"މުޞްޙަފު މާލްދީފް" މަޝްރޫޢުގެ ދަށުން ފުރަތަމަ ޗާޕްކުރި މުޞްޙަފެއް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ. މި މުޞްޙަފު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމެއްގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދެވެ. މި މަޝްރޫޢަކީ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެއްވުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހިންގަވާ މަޝްރޫޢެކެވެ.

މި މުޞްޙަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލެވިފައިވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުގެ ކުންފުނިތަކުންނާއި، އަމިއްލަ ކުންފުނިތަކާއި އަދި ވަކިވަކި ދިވެހި ފަރުދުންގެ އިތުރުން، ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވެއެވެ.