ދިވެހިރާއްޖޭގެ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މިރޭ މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދުބުރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ. މި ފުޅަނދުބުރު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުކުމެވަޑައިގަތީ މުލީއާގޭ ކުރިމައްޗަށެވެ.

މިރޭގެ މި ފުޅަނދުބުރު ފެށިފައިވަނީ 20:00 ގައި މާފަންނު ރަސްފަންނު ސަރަޙައްދާ ދިމާލުން މަޖީދީމަގުންނެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކުރެއްވި މި ފުޅަނދުރުބުރުގައި، ސަރުކާރުގެ ކުންފުނިތަކުން 14 ފުޅަނދެއް ބައިވެރިކުރުވާފައިވެއެވެ.

މިނިވަން ދުވަހުގެ ފުޅަނދުބުރު ބައްލަވާލެއްވުމަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ވެރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.