بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އަޅުގަނޑު ކޮޅުމަޑުލުގެ ރަށްރަށަށް ކުރާ ދަތުރުގައި މިއަދު މިރަށަށް އާދެ، ތިމަރަފުށްޓަށް އައިސް ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީ، ވަރަށްވެސް އުފާވެރި ފުރުޞަތެއް ކަމުގައި ދެކެން. މީގެކުރިންވެސް އަޅުގަނޑު ތިމަރަފުށްޓަށް ދެފަހަރެއްގެ މަތިން އަތުވެއްޖައިން. އާދެ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނޭ ފަދައިން، އެންމެ ފުރަތަމަ މިރަށަށް އަޅުގަނޑު އައީ 1974 ވަނަ އަހަރުގެ ފަހުކޮޅުގައި، އޭރު ސަރުކާރުން ފޮނުއްވި ވަފުދެއްގެ މެންބަރެއްގެ ހައިސިއްޔަތުން. އެފަހަރު އަޅުގަނޑު އައިސް ރައްޔިތުންނާ މުޚާޠަބު ކުރުމުގެ އުފާ ލިބުނު. ދެވަނަފަހަރަށް އަޅުގަނޑަށް މިރަށަށް އައުމުގެ ނަސީބު ލިބުނު ފަހަރަކީ، 1979 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި. އާދެ، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން އައްޑުއަތޮޅަށް އަޅުގަނޑު ކުރި ދަތުރެއްގައި ތިމަރަފުށްޓަށް މަޑުކޮށް، އެދުވަހު ތިމަރަފުށީގައި ހުކުރުނަމާދު ކުރި ހަނދާން އަޅުގަނޑުވޭ.

އާދެ، ކޮންމެއަކަސް ދެފަހަރެއްގެ މަތިން ތިމަރަފުށްޓަށް އައިސް ތިމަރަފުށީގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ވީމާ، މިއީ އަޅުގަނޑު މިރަށަށް އަންނަ ތިންވަނަފަހަރު. އެހެންކަމަށްވުމާއެކު، މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އުފާވެރި ވާޖިބެއް ކަމަށް ދެކެނީ އަޅުގަނޑުގެ އިޚުލާސްތެރި ހެޔޮއެދުންތައް ތިމަރަފުށީގެ ވެރިންނަށާއި ރައްޔިތުންނަށް ރައްދުކުރުން. ހަމައެއާއެކު، ތިމަރަފުށީގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަންވެސްޖެހޭ. އާދެ، އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވުމާއެކު، އެކަމަށްޓަކައި މިރަށް ތައްޔާރު ކުރައްވައިފައިވާލެއް ފުރިހަމަކަމުން. އަދި ރަށުތެރެ ބަލައިލުމަށް ދިޔުމުގެ ފުރުޞަތެއް އަޅުގަނޑަކަށް މިއަދަކު ނުލިބޭ. އެހެންނަމަވެސް، މިހާތަނަށްވެސް ކަންތައްތައް ފެނިގެންދިޔަގޮތުން އަޅުގަނޑަށް މިރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން މިދަނީ ވަރަށްހޫނު ތަރުޙީބެއްކަން ފާހަގަކުރެވޭ. އެހެންވީމާ، ތިމަރަފުށީގެ ވެރިންނާއި ރައްޔިތުންނަށް، މިފުރުޞަތުގައި ޝުކުރު އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

ވަކިން ޚާއްޞަގޮތެއްގައި، މިރަށަކީ، ކޮޅުމަޑުލުގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މީހުން އުޅޭ ރަށް ކަމަށްވެފައި، އަދި މިރަށަކީ މަސްވެރިންގެ ރަށަކަށްވާތީ، އަޅުގަނޑަށް އިތުރު އުފަލެއް ލިބޭ. ޙަޤީޤަތުގައި މަސްވެރިންނަކީ އަޅުގަނޑުމެންގެ އިޤުތިޞާދު، އެމީހުންގެ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ހިންމަތްތެރި ހީވާގި މަސައްކަތްތެރިން. އެހެންވީމާ، ތިމަރަފުށީގެ ހީވާގި މަސައްކަތްތެރިންނަށް އަދި އެމީހުންގެ ތެރެއިން ވަކިން ޚާއްޞަކޮށް، ތިމަރަފުށީގެ މަސްވެރިންނަށް ހެޔޮއެދުމާއި މަރުޙަބާ ކިޔުމަކީ، އަޅުގަނޑުގެ މިއަދުގެ ވަރަށް ޚާއްޞަ އުފަލެއް. އާދެ، އަދިވެސް އެހެން ރޮނގަކުން ތިމަރަފުށި ފާހަގަކޮށްލަންޖެހޭ. އެއީ މިރަށަކީ މިއަތޮޅުގެ ތަޢުލީމީ މަރުކަޒު ހިނގަމުންދާ ރަށަށްވާކަން. އަދި އަޅުގަނޑުގެ ކުރިމަތީގައި މިހާރު އެތުރިލައިގެން ވަރަށް ރީތިކޮށް މިތިބަ ތިމަރަފުށީގެ ކިޔަވާކުދިން، އެމީހުން އެތިބި ފުރިހަމަކަމުން އަޅުގަނޑުގެ ހިތަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ. އަދި އެކުދިންގެ ސަބަބުން، ކުދިން ބޮޑެތިވެގެން ތިމަރަފުށްޓަށާއި އަދި ޤައުމަށް މަތިވެރި ޚިދުމަތްތަކެއް އަދާކުރާނެކަމުގެ ކުލަވަރު، އެކުދިންގެ މޫނުމަތިން ފެންނަން އެބަހުރި.

އާދެ، އަޅުގަނޑު ރާއްޖެތެރެއަށް ކުރަމުންމިދާ ދަތުރުތަކުގެ ވާހަކަ، ތިމަރަފުށީގެ ރައްޔިތުންވެސް އައްސަވާނެ. އެ ދަތުރުތަކުގެ ބޭނުމަކީ ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް އަޅުގަނޑު އަމިއްލައަށް ބަލައި، އެކަންކަން ސާފުކޮށް ހެދުން. އަދި ރާއްޖެތެރޭގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް އަދި ކުރިމަތިވެފައިވާ ދަތިތައް އެއީވެސް ކޮންކޮން ކަންކަމެއްތޯ ބަލައި، އެކަންކަމުގައި ސަރުކާރުން ވެވެންއޮތް މިންވަރަކުން އެހީވެދިނުން. ރާއްޖެތެރެ ތަރައްޤީ ކުރުމަކީ މިވަގުތު ސަރުކާރުން އެންމެމަތީ އަހަންމިއްޔަތެއްދޭ ކަންތަކޭ ދެންނެވުމަކީ އެއްގޮތަކަށްވެސް ޙަޤީޤަތުން އެއްކިބާވަނީކަމަކަށް ނުވާނެ. މިހާރު ސަރުކާރުން ޢަމަލުކުރަމުންދާގޮތުން ރާއްޖެތެރޭގެ ހުރިހާ ރައްޔިތުންނަށް އެކަމުގެ ޙަޤީޤަތް އޮންނާނީ ވަރަށް ބޮޑަށް ސާފުވެވަޑައިގެންފައި. ރާއްޖެތެރެ ވަނީ ވަރަށް ބޮޑަށް ކުރިއަރުވަން ބޭނުންވެފައި. އެންމެ ރޮނގަކުން ދެ ރޮނގަކުންނެއް ނޫން. ހަމަ ހުރިހާ ރޮނގަކުންވެސް ރާއްޖެތެރޭގައި ސަރުކާރުގެ ޚިދުމަތްތައް ކުރިން އޮތީ ވަރަށް އެކަށީގެންނުވާ ދަރަޖަޔަކަށް ދަށަށް ގޮސްފައި. އެއްވެސްކަމެއް އެދެވޭގޮތަކަށް ކުރިއަށްދާގޮތަކަށް އޭރު ހަމަޖެހިފައެއްނެތް. އާދެ، އަޅުގަނޑު ވަކިފަރާތެއް ބަދުނާމުކުރަނީކީ ނޫން. އެހެންނަމަވެސް، އޭރު ކަންތައް އޮތްގޮތުގެ ޙަޤީޤަތަކީ އެންމެންވެސް ގަބޫލުކުރާ ޙަޤީޤަތަކަށްވާތީ، އެވާހަކަ އަޅުގަނޑަށްވެސް ދަންނަވަން މަޖުބޫރުވަނީ. ކޮންމެއަކަސް މިހާރު ސަރުކާރުގެ ސިޔާސަތުވަނީ މުޅިން ބަދަލުވެފައި. ސަރުކާރު ހިނގަމުން މިދަނީ މުޅިން އެހެން އުސޫލަކަށް. ރައްޔިތުންގެ ފައިދާއަށްޓަކައި ރައްޔިތުންގެ ސަރުކާރެއް މިހާރު ޤާއިމުވެފައިވަނީ.

