޅުގަނޑުމެންގެ މިއަދުގެ އެ ކޯޗުގެ ކެޕްޓަންކަމުގެ ދަށުގައި ހޮވިފައިވާ ޓީމަކުން. ހަމައެފަދައިން، މިހާރު ކްރިކެޓުގެ މައިދާނުގައި އެންމެ މަޝްހޫރުވެގެން އައިސްފައިވާ ވެސްޓު އިންޑީޒުގެ ޓީމު އިންޑިޔާ ދެރަކޮށްލީވެސް އޭނާގެ ކެޕްޓަންކަމުގެ ދަށުގައި. އެހެންވީމާ، އޭނާއަކީ ވަރަށް ތަޖުރިބާކާރު، ކްރިކެޓުގެ މައިދާނުގައި ވަރަށް ކުރިއަރައިފައިވާ ބޭކަލެއް. އެހެންވީމާ، އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ޤައުމީ ކްރިކެޓް ޓީމުގެ މެންބަރުންގެ ފަރާތުން މި މުހިންމު ފުރުޞަތުގެ ބޭނުން ވަރަށް ރަނގަޅަށް ކުރެއްވުން. އޭނާގެ އިރުޝާދުތަކަށް ވަރަށް ރަނގަޅަށް ޢަމަލުކުރައްވަމުން ގެންދެވުން. އަދި އޭނާ މިތާ މި ހުންނެވި ދުވަސްކޮޅުގެ ތެރޭގައި ވެވުނު އެންމެ ބޮޑަކަށް އޭނާ އެ ހުންނެވި ހުންނެވުމުގެ ފައިދާ ލިބިގަތުމަށް.

މިހާރު ތައްޔާރުވަމުން މިދަނީ ހަމައެކަނި އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ކްރިކެޓް ޓީމެއް ނޫން. ޤައުމީ ކްރިކެޓް ޓީމެއް ނޫން. އޭގެއިތުރުން، ކޮންމެ ކުޅިވަރެއްވެސް ފެށިގެން އަންނަންވާނީ މަދަރުސާތަކުން ކަމަށްވާތީ، މަދަރުސާ ކުދިންނަށްވެސް އޭނާ ދަސްކޮށްދެއްވާ ގޮތަށް ވަނީ ހަމަޖެހިފައި. އެއީ ކޮންމެ ޤައުމެއްގައިވެސް އެއްވެސް ކުޅިވަރެއްގެ ރޮނގަކުން ކުރިއަށްދާން ބޭނުންވެއްޖެ ކަމަށްވަންޏާ، އެންމެ ފުރަތަމަ ތަމްރީނު ދޭންޖެހޭނީ އެންމެ ޅަކުދިންނަށް ކަމަށްވާތީ. އެކުދިންނަށް ކުޑަދުވަސްވަރުގައިވެސް، އެންމެ ޅަދުވަސްވަރުގައިވެސް އެ ކުޅިވަރެއް ކުޅުމަށް ތަމްރީނު ދެވިގެން، އެގޮތުގެ މަތިން އެ މަސައްކަތް ހިނގަމުންދާކަމަށްވަންޏާ، އެކުދިން ބޮޑުވެގެން ޤައުމަށް ވަރަށްގިނަ ކާމިޔާބީތަކެއް ހޯދައިދޭނެކަމާމެދަކު ޝައްކެއްނެތް. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ ޤައުމީޓީމަށް އޭނާ ދަސްކޮށްދެއްވުމުގެ އިތުރަށް، ޅަ ކުދިންކޮޅަކަށްވެސް ދަސްކޮށްދެއްވަމުން އެބަގެންދަވާ، މަދަރުސާކުދިންކޮޅަކަށް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ މުސްތަޤުބަލުގައި، ރާއްޖޭގައި އެކަށީގެންވާ ފެންވަރަކަށް އެ ކުޅިވަރު ތަރައްޤީވަމުންދާނެ ކަމަށް.

އާދެ، މިހާރުވެސް އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެއްޖެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުގެ އެދުމަކީ މިރޭ އަޅުގަނޑުމެންނަށް އެތަނެއް ހުޅުވުމުގެއުފާ މި ލިބުނު، މާލޭ އިންޑޯ ސްޓޭޑިއަމް ހުޅުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުޅިވަރަށް އިތުރު ކުރިއެރުމެއް ލިބުން. ދިވެހިރާއްޖޭގެ ޒުވާނުންނަށް އިތުރު ފައިދާތަކެއް ލިބިގެންދިޔުން. އަދި ދިވެހިރާއްޖޭގެ ޒުވާނުން ކުޅިވަރުގެ މައިދާންތަކުގައި ހަރަކާތްތެރިވަމުންދާ ހަރަކާތްތެރިވުމުގެ ސަބަބުން ދިވެހިރާއްޖެއަށް ފަޚުރާއި ރީތިނަން ލިބެމުންދިޔުން.

والسّلام عليكم ورحمـة اللّـه وبركاته.