ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށާއި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހަވީރު އޮތް މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުޚާތަބް ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ސަރުކާރުން މަސައްކަތް ކުރަނީ ޤައުމުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަށް ކުރުމަށެވެ. މިގޮތުން، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑުތައް ތަރައްޤީ ކުރުމަށާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް މި ސަރުކާރުން އިސްކަމެއްދެއްވާކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރަށްތައް އެއް ބަށްރަކަށް އުފެދިފައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަކީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގަ ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ޤައުމެއް ކުރިއެރުވުމަށްޓަކައި މާއްދީކަންކަން ފުރިހަމަ ކުރުމުގެ އިތުރުން، އެ ޤައުމެއްގެ ޞިއްޚީ އަދި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަކީވެސް މުހިންމު ކަމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދުއާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުއާއި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޢާރިފްއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެސިޑެންޝަލް އެފެއާޒް އަލްއުސްތާޛް މުޙައްމަދު މުޖްތާޒް ބައިވެރިވެވަޑައިގެންނެވިއެވެ.