بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

މިއަދު އެންމެ ފުރަތަމަ އަޅުގަނޑު މި ޒިޔާރަތްކުރާ ރަށަކީ، ކަނޑޫދޫ. އާދެ، އަޅުގަނޑު މިހާރު މިއުޅެނީ ކޮޅުމަޑުލަށް ކުރާ ދަތުރެއްގައި. އޭގެކުރީގައި ހައްދުންމަތީގެ ރަށްރަށަށް ޒިޔާރަތް ކުރުމަށްފަހު. އާދެ، މިރަށަށް އައުމުން، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި ރަށުގެ ވެރިންނާއި ރައްޔިތުންނަށް ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމަށް ދެކެން.

އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ، ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބަލައިލުން. އަދި ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅެމުންދާގޮތް ބަލައި، އެމީހުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ އޮޅުންފިލުވައި، އެކަންކަމުގައި ސަރުކާރުން ވެވެން އޮންނާނެ އެހީވެދިނުން. އަޅުގަނޑު މީގެކުރިން ކުރި ބައެއް ދަތުރުތަކުން ލިބުނު މަޢުލޫމާތާއި އަދި ސަރުކާރުގެ ބައެއް އެހެންވެރިންވެސް ރާއްޖެތެރެއަށް ކުރައްވައިފައިވާ ދަތުރުފުޅުތަކުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ކުރިއަށް ގެންދިޔުމުގެ މަޝްރޫޢެއް މިހާރުވަނީ ރާވައިފައި. އަދި އެ މަޝްރޫޢުގެ ދަށުން ދަނީ ކަންތައްތައް ހިނގަމުން. މިދެންނެވި މަޝްރޫޢުގައި ތަފާތު ކަންތައްތައް ހިމެނޭ. އެންމެފުރަތަމަ ތަޢުލީމާބެހޭބައި. ސަރުކާރުގެ ހަރަދުގައި ކޮންމެ އަތޮޅެއްގައި މަދަރުސާއެއް ހިންގުން. މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި ހިންގާ މަދަރުސާއެއް އެބަހުރި. އަދި މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގައިފައި ހުންނަ އަމިއްލަ މަކްތަބުތަކަށާއި، މަދަރުސާތަކަށް އެހީވެދިނުން، ދާއިމީގޮތެއްގައި. ފައިސާގެ އެހީއެއް އެއީ. މި ދެކަންތަކުގެ އިތުރަށްވެސް އެކަށީގެންވާ ގޮތެއްގައި ތަޢުލީމުގެ ޚިދުމަތް ކުރިއަށްގެންދާ މަކްތަބުތަކަށާއި، މަދަރުސާތަކަށް އެކި ވައްތަރުގެ ޢިނާޔަތް ސަރުކާރުން މިހާރު ދެމުން އެބަގެންދޭ. އާދެ، ބޭނުމަކީ، ރާއްޖެތެރޭގައި ތަޢުލީމުގެ ކަންތައް ކުރިއަށް ގެންދިއުން. ރާއްޖެތެރޭގައި ދިރިއުޅޭ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހޯދައިދިނުން. އެއީ، ތަޢުލީމަކީ، އެއާނުލައި އަޅުގަނޑުމެންނަށް އަދި އެއްވެސް ޤައުމަކަށް ކުރިއަށް ނުދެވޭނެ ކަމަކަށްވާތީ. މިއަދުގެ ދަރިންނަށް އެދެވޭ ފެންވަރަކަށް ތަޢުލީމު ލިބިދެވިގެން، މުސްތަޤްބަލުގައި ރާއްޖެއަށް އެކުދިންނަށް އެއްވެސްކަހަލަ ޚިދުމަތެއް ކުރެވޭނީ. އަދި އެކުދިންނަކީ، އެއްވެސްކަހަލަ ރަނގަޅު ދިރިއުޅުމެއް ފެންނަ ބަޔަކަށްވާނީވެސް މިއަދު އެކުދިން ކިޔަވާ ޢުމުރުގައި ތިއްބައި، އެ ކުދިންނަށް އެދެވޭ ފެންވަރަކަށް ކިޔަވައިދެވިގެން.

