ދިވެހިރާއްޖެއަށް އިޖްތިމާޢީ ރޮނގުން ދިމާވާ އެކިއެކި ކަންތައްތަކާއި ގުޅިގެން ވުޒާރާތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު ސޯޝަލް ކައުންސިލުން، ނޫސްވެރިންނާއި ޙިއްޞާ ކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކައުންސިލުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވަނީ އެއްވެސް ފަރުދަކު ބަކީނުކޮށް، ހުރިހާ ފަރުދުންނަކީ ވެސް ޤައުމަށް ފައިދާހުރި ބަޔަކަށް ވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވިއެވެ.
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ސޯޝަލް ކައުންސިލުން ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް ބަލައިލާއިރު، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތަޢުލީމުގެ ފުރުޞަތު ފަހިކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި، ކުރިޔަށް އޮތް 5 އަހަރު ނިމުމުގެ ކުރިން ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރަށް ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ސްކޫލުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ތަރައްޤީއަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްދެއްވާ ވަރަށް މުހިއްމު ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 30 މިސްކިތެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި، މީގެ ތެރެއިން 15 މިސްކިތުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވާ ކަމުގައެވެ. މީގެ އިތުރުން ވެސް ޑޮކްޓަރ ޒިޔާދު ވަނީ ދީނީކަންކަމަށް މީހުން އަޙުލުވެރިކުރުވުމަށާއި، ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް ރައްޔިތުންނަށް އަމާން އޮމާން ވެއްޓެއް ޤާއިމްކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުތެރޭގައި، ކުށްކުރުން މަދުކުރުމާއި އެކު ޑްރަގްގެ ވަބާއިން ދިވެހި ޒުވާނުން ސަލާމަތްކޮށް އެޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކުގައި ޝާމިލްވާ ބަޔަކަށް ހެދުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ސަރުކާރުގެ ފަރާތުން ކުރައްވާކަމުގައެވެ. މިގޮތުން ޖަލުތަކުގައި އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ ނިޒާމެއް ސަރުކާރުން ޤާއިމްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެކުލަވާލައްވާފައިވާ 100 ދުވަހުގެ އެކްޝަން ޕްލޭން ގެ ދަށުން ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އާމިނަތު ޒެނީޝާ ޝަހީދު ޒަކީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.