އެހެންވީމާ، ރާއްޖެތެރެ ތަރައްޤީކުރުމާއި އިޞްލާޙު ކުރުމަކީ، ސަރުކާރުގެ އެންމެ އިސް މަޤްޞަދު ކަމުގައި މިހާރު ހަމަޖެހިފައިވަނީ. ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމަށްޓަކައި ސަރުކާރުން ވަރަށް ކުއްލިގޮތެއްގައި، ވަރަށްކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަނޑައެޅި މަޝްރޫޢަކަށް މިހާރު ޢަމަލުކުރެވެމުން އެދަނީ. އާދެ، އެއީ، އޭރު ކަންތައްތައް ބަލައިލުމަށްފަހު، އަޅުގަނޑު ކުރި، ބައެއް ދަތުރުތަކުން ލިބުނު މަޢުލޫމާތާއި އަދި އެހެން ބައެއް ބޭފުޅުންވެސް ކުރެއްވި ދަތުރުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ވަރަށް ކުއްލިގޮތެއްގައި ރާވައިލި މަޝްރޫޢެއް. އެ މަޝްރޫޢުގައި ހިމެނިފައިވަނީ ހަމަ ކޮންމެހެން އެވަގުތަށް ކުރަންޖެހިފައިވާ ކަންތައްތައް.

އާދެ، އެ މަޝްރޫޢަކީ ތިންއަހަރުދުވަހަށް ހަމަޖެއްސި މަޝްރޫޢެއް ކަމުގައިވިޔަސް، ތިން އަހަރުދުވަހުގެ ތެރޭގައި، އެ މަޝްރޫޢުގައިވާ ކަންތައްތައްވެސް ފުރިހަމައެއް ނުކުރެވުނު. ސަބަބަކީ ކުރަންވެފައި ހުރި ކަންތައްތައް ގިނަކަމާއި، ކުރަން ވެފައިވާ ހަރަދުތައް ބޮޑުކަމާއި، އަދި ރާއްޖޭގައި މުވާސަލާތުގެ ކަންތައްތައް ހުރިގޮތުން އެއްތަނުން އަނެއްތަނަށް މީހުންނާއި ތަކެތި އުފުލުމުގެ ދަތިކަން ހުރިލެއް ބޮޑުކަމާ، މިކަހަލަ ކިތަންމެ ކަމެއްގެ ސަބަބުން އެ މަސައްކަތްތައް ތިން އަހަރުދުވަހުގެ ތެރޭގައި ނިންމޭގޮތްނުވީ. އަދި އަޅުގަނޑު ދެކޭގޮތުގައި، އެހާ ގިނަދުވަސް ވަންދެން ރާއްޖެތެރެ އިހުމާލުކޮށްލައިފައި އޮތުމަށްފަހު، ދެން ރާއްޖެތެރޭގެ ކަންތައްތައް ތަރައްޤީ ކުރުމަށް ބޭނުންވާނީ، ހަމައެކަނި ތިންއަހަރެއް ނޫން. އަދި ހަ އަހަރެއްވެސް ނޫން. އެއަށްވުރެ މާގިނަދުވަހުގެ މަސައްކަތް އަޅުގަނޑުމެންގެ ކުރިމަތީގައި އެބައޮތް.

އާދެ، ކޮންމެއަކަސް އެ މަޝްރޫޢުގެ ދަށުން ރޭވުނު ކަންތައްތައްވެސް މިހާރު ހިނގަމުން އެބަދޭ ވަރަށްގިނަ ތަންތާނގައި. މިސްކިތްތައް މަރާމާތުކޮށް، އަނެއްބައި ރަށްރަށުގައި އަލުން މިސްކިތް އިމާރާތްކޮށް އެބަހެދޭ. އާދެ، މިސްކިތަކީ އަޅުގަނޑުމެން ވަރަށް ޚާއްޞަ މަޤާމެއް ދޭންޖެހޭނެ ތަނެއް. އަޅުގަނޑުމެންގެ މާތްވެގެންވާ ދީނަށް ރަމްޒުކޮށްދޭ ތަން އެއީ. ﷲ އަށް ނިސްބަތްވާ ގެއެއް. އެހެން އެކަން އޮއްވައިވެސް އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމަޢުގައި، މި ސަތޭކައިންސަތޭކަ އިސްލާމީ މުޖުތަމަޢުގައި، މިސްކިތްތަކުގެހާލު ހުރީ، ހަމަ ހިތާމަކުރުން އެކަށީގެންވާ ދަރަޖައަކަށް. ރާއްޖެތެރޭގެ ކޮންމެ ރަށެއްގައިވެސް، ހަމަ ކޮންމެ ރަށެއްގައިހެން މިސްކިތްހުރީ ވީރާނާވެފައި، ހަލާކުވެފައި، ބޯމައްޗަށް ވެއްޓޭވަރުވެފައި. އެތާނގައި ނަމާދުކުރުން ކީއްކުރަންތޯ، އެހެން އެއްވެސް ކަމެއް ކުރެވޭވަރަށްވުރެ މާ ދަށު ދަރަޖަޔަކަށް ގޮސްފައި. އެހެން އެކަންއޮތީ.

އެހެންވީމާ، ސަރުކާރުގެ ފަރާތުން އެކަންތައްތައް އިޞްލާޙުކުރުމަށްޓަކައި ވަރަށްގިނަ ތަންތާނގައި، ވަރަށްގިނަ ރަށްރަށުގައި، އަލުން މިސްކިތް އިމާރާތްކޮށްދީ އެބަހަދާ. އެހެންނަމަވެސް، ގާތްގަނޑަކަށް ހަމަ ހުރިހާ ރަށެއްގައިވެސް އެކަން ކުރަންއޮތީ ވެފައި ކަމަށްވާތީ، އެއްފަހަރާ އެހުރިހާ ކަމެއް ނުކުރެވޭ. އެކަން ކުރެވޭކަށްވެސް ނޯންނާނެ. އެހެންވީމާ، މިހާރު ސަރުކާރުން ހަމަޖައްސައިގެން ކުރިއަށްގެންދާ އުސޫލަކީ، އެންމެ ބޮޑަށް އެކަން ބޭނުންވެފައިވާ ތަންތާނގައި އެކަން ކުރާގޮތަށް. އާދެ، އެންމެބޮޑަށް މިސްކިތްތައް ވީރާނާވެ ހަލާކުވެފައި ހުންނަ ރަށްރަށުގައި އަލުން މިސްކިތް އިމާރާތްކޮށްދީ، އެއަށްވުރެ ތަންކޮޅެއް ރަނގަޅު ހާލެއްގައި މިސްކިތްތައް ހުންނަ ތަންތާނގެ މިސްކިތްތައް މަރާމާތުކޮށްދީ ހަދަނީ. އާދެ، މިދަތުރުގައިވެސް ވަރަށްގިނަ ރަށްރަށުގައި އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުން ސަރުކާރުގެ ފަރާތުން ބިނާކޮށްދީފައިވާ ބައެއް މިސްކިތްތައް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެހެންވީމާ، އެ މަޝްރޫޢުގެ ދަށުން މިސްކިތްތައް މަރާމާތުކޮށް އިމާރާތް ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް. ހަމައެއާއެކު، ބައެއް ރަށްރަށުގައި، އެރަށްރަށުގެ އޮފީސްތައް ހަލާކުވެ، ބާވެ، ބޭނުންނުކުރެވޭ ދަރަޖައަށް ގޮސްފައި ހުރުމުން، އަލުން އޮފީސްތައް އަޅައިދޭން އެބަޖެހޭ. ބައެއް ތަންތާނގައި އޮފީސްތައް މަރާމާތުކޮށްދޭން އެބަޖެހޭ. އަތޮޅުއޮފީސްތަކާއި ރަށްރަށުގެ އޮފީސްތައް ހަމަޖެހޭގޮތަކަށް ހިނގަމުން ދިޔުމަށްޓަކައި އެތަންތަނަށް މުވައްޒަފުން އިތުރުކޮށްދޭންޖެހޭ. އަދި އެ މަޝްރޫޢުގެ ދަށުން މުވައްޒަފުން އިތުރުކުރެވި، އެމީހުންގެ މުސާރަވެސް ހަމަޖެހިގެން މިހާރު ކުރިއަށްދަނީ. ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން އެއީވެސް ރާއްޖެތެރެ ކުރިއެރުވުމުގެ މަޝްރޫޢުގެ ދަށުން ހިނގަމުންދާ ކަމެއް. އެއީ އަތޮޅުގައި އަތޮޅުކޯޓެއް ހުރުމުގެ ސަބަބުން މީސްތަކުންގެ ޙައްޤުތައް ލިބިގަތުމުގައި ދަތިއަރައި، ޢަދުލު އިންސާފު ޤާއިމުކުރުމުގައި ލަސްވެ، މިކަހަލަ ކިތަންމެ ކަމެއް ވަމުންދާތީ. ޢަދުލު އިންސާފަކީވެސް ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ޙައްޤަކަށްވާތީ، އެމީހަކު އެހުރި ތަނެއްގައި އެމީހަކަށް އެޙައްޤު ލިބިދޭންޖެހޭނެތީ، ކޮންމެ ރަށެއްގައި ރަށުކޯޓެއް ޤާއިމުކުރެވެނީ.

