ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، މި މަތިވެރި ނަޞްރު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރަމެވެ.

ނަޞްރުގެ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ނުރައްކާތެރި ޢުދުވާނީ ޙަމަލާގެ ބިރުވެރިކަމުގެ ހަނދާންތަކާއި، އެދުވަހު ރާއްޖެއަށް ލިބުނު ނަޞްރާއި މަތިވެރި ކާމިޔާބީގެ ޒިކުރާ ފާހަގަކުރުމުގެ ގޮތުންނެވެ. ޝައްކެއްނެތްގޮތުގައި، އެދުވަހުގެ އެ ނުރައްކާތެރި ބިރުވެރި ހާދިސާއަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ. މާއްދީގޮތުން ލިބުނު ގެއްލުންތަކުގެ އިތުރުން، އޭގެ އަގު ވަޒަން ނުކުރެވޭފަދަ މާލީ ބޮޑެތި ގެއްލުންތަކެއްވެސް އެ ޢުދުވާނީ ޙަމަލާގައި ވަނީ ލިބިފައެވެ. ހަމައެއާއެކު، ގިނަބަޔަކަށް ނަފްސާނީގޮތުންވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން، އެދުވަހުގެ ބިރުވެރި ހަނދާންތައް، މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި ވަނީ ބިންވަޅު ނެގިފައެވެ.

މިފަދަ ބިރުވެރިކަމާއި ނާމާންކަމުގެ ވަގުތުގައި މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ނުކުމެވަޑައިގެން، 1988 ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި މަތިވެރި އަބްޠާލުންގެ ހަނދާންތައް މިއަދުވެސް އަޅުގަނޑު އާކުރަމެވެ. އަދި އެހުރިހާ އަބްޠާލުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. ހަމައެހެންމެ، އެދުވަހު ރާއްޖެ ދިފާޢު ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި، ސިފައިންގެ އެންމެމަތީ ވެރިންނާއި، އެކަމުގައި ޙަރަކާތްތެރިވި އެންމެހައި ސިފައިންނާއި، ޢާންމު ރައްޔިތުން ކުރެއްވި މިންނެތް މަސައްކަތް މިއަދުވެސް އަޅުގަނޑުގެ ހަނދާނަށް ގެންނަމެވެ.

ނަޞްރުގެ ދުވަހުގެ ހަނދާން އާކުރާއިރު، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ބޭރުގެ ޓެރަރިސްޓު ޖަމާޢަތަކާ ގުޅިގެން އެ ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި، ރާއްޖޭގެ ޚާއިނުންގެ ބަޔަކު ބައިވެރިވެފައިވާ ކަމެވެ. އޭރުވެސް އަދި މިހާރުވެސް މި ލޮބުވެތި ޤައުމުގައި، މަދުންނަމަވެސް އެފަދަ ބަޔަކު އުޅޭކަމާމެދަކު އެއްވެސް ޝައްކެއްނެތެވެ.

1988 ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާ، ދިވެހި ޤައުމަށް ކުރިމަތިވީހިނދު، މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި، ދިވެހި ސިފައިންނާއި ރައްޔިތުން ވެވަޑައިގެންނެވި ޤުރްބާނީއަކީ، އެކަމުގެ ސަބަބުން މަތިވެރި ޢިބްރަތްތަކެއް ހާސިލުކުރަންޖެހޭނޭ ކަމެކެވެ. ޤައުމުގެ މިއަދުގެ ޒުވާނުންނާއި، މާދަމާގެ ޒުވާނުން، މި ލޮބުވެތި ޤައުމަށްޓަކައި މަތިވެރި ޢަޒުމްތަކެއް ކަނޑައަޅައި، މި ލޮބުވެތި ޤައުމު، މިނިވަން ޤައުމެއްގެ ގޮތުގައި އަންނަންއޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ، މިއަދު އަޅުގަނޑުމެންގެ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަތިވެރި ޒިންމާއެކެވެ. މިކަން ހާސިލުކުރެވޭނީ، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށް، އެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިބެގެންނެވެ.

މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި ޞުލްޙަމަޞްލަޙަތަށް ނުރައްކާތެރިކަމެއް މެދުވެރިވުމަށް، އެތެރެއިންނާއި ބޭރުން އަތުވެދާނެ ކޮންމެ ޙަމަލާއަކުން މި ޤައުމު ދިފާޢުކުރެއްވުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއް ކުރެއްވުމުގެ މަތިވެރި ޢަޒުމުގައި ސާބިތުވެ ތިއްބެވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން ލިބި، އެއްބައިވަންތަކަމާއި އެކުވެރިކަންމަތީގައި ތިއްބެވުމަށްވެސް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މާތްﷲ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން އަބަދަށްޓަކައި ޙިމާޔަތް ކުރައްވާށިއެވެ! ބޭރުގެ ނުފޫޒުތަކުން އެއްކިބާވެފައިވާ، ޞުލްޙަވެރިކަމާއި އުފާވެރިކަމާއެކު އުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެއް ކަމުގައި މި ލޮބުވެތި ދިވެހި ޤައުމު ލައްވާށިއެވެ! ރާއްޖޭގެ ކަންތައްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު މިންވަރު ކުރައްވާށިއެވެ! އާމީން.