ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ކާޒީ ސަރްވާރް ޙުސައިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ އަހަރުތަކުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ. ޚާއްޞަކޮށް ޞިއްޙީ ދާއިރާއިންނާއި ދިފާއީ ދާއިރާއިން މީހުން ތަމްރީންކުރުމަށް ބަންގްލަދޭޝް ސަރުކާރުން ވެދެއްވާ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވަމުންދާނެކަން ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގެ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތަށްޓަކައި ހިޒް އެކްސެލަންސީ ކާޒީ ސަރްވާރް ޙުސައިނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.

ބަންގްލަދޭޝްގެ ސަފީރު ހިޒް އެކްސެލަންސީ ކާޒީ ސަރްވާރް ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން އެމަނިކުފާނަށް ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ސަފީރުކަމުގެ މަޤާމާ ދެން ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށްވެސް މި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ދިވެހި ސަރުކާރަށް ފާގަތި ދުވަސްތަކަކަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން ރިލޭޝަންސް އަލްފާޟިލް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޙުސެއިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.