ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލުންތެރިކަން ފޯރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ހުރިހާ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑު "ޑިސެބިލިޓީ އެވޯޑް" ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކޮށްދެއްވަމުން ގެންދަވާ ބައެއް ކަންތައްތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކޮށްދޭންޖެހޭ ޒިންމާތައް އޮތީ ހަމައެކަނި ދައުލަތަށް، ނުވަތަ ވަކި ފަރުދަކަށް ނޫންކަމަށާއި، މިއީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމުގައެވެ.
މި ޙަފްލާގައި އެމަނިކުފާނު ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކި އެކި ފަންނުތައް ދެނެގަނެ، އެފަންނުތައް ކުރިއެރުވުމަށް އެހީތެރިވެދިނުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ. އަދި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުތުމަށް ތައްޔާރަށް ތިއްބެވި ފަރާތްތަކަށް ސަރުކާރުންނާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
މި ޙަފްލާގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެގޮތުން ދެވޭ ޚާއްޞަ އެވޯޑު "ޑިސެބިލިޓީ އެވޯޑް" މިއަހަރު ލިބިވަޑައިގެންނެވި ފަރާތްތަކަށް އެވޯޑް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދެވެ.
މިއަދުގެ ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، އެކި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.