މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު އޮތީ، މިރޭ 00:00 ގައެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބަލް އަޙްމަދު ޡުހޫރެވެ.

މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ދިވެހި ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މިނިވަންކަމުގެ ޙަޤީޤީ މާނައަކީ އެމީހަކު ހިތުހުރިގޮތަކަށް އުޅުން ނޫން ކަމަށާއި، ކިތަންމެ ކުރިއަރާފައި އޮތް ޤައުމަކަސް، ހަރުކަށި ޢަމަލުތައް ގިނަވެ، ޤާނޫނު މުގުރައި، މަގުތައް ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދާނަމަ، ޤައުމުގެ އިޤްތިޞާދަށާއި ކުރިއެރުމަށް ލޮޅުންއަރާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް މިކަހަލަ ކަމެއްގެ އަސަރާއި ނިކަމެތިކަން މާބޮޑުވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިވަން ދުވަހާ ގުޅޭގޮތުން ޚާއްޞަ ދުޢާއެއް ކުރެއްވުން އޮތެވެ. އިސްވެ މި ދުޢާ ކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދެވެ.

މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިނާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.