އާދެ، އޭގެއިތުރުން އެންމެބޮޑު ސަމާލުކަމެއް ދެވިފައިވާ ކަމަކީ، ރާއްޖެތެރޭގެ ތަޢުލީމު. ރާއްޖެތެރޭގެ ތަޢުލީމަކީ ހަމަ ކުރިން ނެތް އެއްޗެކޭވެސް ދެންނެވިދާނެ. ބައެއް އަމިއްލަ ފަރާތްތަކުގެ ހިންމަތާއި މިންނަތުން އަމިއްލަގޮތުން ހިންގާ މަކްތަބުތަކާއި މަދަރުސާތައް ރާއްޖެތެރޭގައި ހުރި. އެހެންނަމަވެސް، ސަރުކާރުގެ ހަރަދުގައި ހިންގާ، ސަރުކާރުގެ ބެލުމުގެ ދަށުގައި ހިންގާ އެއްވެސް ތަނެއް އޭރަކު ނެތް. އާދެ، އަޅުގަނޑު މިހެން ދެންނެވިޔަސް، ބ. އަތޮޅުގައި ކޮމިއުނިޓީ ސްކޫލެއް ހުޅުވިފައި ހުރި. އެއީ އެންމެ ތަނެއް. އެތަން ކިރިޔާ ހުޅުވުނީ، 1978 ވަނަ އަހަރުގެ ތެރޭގައި. އޭގެފަހުން އާދެ، މި ދައުރަށް ފެށުނުފަހުން އެންމެ ފުރަތަމަ ސަމާލުކަން ދެވުނު ކަމަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި ހިންގާ މަދަރުސާއެއް ހިންގުން. މާތްﷲގެ ވާގިފުޅާއެކު ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަންތައް ވަނީ ކުރެވިފައި. އާދެ، އަޅުގަނޑު ނުދަންނަވަން، އެހުރިހާ ތަނެއް ހިނގަމުންދަނީ މާ އެދެވޭ ފެންވަރަކަށޭ. އާދެ، އެއީ ވާނެ ކަމެއްނޫން. އެންމެ ފުރަތަމަ މުދައްރިސުންނެއްވެސް ނެތް. މުދައްރިސުންވެސް ޖެހޭނީ ތަމްރީނު ކުރަން، ތައްޔާރުކުރަން. ހަމައެފަދައިން، ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ބޮޑުކަމާއެކު، ހުރިހާ ކަމެއް އެއްފަހަރާ ނުކުރެވޭނެތީ، މާ އެކަށީގެންވާ، މާ ފުރިހަމަ ދަރަޖައަކަށް އެހުރިހާ ކަމެއް ހިނގަމުންނެއް ނުދޭ. އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އިންތިޒާރު ކުރުން އެކަށީގެންވާ ކަމެއް ނޫން. އެހެންނަމަވެސް، ކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ފަރާތުން މަދަރުސާއެއް ހުޅުވައި، އެ މަދަރުސާ މިހާރު ހިންގަމުން ގެންދަނީ. އޭގެއިތުރުން އަތޮޅު ތަޢުލީމީ މަރުކަޒުތައް މިހާރު ރާއްޖެތެރޭގައި އުފެދި، އެ މަރުކަޒުތަކުގެ ޚިދުމަތްތައް ރާއްޖޭގެ ކިޔަވާކުދިންނަށް ލިބެމުން އެބަދޭ. އާދެ، އޭގެތެރެއިން އެއްރަށެއް، ތިޔަބޭފުޅުންގެ ތިމަރަފުށްޓަކީ. މިރަށުގައިވެސް މިހާރު ތަޢުލީމީ މަރުކަޒެއް ހުޅުވި، އެ މަރުކަޒުގެ ޚިދުމަތްތައް ތިމަރަފުށީގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ތިމަރަފުށީގެ ކިޔަވާކުދިންނަށް ލިބެމުން އެދަނީ.

އާދެ، ތަޢުލީމުގެ ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން މިދެންނެވި ދެ މަދަރުސާ ހިންގުމުގެ އިތުރަށް، އަދި ބައެއް އެކުވެރި ޤައުމުގެ އެހީގައި އިތުރު މަދަރުސާތައް ބިނާކޮށް، އެ މަދަރުސާތައް ހިންގާގޮތަށް ވަނީ ހަމަޖެހިފައި. އެހެންވީމާ، މާލަސްތަކެއްނުވެ އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ، ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގަމުންދާނެ. އެތަންތަން ހިނގަމުންދިޔަ ކަމުގައިވިޔަސް، އަތޮޅުގައި ތިބޭ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް އޭރަކުންވެސް އަދި ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ހޯދައެއްނުދެވޭނެ. އާދެ، އެއީ ކޮންމެ ރަށެއްގައި މަދަރުސާއެއްނެތި ވާނެކަމެއް ނޫން. އެކަމަކު އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކޮންމެ ރަށެއްގައި ސަރުކާރުގެ ފަރާތުން މަދަރުސާއެއް ހިންގުމަކީ އެކަށީގެންވާ ކަމެއްނޫން. ތިމަރަފުށީގެ ރައްޔިތުންނަށްވެސް ގަބޫލުކުރެއްވޭނެ، އެކަމުގައި އެކުލެވިގެންވާ ހަރަދުތަކުގެ ބޮޑުކަމާއި، މަސައްކަތުގެ ބޮޑުކަމާއި، އޭގެހުރި ދަތިތައް.

އެހެންވީމާ، ކޮންމެ ރަށެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގުމަކީ އަދި މިވަގުތު ވާންއޮތް ކަމެއްނޫން. އޭގެ މުޤާބިލުގައި، އޭގެ ބަދަލުގައި ސަރުކާރުގެ ފަރާތުން މަދަރުސާއެއް ނުހިންގާ ކޮންމެ ރަށެއްގައި، ރަށުގެ ރައްޔިތުންގެ ފަރާތުން އެދެވިގެންވާ ދަރަޖައަކަށް މަކްތަބެއް ހިންގަންވާނެ. އާދެ، އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ ކަމެއް. ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި އެދެވިގެންވާ ދަރަޖައަކަށް އެތަންތަން ހިނގަމުން އެބަދޭ. ވަރަށްގިނަ ރަށްރަށުގައި ރަށުގެ ރައްޔިތުންގެ ފަރާތުން މަކްތަބުތައް ހިންގަމުން އެބަގެންދޭ. އެމީހުންގެ އެހީއާއި އެއްބާރުލުމުން އެތަންތަން އެރަށްރަށުގެ ވެރިން ހިންގަވަމުން ގެންދަވަނީ. އެހެންވީމާ، އަދި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ނުވަތަ މަކްތަބެއް ހިންގާގޮތަށް ހަމަޖެހިފައިނުވާ ރަށްރަށުގައި، މިދެންނެވި އުސޫލުގެމަތިން އެރަށްރަށުގެ ރައްޔިތުން އެއްބާރުލައްވައިގެން، އެކަށީގެންވާ ދަރަޖައަކަށް އެތަންތާނގައި ތަޢުލީމުދޭ މަކްތަބުތައް ނުވަތަ މަދަރުސާތައް ހިންގެވުމަކީ ކޮންމެހެން ބޭނުންކަމެއް. ސަރުކާރުން ތަޢުލީމަށް ހިތްވަރު ދިނުމުގެ ގޮތުން، މެދުނުކެނޑި 10 އަހަރު ވަންދެން ހިނގައިފައިވާ ތަންތަނަށް އެހީދިނުންވެސް ހިމެނޭ. އެގޮތުގެމަތިން މިހާރު ވަރަށްގިނަ މަދަރުސާތަކަށާއި މަކްތަބުތަކަށް ސަރުކާރުގެ އެހީ ލިބެމުންދޭ. ހަމައެކަނި އެތަންތަނަކަށް ނޫން. އެކަށީގެންވާ މުއްދަތަކަށް، އެކަށީގެންވާ ގޮތެއްގައި ހިނގަމުންދާ ކޮންމެ މަކްތަބަކަށާއި މަދަރުސާއަކަށް ސަރުކާރުގެ ތަފާތު ޢިނާޔަތްތައް ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައި. ރާއްޖެތެރޭގައި ހިނގަމުންދާ ބައެއް މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުގެ އެހީ ލިބޭ.

