މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ)އަކީ ގެއްލުނަވަމުންދާ ކުންފުންޏެއްކަމަށްވެފައި، މި ކުންފުންޏަކީ ސަރުކާރުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދަވައި ދެއްވައި ކުންފުންޏެއްކަމުން މިހާރަށްވުރެ ރަނގަޅަށް ކުންފުނި ހިންގުމައްޓަކައި، މިފްކޯއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ ދަށުން ހިނގާ ކުންފުންޏެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭ ގޮތުން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން މަޝްވާރާކުރެއްވުމަށްފަހުގައެވެ.
މިއަދުގެ މަޝްވަރާތަކުގައި، މިފްކޯގެ މާލީ ހާލަތާއި، މިހާރު އެ ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މިފްކޯއަކީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް މަސްވެރިންނަށް ވަރަށް މުހިންމު ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއްކަން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި، މިހާތަނަށްވެސް މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށާއި، ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގެ ސަބަބުން ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވެގެންދާނެކަންވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިއަދުގެ މި ނިންމެވުމާ ބެހޭ އިތުރު މަޢުލޫމާތު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޙިއްޞާ ކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ އެއްބަސްވެފައިވާ މުޢާހަދާއެއް ކަމަށްވާ "ބާޒަލް ކޮންވެންޝަން އޮން ދަ ކޮންޓްރޯލް އޮފް ޓްރާންސްބައުންޑަރީ މޫވްމަންޓްސް އޮފް ހަޒާޑަސް ވޭސްޓްސް އެންޑް ދެއާ ޑިސްޕޯޒަލް" އަށް އިތުރު ކުރެވިފައިވާ އިޞްލާޙް "ބޭން އެމެންޑްމަންޓް ޓު ދަ ބާޒަލް ކޮންވެންޝަން"ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވިއެވެ.