އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމަށް ބިން ހިއްކުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ފަށްޓަވައިދެއްވައިފިއެވެ.
މިއަދު ފެށިގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢުއަކީ އެއަރޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުއެވެ. މި މަޝްރޫޢު 2018 ވަނަ އަހަރު ނިމިގެންދާއިރު މިހާރުއޮތް ރަންވޭގެ ބިމުގެ 30% ބޮޑުވެގެން ދާނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އޮނަރަބަލް މުޙައްމަދު ސަޢީދުއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާއާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕްގެ އިސްވެރިންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.