އާދެ، ކޮންމެއަކަސް ބޭނުމަކީ އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ހާސިލު ކުރެވޭނެ ފުރުޞަތުތަކެއް ހޯދައިދިނުން. އޭގެ އެންމެބޮޑު މަސްއޫލިއްޔަތު އުފުލާ ފަރާތަކީ ސަރުކާރު. އެހެންނަމަވެސް، ސަރުކާރުން އެ އުފުލާ މަސްއޫލިއްޔަތުގެ ސަބަބުން ރާއްޖެތެރޭގައި ދިރިއުޅޭ ހުރިހާ ކިޔަވާކުދިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ އަދި މިވަގުތު ކަންތައްތައް ހުރިގޮތުން ވާނެ ކަމެއް ނޫން ކަމަށްވާތީ، ރައްޔިތުންގެ އެއްބާރުލެއްވުން މިކަމުގައި އަޅުގަނޑު އެދެނީ. ރައްޔިތުން އެއްބާރުލައްވައިގެން ސަރުކާރުގެ ހަރަދުގައި މަދަރުސާ ހިންގުމުގެ އިންތިޒާމު ހަމަނުޖެއްސޭފަދަ ތަންތާނގައި ރައްޔިތުން އެކަންތައްތައް ކުރިއަށް ގެންދެވުމަށް. އާދެ، ކޮންމެއަކަސް ސަރުކާރާއި ރައްޔިތުން އެއްބާރުލައިގެންނޫނީ އަޅުގަނޑުމެންގެ ދަރިންނަށް އެކަށީގެންވާ ތަޢުލީމެއް ހޯދައިދެވޭކަށްނެތް. ތަޢުލީމާ ނުލައި އަޅުގަނޑުމެންގެ ޤައުމަށް ތަރައްޤީގެ މަގުގައި ކިތަންމެ ކުޑަ ފިޔަވަޅެއްވެސް ކުރިއަށް އެޅޭކަށް ނޯންނާނެ. އަޅުގަނޑުމެންގެ ޤައުމަކަށް އެކަންޏެއް ނޫން، ދުނިޔޭގެ އެއްވެސް ޤައުމަކަށް ތަޢުލީމާ ނުލައި ކުރިއަށް ދެވިފައެއް ނެތް. އަދި ކުރިއަކަށް ނުވެސްދެވޭނެ. އެހެންވީމާ، އަޅުގަނޑުމެންނަކީވެސް ތަރައްޤީވަމުން އަންނަ ޤައުމަކަށްވެފައި އަދި އަޅުގަނޑުމެންނަކީ ވަރަށް އާދައިގެ ފެންވަރެއްގެ ޤައުމަކަށްވާތީ، އަޅުގަނޑު މިދެންނެވީ، މުއްސަނދިކަމުގެ ގޮތުންނާއި ތަނުގެ ބޮޑު ކުޑަމިނަށް ބަލައިފައި. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް ދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެއީ، އަޅުގަނޑުމެންނަށްވުރެ ކުރިއަރައިފައިވާ ޤައުމުތަކަށްވުރެ ގިނަ، މާ އިތުރު މަސައްކަތްތަކެއް. މިހުރިހާ ޙަޤީޤަތްތަކެއް ރާއްޖޭގެ ރައްޔިތުން ރަނގަޅަށް އިހުސާސް ކުރައްވައި، ސަރުކާރުން ކުރައްވަމުން ގެންދާ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވެވަޑައިގަތުމަކީ ސަރުކާރުގެ ވަރަށްބޮޑު އެދުމެއް.

އާދެ، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމުގެ މަޝްރޫޢުގައި، އަޅުގަނޑު ކުރިން މިދެންނެވި ކަންތައްތަކުގެ އިތުރަށް، ރައްޔިތުންނަށް ކުރިމަތިވެފައިވާ އެހެން ބައެއް ދަތިތައްވެސް ފިލުވައިދިނުން ހިމެނިގެންވޭ. އޭގެތެރޭގައި ފަޅުދަތި ރަށްރަށުގެ ފަޅުކޮނުން، ނެރުގޮއްވުން، މިބާވަތުގެ ކަންތައްތައްވެސް ހިމެނިފައިވޭ. އާދެ، މިރަށަކީވެސް މަސްވެރި ރަށަކަށްވެފައި، މިރަށުގެ ފަޅު އޮންނަލެއް ދަތިކަމުން، ރަށުގެ ރައްޔިތުންނަށް ދަތިވާކަމަށްޓަކައި އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ ދަށުން މިރަށުގައިވެސް ފަޅުކޮންނަގޮތަށް ވަނީ ހަމަޖެހިފައި. އާދެ، އެކަން ކުރަން ހަމަޖެހިފައި އޮންނަގޮތަކީ، ސަރުކާރުން ހަރަދު ދިނީމާ ރައްޔިތުން ކުރާގޮތަކަށް. އެއީ، ރައްޔިތުންނަށް ކުރެވޭވަރު މަސައްކަތަކަށްވާތީ، ތިމަރަފުށި ފިޔަވައި އެހެން ވަރަށްގިނަ ރަށްރަށުގައިވެސް އެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. އަދި އެގޮތަށް އެ މަސައްކަތްކުރާގޮތަށް ހަމަޖެހިފައިވާ، އިތުރު ރަށްރަށްވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ ތިމަރަފުށީގެ ރައްޔިތުންވެސް އެ މަސައްކަތް ފެށްޓެވުން. އެ މަސައްކަތް ފަށްޓަވަން ބޭނުންވީމާ، ރަށުއޮފީހުގެ ފަރާތުން އަތޮޅުއޮފީހުގައި ދެންނެވީމާ، އެކަމަށް ބޭނުންވާ ފައިސާ މާލެއިން ލިބޭގޮތަށްވަނީ ހަމަޖެހިފައި.

އާދެ، ކޮންމެއަކަސް އެކަމަކީ ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑަށް ބޭނުންތެރި ކަމަކަށްވާތީ، ރަށުގެ ރައްޔިތުން އެ މަސައްކަތް އަވަސްކުރެއްވުމަކީ އަޅުގަނޑު ހިތުން އެދެވިގެންވާ ކަމެއް. އާދެ، ނެރުގޮއްވުން އެއީ ރައްޔިތުންނަށް ވެވޭވަރުގެ ކަމެއްނޫން. ނެރުގޮއްވަން ބޭނުންވާ ރަށްރަށުގައި އެކަންތައް ކޮށްދެނީ ސަރުކާރުގެ ފަރާތުން. އެކަން ކުރަން ތިބެނީ ވަކިބަޔަކު. އެކަން ކުރަން ވަކި ޚާއްޞަ ސާމާނުތަކަކަށް ބޭނުންވޭ. އެހެންވީމާ، އެއީ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ކުރެވޭވަރުގެ ކަމަކަށްވުރެ ބޮޑު އަދި ބުރަ އަދި ޚާއްޞަ މަސައްކަތަކަށްވާތީ، ސަރުކާރުގެ ފަރާތުން އެކަންތައް ކޮށްދެނީ. މިހާރު ފޯއްމުލަކުގައި އެ މަސައްކަތް ހިނގަމުން އެބަދޭ. އޭގެކުރިން މާލެއިން އުތުރުގެ އެއް އަތޮޅެއްގައި، މިދިޔަ އަހަރުގެ ތެރޭގައި އެ މަސައްކަތް ހިންގުނު. އެހެންނަމަވެސް، އެ މަސައްކަތަކީ ވަކިބަޔަކު ކުރާ ކަމަކަށްވެފައި، އޭގައި ބޭނުންކުރަންޖެހޭ ސާމާނުތަކުގެ ބާވަތުންނާ އެކުގައި، މަސައްކަތް އަޅުގަނޑުމެން އެދޭހާ ހަލުވިކަމާއެކު ކުރިއަކަށްނުދޭ. އަދި ޚާއްޞަކޮށް، އެ މަސައްކަތަކީ ވަކި މޫސުމެއްގައި ނޫނީ ނުކުރެވޭކަހަލަ ކަމަކަށްވާތީވެސް، އެ މަސައްކަތް ކުރިއަށްދަނީ ތަންކޮޅެއް ލަސްލަހުން. އެހެންނަމަވެސް، އެކަންތަކަށް ބޭނުންވެފައިވާ ރަށްރަށުގައި އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ހިނގާނެ.

