ޤައުމުގެ މިނިވަންދުވަހު އަޅުގަނޑުމެން ވިސްނަންޖެހޭ އެންމެ މުހިންމު ދާއިރާއަކީ، ޤައުމުގެ އިޤްތިޞާދީ މިނިވަންކަމުގެ ދާއިރާ ކަމުގައި ވިދާޅުވެ، އެހެން ބަޔަކަށް ސަލާން ނުޖަހާ އުޅެވިގެން ނޫނީ، ދިވެހި ޤައުމުގެ ފުރިހަމަ މިނިވަންކަން ލިބި ނުގަނެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން، އިޤްތިޞާދު ފުޅާކޮށް، އެހެން އިންވެސްޓްމަންޓްތަކާއި މަސައްކަތްތައް އިތުރުކުރުމަކީ، މިއަދު ހުއްޓުމެއްނެތި ކުރަންޖެހިފައި އޮތް މަސައްކަތެއް ކަމަށާއި، ވަޒީފާގެ ފުރުޞަތު އިތުރުކޮށް، އިޤްތިޞާދުގެ ލަގަން ދިވެހިންގެ އަތްމައްޗަށް މިއަދު ގެންނަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިކަންކަމަށް އަތުކުރި އޮޅައިލުމަށް ދިވެހި ޤައުމުގެ މަސައްކަތްތެރިންނަށާއި ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިނިވަންކަމުގެ ޙަޤީޤީ މާނައަކީ އެމީހަކު ހިތުހުރިގޮތަކަށް އުޅުމެއް ނޫން ކަމަށާއި، ކިތަންމެ ކުރިއަރާފައި އޮތް ޤައުމަކަސް، ހަރުކަށި ޢަމަލުތައް ގިނަވެ، ޤާނޫނު މުގުރައި، މަގުތައް ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދާނަމަ، ޤައުމުގެ އިޤްތިޞާދަށާއި ކުރިއެރުމަށް ލޮޅުންއަރާނެ ކަމުގައި ބަޔާން ކުރެއްވިއެވެ. އަދި، ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކަށް މިފަދަ ކަމެއްގެ އަސަރާއި ނިކަމެތިކަން މާބޮޑުވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭ ދިވެހި ޤައުމާ މުޚާޠަބު ކުރައްވަމުން، ސައްތައިންސައްތަ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތީތީ، އެކަމާ ޙަސަދަވެރިވާ އެކި ފަރާތްތައް ގިނަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މިގޮތުން، އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަދޭން ކޮންމެ ދުވަހަކުވެސް ސަރުކާރަށް އެތަކެއް ޕްރެޝަރެއް އަންނަ ކަމަށާއި، ރާއްޖޭގައި އޮތް ޞުލްޙަވެރިކަމާއި، ރާއްޖޭގެ ރީތިކަމާއި، ކުރިއެރުން ނަގާލުމަށް މި ޤައުމުގެ މައްޗަށް ޙަސަދަވެރިވެފައި ތިބި ޚިޔާނާތްތެރީންތަކެއް އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެން، އެހެން ޤައުމުތަކުގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމްކުރާ ފަދައިން، އެހެން ޤައުމުތަކުންވެސް އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަމަށް އިޙްތިރާމް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އަދި އަޅުގަނޑުމެންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެހެން ޤައުމުތަކުން ވަންނަނަމަ، މިއީ އަޅުގަނޑުމެން ހީނުކުރާވަރުގެ ބޮޑެތި ނުފޫޒުތަކަށް ޤައުމު ހުޅުވައިލުމުގެ ޖާގަދެވޭނެ ކަމެއްކަންވެސް އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ އެޖެންޑާއަކަށްވީ ޤައުމު އާރާސްތުކުރުން ކަމުގައި ވިދާޅުވެ، މި ސަރުކާރު ވެރިކަންކުރަން މިއައީ ސިޔާސީ ކަންކަމުގައި ވާދަކުރަން ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ. އަދި، އެމަނިކުފާނު ވާދަ ކުރައްވަނީ މި ޤައުމުގައި ހުރި މައްސަލަތަކާ ކަމަށާއި، ދިވެހި ޤައުމުގެ ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން އެމަނިކުފާނުގެ ޢަޒުމުފުޅަކީ، ދިވެހި ރައްޔިތުންނަށް އުފާފާގަތި ތިޔާގި އަމާން މިނިވަން ޤައުމެއް ހޯދައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޢުމްރާނީ، އިޤްތިޞާދީ، އަދި އިޖްތިމާޢީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި ބައްލަވައިލެއްވިއެވެ. މިގޮތުން، 2018 ވަނަ އަހަރުގެ ނިޔަލަށް ނިޔަލަށް ރާއްޖޭގެ އާބާދީގެ 75 އިންސައްތައަށް ފެނުގެ ނިޒާމާއި، ނަރުދަމާ ނިޒާމުގެ ޚިދުމަތް، މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރާއްޖޭގެ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅު ތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ރާއްޖެއިން ބޭރަށް ގޮސްގެން ނޫނީ ނުހޯދޭ، ވަރަށް ސީރިއަސް ފަރުވާތައް ރާއްޖެއިން ލިބޭނެ މަގު މިހާރުވާނީ ފަހިކޮށްދެވިފައިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ތަރައްޤީގެ ރޮނގުން މި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މި ސަރުކާރުގެ ފުރަތަމަ 5 އަހަރު ތެރޭ 16000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް ހުޅުމާލޭގައި ބިނާކުރާނެ ކަމުގެ ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، އެންމެފަހުން ޓޫރިޒަމްގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު ރާއްޖޭގައި ރިޒޯޓް ބިނާކުރުން އިތުރުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަރުގަދަ ބިނާތަކާ ބޮޑު ތިޔާގިކަމެއް ޤައުމަށް ގެނައުމުގެ ޙަޤީޤީ މަންފާ ފެންނާނީ، އިޖުތިމާޢީ ބަލިތަކަށްވެސް ފަރުވާކޮށްގެން ކަމަށާއި، ނަމަވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އުޅުންހުރި، ގޮތްހުރި މުޖުތަމަޢެއް ބިނާކޮށްގެން ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކުރައްވާ އެއްކަމަކީ، ވަކިމީހަކަށް ބެލުމެއްނެތި ޤާނޫނު ތަންފީޒުކުރުން ކަމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު މިހާރު އޮތްގޮތުން ޝަރުޢީ ދާއިރާއަކީ ސަރުކާރު ހިންގާ ފަރާތުގެ ނުފޫޒު ނުފޯރާ މިނިވަން ބާރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"މި ސަރުކާރަށް މިވީ ދޭއްބައި އަހަރުގެ ތެރޭގައި ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމު ހަރުދަނާކުރުމަށް ހެޔޮބަދަލުތަކެއް މި ސަރުކާރުން ގެނެސްދީފީމު. ޒަމާނާގުޅޭ ޤާނޫނުލްޢުޤޫބާތެއް އަޅުގަނޑުމެންވަނީ ގެނެސްދީފައި. ޖިނާއީ އިޖުރާތާބެހޭ ޤާނޫނު އެވަނީ ތަޞްދީޤު ކުރެވިފައި. ޝަރުޢީ ނިޒާމް ޢާންމުންނާ ގާތްކުރުމުންގެ ގޮތުން ހައިކޯޓުގެ 2 ގޮތްޕެއް އުތުރާއި ދެކުނުގައި އެވަނީ ޤާއިމުކުރެވިފައި"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ﷲގެ ރަޙްމަތްފުޅާއެކު މި ސަރުކާރުން ކަނޑައަޅާފައިމިވާ ތަރައްޤީއާއި ތަމައްދުންގެ ބިންގާތައް ރާއްޖޭގައި އެޅިއްޖެނަމަ، އެ ދުވަހު މި ރާއްޖެ އޮންނާނީ، މި ސަރަޙައްދުގެ އެންމެ ރީތި، އެންމެ ނަލަ ޤައުމުގެ ގޮތުގައިކަމަށް ސިފަ ކުރެއްވިއެވެ. އަދި، މި ސަރުކާރުގެ އަމާޒަކީ، ފަރުދުންގެ ތަނަވަސްކަމާއި، ވަޒީފާގެ ފުރްޞަތުތަކާއި، ވިޔަފާރީގެ ފުރްޞަތުތައް އިތުރުކޮށްދީ ފުޅާކޮށްދިނުން ކަމުގައި އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.