ދުންފަތުގެ އިސްތިޢުމާލު ކުރުން ކޮންޓްރޯލް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހެލްތްއިން އިންތިޒާމްކުރައްވައިގެން ހޮޓެލް ޖެންގައި މިރޭ ބޭއްވި "ހައިލެވެލް އެޑްވޮކަސީ ފޯރަމް އޮން ޓޮބޭކޯ ކޮންޓްރޯލް އިން ދަ މޯލްޑިވްސް" ޚާއްޞަ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފާހަގަކުރެއްވިގޮތުގައި، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އިތުރުން އެމީހުންގެ ކައިރީގައިވާ މީހުންނަށް ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައްޖެހެއެވެ. އަދި ދުންފަތުގެ ބޭނުންކުރުން ހުއްޓުވޭނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރެވިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ޑަބްލިޔުއެޗްއޯއިން އިސްނަންގަވައިގެން މިހާރު ކުރިއަށްގެންދަވާ ޙަރަކާތްތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް ކުރެވޭ ވަރަށް ކާމިޔާބު ކެމްޕޭނެއްކަމަށާ ކުރިމަގުގައި ދިވެހިރާއްޖެއަކީ ދުންފަތް ބޭނުންނުކުރާ ޤައުމެއްގެ ގޮތުގައި ދެންއަންނަ ޖީލުތަކަށް ފެނިގެންދާނެކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލް ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.