އާދެ، އަޅުގަނޑުމެންގެ ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމުގައި މިދެންނެވި ކަންތައްތަކުގެ މައްޗަށް ސަމާލުކަންދީގެން، ސަރުކާރުން މި މަސައްކަތްތައް ކުރިއަށް ގެންދާއިރު، އަޅުގަނޑުމެންގެ އިޤުތިޞާދީ ތަނަވަސްކަން އިތުރުކުރުމަށްވެސް ވަރަށްބޮޑަށް ސަމާލުކަންދޭންޖެހޭނެ. އާދެ، އިޤުތިޞާދީ ތަނަވަސްކަމަކީ ޤައުމު ތަރައްޤީވަމުން ދިޔުމަށްޓަކައި ކޮންމެހެން ބޭނުންވާކަމެއް. އިޤުތިޞާދީ ގޮތުން ތަރައްޤީނުވެ، އެހެން އެއްވެސް ޚިދުމަތެއް އަޅުގަނޑުމެންނަކަށް ތަރައްޤީއެއް ނުކުރެވޭނެ. އާދެ، މިސާލެއްގެ ގޮތުން، ތަޢުލީމު ނެތް ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް ނެތްކަމަށްވަންޏާ، ކިހިނެއްތޯ ތަޢުލީމު ކުރިއަށް ގެންދާނީ. ތަޢުލީމަކީވެސް އެތައް ހަރަދުތަކެއް ބޭނުންވާ ކަމެއް. މަދަރުސާތައް ހަދަން އެބަޖެހޭ. އިމާރާތްތައް ބިނާކުރަން އެބަޖެހޭ. ތަޢުލީމުދޭ މަދަރުސާތައް، މަދަރުސާއަށް ބޭނުންވާ ތަފާތު އެއްޗެހި ހޯދަންޖެހޭ. ގޮނޑި، ޑެސްކް، މޭޒު އަދި ކިޔަވާކުދިންނަށް ބޭނުންވާ ފޮތް ފަންސުރު އެއްޗެތިވެސް ހޯދަން އެބަޖެހޭ. ކިޔަވައިދިނުމަށް އެހީތެރިވާ ސާމާނުވެސް ހޯދަން އެބަޖެހޭ. އަދި މުދައްރިސުން ހޯދަންޖެހޭ. އެމީހުންގެ ހަރަދު، އެމީހުންގެ މުސާރަ ހަމަޖައްސައިދޭންޖެހޭ. މިހުރިހާކަމަކީ އެކަމަށްޓަކައި ފައިސާ ބޭނުންވާ ކަންތައްތައް.

އެހެންވީމާ، އިޤުތިޞާދީ ކުރިއެރުވުމަކާނުލައި، އެފައިސާ ލިބޭނެގޮތެއްނެތް. ފައިސާނެތި ތަޢުލީމުވެސް ކުރިއަށް ގެންދެވޭކަށްނޯވޭ. އެހެންވީމާ، ކޮންމެ ކަމެއްވެސް ތަރައްޤީވާނީ އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުވަމުންދިޔަ މިންވަރަކުން. އެކަމަށްޓަކައި އިޤުތިޞާދިއްޔަތު ތަރައްޤީ ކުރުމަށްޓަކައި ވަރަށްބޮޑު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. އާދެ، އަޅުގަނޑުމެންގެ ތެރެއިން އެންމެގިނަ މީހުން ކުރާ މަސައްކަތަކީ މަސްވެރިކަން. ތިމަރަފުށްޓަކީވެސް މަސްވެރިންގެ ރަށެއް. މަސްވެރިން ދިރިއުޅޭ ރަށެއް. އަދި މިރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭ އެންމެ ތަނަވަސް މަގަކީ މަސްވެރިކަން. އެހެންވީމާ، މަސްވެރިކަން ކުރިއަށް ގެންދިޔުމުގެ ބޭނުމާއި، އެކަމުގެ މަޤްޞަދާ ދޭތެރޭގައި އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެ. މިރަށުގެ ރައްޔިތުންނަށް އެހުރިހާ ކަމެއް ރަނގަޅަށް ފިލާވަޑައިގަންނަވާނެ. ކޮންމެއަކަސް ސަރުކާރުން މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަން އެއީ އަޅުގަނޑު ހިތުން އެކަކަށްވެސް ވަންހަނާވެގެންވާނެ ކަމެއްނޫން. މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ލިބޭނެ ދިރުމާއި، އިޤުތިޞާދަށް ލިބޭނެ ތަނަވަސްކަމަށްޓަކައި އެއީ ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއްދޭ އިޤުތިޞާދީ މަސައްކަތޭވެސް ދެންނެވިދާނެ.

އަޅުގަނޑުމެންގެ ރާއްޖޭގައި އިޤުތިޞާދީ ގޮތުން ކުރެވެން އޮންނަނީ ވަރަށްމަދު ކަންތައްތަކެއް. އެންމެ މައިގަނޑު ގޮތެއްގައި މިކުރަނީ ތިންކަމެއް. އެއީ މަސްވެރިކަން، ޓޫރިޒަމް، ބޯޓުފަހަރު ދުއްވުން. މި ތިން ކަންތައް މިއީ އިޤުތިޞާދީގޮތުން އެންމެގިނަ ފައިދާތައް ސަރުކާރަށް، އަދި އާންމުކޮށް ދިވެހިރާއްޖެއަށް ލިބެމުންދާ ކަންތައްތައް. އޭގެތެރެއިންވެސް އެންމެ މުހިންމު ކަމަކީ، އެންމެ އިސްކަމަކީ، މަސްވެރިކަން. އާދެ، އެއީ ރާއްޖޭގެ އެންމެގިނަ މީހުން ކޮށްއުޅޭ މަސައްކަތަކީ، އަދި އެއީ އޭގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް އެންމެ ފައިދާކުރާ މަސައްކަތަކީ. އެހެންވުމާއެކު، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ތަފާތު މަޝްރޫޢުތައް ރާވައިގެން ބޭރު ފަރާތްތަކުގެ އެހީގައި އެ މަޝްރޫޢުތައް ކުރިއަށް އެބަގެންދޭ. އޭގެދަށުން މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދޭ. އަދި އެނޫންވެސް ކަންތައްތައްކޮށްދޭ. މިހާރުވެސް އިންޖީނު ބަހައްޓައިދިނުމުގެ އާ ދޮރެއްވަނީ ހުޅުވިފައި. މިދިޔަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތުން އެކަން އިޢުލާނު ކުރެއްވި، އިންޖީނަށް އެދޭ މީހުން ގަވާއިދުން ފޯމު ފުރައިގެން، އެ ފޯމު މި މިނިސްޓްރީއަށް ފޮނުވަން. އިރާދަކުރެއްވިއްޔާ އެގޮތަށް އެދޭ މީހުންނަށް އިންޖީނު ލިބޭނެ. އެއީވެސް މަސްވެރިކަމަށްޓަކައި ސަރުކާރުން ވެދޭ ވަރަށްބޮޑު އެހީއަކަށްވާނެ.

