ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރީޖަނަލް ޑިރެކްޓަރ ފޮރ ސައުތު އީސްޓް އޭޝިޔާ، ޑޮކްޓަރ ޕޫނަމް ކެތްރެޕާލް ސިންހް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ ތާނގައި ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ޑަބްލިޔު.އެޗް.އޯ އިން އެކި ގޮތް ގޮތުން ފޯރުކޮށްދީފައިވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއިން ފައިލޭރިޔާ ނައްތާލެވުމަކީ ވަރަށް ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމުގައި ވިދާޅުވެ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ރީޖަނަލް ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ފައިލޭރިޔާ ނައްތާލެވުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި މިހާރު އެންމެ ބޮޑުވެފައިވާ އެއް ޞިއްޙީ މައްސަލައަކީ ގައިންގަޔަށް ނާރާ ބަލިތައްކަން ފާހަގަ ކުރައްވައި، ދުޅަހެޔޮ ދިރިއުޅުމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.