ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޞަދަޤާތު ފައުންޑޭޝަންގެ ޚިތާނީ އުފާ ކޭމްޕަށް މިއަދު މެންދުރު ޒިޔާރަތް ކުރައްވައިފިއެވެ. ޚިތާނީ އުފާ ކޭމްޕަކީ ސްކޫލް ބަންދު ދުވަސްކޮޅުގައި ކުދިން ޚިތާނުކުރުމަށްޓަކައި ޞަދަޤާތު ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭ ރެހެންދި ސްކޫލްގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޚިތާނީ އުފާ ކޭމްޕުގައި ތިބި ޚިތާނުކޮށްފައިވާ ކުދިންނާ ބައްދަލުކުރައްވާ އެކުދިންނާއެކު ޚާއްޞަ ފޮޓޯއެއް ނަންގަވާ އެކުދިންނަށް ހަދިޔާ ދެއްވިއެވެ. އަދި، އެކުދިންގެ ޢާއިލާގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވާ އެކުދިންގެ ހާލު ބައްލަވާލެއްވިއެވެ.

އެއަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ އެ ހޮސްޕިޓަލުގައި ޤާއިމުކުރެވިފައިވާ ޚިތާނީ ކޭމްޕަށް ވަޑައިގަންނަވާ އެ ކޭމްޕްގައި ތިބި ޚިތާނުކުރާ ކުދިންނާ އަދި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާފައެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ޢަލްފާޟިލް ޢާދިލް މޫސާއާއި، އެންސްޕާގެ ސީ.އީ.އޯ އަލްފާޟިލް މުޖްތަބާ ޖަލީލްއާއި އާސަންދަ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މައުމޫން ޢަބްދުއްޞަމަދު ބައިވެރިވެވަޑައިގެންނެވިއެވެ.