އާދެ، އަޅުގަނޑު މިދަތުރުގައި ބައެއް ރަށްރަށުގައި ބުނި ފަދައިން، ސަރުކާރުން މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާ ފެންނާނީ، މަސްވެރިންވެސް އެކަމުގައި އެއްބާރުލީ މިންވަރަކުން. އާދެ، އެހެން ދަންނަވަންޖެހޭ ސަބަބަކީ މިސާލެއްގެ ގޮތުން ދަންނަވަންޏާ، ދޯނިފަހަރުގައި ސަރުކާރުން އިންޖީނު ބަހައްޓައިދިން ކަމުގައިވިޔަސް، އެ ދޯނިފަހަރުން އެދެވޭ ނަތީޖާއެއް މަސްވެރިކަމަށް ލިބޭނީ މަސްވެރިކަމުގައި އެދޯނިފަހަރު ބޭނުންކުރެވުނިއްޔާ. މަސްވެރިކަން ފިޔަވައި އެހެން ކަންކަމުގައި އެދޯނިފަހަރު ބޭނުންކުރާ ކަމުގައިވަންޏާ، އެއިން މަސްވެރިކަމަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އާދެ، އަދި އެ ދޯނިފަހަރުގެ ވެރިންނާއި ސަރުކާރާ ކުރާ އެގްރީމަންޓުގައިވެސް މަސްވެރިކަން ފިޔަވައި ވަކި މުއްދަތެއްގައި އެހެން އެއްވެސް ބޭނުމެއްގައި ދޯނިފަހަރު ބޭނުން ނުކުރާގޮތަށް އޮންނަނީ އެއްބަސްވެވިފައި. އެހެންވީމާ، އެ އެއްބަސްވުމާ ޚިލާފަށް އެއްވެސް މީހަކު ޢަމަލުކުރުމަކީ ގަވާއިދުންވެސް ހުއްދަވާނެ ކަމެއްނޫން. އަދި އޭގެއިތުރަށް އެއީ އަޅުގަނޑުމެންގެ އިޤުތިޞާދަށް ލިބޭ، ވަރަށްބޮޑު ގެއްލުމަކަށްވެސްވާނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ އަދި ނަޞޭޙަތަކީ، ސަރުކާރުގެ ފަރާތުން އެކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބުން. ދޯނިފަހަރުގައި އިންޖީނު ބަހައްޓައިދެނީ ވަކި މަޤުޞަދަކަށް. އެހެންވީމާ، އެދޯނިފަހަރު ބޭނުންކުރަންޖެހޭނީ ހަމައެކަނި އެ މަޤުޞަދަށް، އެ އޮންނަ މުއްދަތުގައި. މުއްދަތު ހަމަވުމުން ދެން އެހެން ބޭނުންތައްވެސް ކުރެވިދާނެ. އެހެންނޫނީ ސަރުކާރުން އެކިފަރާތްފަރާތުން ލޯނު ނަގައިގެން ނުވަތަ އެކިފަރާތްފަރާތުގެ އެހީގައި އެ ކުރިއަށްގެންދާ މަސައްކަތްތަކުގެ އެއްވެސް ނަތީޖާއެއް ނުފެންނާނެ.

އާދެ، މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން އެކުރާ ކަންތައްތަކުގެ ތެރޭގައި، މަސްވެރިންނަށް އެކަށީގެންވާ ރަނގަޅު އަގެއް، މަހަށް އަގެއް ހޯދައިދިނުންވެސް ހިމެނޭ. އެ މަސައްކަތްވެސް ހަމަ ކޮންމެ އަހަރަކުވެސް ވަރަށް އެކަށީގެންވާ ގޮތަކަށް ކުރެވޭ. އެހެންނަމަވެސް، އެކަމަކީ ސަރުކާރުގެ ނުފޫޒު އޭގެ މައްޗަށް ހިނގާގޮތަށް އޮތް ކަމެއް ނޫން ކަމަށްވާތީ، އެކަށީގެންވާ ގޮތަކަށް ނުވަތަ އެދެވިގެންވާގޮތަކަށް ނުވަތަ އަޅުގަނޑުމެންގެ ހިތް އެދޭގޮތަކަށް އެ މައްސަލަ އަބަދަކު ނުގެންދެވޭ. އެހެން މި ދަންނަވަންޖެހޭ ސަބަބަކީ އަޅުގަނޑުމެން ބާނާ މަސް ނުވަތަ ހިފާ މަސް މި ވިއްކަނީ ބޭރު ކުންފުނިތަކަށް. ބޭރު ކުންފުނިތަކަށް ވިއްކީމާ، އެމީހުން ގެންގޮސް، އެމީހުން އެ ވިއްކާ ތަނަށް، އެ ވިއްކަނީ. އެމީހުން އަޅުގަނޑުމެން އަތުން މަސް ގަންނަނީ، އެމީހުންނަށް އެއިން ފައިދާވާނެ އަގަކަށް. އެމީހުން އެކަން އެކުރަނީ ވިޔަފާރިއަކަށް. އެހެންވީމާ، އެމީހުންވެސް އެމީހުންނަށް ފައިދާނުވާނެ ގޮތަކަށް، މާބޮޑު އަގެއްދީފައެއް ނުގަންނާނެ. އެހެންވީމާ، ވާގޮތަކީ އަޅުގަނޑުމެން އެމީހުންނާ ކޮންމެ އަހަރަކުވެސް ވާހކަ ދައްކައިގެން، މަހުގެ އަގަށް ރަނގަޅު ބަދަލެއް ގެނެވޭތޯ މަސައްކަތް ކުރަނީ. އެކުރާ މަސައްކަތް ބައެއްފަހަރު ކާމިޔާބުވާނެ. އަނެއްބައިފަހަރު ކާމިޔާބުނުވެ ހިނގައިދާނެ. ސަބަބަކީ ދުނިޔޭގެ މާރުކޭޓުތަކުގައި މަހުގެ އަގަށް އަންނަ ބަދަލު. މިސާލަކަށް، މަހުގެ އަގު ދުނިޔޭގެ ބާޒާރުތަކުގައި މާ ދަށްކޮށް އުޅޭ ކަމަށްވަންޏާ، ކިތަންމެވަރަކަށް އަޅުގަނޑުމެން ބާރުއެޅި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އަތުން އެ މަސް ގަންނަ، ބޭރުކުންފުނިތަކުން މަހުގެ އަގު ބޮޑުކޮށެއްނުދޭނެ. އާދެ، އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެއީ އެކަމުގެ މައްޗަށް އަޅުގަނޑުމެންގެ މާބޮޑު ބާރެއް ހިނގާގޮތަށް އޮތް ކަމެއް ނޫން.

މީގެކުރިން އަޅުގަނޑުމެން ހަދަމުން ގެންދިޔަ ގޮތަކީ ވަކިގޮތަކަށް މަސް ތައްޔާރުކޮށްގެން ސްރީލަންކާއަށް އެކްސްޕޯޓް ކުރަނީ. އޭރު އެއޮތް ގޮތަކަށް ނޫން މިހާރު ކަންތައްތައް އޮތީ. މިހާރު ސްރީލަންކާއިން އަޅުގަނޑުމެންގެ މަހެއް ނުގަނޭ، ނުވަތަ އެއަށް އެމީހުން ދެނީ މާ ދަށް އަގެއް. އެހެންވީމާ، ރާއްޖޭގެ މަސްވެރިން ނުވަތަ މަހުގެ މަސައްކަތްކުރާ މީހުން އެއްގޮތަކަށްވެސް އެގޮތަށް މަސް ތައްޔާރުކުރާކަށް މިހާރު ބޭނުމެއްނުވޭ. އެއިން އެއްވެސް އާމްދަނީއެއް އެއަށް ނުލިބޭތީ. އެހެންވީމާ، އޭގެ ބަދަލުގައި މިހާރު އަޅުގަނޑުމެން ރޯމަސް މި ވިއްކަނީ. ބޭރުގެ ކުންފުނިތަކަށް ވިއްކަނީ. އެ ވިއްކާއިރު އެމީހުން ގަންނަނީ އެމީހުންނަށް ގަނެވެން އޮންނަ އަގަކަށް. އެ އަގު އެހެން އޮއްވައި، އަޅުގަނޑުމެން ކިތަންމެވަރަކަށް މަސައްކަތްކުރި ނަމަވެސް، އެމީހުންނަކަށް އެ ބޮޑުކޮށްދެވޭކަށް ނޯވޭ. އަދި މަހުގެ އަގު އެއީ ދުނިޔޭގައި ވަރަށް އަވަސް އަވަހަށް ބަދަލުވެސް އަންނަ އެއްޗެއް. މިދޭތެރެއިން މިދިޔަ އަހަރުގެ ތެރޭގައި އަދި މިއަހަރުގެ ތެރޭގައިވެސް މަހުގެ އަގު، ބޭރުގެ ދުނިޔޭގައި އުޅެނީ ވަރަށް ދަށްކޮށް.

