ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށާއި މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއަށް ވަޑައިގެން އެރަށުގެ ބަނދަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއަދު މެންދުރު ކުރީގައި އޮތް މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުރިނބީ ބަނދަރު ހުޅުވިގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް އުފާވެރިކަން ގެނުވި ކަމެއްކަން ފާހަގަ ކުރައްވައި، މިއީ މުޅި ދިވެހިރާއްޖެއަށްވެސް އުފާވެރިކަމުގެ ދުވަސްތަކެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އަޅުވެތިކަމުގެ އެކިއެކި ސިފަތަކުން ޤައުމު ވީއްލިގެންދާތީއާއި، އަޅުގަނޑުމެންގެ ތެރެއިން ބީވެގެން ގޮސްފައިވާ އެކިއެކި ކަންތައްތައް އާރާސްތުކުރަން މަސައްކަތް ކުރެވޭ ދުވަސްތަކަކަށްވާތީ އުފާ ކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެވްރެޖްކޮށް 2 މަޝްރޫޢަށްވުރެ ގިނަ މަޝްރޫޢު މިއަދު ހިގަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުން ބޭނުންވާނީ ރައްޔިތުންނަށް ބެނުންވާ މިކަހަލަ ފަސޭހަތައް ލިބިގެން، އެ ފަސޭހަތަކާ އެކީ ހަމަޖެހޭ، ކުށްމަދު މުޖުތަމަޢެއްގައި އުޅެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަރައްޤީއާ އެއްވަރަށް ރައްޔިތުންގެ ހަމަޖެހުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމުގައި ވިދާޅުވިއެވެ. އަދި، ތަޢުލީމަށާއި، ކުށް މަދުކުރުމަށް މި ސަރުކާރުން އެހާބޮޑު އިސްކަމެއް ދެއްވަނީ، އިޖްތިމާޢީ ފޭރާން ހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.