ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، އިންޑިޔާގެ ނިއުދިއްލީގައި ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ތާޖް ޕެލެސް ހޮޓެލްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރެއްވިއެވެ. މިގޮތުން، 1970ގެ އަހަރުތަކުގައި ރާއްޖެ އޮތީ ދުނިޔޭގެ އެންމެ ފަގީރު ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ކަމަށާއި، ޖީ.ޑީ.ޕީ މީހެއްގެ ބޮލަކަށް ޖެހޭ ނިސްބަތް 275 ޑޮލަރަށްވުރެ ދަށުގައިވާ ޤައުމެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކުގެ ދުރު ވިސްނުންފުޅުގެ ސަބަބުންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ހިތްވަރުންނާއި މަސައްކަތުން، މިހާރު ރާއްޖޭގެ ޖީ.ޑީ.ޕީ މީހެއްގެ ބޮލަކަށް ޖެހޭ ނިސްބަތް 7000 ޑޮލަރަށްވުރެ އިތުރުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންޤިލާބީ އިޤްތިޞާދީ އެޖެންޑާއަށް ތަޢުރީފުކުރައްވައި، ބޭރުގެ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތަކަކީ މި އިންޤިލާބީ މަސައްކަތުގެ އެންމެ މައިގަނޑު އެއްއަސާސް ކަމުގައި ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދަވާ އެކިއެކި ހަރުދަނާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދައުލަތުގެ ދަރަނި ކުޑަކުރެއްވުމަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ތަނަވަސްކޮށްދީ، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ތަރައްޤީގެ ރާސްތާ އޮތީ ވަރަށް އުޖާލާކޮށް ކަމުގައި ބަޔާން ކުރައްވަމުން، ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރުމުން ލިބޭ އިޤްތިޞާދީ ފައިދާގެ މުހިންމުކަން ސަރުކާރުން ޤަބޫލުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. ޚާއްޞަކޮށް އެއާޕޯޓް ތަރައްޤީކުރުމާ ގުޅިގެން އަހަރަކު 7 މިލިޔަނަށްވުރެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ މޫޑީޒް އިންވެސްޓަރސް ސަރވިސްއިން ފުރަތަމަ ފަހަރަށް ރާއްޖެ ރޭޓް ކޮށްފައިވާތީ، މިއީ އިޤްތިޞާދީ ދާއިރާއިން ރާއްޖެ އެޅި ވަރަށް އުއްމީދީ ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި، ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަބަދުވެސް އެ ފުރުޞަތު އޮންނާނެ ކަމުގައި ވިދާޅުވެ، އެ ފަރާތްތަކަށް ފައިދާހުރި އިންވެސްޓްމަންޓްތަކަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ތިންވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މުޙައްމަދާއި، އިންޑިޔާގެ ސަރުކާރު ތަމްސީލް ކުރައްވާ ފަރާތްތަކާއި، އެ ޤައުމުގެ ވިޔަފާރިވެރިންވެސް ބައިވެރިންނާ މުޚާތަބު ކުރެއްވިއެވެ.