"ސަލްސާ ވޮލީބޯލް އެސޯސިއޭޝަން ކަޕް 2016" ގެ ނަމުގައި ސަލްސާގެ ފަރާތުން ސްޕޮންސަރ ކޮށްގެން ބޭއްވި، ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްލަވާލައްވައިފިއެވެ. މިރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި އޮތް މި މެޗްގައި ދިވެހި ސިފައިންގެ ކްލަބާ ބައްދަލުކޮށް 3 ސެޓު 1 ސެޓުން މެޗް ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިޔަންކަން ހޯދާފައިވަނީ، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަލްފާޟިލާ އިރުތިޝާމް އާދަމްއާ، ސިފައިންގެ އިސްވެރިންނާ މޯލްޑިވިއަންގެ އިސްވެރިން މި މެޗު ބައްލަވާލެއްވިއެވެ.