ޤައުމެއް ކުރިއަށްދާނީ ޒުވާންކަމުގެ ޖޯޝާއެކީގައި ކަމަށާއި، ޤައުމުގެ ދިރުމުގެ ހަކަތައަކަށްވާނީ ޒުވާނުންގެ ހިތްވަރާއި، އަޒުމާއި، ޒުވާނުންނަށް މަސައްކަތްކުރަން ކެރޭ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޒުވާނުންގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ދަރުބާރުގޭގައި އޮތް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކުރާ މަސައްކަތުގައި ސާބިތު އަޒުމަކާއެކު މަސައްކަތްކުރާ ކަމަށްވަންޏާ ކުރިބޯއްޓާ ހަމައަށް ވާސިލްވުމަކީ ކޮންމެ މީހަކަށްވެސް ހޯދިދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެވްރެޖްގެ ތެރޭގައި ހިމެނޭ ކުދިންނަކީވެސް ޤައުމު ބިނާކުރުމުގައި ހިތްވަރު ހުރި، ޤައުމުގެ ކުރިމަގަށް ގިނަގުނަ މަސައްކަތްތަކަކާއި، އެކި ދާއިރާތަކުން ގިނަގުނަ ހިއްސާތަކެއް ވެވިދާނެ ކުދިންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ޤައުމަށް ބެނުންވަނީ ދިވެހި ޒުވާނުންނަކީ ކުށަށް އަރައިނުގަންނަ، އެހެން މީހުންނަށް އިޙްތިރާމުކުރާ، އެހެން މީހުންގެ ޙައްޤުތައް ދަންނަ، އެހެން މީހުންވެސް ކުރިއަށް ދިއުމަށް ޖާގަދޭ ބަޔަކަށް ވެގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިބޯއްޓާ ހަމައަށް ވާސިލްވުމަކީ ބޮޑު ތަކުލީފެއް ކަމަށާއި، އަދި އެއަށްފަހު އެގޮތުގެ މަތީގައި ދެމިހުންނަ ނަމޫނާ ޝަހުސިއްޔަތަކަށްވުމަކީ އެއަށްވުރެ ބޮޑު ތަކުލީފެއް ކަމުގައި ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ މިހާރާއި، ދިވެހިރާއްޖޭގެ މާދަމައާއި، އަދި ދިވެހިރާއްޖޭގެ ދެން އަންނަން އޮތް ޖީލުތަކުގެ އެންމެ އިސް ދައުރެއް އަދާ ކުރާނެ މީހުންނަކީ ޒުވާނުންކަމަށް މި ސަރުކާރުން ގަބޫލުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ކުރިއަށް އޮތް 25 އަހަރަށްވެސް އަޅުގަނޑުމެންގެ މަޝްރޫޢުތައް ބިނާވެގެން ދާންޖެހޭނީ ޒުވާނުންނަށް ކުރިމަގު ހޯދައިދޭން، ޒުވާނުންގެ ކަންތައްތައް ކޮށްދޭން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ސަރުކާރަކީ ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމަށްޓަކައި ޒުވާނުންނާއެކީ ހިނގާނެ ސަރުކާރެއް ކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދު ތަކުރާރުކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޒުވާން ވިޔަފާރިވެރިން އުފެއްދުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށާއި، މިގޮތުން ސަރުކާރުން ކުރިއަށް ގެންދަވާ ގެޓްސެޓް ޕްރޮގްރާމް ކާމިޔާބުކަމާއެކީ ހިނގަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގެސްޓްހައުސްތައް އާންމުވެގެން ދިއުމަކީ ގިނަ ޒުވާނުންނަށް ގިނަ ވަޒީފާތަކެއް ލިބޭނެ އެއްކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ގެސްޓްހައުސް އިތުރުވެގެން ދިއުމަކީ ސަރުކާރުން ހުރަސް އަޅާނެ ކަމެއްނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ބޭނުމަކީ އިންޓެގްރޭޓެޑް ޓޫރިޒަމާއި، ގެސްޓްހައުސް ވިޔަފާރީގެ ތެރެއިން ގިނަ ޒުވާނުންނަށް އިތުރު ޖާގަތައް ތަނަވަސް ކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު 94000 ވަޒީފާ އުފެދިގެން ދިއުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށާއި، މިއަދުގެ ތަފާސް ހިސާބު ދައްކާ ގޮތުން 94000 ވަޒީފާއަށްވުރެ އިތުރުވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުން ކުރެވޭނެ މަސައްކަތަކީ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުން ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފަންޖެހޭ ބަޔަކީ އެ ވަޒީފާތަކުގެ ހައްގުވެރިންކަން ހަނދާންކޮށްދެއްވިއެވެ. މިގޮތުން، ސަރުކާރުން މި އުފައްދައިދޭ ވަޒީފާތަކަކީ ދިވެހިން ނުކުމެ އަދާކުރަންޖެހޭ ވަޒީފާތަކެއްކަން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި، މިއަހަރު ޒުވާނުންގެ އެވޯޑް ހާސިލްކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިނާމު ދެއްވިއެވެ.