އެހެންވީމާ، އަޅުގަނޑުމެން ކިތަންމެ ބާރެއް އެޅިކަމުގައިވިޔަސް، މަހުގެ އަގު މިތަނުން ބޮޑުކުރެވޭގޮތަކަށް އަދި ހަމަޖެހިފައެއް ނެތް. އެކަމަކު ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ އެކަން، އަގު ރަނގަޅުކޮށްދެވޭތޯ. އަދި ބައެއްފަހަރަށް ސަރުކާރުން ގެއްލުން ބޮލުގައި އަޅައިފައިވެސް މަސްވެރިންނަށް ރަނގަޅު އަގެއްދެވޭތޯ ވަރަށް ބޮޑަށް ބަލާ. އެގޮތުގެ މަތީ އަދިވެސް ކުރިއަށް ގެންދާނީ. އެހެންވީމާ، އެކަންވެސް ހުރިހާ އެންމެންނަށް، މަސްވެރިންނަށް ސާފުކޮށް އެނގިފައި އޮތުމަކީ، އަޅުގަނޑު ހިތުން ބޭނުންކަމެއް ކަމަށް ފެންނާތީ، އަޅުގަނޑު މި ވާހަކަ މި ދެންނެވީ. ސަރުކާރުގެ އުސޫލަކީ އެއްވެސްކަމެއް ފޮރުވައިފައި ނުބޭއްވުން. ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކޮށްދިނުން. ހަމަ ރީތި ސާފު ޙަޤީޤަތް ރައްޔިތުންނަށް އޮޅުންފިލުވައިދީފައި ބޭއްވުން. އެހެންވީމާ، މިކަމުގައިވެސް ހިމެނިގެންވާ ދަތިތައް، ވީހާ ސާފުކޮށް އަޅުގަނޑު ރައްޔިތުންނަށް މި އޮޅުންފިލުވައިދެނީ.

އާދެ، މަސް ވިއްކުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި މަސް ގަންނަން އުޅޭ ކުންފުނިތަކުން އެކަންތައް ކުރާގޮތާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އާދެ، ބައެއްފަހަރަށް އަޅުގަނޑުމެންނަށް ވަރަށް އެކަށީގެންވާގޮތެއްގައި، އެހީތެރިގޮތެއްގައި އެމީހުން ކަންތައްކުރޭ. އަނެއްބައިފަހަރަށް އަޅުގަނޑުމެން އިންތިޒާރުކުރާހާ ރަނގަޅަކަށް އެމީހުންގެ ޢަމަލުތަކެއް ނުހުރޭ. އެހެންވީމާ، އަޅުގަނޑުމެން އެ މަސް ވިއްކާ ކުންފުނިތަކާ ދޭތެރޭގައި މިހާރު އޮންނަ އެގްރީމެންޓްތަކާ ދޭތެރޭގައިވެސް ވިސްނަންޖެހޭނެ. އަދި މިހާރު ހަމަޖެހިފައިވާ އުސޫލުތަކާ ދޭތެރޭގައިވެސް ސަރުކާރުން ވަރަށް ބޮޑަށް ވިސްނާ. އަޅުގަނޑުމެންގެ އަމިއްލަ އިޤުތިޞާދިއްޔަތު ރައްކާތެރި ކުރުމަށްޓަކައި އިތުރު ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އެ ފިޔަވަޅުތައް އެޅޭގޮތަށް މިހާރުއްސުރެ އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަންޖެހޭނެކަން އަޅުގަނޑު މި ފުރުޞަތުގައި ހާމަކުރަން.

އާދެ، މަސްވެރިކަމުގެއިތުރަށް، ރާއްޖޭގެ އިޤުތިޞާދިއްޔަތު ކުރިއަށް ގެންދިޔުމަށްޓަކައި އެހެން މަސައްކަތްތައްވެސް ކުރަންޖެހޭ. އަޅުގަނޑު ކުރިން ދެންނެވި ޓުވަރިޒަމުގެ މަސައްކަތާއި، ބޯޓުފަހަރު ދުއްވުމުގެ މަސައްކަތް، އެކަންތައްތައް ކުރާ ފަރާތްތަކުން ވަރަށް ހީވާގިކަމާއެކު ކުރިއަށްގެންދޭ. އެއިން އެދެވޭ ނަތީޖާތައްވެސް ލިބެމުންދޭ. އޭގެއިތުރުން ރާއްޖެތެރޭގައި ދިރިއުޅޭ ރައްޔިތުން ކުރާ އާދައިގެ މަސައްކަތްތައްވެސް އިތުރުކުރަންޖެހޭނެ. އާދެ، އަޅުގަނޑުމެން ރާއްޖެތެރޭގެ ރަށްރަށުގައި ތިބެގެން ކުރާ ތަފާތު އެހެން މަސައްކަތްތައް ހުރޭ. އަޅުގަނޑު ހިތުން ތިމަރަފުށީގެ ރައްޔިތުންނަށްވެސް ކުރެއްވޭނެ އެހެން ކަންތައްތައް ހުންނާނެ. އެހެންވީމާ، އެކަންކަންވެސް އިހުމާލުނުކޮށް، އެ މަސައްކަތްތައްވެސް ކޮށްގެން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް، އެއްދުވަހުން އަނެއްދުވަހަށް އިތުރުކުރެވޭތޯ ބެލުމަކީ ހަމަ ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް.

އާދެ، އެހެން ދަންނަވަންޖެހޭ ސަބަބަކީ، އެއްދުވަހުން އަނެއްދުވަހަށް ތަކެތީގެ އަގު ދަނީ މައްޗަށް. ކާޑުގެ ތަކެތި ފިޔަވައި އެހެން ހުރިހާ ތަކެއްޗެއްވެސް މިދޭތެރެއިން ހަމަ އަގުބޮޑުވެގެން ހިނގައްޖެ. އާދެ، ކާޑުގެ ތަކެއްޗަކީ ސަރުކާރުގެ ޚާއްޞަ ޢިނާޔަތެއްގެ ދަށުން ވަކި އަގެއްގައި ހިފަހައްޓާ ތަކެތި. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި މިދިޔަ އަހަރުގެ ތެރޭގައި ކާބޯތަކެތި އެއްގޮތަކަށްވެސް އަގުބޮޑެއްނުވޭ. އަދި ތެދުތެދަށް ދަންނަވަންޏާ، އަޅުގަނޑުމެންގެ ރާއްޖޭގައި ކާބޯތަކެތި ލިބެން މިހުރި ހެޔޮއަގަށް އެއްވެސް ޤައުމެއްގައި، ޚާއްޞަކޮށް، އަޅުގަނޑުމެންގެ އަވަށްޓެރި އެއްވެސް ޤައުމެއްގައި އެތަކެތި ލިބޭކަށެއްވެސް ނުހުރޭ. ކޮންމެއަކަސް ކާބޯތަކެތީގެ އަގު ރައްޔިތުންނަށް އެތަކެތީގެ ބޭނުންކުރެވޭވަރަކަށް އަގު ހިފެހެއްޓުމަށް ސަރުކާރުގެ ފަރާތުން ޚާއްޞަ ފިޔަވަޅުތަކެއް ވަނީ އަޅައިފައި. ކޮންމެހެން އެ ފިޔަވަޅުތަކުގެ ތަފުސީލު ނުދެންނެވި ކަމުގައިވިޔަސް، އެއީ ޙަޤީޤަތެއްކަން ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އޭގެއަގު ބޮޑުވަމުންނެއް ނުދޭ، ދުނިޔޭގެ އެހެންތަންތާނގައި އަގުބޮޑުވަމުންދިޔަވަރަކަށް. އެއާޚިލާފަށް އެހެން ތަކެތި، އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ އެހެން ތަކެތީގެ އަގުދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް. އެއީ ދުނިޔޭގެ ބާޒާރުތަކުގައިވެސް، ދުނިޔޭގެ ތަންތާނގައިވެސް، އެތަކެތި އުފައްދާ ތަންތާނގައިވެސް އޭގެ އަގު މައްޗަށްދާތީ ވާގޮތެއް. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން ނޫނީ، އެތަންކޮޅު ފޫބެއްދޭކަށް ނޯންނާނެ. ތަކެތީގެ އަގުދަނީ މައްޗަށް. ލިބޭ އެއްޗެއް އެއީ ހަމަ އެއްވަރަކަށް ލިބޭ އެއްޗެއް ކަމަށްވަންޏާ، އަޅުގަނޑުމެންގެ ދިރިއުޅުން ދާނީ އެއްދުވަހުން އަނެއްދުވަހަށް ދަށަށް. އޭގެ ބަދަލުގައި މިހާރު އަޅުގަނޑުމެން މި ދިރިއުޅޭ ފެންވަރަށް އުޅެން ބޭނުންވި ކަމުގައިވިޔަސް، މަސައްކަތް އިތުރުކުރަން އެބަޖެހޭ. މަސައްކަތުން ލިބޭ އާމްދަނީ އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެން ބޭނުމެއްނުވޭ، މިހާރު މިތިބިވަރަށް ތިބޭކަށެއްވެސް. އަޅުގަނޑުމެން ބޭނުންވަނީ މިހާރަށްވުރެވެސް މައްޗަށް ޖެހިލަން. މިހާރަށްވުރެ ތަރައްޤީވާން.

