"ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" ގެ ނަމުގައި ރާއްޖޭގެ ޒުވާން އެތުލީޓަކާއިއެކު ތަމްރީނު ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާއަށް އޮލިމްޕިކް ކޮމެޓީގެ ޖެނަރަލް ސެކްރެޓަރީ އަޙުމަދު މަރުޒޫޤު ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ތަމްރީނު ފުރިހަމަ ކުރައްވައިފިއެވެ. ޙަސަން ސާޢިދުއަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ފާހަގަކޮށްލެވޭ އެތުލީޓެކެވެ.

މި ޙަރަކާތުގެ ދަށުން މިހާތަނަށް ރާއްޖޭގެ މަޝްހޫރު ތަރިންނާއި ސިޔާސީ ފަރާތްތަކާއި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ތަމްރީނުތަކުގައި ދިވެހި އެތުލީޓުންނާއި އެކު ބައިވެރިވެ އެ ފަރާތްތަކުގެ ހުނަރު ގާތުން ތަޖުރިބާކުރައްވާފައެވެ.

"ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" ގެ ޙަރަކާތުގައި ބައިވެރިވުމަށް ދަޢުވަތު ދެއްވި ބޭފުޅުންނަށް މި ޗެލެންޖް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު ފަށާ ޕެރެލިމްޕިކްސް ނުވަތަ ސްޕެޝަލް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިންނެވެ.