ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއަދު މެންދުރު ފަހު އޮތް މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނާއި މުޙާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި، މުޖުތަމަޢުގެ ވިސްނުމަށް އަންނަމުންދާ ބަދަލުތަކާއި އެކީ ދިވެހިރާއްޖެއަށް ވެސް ބަދަލުތަކެއް އަންނަމުން ދާ ކަމުގައާއި، މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތަރައްޤީ އިތުރަށް ކުރިއަރައިގެންދާނެކަމުގައެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ބައެއް ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާ، މުޖުތަމަޢުގައި ހިނގަމުންދާ ބައެއް ނުރަނގަޅު ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުންގެ ލަފާ ފޭބުމުގެ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމުގެ ގޮތުން އެ ރަށުގައި ސަރުކާރުން ހޭދަކޮށްގެން މިއަދު ހުޅުއްވައިދެއްވި މި ބަނދަރަކީ 24.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި، މި ބަނދަރަކީ 400 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރެއްކަން ފާހަގަކޮށްލެވެއެވެ.

ބަނދަރު ހުޅުވުމަށް ފަހު ހިރިމަރަދޫގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޙުސައިން ޝަހުދީއާއި، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، މަޖިލިސް ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.