ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ސޯނަމް ޓޮބްޑެން ރަގްބިޔެ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބޫޓާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޫޓާންގެ ފަރާތުން މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާ ރާއްޖެއާ ބޫޓާންއަކީ އެއްގޮތް ސިޔާސަތުތަކެއް އެކުލެވޭ ދެޤައުމުކަންވެސް ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާ ބޫޓާންއާ ދެމެދުގައިވާ ޚާރިޖީ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާވެގެންދާނެކަމަށް ޔަގީންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބޫޓާންގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމްއާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.