އެހެންވީމާ، ތަޢުލީމު ދިނުމަށް ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭންޖެހޭ. ސަރުކާރުގެ ފަރާތުން އެކަން ތަރުޖަމާ ކުރެވިގެން ދަނީ ރާއްޖެތެރޭގައި ވިއްޔާ، މިދެންނެވި މަދަރުސާތަކުގެ ގޮތުން. ރާއްޖެތެރޭގައި ސަރުކާރުގެ ހަރަދުގައި ހިންގާ މަދަރުސާތައް ހިންގުން. އަޅުގަނޑު ކުރިން ދެންނެވި މަދަރުސާތަކުގެ އިތުރަށް، އަތޮޅު ތަޢުލީމީ މަރުކަޒުތައްވެސް ރާއްޖެތެރޭގައި މިހާރު އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން އެބަދޭ. އޭގެ އިތުރުންވެސް ބައެއް މަދަރުސާ ސަރުކާރުން ހަދާނެ. އެކަމަކު އެކަންތައްތައް އެހެން ކުރިކަމުގައިވިޔަސް، އެ މަދަރުސާތަކުންވެސް އަތޮޅުގައި ތިބޭ ހުރިހާ ކުދިންނަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތެއް ނުލިބޭނެ. އެހެންވީމާ، ކޮންމެ ރަށެއްގެ ރައްޔިތުންވެސް، އެ ރަށެއްގެ މަކްތަބު އެކަށީގެންވާ ގޮތަކަށް ހިންގެވުން އެއީ ވަރަށްބޮޑު ސަމާލުކަމެއް ދެއްވަންޖެހޭނެ ކަމެއް. އެކަށީގެންވާ ގޮތަކަށް ކަންތައް ހިނގާ ކަމަށްވަންޏާ، ކޮންމެ ރަށެއްގެ މަކްތަބަށްވެސް ސަރުކާރުން އެކިއެކި ބާވަތުގެ އެހީތައް ވެދޭނެ. މިރަށުގައިވެސް މަކްތަބެއް ހިނގަމުން އެބަދޭ. އެ މަކްތަބު ހިނގަމުންދާތާ ދުވަސްކޮޅެއްވެސް ވެއްޖެ. އެހެންވީމާ، އެއީ، އަޅުގަނޑު އުފާކުރާ ކަމެއް. އެއިން ދައްކާ އެއްޗަކީ، މިރަށުގެ ރައްޔިތުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު. އަޅުގަނޑުގެ އެދުމަކީ މިހާރު ތަޢުލީމަށް މި ރަށުގެ ރައްޔިތުން ދެއްވާ އަހަންމިއްޔަތަށްވުރެވެސް ބޮޑު އަހަންމިއްޔަތެއް ދެއްވަވައިގެން، ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދެވުން. އެއީ، އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ.

އާދެ، އަޅުގަނޑު ކުރިން މިދެންނެވި މަޝްރޫޢުގެ ދަށުން ކުރެވޭ ހަމައެކަނި މަސައްކަތަކީ، ތަޢުލީމުގެ ކަންތައްތަކެއް ނޫން. އޭގެއިތުރަށް ވަރަށްގިނަ ކަންތައްތައް ކުރެވޭ. ބައެއް ރަށްރަށުގައި ފަޅުކޮނުން، ނެރުގޮއްވުން ފަދަ ކަންތައްތައް. އަދި މިސްކިތްތައް މަރާމާތުކޮށް ނުވަތަ މިސްކިތްތައް ހަލާކުވެފައި ހުންނަ ތަންތާނގައި އަލުން މިސްކިތްތައް އިމާރާތް ކުރުން. ރަށްރަށުގައި އޮފީސްތައް ހުރިނެތް ގޮތެއްބަލައި، ބައެއް ތަންތާނގައި ހުންނަ އޮފީސްތައް މަރާމާތުކޮށްދިނުން. އަނެއްބައި ތަންތާނގައި އަލުން އޮފީސް އަޅައިދިނުން. މިހެންގޮސް ރާއްޖެތެރޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކިތަންމެ ކަމެއް ކޮށްދިނުން، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް އެބަދޭ. އާދެ، މިރަށަށްވެސް، ކަނޑޫދޫއަށްވެސް ބައެއް ކަންތައްތައް ހަމަޖެހިފައިވޭ. އޭގެތެރެއިން އެއްކަމަކީ، މިސްކިތްތައް އިމާރާތްކޮށްދިނުން، ސަރުކާރުގެ ހަރަދުގައި. އެ މަސައްކަތް އަދި ނުފެށޭ. އެހެންނަމަވެސް، އެއީ މަޝްރޫޢުގައިވާ ކަމަކަށްވާތީ، އެ މަސައްކަތްވެސް ކުރިއަށްދާނެ.

