ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފަނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އެކި ކުޅިވަރުތަކުގައި މެޑަލް ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މުލިއާގޭގައި ކުރިޔައްދިޔަ ޙަފްލާއެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޒުވާނުންގެ ތަރުބިއްޔަތުގައި ކުޅިވަރު ކުޅުމަކީ ވަރަށް އަސާސީ ކަމެއްގެ ގޮތުގައި މި ސަރުކާރުން ޤަބޫލުކުރާކަމަށާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ބަޖެޓް އިތުރުކޮށް، ކުޅިވަރު ކުޅުންތެރިންނަށް މުސާރަޔާއި އިނާޔަތްތައް ދިނުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކުޅުންތެރިންނަށް އިތުރަށް ހިތްވަރުދެއްވާ، ރަން މެޑަލް ހާޞިލް ކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް ގޮވާލައްވަފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެފައިވަނީ، ފިބާ އޭޝިޔާ ޗެލެންޖް 2016 ގެ ސަބާ ޒޯންގެ ކޮލިފިކޭޝަން ރައުންޑުން ރިހި މެޑަލް ހޯދާފައިވާ ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމާއި، 1 ވަނަ ސަބާ އަންހެން ޗެންޕިއަންޝިޕުން ލޯ މެޑަލް ހޯދައިފައިވާ ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއި، ސައުތް އޭޝިޔަން ޖޫނިއަރ ޗެންޕިއަންޝިޕުން ރިހި އަދި ލޯ މެޑަލް ހޯދާފައިވާ ޖޫނިއަރ ނެޝަނަލް ޓޭބަލް ޓެނިސް ޓީމުގެ ބައިވެރިންނާއި، ލިކުއިޑް ވޯޓަރ ސްޕޯޓްސްގެ ފްލައިބޯޑިންގެ ޔޫރަޕް ޗެމްޕިއަން މުބާރާތުގެ 3 ވަނަ ހޯދައިފައިވާ އިބްރާހިމް ޙުސައިނެވެ.