ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރު ޢަލީ އަލްކަޙައިލް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޢަބްދުﷲ ޖިހާދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސަޢޫދީ ޢަރަބިއްޔާގެ ސަފީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. ޚާއްޞަކޮށް ތަޢުލީމީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިންނާއި، ޓުއަރިޒަމްގެ ދާއިރާގެ އިތުރުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދެޤައުމުގެ ދޭތެރޭގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު އަލްފާޟިލާ ފާތިމަތު އިނާޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.