އެހެންވީމާ، އިތުރު މަސައްކަތް ކުރަން އެބަޖެހޭ. އެ ކުރަންޖެހޭ މަސައްކަތަކީ ކޮންމެ މީހަކުވެސް ފަރުވާތެރިކަމާއެކު ކުރަންވާނެ ކަމެއް. އެއްވެސް މީހަކު މަސައްކަތެއްނުކޮށް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހާރު ހުރުމަކީ މުޖުތަމަޢު ގަބޫލުކުރާނެ ކަމެއްނޫން. މަސައްކަތަކީ ކޮންމެ މީހަކުވެސް ވަރަށްބޮޑަށް ޙުރުމަތްތެރިކޮށްހިތާކަމަކަށް ވާންޖެހޭނެ. މަސައްކަތް ކޮށްގެން ދިރިއުޅުން އެއީ އެމީހުންގެ ފަޚުރަކަށްވާންވާނެ. އެއްގޮތަކަށްވެސް މަސައްކަތެއްނުކޮށް، އެހެން މީހުންގެ އެހީގައި ދިރިއުޅުމެއް ނޫން. އެހެންވީމާ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެކަމަށް ސަމާލުކަން ދެއްވައިގެން، ކޮންމެ މީހަކުވެސް ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅެވޭތޯ ބެލުން އެއީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރައްވަމުން ގެންދާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުމާ ދޭތެރޭގައިވެސް ވިސްނަންޖެހޭ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. ދިވެހި ޤައުމުގެ ރައްޔިތުން. އާދެ، އެހެންވުމާއެކު، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ، އެއްދީނެއްގެ އަހުލުވެރިންގެ މެދުގައި، އަދި އެއްދީނެއް ކީއްކުރަންތޯ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންގެ މެދުގައި އޮންނަންޖެހޭފަދަ ގުޅުމެއް. އާދެ، އެއީ އުޚުއްވަތްތެރިކަމުގެ ގުޅުން. އެއްބަނޑުއެއްބަފާކަމުގެ ގުޅުން. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [إِنَّمَا الْمُؤْمِنُونَ إِخْوَةٌ.] [ހަމަކަށަވަރުން މުއުމިނުންނީ އަޚުންތަކެކޭ.] އެހެންވީމާ، އަޚުންތަކެއް ކަމުގައި ކަނޑައަޅުއްވައިފައިވަނީ اللّـه سبحـانـه وتعـالى. އަޅުގަނޑުމެން ހެއްދެވި ފަރާތް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ހައްދަވައި، އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތްތަކެއް ދެއްވި ފަރާތުން އަޅުގަނޑުމެން ވަނީ އަޚުންތަކެއް ކަމުގައި ލައްވައިފައި. އެހެންވީމާ، އެއީ އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. އެއީ އަޅުގަޑނުމެންނަށް އިންކާރު ނުކުރެވޭނެ ޙަޤީޤަތެއް، ދުވަހަކުވެސް. އެކަން ފިސާރި ރަނގަޅަށް ވަޒަންކޮށްގެން، އަޅުގަނޑުމެންގެ މެދުގައި އަބަދުވެސް އުޚުއްވަތްތެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ބޭއްވޭތޯ ހުރިހާ އެންމެންވެސް މަސައްކަތް ކުރަންވާނެ. އެ މަސައްކަތަކީ ހަމައެކަނި ވަކި ފަރުދަކު، ވަކިމީހަކު ކުރަންވީ ކަމެއްނޫން. ހަމަ އެންމެންވެސް ކުރަންވީ މަސައްކަތެއް. ކޮންމެ މީހަކުވެސް ހަމަ ތިމާގެ އަމިއްލަ ކަންތައްތަކަށް ރައްކާތެރިވާފަދައިން، އެހެންމީހުންގެ ކަންތަކަށްވެސް ރައްކާތެރިވާން ދަސްކުރަންވެއްޖެ. އެހެންމީހުންނަށް ކަމޭހިތާން ދަސްކުރަންވެއްޖެ. އެހެންމީހުންނަށް ޙުރުމަތްތެރިކޮށްހިތަން ދަސްކުރަންވެއްޖެ. ތިމާގެ އަމިއްލަ ޙައްޤުތަކަށާއި، އަމިއްލަ މުދާތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށާއި މުދާތަކަށް ރައްކާތެރިވާން ދަސްކުރަންވެއްޖެ. އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުގައި އަންގަވައިފައިވާގޮތް. ކޮންމެ މީހަކުވެސް އަނެކުންނަކީ ތިމާގެ އަޚުން ކަމުގައި ދެކިގެން އުޅޭކަމަށްވަންޏާ، އެއްވެސްކަހަލަ މައްސަލައެއް ނުކުންނާކަށް ނުޖެހޭނެ. އެއްވެސްކަހަލަ ފިތުނަވެރިކަމެއް، ދެކޮޅުވެރިކަމެއް އަޅުގަނޑުމެންގެ ތެރޭގައި ނުއުފެދޭނެ. އެއްވެސްކަހަލަ ހަމަނުޖެހުމެއް އުފެދޭނެ ތަނެއް އޭރަކުން ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ ކޮންމެ މީހަކުވެސް، އެހެންމީހުން އެއީ ތިމާގެ އަޚުން ކަމުގައި ނުވަތަ އުޚުތުން ކަމުގައި ގަބޫލުކުރުމަށް. އެކަމަކީ ކުރިންވެސް އަޅުގަނޑު މިދެންނެވި ފަދައިން، ﷲ ކަނޑައަޅުއްވައިފައިވާ ކަނޑައެޅުއްވުން. اللّـه سبحـانـه وتعـالى އަޅުގަނޑުމެން ލައްވައިފައިވަނީ އަޚުންގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެން އެކަން ގަބޫލުނުކޮށްވާކަށް ނެތް. އެއާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ. ދީނީގޮތުންވެސް، ޤައުމީގޮތުންވެސް. ޤައުމީ ގޮތުންނޭ އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިން ކަމަށްވާތީ. އެހެންވީމާ، އެއް ގައުމެއްގެ އަހުލުވެރިންގެ މެދުގައި އޮންނަންވާނީ، ހަމަޖެހުމާއި އެކުވެރިކަން. އެއްވެސް ހާލެއްގައި ދެކޮޅުވެރިކަމާއި، ނަފުރަތްތެރިކަމާއި، ހަމަނުޖެހުން އޮވެގެނެއްނުވާނެ. އާދެ، އެކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދީ، ހަމަ ކޮންމެ މީހެއްގެވެސް ވާޖިބެއް ކަމުގައި ހަދަންވެއްޖެ. އެމީހަކާ އެހެން މީހުންނާ ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅުކޮށް، އެކުވެރިކަން އުފެއްދޭތޯ މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަމަޞްލަޙަތު އުފެއްދުމަކީ، ވަކިފަރާތެއްގެ ވާޖިބެއް ނޫން. ހަމަ އެންމެންގެވެސް ވާޖިބު. އެހެންވީމާ، އެންމެންވެސް އެކަމަށް މަސައްކަތް ކުރަންވާނެ.

އާދެ، އަޅުގަނޑު މިދެންނެވި ނުކުތާތަކުގެ މައްޗަށް މިރަށުގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނަވައި، އެއާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުގެވާހަކަ ދެން މާ ދިގުކުރާކަށް ގަސްދެއް ނުކުރަން. މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެކަމަށް ފެނޭ. އަޅުގަނޑުއެދެނީ، ތިމަރަފުށްޓަށް ހުރިހާ ގޮތަކުންވެސް ބާއްޖަވެރި، އުފާވެރި މުސްތަޤްބަލެއް. އަދި އާންމުކޮށް ދިވެހިރާއްޖެއަށް، އެކަށީގެންވާ ގޮތެއްގައި ތަރައްޤީވަމުން ކުރިއަށް ދިޔުމުގެމަގު اللّـه سبحـانـه وتعـالى މެދުވެރިކޮށްދެއްވުމަކީ އަޅުގަނޑުގެ އެންމެ ޚާއްޞަ ދުޢާ.

والسّلام عليــكم ورحـمــة اللّـه وبـركاتـه.