ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ދިވެހިރާއްޖެއިން ފައިލޭރިޔާ ނައްތާލެވުމާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤައުމުތަކަށް އަރުވާ އެވޯޑް ރާއްޖެއާއި ޙަވާލުކުރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ. މި ޙަފްލާ ބޭއްވެވީ މިއަދު ހެނދުނު ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ފޯ ސައުތް-އީސްޓް އޭޝިޔާ، ޑޮކްޓަރ ޕޫނަމް ކެތްރެޕާލް ސިންހް ފާހަގަކުރެއްވިގޮތުގައި، ދިވެހި ރާއްޖެއަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ކާމިޔާބުކަމާއި އެކު ފައިލޭރިޔާ ނައްތާލި ފުރަތަމަ ޤައުމެވެ. އަދި، އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުންނާއި ދުނިޔޭގެ އެހެން ޤައުމުތަކުން ރާއްޖެ އަކީ ފައިލޭރިޔާ ނައްތާލުމުގައި ނަމޫނާ ޤައުމަކަށް ދެކުމަށް އެކަމަނާ އިލްތިމާސް ކުރެއްވިއެވެ.
މިއަދު ބޭއްވުނު ޙަފްލާގައި، ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ ދިވެހިރާއްޖެއިން ފައިލޭރިޔާ ނައްތާލެވުމާއި ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤައުމުތަކަށް އަރުވާ އެވޯޑްއާއި ހަނދާނީ ލިޔުން ރާއްޖެއާއި ޙަވާލުކުރައްވާފައެވެ. ދިވެހިރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަނދާނީ ލިޔުމާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ޙަފްލާގައި، ރައީސުލްޖުމހޫރިއްޔާގެ ނައިބާއި، ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ ފައިލޭރިޔާ ނައްތާލުމާއި ބެހޭ ލުއިފޮތެއް ނެރެދެއްވާފައެވެ.
މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް މި ޙަފްލާގައި، ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖެއިން ފައިލޭރިޔާ ނައްތާލުމައްޓަކައި މަސައްކަތްކުރެއްވި ޞިއްޚީ ދާއިރާގެ ހުރިހާ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، ސަރުކާރުން ރާއްޖޭގެ ޞިއްޚީ ކަންކަން އިތުރަށް ރަނގަޅުކުރުމަށް ގަދައަޅާ މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މި ޙަފްލާގައި، ޞިއްޚީ ދާއިރާގެ ބޭފުޅުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިންގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.