ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއަކީ ޓްރީ ޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ކޮމާޝަލް ބޭންކް އޮފް ސިލޯން ޕަބްލިކް ލިމިޓެޑާއި، ގުޅިގެން ރާއްޖޭގައި އަލަށް ތަޢާރަފްކުރި ބޭންކްއެކެވެ. މި ބޭންކް އިފްތިތާޙު ކޮށްދެއްވީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ހުޅުއްވައިދެއްވުމަށް ބޭއްވެވި މި ރަސްމިއްޔާތުގައި އެ ބޭންކްގެ ޗެއަރމަން އަލްފާޟިލް ޙުސައިން ޢަފީފް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުއްވާފައެވެ. މީގެ އިތުރުން، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގައި އެންމެ ފުރަތަމަ އެކައުންޓް ހުޅުއްވި 5 ފަރާތައް ލިޔުން ޙަވާލުކޮށްދެއްވީ ވެސް މި ރަސްމިއްޔާތުގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑޮކްޓަރ ޢަޒީމާ އާދަމް ގެ އިތުރުން، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރމަން އަލްފާޟިލް ޙުސައިން ޢަފީފާއި، ޓްރީ ޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ޗެއަރމަން މިސްޓަރ ލާޝް ޕެޓްރޭއާއި، ކޮމާޝަލް ބޭންކް އޮފް ސިލޯންގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މިސްޓަރ ޖޭގަން ޑުރައިރަތްނަމް ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ފައިނޭންޝަލް ދާއިރާގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.