އޮމާންގެ މަޖިލިސް އައްޝޫރާގެ ޗެއަރމަން، ޝައިޙް ޚާލިދު ބިން ހިލާލް އަލް މަޢްވަލީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އޮމާންގެ ސަރުކާރާއި ރައްޔިތުންނަށް އަދި ޙާއްސަކޮށް އޮމާންގެ ރަސްގެފާނު ސުލްޠާން ޤަބޫސް ބިން ސަޢީދަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އޮމާންއާ ދެމެދުގައި ޤާއިމްވެފައިވާ އަޙުވަންތަ ގުޅުމަކީ ދީން ރައްކާތެރިކުރުމުގެ މައްޗަށާއި، އިސްލާމް ދީނުގެ ރިވެތި އާދަތައް ކުރިއެރުވުމުގެ މައްޗައް ބިނާވެފައިވާ މުހިއްމު ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.
އޮމާންގެ މަޖިލިސް އައްޝޫރާގެ ޗެއަރމަންއާއި، ރައީސުލްޖުމްހޫރިއްޔާއާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އޮމާންއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އޮމާންގެ މަޖިލިސް އައްޝޫރާއާ ދެ ފަރާތުގެ އެއްބާރުލުން އެއް ބަޔަކު އަނެއް ބަޔަކަށް ދެމުން ގެންދާނެ ކަމުގެ ޔަޤީންކަން ދެބޭފުޅުން ވެސް ދެއްވިއެވެ.
މަޖިލިސް އައްޝޫރާގެ ޗެއަރމަން ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ދެއްވި ހޫނު މަރުޚަބާއަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއާއި އޮމާންއާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަލްފާޟިލް މޫސާ މަނިކާއި، ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓޭރިއަޓްގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ ބައިވެރިވެވަޑައިގެންނެވިއެވެ.