އާދެ، އަޅުގަނޑު މިދެންނެވި ބާވަތުގެ ކަންތައްތައް، ޚާއްޞަކޮށް، މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތައް މަރާމާތު ކުރުމާ، އެއީ، ހަމަ ކޮންމެ ރަށަކަށްވެސް ބޭނުންވެފައިވާ ކަމަކަށްވާތީ، އެއްފަހަރާ ހުރިހާ ތަނެއްގައި އެ މަސައްކަތް ކުރެވޭގޮތް ނުވަނީ. އެ މަސައްކަތަކީވެސް އެހާބޮޑު މަސައްކަތެއް. އެއަށްދާ ހަރަދުތައް އެއީވެސް ވަރަށްމަތީ ހަރަދުތަކެއް. އެހެންވީމާ، ސަރުކާރުން އެ ހަރަދުތައް އެއްފަހަރާ ކުރެވެން ނޯންނާތީ، އެކިފަހަރުމަތިން އެކިރަށްރަށުގައި އެ މަސައްކަތް ކުރަނީ. އެއްފަހަރާ ކިތަންމެ ރަށެއްގައި ކުރެވޭވެސްމެ. އެހެންނަމަވެސް، ހުރިހާ ރަށެއްގައި އެއްފަހަރާ ކުރެވެން ނޯންނަނީ. އަޅުގަނޑުގެ މި ދަތުރުގައިވެސް ވަރަށްގިނަ ރަށްރަށުގައި މިސްކިތްތައް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެ މިސްކިތްތައް އެއީ، މިދެންނެވި ރާއްޖެތެރެ ކުރިއެރުވުމުގެ މަޝްރޫޢުގެދަށުން ސަރުކާރުން ބިނާކޮށްފައިވާ މިސްކިތްތަކެއް. އެހެންވީމާ، މި ރަށުގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތްވެސް އިރާދަކުރެއްވިއްޔާ، މުސްތަޤުބަލުގައި ބިނާކުރެވޭނެ. ހަމައެފަދައިން، މިރަށުގައި ހުރި އޮފީސް އެއީވެސް ވަރަށް ބޮޑަށް ބާވެ ހަލާކުވެފައިވާ ތަނަކަށްވާތީ، އިތުރު އޮފީހެއް ސަރުކާރުގެ ފަރާތުން އަޅައިދިނުން އެއީވެސް މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވާ ކަމެއް. އެކަން އިރާދަކުރެއްވިއްޔާ މިއަހަރު ކުރިއަށްދާނެ.

އާދެ، މިދެންނެވި ކަންތައްތައް ސަރުކާރުގެ ފަރާތުން ހިންގަމުން ގެންދިޔުމުގެ އިތުރަށް، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް ރައްޔިތުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ. މިހާރުވެސް ރާއްޖެތެރޭގައި ރައްޔިތުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދަވާ. ބައެއްތަންތާނގައި ރައްޔިތުންގެ އަމިއްލަ ހަރަދުގައި މިސްކިތްތައް އިމާރާތްކޮށް، އޮފީސްތައް އިމާރާތްކޮށް، މިކަހަލަ ކިތަންމެ ކަމެއް އެބަކުރޭ. އަދި ޚާއްޞަކޮށް، އަންހެނުން ވަރަށް ހަރަކާތްތެރިކަމާއެކު، އަންހެނުންގެ މިސްކިތްތައް އެކި ރަށްރަށުގައި އެމީހުންގެ އަމިއްލަ މަސައްކަތުން އަމިއްލަ ހަރަދުގައި އިމާރާތް ކުރަމުން އެބަގެންދޭ. މިކަންތައްތައް މިއީ، އަޅުގަނޑު ވަރަށްބޮޑަށް އުފާކުރާކަމެއް. އެގޮތަށް ރާއްޖެތެރޭގައި ކަންތައްތައް ހުރުމުން، އެއިން ދައްކައިދޭ އެއްޗަކީ، ރާއްޖެތެރޭގައި އިޖުތިމާޢީ ރޫޙު ވަރަށްބޮޑަށް އާލާވެފައިވާކަން. އެންމެން އެކުވެގެން އެއްބައިވެގެން މުޅި ރަށަށް ފައިދާހުންނަ ކަންތައްތައް ކުރަމުން ގެންދާކަން. އާދެ، އެކަންތައްތައް ކުރިއަށް ގެންދެވުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އެހެންވީމާ، އެކަންތައްތަކަށް އަޅުގަނޑު ވަރަށްބޮޑަށް ތަރުޙީބުދީ، އެކަންތައްތަކަށްޓަކައި އާންމުކޮށް ރާއްޖެތެރޭގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.

އާދެ، އަޅުގަނޑުމެން އެންމެބޮޑަށް ވިސްނަންޖެހޭ އެއްކަމަކީ، އަޅުގަނޑުމެންގެ އިޤުތިޞާދީ ކުރިއެރުން. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރުން. އަޅުގަނޑުމެންނަށް މިހާރު ލިބޭ އެއްޗަކަށްވުރެ އިތުރު އެއްޗެއް ލިބޭނެގޮތަކަށް މަސައްކަތް ކުރަމުން ގެންދިޔުން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރާ މަސައްކަތަކީ، މަސްވެރިކަން. އާދެ، މަސްވެރިކަމޭ އަޅުގަނޑު މި ދެންނެވީ، ހަމައެކަނި އާދައިގެ މަސްވެރިކަން ކުރާގޮތަށް މަހަށްފުރާ ފުރުން އެކަންޏެއް ނޫން. އެކަމުގައި ހިމެނޭ ހުރިހާ ކަންތައްތަކެއް. އެއީ، އޭގެތެރޭގައި ވަރަށް ތަފާތު ގޮތްގޮތަށް މަސްވެރިކަން ކުރެވޭ. އެހެންވީމާ، އެ ހުރިހާކަމެއް ހިމެނޭގޮތަށް، މަސްވެރިކަމޭ އަޅުގަނޑު މިދަންނަވަނީ. އެއީ، ރާއްޖެތެރޭގެ ރައްޔިތުން ކުރާ އެންމެބޮޑު މަސައްކަތް. އަދި އެއީ އޭގެ މައްޗަށް ރާއްޖޭގެ އިޤުތިޞާދު ބިނާވެފައިވާ އެންމެބޮޑު ކަމަކީވެސް. އެހެންވީމާ، މަސްވެރިކަން ކުރިއަށް ގެންދިޔުން. މަސްވެރިކަމުގެ ހުރިހާ ބާވަތެއް ކުރިއަށް ގެންގޮސް، އެއިން ލިބޭ އާމްދަނީ އިތުރުކުރުމަކީ، މިވަގުތު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހޭ ކަންތައް. މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައް މިރަށުގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިސާލަކަށް، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. މިހާރު އަލަށް އިންޖީނަށް އެދޭ މީހުންނަށްވެސް އިންޖީނު ލިބޭގޮތަށް ހަމަޖެހި، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ވަނީ އިޢުލާނު ކުރައްވައިފައި. ގަވާއިދުން ފޯމު ފުރައިގެން ފޯމު މިނިސްޓްރީއަށް ފޮނުވީމާ، އެކަން ކުރިއަށްދާނެ.

އާދެ، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން އެއީ މިހާރު މަސްވެރިކަން ކުރިއެރުވުމަށް ކުރެވޭ އެންމެބޮޑު މަސައްކަތް. އޭގެއިތުރުންވެސް ވަރަށްގިނަ ކަންތައްތައް ކުރެވޭ. ރާއްޖެތެރެއަށް، ތެޔޮ ބަހައްޓާނެ ތާނގީތައް ފޮނުވައިގެން، އެ ތާނގީތަކަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އޭރުން ރާއްޖެތެރޭގެ ކޮންމެ ރަށަކަށްވެސް ދަތިނުވެ، ކޮންމެ ބަޔަކަށްވެސް ބޭނުން އަދަދަކަށް ތެޔޮ ލިބެން ހުންނާނެ. އެކަންތައް މިހާރު ފެށިގެން ހިނގަމުން އެބަދޭ. އަދި އޭގެ އިތުރުންވެސް މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ތަފާތު މަސައްކަތްތައް ކުރޭ. އެހެންނަމަވެސް، އެހުރިހާ މަސައްކަތެއްގެވެސް އެދެވޭ ނަތީޖާ ފެންނާނީ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލެއްވުން އެކަމުގައި އޮވެގެން. ރައްޔިތުން އެއްބާރުނުލައްވަންޏާ، އެއިން އެއްވެސް ކަމެއްގެ ނަތީޖާއެއް އަދި ފައިދާއެއް ނުފެންނާނެ. މިރަށަކީވެސް މަސްވެރި ރަށެއް. މި މޫސުމުގައި އާދެ، އިރުވައި މޫސުމުގައި މާބޮޑު މަސްވެރިކަމެއް ނެތްކަމުގައިވިޔަސް، ހުޅަނގު މޫސުމުގައި އާދަވެގެން މިރަށުގެ މީހުންނަކީ، މަހަށް ގޮސް، މަހުން ދިރިއުޅޭބައެއް.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި މިރަށުގެ ރައްޔިތުންވެސް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވުން. އަޅުގަނޑު އެހެން ދަންނަވާކަށެއްވެސް ނުޖެހޭނެ. އެއީ މަސްވެރިކަން ކުރިއަށް ގެންދިޔުމުން، އެ މަސްވެރިންނަށާއި އަދި ރަށަށް ލިބޭ ފައިދާ އެއީ މިރަށުގެ މީހުންނަށް ވަރަށް ބޮޑަށް ވަޒަންކުރެވޭނެ ކަމަކަށްވާތީ. މަސްވެރިކަމުގެ އިތުރަށް ރަށުގައި ތިބެގެން ކުރެވޭ އެހެނިހެން މަސައްކަތްތައްވެސް ކުރަންވާނެ. އެއީ މަހަށްދާނީ ހުރިހާ އެންމެނެއް ނޫން. ބައެއް މީހުން އެކި ކަންކަމުގައި ރަށުގައި ތިބޭނެ. އަދި ޚާއްޞަކޮށް، އަންހެނުންވެސް ތިބޭނެ. އެހެންވީމާ، އެ ރަށުގައި ހުންނަ ކޮންމެ މީހަކުވެސް ކޮންމެވެސް މަސައްކަތެއް ކުރަންވާނެ. މަސައްކަތެއް ކޮށްގެން އެމީހަކަށް ލިބޭ އެއްޗެއް އިތުރުކުރެވޭތޯ ބަލަންވާނެ. އޭރުން އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ގެންދެވޭނީ. މިހާރު މި ދިރިއުޅޭ ފެންވަރުގައި އަބަދު ތިބޭކަށް އަޅުގަނޑުމެން ބޭނުމެއްނުވޭ. އެއަށްވުރެ ދިރިއުޅުން ރަނގަޅުކުރަން ބޭނުންވޭ. ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހަކަށް ލިބޭ އެއްޗެއް އިތުރުކުރަން. އެމީހަކަށް އިތުރު ތަނަވަސްކަމެއް ލިބުން. އެކަން ވާނީ އަމިއްލައަށް މަސައްކަތްކޮށްގެން. އަދި މަސައްކަތް ކުރެވުނު މިންވަރަކުން ލިބޭ އެއްޗެއްވެސް އިތުރުވަމުންދާނީ. އެހެންވީމާ، ރަށުގައި ތިބޭ މީހުންވެސް ކޮންމެވެސް ބާވަތެއްގެ މަސައްކަތެއް އަބަދުވެސް ކުރަންވާނެ. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ހުރުމަކީ ރަނގަޅު ކަމެއް ނޫން.

