ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ. ހަމައެއާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަމެވެ.
ހިޖުރީ އާ އަހަރު އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ ކީރިތި ރަސޫލާ محمّـد رســول اللّـه صـلّى اللّـه علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ އަގުހުރި ފިލާވަޅުތަކެވެ. އެ މަތިވެރި ހާދިސާގެ ސަބަބުން، މުސްލިމުންނަށް ލިބުނު ނަޞްރާއި ކާމިޔާބީގެ ހަނދާންތަކެވެ. އަދި ހަމައެހެންމެ، ހިޖުރައިގެ މަތިވެރި ހާދިސާއަކީ، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވާނެ މުހިންމު ހާދިސާއެއްވެސްމެއެވެ.
އެހެންކަމުން، ހިޖުރައިގެ މަތިވެރި ހާދިސާއިން ޢިބްރަތް ލިބިގަނެ، އަޅުގަނޑުމެންގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމް އާ ކުރެއްވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މި މުނާސަބަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ.
ތަރައްޤީގެ މަގުގައި އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުތައް އަޅާއިރު، އެކަންކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކުގައިކަން ޔަޤީނެވެ. އެހެންކަމުން، ހިޖުރައިގެ ދަރުސްތަކުން ޢިބްރަތް ޙާޞިލުކޮށް، އަޅުގަނޑުމެންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަކޮށް ބަދަހިކުރުމާއެކު، ސަރުކާރުން ރައްޔިތުންގެ ތަރައްޤީއަށާއި ލުއިފަސޭހައަށް ކުރަމުންގެންދާ މަސައްކަތްތަކަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
މާތްﷲ، މި ފެށުނު 1438 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ހިތްހަމަޖެހުމާއި އުފާފާގަތިކަމުގައި ވޭތުކުރެވޭ އަހަރެއް ކަމުގައި ލައްވާށިއެވެ! ސަރުކާރުން ތަރައްޤީއަށްޓަކައި ކުރަމުން މިގެންދާ މަސައްކަތްތަކުގައި ބަރަކާތް ލައްވައި، އެ މަސައްކަތްތަކުގެ ހެޔޮ ފައިދާ ރައްޔިތުންނަށް ދައްކަވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާށިއެވެ! އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމާންކަން ޤާއިމުކުރައްވާށިއެވެ!