ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޓަންގް-ލައި މަރގުއޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޔޫރަޕިއަން ޔޫނިއަންގެ އާ ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަނާއި އެކު ޤާއިމްކުރައްވާފައިވާ ޚާރިޖީ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށާއި، ޓޭރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމާއި، ހިންގުން ހަރުދާނާކުރުމުގެ ދާއިރާއިން ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އާ ސަފީރުގެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް ވިދާޅުވި މަރްޙަބާއަށް ޝުކުރު ދަންނަވާކަމުގައާއި، އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ވަގުތީ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ހަވާލުވެ ހުންނެވި މިނިސްޓަރ އަލްފާޟިލާ އިރުތިޝާމް އާދަމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް އަލްފާޟިލް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.