އާދެ، އެއީ އަޅުގަނޑުގެ ނަޞޭޙަތަކީ. ހުރިހާ އެންމެންވެސް އެމީހުންގެ އަމިއްލަ ދިރިއުޅުން އެންމެ ފުރަތަމަ ތަނަވަސްކުރުމަށްޓަކައި އެމީހުންނަށް ލިބޭ އެއްޗެއް އިތުރުކުރުމަށްޓަކައި ކޮންމެވެސް މަސައްކަތެއް ކުރުން. އަދި އެކުރާ މަސައްކަތެއް ވީހާ ފަރުވާތެރިކަމާއެކު، ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުން. އޭރުން އެއިން ލިބޭއެއްޗެއް އިތުރުވާނީ. ހަމައެއާއެކު އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުމާ ދޭތެރޭގައިވެސް ވިސްނަންޖެހޭ. އެކަކު އަނެކަކާ ދޭތެރޭގައި ކަންތައް ކުރާގޮތް. އަޅުގަނޑުމެންނަކީ، މުސްލިމުން. އެއް ޤައުމެއްގެ އަހުލުވެރިން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ ވަރަށް އެކަށީގެންވާ ރަނގަޅު ގުޅުންތަކެއް. އިސްލާމްދީނުގައި އަންގަވައިފައިވާފަދަ އުޚުއްވަތްތެރިކަމުގެ ގުޅުމެއް. އެންމެންނަކީ، އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ﷲ ވަނީ ލައްވައިފައި. އެހެންވީމާ، އެގޮތް ދަނެގެން ކޮންމެ މީހަކުވެސް އަނެކުންނާ ދޭތެރޭގައި ޢަމަލުކުރަންޖެހޭނީ. އެހެންމީހުން އެއީ، ތިމާގެ އަޚުންތަކެއް ކަމުގައި ދެކިގެން. ތިމާގެ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ދެކިގެން. އެއްވެސް މީހަކު ކުރާ ކަމަކުން ނުވަތަ ބުނާ އެއްޗަކުން އެހެންމީހަކަށް ގެއްލުމެއް ލިބޭނެގޮތެއް މެދުވެރިވެގެނެއް ނުވާނެ. ކޮންމެ މީހަކުވެސް އެހެންމީހުންނަށް ކަމޭހިތައި، އެހެންމީހުންނަށް ޙުރުމަތްތެރިކޮށްހިތައި، އަދި އެހެން މީހުންގެ ޙައްޤުތަކަށާއި މުދާތަކަށް ރައްކާތެރިވާންވާނެ. އޭރުން ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އަޅުގަނޑުމެންނަށް ފެންނާނީ. އެއާޚިލާފަށް ޢަމަލުކުރާކަމަށްވަންޏާ، އެކި ބާވަތްބާވަތުގެ މައްސަލަތައް އުފެދޭނެ. ފިތުނަ އުފެދޭނެ. އެއްބަޔަކު އަނެއްބަޔަކާ ޖެހިގެން އަބަދުވެސް އެކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި އުޅެންޖެހޭނީ. އޭރުން ދިރިއުޅުން ތަރައްޤީކުރާކަށް، ރަށް ކުރިއަށް ގެންދާކަށް މަސައްކަތް ކުރާނެ ފުރުޞަތެއްވެސް ނުލިބޭނެ. އަދި ކުރާ މަސައްކަތެއްގެ ނަތީޖާއެއްވެސް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެބޮޑަށް ވިސްނަންވީ ކަމަކީ، އަޅުގަނޑުމެންގެ މެދުގައި ހަމަޖެހޭ އެކުވެރިކަމުގެ ރޫޙެއް އޮތުން. އެންމެންވެސް އެކުވެރިވެގެން، އެކަކު އަނެކަކަށް ކަމޭހިތައިގެން، ހުރިހާ އެންމެންވެސް، އެހެން ހުރިހާ އެންމެންގެ ޙައްޤުތަކަށް ރައްކާތެރިވެގެން، އެންމެން އެކުގައި ދިރިއުޅެވޭ ގޮތަކަށް. އެގޮތަށް މިރަށުގެ ރައްޔިތުންވެސް ވިސްނަވައިގެން ޢަމަލުތައް ކުރައްވަމުން ގެންދެވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމައިލާނީ، ކަނޑޫދޫއަށް ބާއްޖަވެރިކަމަށް އެދެމުން. ކަނޑޫދޫގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ހެޔޮ ތައުފީޤު ލައްވާށި! އަދި އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކޮށްދެއްވާށި!


والسّلام عليكم ورحمـة اللّـه.